28 Jan 2018

ރާފިޔަތުގެ ޕްލޭލިސްޓް: އެންމެ ހާއްސަ 10

ރާފިޔަތަކީ ހަގީގަތުގައި ވެސް ދިވެހި ލަވައިގެ ދުނިޔޭގައި "އަބަދަށް ފެހި ކުއީން" އެކެވެ.

ރާފިޔަތަކީ ހަގީގަތުގައި ވެސް ދިވެހި ލަވައިގެ ދުނިޔޭގައި "އަބަދަށް ފެހި ކުއީން" އެކެވެ.

By: Ahmed Nadym

ރާފިޔަތު ރަމީޒާ އަކީ ދިވެހި ލަވައިގެ ދުނިޔެ އެއް ދަންފަޅިން މިލްކުކޮށްލި މަޝްހޫރު "ރަމީޒު" އާއިލާގެ ލަވަކިޔުންތެރިންގެ ތެރެއިން އަދިވެސް އެގޮތުގައި ދެގޮތެއްނުވެ ލަވައާއި މިއުޒިކްގައި ދެމިހުރި ހަމައެކަނި ފަރާތެވެ. ރާފިޔަތަކީ ހަގީގަތުގައި ވެސް ދިވެހި ލަވައިގެ ދުނިޔޭގައި "އަބަދަށް ފެހި ކުއީން" އެކެވެ. އަޑާއި ސިފަ އާއި ހުނަރުވެރިކަމަކަށް ވެސް ފަނޑުކަމެއް ނާދެ އެވެ. ހިތްވަރަކަށް ވެސް ބަދަލެއް ނާދެ އެވެ.

ރާފިޔަތުގެ މި ދިގު ކެރިއަރުން އެންމެ ކަމުދާ 10 ލަވަ ހޮވުންވީ އޭނާ އަށް ނިކަން ބޮޑު އިމްތިހާނަކަށެވެ. އެކަމަކު ދެ ތިން ދުވަސް ފަހުން އޭނާ ތަރުތީބުކޮށްފައި ދިން ލިސްޓު ތިރީގައި މި އޮތީ އެވެ.

1- ސާހިބާ

ރާފިޔަތު ރަމީޒާގެ ބައެއް ފޭނުންނަށް މި ހޮވުން ފަހަރެއްގައި ސަޕްރައިޒަކަށް ވެދާނެ އެވެ. އެކަމަކު ގަދަ 10އެއްގެ ފުރަތަމަ ލަވައެއްގެ ގޮތުގައި ރާފީ ހޮވާލާފައިވާ މި ލަވަ އަކީ ފިލްމު ދިންވޭނުގެ ހިތާމާގައި އަށް ކުރީގެ ލަވަކިޔުންތެރިޔާ އަބްދުލް ބާރީއާ އެކު ރިކޯޑްކޮށްފައިވާ މި ހިތްގައިމު ލަވައެވެ. މުހައްމަދު އަލީ ޕްރޮޑިއުސްކޮށް އަލީ ޝިފާއު ޑައިރެކްޓްކޮށްފައިވާ މި ލަވައިގެ ވީޑިއޯ އިން ފެނިގެން ދަނީ ދިވެހި ސިނަމާގެ އަބަދަށް ފެނި އެންމެ ހުނަރުވެރި ޖޯޑު ކަމަށްވާ ޔޫއްޕެ އާއި ނިއުމާއެވެ. ލަވައެއް ފުރިހަމަވުމަށް އޭގައި ހުންނަން ޖެހޭ ހުރިހާ ރަހައަކާއި އިހްސާސަކާއި ފޯރިއަކާއި މޫނުތަކެއް ވެސް މި ލަވަ އަށް ވަނީ ލިބިފަ އެވެ.

2- ހައްގަކީ

މިއީ މި ޒަމާނުގެ ދިވެހި ލަވައިގެ އެންމެ ބޮޑު ގުޅުން ކަމުގައިވާ ކުޑައިއްބެ އާއި ތޭރަވާގެ މޭސްތިރިކަމެއް ފެނިގެންދާ ލަވައެކެވެ. ޓީވީ ޝޯއަކަށް ރާފީ ރިކޯޑްކޮށްފައިވާ މި ލަވަގެ ލިރިކްސް ވެސް ލިޔެފައި ވަނީ ތޭރަ އެވެ.

3- ވަމޭ ފުން ތި ހިޔާލު

މިއީ ވީޓީވީގެ މަގްބޫލު ރަން ހަނދާނުގައި ޝޯ އަށް ރާފިޔަތު ރިކޯޑްކޮށްފައިވާ ލަވައެކެވެ. މި ލަވައިގެ ލިރިކްސް ވެސް ހަދާފައި ވަނީ ކުޅަދާނަ ތޭރަވާ އެވެ.

ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ

4- އަނާ

އެހަނދާނުގައި އާއި ރަން ހަނދާނުގައި އާއި މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ޓީވީތަކުން ގެނެސްދޭ މިފަދަ ޕޮޕިއުލާ ލަވަ ޝޯތަކުގެ އަސްލު ރާނީ އަކީ ރާފިޔަތެވެ. މިފަހަރު ވެސް މި އޮތީ އޭގެ ތެރެއިން ފިސާރި ހޮވުމެކެވެ. ދި ޓީވީގެ ތަރިންގެ ރޭ ޝޯ ބިމާހަމަކޮށްލި ލަވަ "އަނާ" އެވެ.

5- ސަޒާ

ހުސެއިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ ދިވެހި ފިލްމު "ސަޒާ" އަށް ބެލުންތެރިންގެ ސަމާލުކަމެއް ލިބުނު ނަމަ އެ ސަމާލުކަމެއްގެ އެންމެ ބޮޑު އެއް ސިއްރަކީ މި ފިލްމަށް ރާފިޔަތު ރަމީޒާ ރިކޯޑްކޮށްފައިވާ މި ލަވަ އެވެ. ރާފިޔަތަކާ އެކު މި ލަވަ ޑުއެޓްކުރުމުގެ ފުރުސަތު ލިބުނު ޒުވާން ލަވަކިޔުންތެރިޔާ އަހުމަދު ޔާފިއު ވެސް އެ ދުވަސްކޮޅު ތަރިއެއް ހެން އަރައިގެން ދިޔަ އެވެ. ޔަގީނަށް ވެސް މި ލިސްޓްގައި ހިމެނޭ އެންމެ ފުރިހަމަ އެއް ލަވަ އެވެ.

6- ވަފާތެރި ކެހިވެރިޔާ

މިއީ އަލީ ސީޒަންގެ މަޝްހޫރު ފިލްމު "ވަފާތެރި ކެހިވެރިޔާ" އަށް ރާފިޔަތު ރިކޯޑްކޮށްފައިވާ ލަވައެކެވެ. މި ލަވައިގެ އާދަޔާހިލާފު ޕާފޯމަންސެއް މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގައި ރާފިޔަތު ދިނެވެ. މި ލަވަ އަކީ ތަޖުރިބާކާރު ކޮމްޕޯސަރު އަދި ލަވަކިޔުންތެރިޔާ ތިއްތި ނިފާރުގެ އުފެއްދުމެކެވެ.

7- ދޮން ވެލީ ތޯ ދަމާލީ

މިއީ 51 ވަނަ މިނިވަން ދުވަހުގެ ހާއްސަ މުނާސަބަތަށް ރިކޯޑްކޮށްފައިވާ ލަވައެކެވެ. މިފަދަ ގައުމީ ރޫހާއި ޖޯޝާއި ފޯރިއާއި އެއްބައިވަންތަކަމާ ގުޅޭ އެތައް ލަވަތަކެއް މި ލަވަކިޔުންތެރިޔާ އަހަރެމެންނާ ހަމަ އަށް ގެނެސްދީފައިވެ އެވެ. ގައުމަށްޓަކައި މިއުޒީޝަނުންނާއި ލަވަކިޔުންތެރިން ގުރުބާންވާ އެއް ގޮތަކީ މިއީ އެވެ.

8- ސާދާ މިޒާޖު

އެންމެފަހުން ދެބެއިންގެ މަޝްހޫރު ލަވައެއް މި ލިސްޓަށް އެރީ އެވެ. ރާފިޔަތާއި އަލީ ރަމީޒުގެ ޑުއެޓްތަކަކީ އެތައް ބައެއްގެ މަގްބޫލުކަމާއި ލޯބި ހޯދާފައިވާ ލަވަތަކެކެވެ. އެކަމަކު މި ލަވަ އަދި ވަކިން ހާއްސަ އެވެ. ސާދާ މިޒާޖަކަށްވީމަ އެވެ.

9- މައުނަވީ އާލަމް

އަލީ ރަމީޒު ލަވައިގެ ދުނިޔެއާ ވަކިވެގެން ދިޔަޔަސް އެ އާއިލާގެ އެއް ހުނަރުވެރިއަކު މިކަމުގައި ދެމިހުރުމަކީ އަހަރެމެން މިއުޒިކްގެ ފޭނުންނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. މިފަހަރު މި އޮތީ އަލީ ރަމީޒާ އެކު ރާފިޔަތު ރިކޯޑްކޮށްފައިވާ ކްލެސިކް އަދި އެވަރަށް ހިތްގައިމު މައުނަވީ އާލަމްގެ ޖާދޫ އެވެ. މި ލަވައިގެ ވީޑިއޯ ލަވައިން ފެނިގެންދާ ދެ މޫނަކީ ޔޫއްޕެ އާއި އައިޝަތު ޝިރާނީ އެވެ.

10- ފަޒާއޭ ދިއްލެނީ ރޭރޭ

ލެޖެންޑްރީ ލަވަކިޔުންތެރިޔާ އިބްރާހިމް ހަމްދީ މަޝްހޫރުކޮށްލި މި ލަވައިގެ ރާފިޔަތުގެ ހޮވުމަކީ "ވާ ހަނދާނަކުން" ޝޯގައި އޭނާ ހުށަހަޅައިދިން ލަވަ އެވެ.

Popular