10 Mar 2018

ކުޑަ އިއްބެ އާއި ތޭރަ: މިއުޒިކްގައި ދެބެއިން

ކުޑަ އިއްބެ އާއި ތޭރަ: މިއުޒިކްގައި ދެބެއިން

By: Aishath Maaha

މިއުޒިކީ ދާއިރާގައި މި ދެ ނަން ވަރަށް ގިނައިން އެއްފަހަރާ އިވޭނެ އެވެ. އެއީ ކުޑަ އިއްބެ އާއި ތޭރަވާގެ ނަމެވެ. މިއީ، ވަރަށް ކުރިން ފެށިގެން ވެސް މިއުޒިކީ ޖޯޑެކެވެ. ދެ ފަންނާނުން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ވެސް ހަމަ އެހާމެ ކާމިޔާބެވެ.

މުހައްމަދު އަބްދުލް ގަނީ (ތޭރަ/ ތޭރަވާ) އަދި އިބްރާހިމް އަލީ (ކުޑަ އިއްބެ) އާ ދެމެދު އުފެދިފައި މި އޮތް އެކުވެރިކަމާއި ބްރޯމޭންސް އަކީ ކާމިޔާބު ފޯމިއުލާ އެކެވެ. ނުވަދިހައިގެ ފަހުކޮޅު އުފެދުނު ވޭވްސް ބޭންޑުން އުފެދުނު އެކުވެރި ކަމާ އެކު މި ފަންނާނުން ވަނީ އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަން ރާއްޖޭގެ އެހެން މިއުޒީޝަނުންނަށް ވެސް ދައްކައިފަ އެވެ.

މި ދެ މިއުޒީޝަނުންގެ ދިގު ވާހަކަ، ވަރަށް ކުރުކޮށް މި ކިޔައިދެނީ އެވެ.

"އެންމެ ފުރަތަމަ އިއްބެ އަށް ތޭރަ އެނގުނީ މީގެ 21 ވަރަކަށް އަހަރު ކުރިން ހިތާނީ ޝޯއަކުން. އެތަނުން ދިމާވެގެން ފުރަތަމަ ވާހަކަ ދެއްކީ. އަނެއްކާ އެ ދުވަސްވަރު ކުއްޔަށް އުޅުނީ ދެ މީހުން ވެސް އެއް ހިސާބުގަނޑެއްގައި. ތޭރަ އަކީ އޭރު ވެސް ވަރަށް ފްރެންޑްލީ މީހެއް،" އިއްބެ ބުންޏެވެ. "އެ ހިސާބުން އެހެން މަޑުމަޑުން ދިމާވެފަ ދެން ދެ މީހުން އެއް ބޭންޑަކަށް ޖޮއިން ކުރީ އަޑުގެ ވޭވްސް ބޭންޑް އާ. އެއީ އެކީގައި މަސައްކަތް ކުރަން ފެށި ހިސާބު."

ވޭވްސް ބޭންޑާ އެކު ދެ މީހުން ފެށި ދަތުރުގެ ވަކި ހިސާބަކުން ނެގި ރާޅެއްގައި ބޭންޑް ޣަރަގުވެގެން ދިޔަ ނަމަވެސް އެ ރާޅުން ސަލާމަތްވާން އެންމެ ބާރުލާފައި އެކައްޗެއް ކިޔައިގެން އިއްބެ އާއި ތޭރަ ވެސް ތިއްބެވެ.

ދެ މީހުން އެކުގައި މިއުޒިކްގެ ގަދަ ކަނޑަށް ނުކުމެ ކުރި މަސައްކަތުން މިއަދު އިއްބެ އަކީ ރާއްޖޭގައި ބޭއްވި ފުރަތަމަ ފްރެންޗައިޒް މިއުޒިކް ޝޯ "މޯލްޑިވިއަން އައިޑޮލް"ގެ ދެ ސީޒަނުގެ ޖަޖުންގެ ގޮނޑި ފުރާފައިވާ މީހެކެވެ. އަދި ތޭރަ ވަނީ އައިޑޮލްގެ ފުރަތަމަ ސީޒަންގެ މިއުޒިކް ކޯޗުކަން ކޮށްދީ އަދި ތިން ވަނަ ސީޒަންގެ މިއުޒިކް ކޯޗު ކަމަށް އަތުކުރި އޮޅާލައިގެންނެވެ.

