ދާއިން އަބްދުލްއަލީމްގެ މަދަހައެއް ހޯދާލުމަށް ފަހު ލޯ މަރާލައިގެން އިނދެ، ހަމަޖެހިލައިގެން އަޑުއަހާލާށެވެ. ފުރަތަމަ ވެސް ހަނދާނަށް އަންނާނެ އެއް ނަމަކީ ދިވެހިންގެ މަގުބޫލު އަޑު، އަލީ ރަމީޒެވެ.
ދާއިން އަބްދުލްއަލީމްގެ މަދަހައެއް ހޯދާލުމަށް ފަހު ލޯ މަރާލައިގެން އިނދެ، ހަމަޖެހިލައިގެން އަޑުއަހާލާށެވެ. ފުރަތަމަ ވެސް ހަނދާނަށް އަންނާނެ އެއް ނަމަކީ ދިވެހިންގެ މަގުބޫލު އަޑު، އަލީ ރަމީޒެވެ.
މިކަން އަދި ވަކިން ބޮޑަށް ހާއްސަވީ މަދަހަ ކިޔުމުގައި ދާއިން ގެންގުޅޭ ވައްޓަފާޅި އާއި ރާގު ވެސް، އެންމެ ފަހުން އަލީ ރަމީޒަށް ކަމުގޮސް އެކުގައި މަދަހަ ކިޔާ ހިސާބަށް ދިޔައީތީ އެވެ.
ފ. ފީއައްޔަށް އުފަން ދާއިން ބުނީ ކުޑައިރު މަދަހަ ކިޔަން ފެށުނީ ގޭގައި މަންމަ މަދަހަ ކިޔާ އަޑުއިވޭތީ ކަމަށެވެ. ވަކި ހިސާބަކުން މުބާރާތްތަކުގައި ބައިވެރިވާން ފެށުމުން، އެކަމަށް މަންމަ ވަކިން މަދަހަ ދަސްކޮށްދޭން ފެށި އެވެ.
ނަމަވެސް، ބޮޑުވި ފަހުން މަދަހަ ކިޔުމުގެ ކަންކަން އިތުރަށް ދަސްކޮށް ކުރިއަށްދާން ފެށީ ދާއިން އަމިއްލައަށް ބޭނުންވެގެންނެވެ. އެކަމުގައި އޭނާ އިހުތިޔާރުކުރި އެއް މަގަކީ، ރަށުގައި ސްޓޫޑިއޯއެއް ނެތުމުން މަދަހަ ކިޔާ ވީޑިއޯ ފޯނުން ނަގައި ދާއިންގެ އަމިއްލަ ފޭސްބުކް އެކައުންޓަށް އަޕްލޯޑުކުރުމެވެ.
މިދިޔަ މެއި މަހުން ފެށިގެން ފޭސްބުކަށް އަޕްލޯޑުކުރަން ފެށި ވީޑިއޯތަކަށް އަބަދު ވެސް ލިބޭ އެއް ކޮމެންޓެއް އޮވެ އެވެ.
"އަލީ ރަމީޒުގެ އަޑާ ވައްތަރު ކަމަށް ވަރަށް ގިނަ މީހުން ބުނޭ. ބޮޑަށް މަސައްކަތްކުރަނީ ވެސް މޮޅަށް މަދަހަ ކިޔާ މީހެއްގެ މަދަހަ އަޑުއަހައިގެން ދަސްކުރަން. އޭރަށް އެ ކުއްޖާގެ ފެންވަރު ބޮޑަށް އެނގޭނީ. އެ ކިޔާފައި އިންނަ ގޮތް ދަސްކޮށްފައި، އަމިއްލައަށް ވެސް ގޮތްތަކެއް ހަދާލައި ދަސްކުރަނީ،" އުމުރުން 22 އަހަރުގެ ޒުވާނާ ބުންޏެވެ.
ރަށުގައި ބާއްވާ މަދަހަ މުބާރާތްތަކުން އެއްވަނަ ހޯދާފައިވާ ދާއިން ބުނީ އަލީ ރަމީޒު ކިޔާފައިވާ މަދަހައެއްގެ ކަވައެއް ހަދައިފިއްޔާ ފޭސްބުކުން އަބަދު ވެސް އޭނާ ޓެގްކުރާ ކަމަށެވެ. އެގޮތަށް ޓެގްކުރި މަދަހައެއް ރީތިވެގެން އަލީ ރަމީޒު ވަނީ ދާއިންއާ އެކު ޑުއެޓުކޮށް މަދަހައެއް ކިޔާލަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
"އަލީ ރަމީޒުގެ ފަރާތުން ފުރުސަތު ލިބުނީމަ ވަރަށް އުފާވެ. މި މަހު އެ މަދަހަ ރިކޯޑުކުރަން މި ތައްޔާރުވަނީ،" ދާއިން ބުންޏެވެ.
ފީއަލީ ފެނަކަ ބްރާންޗުގެ ޓެކްނީޝަނަކަށް އުޅޭ ޒުވާނާ ބުނީ މަދަހަ ކިޔުމުގައި މިހާރު ބޭނުންވަނީ ޕްރޮފެޝަނަލް އެހީތެރިކަން ކަމަށެވެ. އޭރުން އެހެން މީހުންނަށް މަދަހަ ކިޔަން ދަސްކޮށްދޭއިރު ސްކޭލިން އާއި ޕިޗިން ދަސްކޮށްދޭން ފަސޭހަވާނެ ކަމަށް ދާއިން ގަބޫލުކުރެ އެވެ. އަދި، ރަށުގެ އަސްދަނޑިން ބޭރުވެ، ބޮޑެތި މަދަހަ މުބާރާތްތަކުގެ ޖަޖުކަން ކުރުމަކީ މިހާރު ދާއިން ދެކޭ ހުވަފެނެކެވެ.
"މިހާރު ވެސް ކުދިންނަށް އޮންލައިންކޮށް ކޮންމެ ވެސް ވަރަކަށް މަދަހަ ކިޔަން ދަސްކޮށްދެން. އަދި ރަށުގައި ބާއްވާ މުބާރާތްތަކުގެ ޖަޖުކުރަން ކުރަން." އޭނާ ބުންޏެވެ.