29 Apr 2020

އެކްސްޓްރެކްޝަން: އާ ފޭވަރިޓެއް

އެކްސްޓްރެކްޝަން: އާ ފޭވަރިޓެއް

By: Ifraz Ali

މުޅިން އާ ޑައިރެކްޓަރެއް ކަމަށްވާ، ސޭމް ހާގްރޭވްގެ އެކްޝަން ތުރިލާ "އެކްސްޓްރެކްޝަން" ބެލި މީހުނަށް އެންމެ ޝައުގުވެރިވީ "އެއް ޝޮޓުން" ނަގާފައިވާ ގޮތަށް ދައްކާ 12 މިނެޓްގެ މަންޒަރެކެވެ؛ ފިލްމުގެ މެދު ތެރެއިން އައި މި ކުޑަ ވަގުތުކޮޅު ތެރޭގައި އެކަނި ވެސް ތަޅާފޮޅުމާއި ބަޑިންނާއި ވަޅިން ހަމަލާދިނުމާއި ބޮން ގޮއްވުން ފަދަ ވަރަށް ވަރުގަދަ ކަންތައްތަކެއް ދެއްކި އެވެ. އެކަމަކު މީގައި މާ ބޮޑަށް ހައިރާންވާވަރުގެ ކަމެއް ނެތީ، މިހާ މޮޅު މަންޒަރެއް ގެނެސްދިނުމުގެ ފަހަތުގައި ހުރި މި ފިލްމުގެ ޑައިރެކްޓަރަކީ މާވެލް ފިލްމުތަކުގެ ސްޓަންޓް ކޯޑިނޭޓަރު ކަމަށް ވެސް ވީމަ އެވެ.

މިދިޔަ ހުކުރު ދުވަހު ނެޓްފްލިކްސް އިން ސްޓްރީމިންނަށް ދޫކޮށްލި އެމީހުންގެ އޮރިޖިނަލް މި ފިލްމަކީ މި ދުވަސްކޮޅު ގިނަ މީހުން ފޭވަރިޓެކެވެ.

🚨 ސްޕޮއިލާ އެލާޓް 🚨

މާވެލް ސިނެމަޓިކް ޔުނިވާސްގެ "ތޯ" ނުވަތަ އެކްޓަރު ކްރިސް ހެމްސްވޯތު އަމިއްލަ އަށް ޕްރޮޑިއުސްކޮށް އަދި އެކްޓު ވެސް ކުރި މި ފިލްމުގައި އޭނާ ކުޅެނީ ބްލެކް މާކެޓް މާޝިނަރީއެއް ކަމަށްވާ ޓައިލާ ރޭކްގެ ރޯލެވެ. އޭނާގެ މަސައްކަތަކީ ބަންގްލަދޭޝްގެ "ޕަބްލޯ އެސްކޯބާ" ނުވަތަ އެ ގައުމުގެ ވެރިރަށް ޑާކާގައި އެންމެ ފުޅާކޮށް ޑްރަގުގެ ވިޔަފާރިކުރާ މީހެއް ރަހީނުކޮށްފައިވާ ކުއްޖަކު ސަލާމަތްކުރުމެވެ.

"އެކްސްޓްރެކްޝަން" ގެ ޝޫޓިންގައި ޑައިރެކްޓަރު ސޭމް ހާގްރޭވް އާއި އެކްޓަރު ކްރިސް ހެމްސްވޯތު.

އޯވީ ކިޔާ މި ކުއްޖަކީ އިންޑިއާގައި ވަރަށް ފުޅާކޮށް ޑްރަގުގެ ވިޔަފާރިކުރާ މީހެއްގެ ދަރިއެކެވެ. އެ ކުއްޖާ ރަހީނުކުރީ ހަސަދައެއް ފިލުވާލައި، ފައިސާގަނޑެއް ހޯދުމުގެ ބޭނުމުގަ އެވެ. ކުއްޖާ އަނބުރާ ހޯދުމުގެ ޒިންމާ ޓައިލާ ނިސްބަތްވާ މާޝިނަރީ ސްކޮޑާ ހަވާލުކުރި ނަމަވެސް ފަހުން ކަންތައް ވެގެންދަނީ ހީނުކުރާ ކަހަލަ ގޮތަކަށެވެ.

މި ފިލްމުގެ ސީކުއެލްއެއް އަންނާނެ؟

ޖޯއީ ރުއްސޯ ސްކްރީންޕްލޭ ލިޔެފައިވާ މި ފިލްމަކީ ޖޯއީ އާއި އޭނާގެ ބޭބެ އެންތޮނީ ރުއްސޯ، އޭންޑީ ޕާކްސް، ފެނާންޑޯ ލިއޯން ގޮންޒަލީޒް އަދި އެރިކް ސްކިލްމޭންގެ ގްރެފިކް ނޮވެލްއަކަށް ހެދި ފިލްމެކެވެ.

ކްރިޓިކުންގެ ފަރާތުން މިކްސްޑް ރިވިއުތައް ލިބުނުއިރު، ކްރިސް ހެމްސްވޯތުގެ އާއި ބޮލީވުޑްގެ އެކްޓަރު ރަންދީޕު ހޯޑާގެ އެކްޓިންނަށާއި ފިލްމުގެ ސްޓަންޓްތަކަށް ވަނީ ތައުރީފު އޮއްސާލައިފަ އެވެ. މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ފިލްމުގެ ވާހަކަ އެންމެ ކަމުނުދާ ކަމާއި މާ ބޮޑަށް އަނިޔާވެރި މަންޒުތައް ހުރުމެވެ.

"އެކްސްޓްރެކްޝަން" ގެ ޓްރެއިލާ.

ކްރިޓިކުން ފާހަގަކުރި އަނެއް ކަމަކީ މި ފިލްމުގެ ދެ ވަނަ ބައެއް އަންނާނެ ހެއްޔެވެ؟

އެއީ ރަހީނުކުރި ކުއްޖާ ސަލަމާތްކުރުމަށް ފަހު ކްރިސް ހެމްސްވޯތު ކޯރަކަށް ވެއްޓި މަރުވާ ކަމަށް ދެއްކި ނަމަވެސް، ފިލްމުގެ އެންމެފަހު މަންޒަރުގައި ކްރިސްއާ ވައްތަރު ގޮތެއް ހުންނަ މީހެއް ވަރަށް ޔަގީންނުވާ ކަހަލަ ގޮތަކަށް ދެއްކީމަ އެވެ. އަދި އާންމުކޮށް އެކްޝަން ފިލްމުތަކުގައި މަރުވާ މީހެއްގެ ހަށިގަނޑު ނުފެންނަހާ ހިނދަކު އެމީހަކު މަރުވީ ކަމަށް ނުނިންމޭތީ އަދި އޭނާ މަރުވީ ކަމަށް ބެލެވޭކަށް ވެސް ނެތެވެ.

ހޮލީވުޑް

Popular