ދެ މީހުންގެ ދުވަސްވީ ކެރިއަރުގައި އެންމެ ގިނަ މަސައްކަތް ކުރީ އެކީގަ އެވެ. ލިބުނު ކޮންމެ ޕްރޮޖެކްޓެއްގެ ހުރިހާ މަސައްކަތެއް ކަހަލަ ގޮތަކަށް ކުރީ އެކުގަ އެވެ. ތިމަންނަ ހަދާނީ ޅެމޭ، ކަލޭ މެލޮޑީ ހަދާށޭ އެއީ ތިމަންނަ މަސައްކަތެއް ނޫނޭ ބުނެ ދުވަހަކު ވެސް މައްސަލައެއް ނުޖެހެ އެވެ. ކޮންމެ މަސައްކަތަކީ ވެސް ދެ މީހުންގެ މަސައްކަތަކެވެ. މަސައްކަތްތައް ކުރަނީ އަމިއްލަ މަސައްކަތްތަކެއްގެ ގޮތުގައި ބަލައިގެންނެވެ.

"އެކުގައި ހުންނާނެ ވަރަށް ބައިވަރު ވަރަށް ގިނަ މަސައްކަތް ކޮށްފައި، ފިލްމުތަކަށާއި އަލްބަމްތަކަށާއި ކުރު ފިލްމުތަކާއި މި ހުރިހާ އެއްޗަކަށް. މިވީހާ ތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހުންނާނެ ވަރަށް ބައިވަރު މަސައްކަތްތައް ކުރެވިފައި،" ތޭރަ ބުންޏެވެ.

މި މަސައްކަތްތަކުގެ ތެރެއިން ވެސް ދެ މީހުންގެ އެންމެ ހާއްސަ މަސައްކަތްތައް ވަދެގެންދަނީ ޓީވީއެމުން ގެނެސްދިން އެހަނދާނުގައި ޝޯތަކުގެ ތެރެއަށެވެ. ދެހާސް ދިހަ ވަނަ އަހަރު ގެނެސްދިން "އެހަނދާނުގައި ޑުއެޓް" އާއެކު ދެ ފަންނާނުންގެ ހަނދާންތައް ގޮސް ގުޅެނީ އެ ޝޯ އަށް ޓީވީއެމާ ގުޅިގެން ކުރި މަސައްކަތްތަކެވެ. ޝޯއަށް ބޭނުންވާ ލަވަ ކިޔުންތެރިން ހޯދުމުން ފެށިގެން ލަވަތަކުގެ ހުރިހާ މަސައްކަތްތަކެކެވެ. އޭގެ އިތުރުން "ހިތުގެ ފުންމިނުން"، "ރަން ހަނދާނުގައި" ފަދަ ޝޯތަކަކީ ވެސް އެންމެ ބުރަ މަސައްކަތެއް ކުރެވުނު އެންމެ ގިނަ ހަނދާންތަކެއް ވަދެގެންދާ ޝޯތަކެކެވެ.

ދެ މީހުން އެކުގައި ކޮށްފައި ހުރި ބައެއް މަސައްކަތްތަކަށް ބަލާއިރު ނަހުލާގެ "ބޮސް"، "ޔޫސުފް"، "ނިއުމާ" ހިމެނެ އެވެ. އޭގެ ކުރިން ވެސް އެތައް ފިލްމެއްގެ މަސައްކަތްތަކެއް ކުރި އެވެ. ލިރިކްސް، މެލޮޑީ، ވޯކަލް އެރޭންޖްމެންޓްސް، ކޮމްޕޯސް މިހެން ގޮސް ކޮންމެ މަސައްކަތަކީ ވެސް ދެ މީހުން އެކުގައި ކުރާ މަސައްކަތެކެވެ. އިއްބެ އަދި ތޭރަ އެކުގައި ކިޔާފައިވާ ބައެއް ލަވަތަކުގެ ތެރޭގައި ފުރާވަރު، މޮހޮންމާގެ ބްރީފްކޭސް ފަދަ ލަވަތައް ހިމެނެ އެވެ.

