By: Ifraz Ali
ހާސްކަމާއި ބިރުވެރިކަމެއްގެ ތެރޭގައި އުޅޭ މި ދުވަސްވަރު ސީރިއަސް ފިލްމުތަކެއް ބަލައިގެން އިތުރަށް ބޯ ގޮއްވަން ނުހަދާށެވެ. އޭގެ ބަދަލުގައި ކޮމެޑީއެއް ބަލައިގެން ހިނިގަނޑެއް ޖަހާލުން މާ ރަނގަޅުވާނެ އެވެ. ކުރީގެ ދިވެހި ކޮމެޑީތަކަކީ އަދިވެސް އެއްވެސް ފޫހިކަމެއް ނެތި ބަލައިލެވޭނެ އެއްޗެއްސެވެ. އެހެންވެ، އަހަރެމެން މި މަސައްކަތް ކުރީގެ ކޮމެޑީ ފިލްމާއި ޑްރާމާ އަދި ޓީވީ ޝޯތައް ހިމެނޭ ގޮތަށް ކުޑަ ލިސްޓެއް ތައްޔާރު ކުރެވޭތޯ އެވެ.
މި ކޮމެޑީތަކުގެ އިތުރުން ކުރީގެ ދިވެހި ކޮމެޑީ އެކްޓަރުން ކަމަށްވާ ސިއްތިފުޅާއި ހާޖަރާ އަދި ޕިންޑޭ ފަދަ ތަރިން އެކި ފިލްމުތަކުގައި ކުޅެފައި ހުންނަ މަޖާ ބައިތަކަކީ ވެސް މީހުން ހެއްވާލަން އަދިވެސް ހަމަ އެވަރެއް ނެތް މަންޒަރުތަކެކެވެ.
މި ލިސްޓުގައި ކުރީގެ މޮޅު ކޮމެޑީއެއް އަހަރެމެންނަށް ހިމެނިފައި ނެތް ނަމަ، ކޮމެންޓްތަކުގައި މި ލިސްޓު ދިގުކޮށްލަ އެންމެން ވެސް އެހީވާން ވާނެ އެވެ. މީގެ ތެރެއިން ބައެއް ކޮމެޑީތައް ބައިސްކޯފުންނާއި ޔޫޓިއުބުން ބެލެން މިހާރު ވެސް އެބަހުއްޓެވެ.
ސަޅިބައިސާގެ (ޖިންނި އަލީ) ފުރަތަމަ ބައި.
ރާޅުގަނޑުގައި ހުރި އުނދޯންޏެއްގައި އިނދެގެން، "ބިރުކުޑަ އަލީ" ކެނޑި ފޮނި އަދިވެސް ދިވެހިންނަށް ހަމަ ވަރަށް ކަމުދެ އެވެ. އަހްމަދު ނިޔާޒް (ޓެޑްރީ) ޑައިރެކްޓުކުރި މި ޑްރާމާގައި އަލީގެ ރޯލު ކުޅުނީ އެކްޓަރު އަހްމަދު ނިމާލް އެވެ. ޔޫޓިއުބުގައި މި ޑްރާމާގެ ބައެއް އެޕިސޯޑްތައް އެބަހުއްޓެވެ. ސަޅިބައިސާގެ ހަތް އެޕިސޯޑެއް ބައިސްކޯފުން ވެސް ބެލެން އެބަހުއްޓެވެ.
ފްލޯކް ދި އިންޓަނޭޝަނަލްގެ އެޕިސޯޑެއް.
ޓީވީއެމުން ގެނެސްދިން ސްކެޗީ ކޮމެޑީ "ފްލޯކް ދި އިންޓަނޭޝަނަލް" އަކީ ވެސް މި ލިސްޓުގައި ހިމަނަންޖެހޭ ޝޯއެކެވެ.
"ދިރިއުޅުމަކީ މިއީބާ.." ގެ އެޕިސޯޑެއްގެ ބައެއް.
ދިވެހި ކޮމެޑީ އެކްޓަރު ޔޫސުފް ރަފީއު (ޔޫސޭ) ގެ "ދިރިއުޅުމަކީ މިއީ ބާ" އަކީ އަދިވެސް ދިވެހި ޗެނަލްތަކުން ދައްކާ ކޮމެޑީ ސީރީޒެކެވެ. މި ޑްރާމާގެ ކޮންމެ އެޕިސޯޑެއްގައި މަޖާ ގޮތަކަށް ގެނެސްދެނީ އާންމު ދިރިއުޅުމުގައި މީހުންނަށް ކުރިމަތިވާ ކަންކަމެވެ.
"ބަޚަބަރު" ގެ އެޕިސޯޑެއް.
އެކި ކަހަލަ ކަންކަމަށް މަޖާ ގޮތް ގޮތަށް ޚަބަރުތައް ހަދައިގެން ގެނެސްދިން މި ޝޯ ވެސް އަދިވެސް ވަރަށް މަގުބޫލެވެ.
ލިސްޓުގައި ހުރި އިތުރު ކޮމެޑީތައް