އެކުގައި މަސައްކަތް ކުރާތާ 17 ވަރަކަށް އަހަރުވެފައިވާއިރު މައްސަލަ ޖެހުމެއް ނެތި ކާމިޔާބުވުމުގެ ސިއްރަކީ އެކަކު އަނެކަކަށް ހަސަދަވެރިވުމެއް ނެތި ކުރާ މަސައްކަތް ކަމަށް ވެދާނެ އެވެ. އަނެއް މީހާގެ ބޮލަށް ފައިން އަރާފައި ކުރިއަށް ދިއުމުގެ ބަދަލުގައި ތޭރަ އަދި އިއްބެގެ ވެސް ވިސްނުން ހުރީ ދެ މީހުން އެކުގައި އެއް ވަރަކަށް މަސައްކަތް ކޮށްގެން ކުރިއަށް ދާށެވެ. އެގޮތުން އިއްބެގެ ސޯލޯ އަލްބަމްގެ މަސައްކަތް ނިންމާލުމަށްފަހު މިހާރު ކުރިއަށްދަނީ ތޭރަގެ ސޯލޯ އަލްބަމްގެ މަސައްކަތްތަކެވެ.

އެކުގައި މަސައްކަތް ކުރަން ފެށި ދެ އެކުވެރިންގެ އެކުވެރިކަން ބަދަހިވެ މިހާރު އިއްބެ އަކީ ތޭރަގެ އާއިލާ މެންބަރެއް ކަމަށް ތޭރަ ބުންޏެވެ. އިއްބެގެ ބަހަކީ ވެސް އެއީ އެވެ.

"އިއްބެ އަކީ އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ މީހެއް. ވަރަށް ޓެލެންޓެޑް ވަރަށް ކްރިއޭޓިވް އައިޑިއާ ރަނގަޅު މީހެއް. އިއްބެއަކީ މިހާރު ފެމެލީ. އިއްބެގެ ފެމެލީ އާ ތޭރަ ވެސް ކްލޯޒް ވާނެ. ތޭރަގެ ފެމިލީ އަށް ވެސް އިއްބެ ކްލޯޒްވާނެ. އެކުގައި ކޮފީ އަށް ގޮސް ވެސް ހަދާނެ،" ތޭރަ ބުންޏެވެ.

"ތޭރަ އަކީ ވަރަށް ޓެލެންޓެޑް، ވަރަށް ކްރިއޭޓިވް އެކީގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ މީހެއް، މިހާތަނަށް ތޭރަ ކުރި ކޮންމެ މަސައްކަތެއް ވެސް ވަރަށް ހިންހަމަ ޖެހޭ ތޭރަ ކިޔާފައިވާ ކޮންމެ ލަވައެއް ވެސް އިއްބެ އަށް ވަރަށް ރީތި،" އިއްބެ ބުންޏެވެ.

ދެ މީހުންގެ އެކުވެރިކަމުގެ ދިގު ދަތުރުގައި ހަނދާނުން ފޮހެނުލެވޭނެ އެތައް ހަނދާންތަކެއް އެބަހުއްޓެވެ. އެކުގައި ހޭދަކުރާ ކޮންމެ ވަގުތަކީ ހަނދާން ހުންނާނެ ވަގުތުތަކެއް ނަމަވެސް ހަނދާނުގެ ދުރުމީގައި އެންމެ ބޮޑަށް ހަރުލާފައިވަނީ ޝޯ ދިން ދުވަސްވަރު ރަށް ރަށަށް ގޮސްފައި ހޭދަވި ދުވަސްތަކާއި އެ ޝޯތަކެވެ.

"އިއްބެ އެންމެ ހަނދާން ހުންނާނެ މެމޮރީ އަކީ އިއްބެގެ ބައްޕަ ނިޔާވެގެން އިއްބެ އާ އެކު ރަށަށް ދާން ތޭރަ އަމިއްލަ އަށް އިނިޝިއޭޓް ނަގައިގެން އިއްބެ އާއެކު ގޮސް އިއްބެގެ އެންމެ ގާތުގައި ހުރި ވަގުތުތައް. ދެން ހަނދާނެއް ނުނެތޭނެ ޝޯ ދޭން ގޮސް އެއުޅޭ ގޮތް. ހާއްސަކޮށް ތޭރަ މަޖާ ހަދާނެ ވަރަށް އެއްޗެހި އެއްކޮށްގެން އެހެން ގޮސް އުޅޭއިރު. އެއީ ވަރަށް ހަނދާން ހުންނާނެ ކަންކަން،" އިއްބެ ބުންޏެވެ.

Popular