ކޮލަމްބޯގައި ހުންނަ އޭއޯޑީ އިންޓަނޭޝަނަލް ޑިޒައިން ކެމްޕަސް (އޭއޯޑީ) އިން ގުރެޖުއޭޓުވެ، ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މާލެ އަށް އެނބުރި އައި ދުވަހު އެންމެން ވެސް އޭނާއާ ކުރީ މި ސުވާލެވެ. – "ފެޝަން ޑިޒައިން ކިޔެވީ ކީއްވެގެން ހެއްޔެވެ؟"
ކޮލަމްބޯގައި ހުންނަ އޭއޯޑީ އިންޓަނޭޝަނަލް ޑިޒައިން ކެމްޕަސް (އޭއޯޑީ) އިން ގުރެޖުއޭޓުވެ، ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މާލެ އަށް އެނބުރި އައި ދުވަހު އެންމެން ވެސް އޭނާއާ ކުރީ މި ސުވާލެވެ. – "ފެޝަން ޑިޒައިން ކިޔެވީ ކީއްވެގެން ހެއްޔެވެ؟"
ދެން އެހީ މިހެންނެވެ.
"އެހެން އެއްޗެއް ނުކިޔެވީ ކީއްވެގެން ހެއްޔެވެ؟"
އެއަށް ފަހު އެ މީހުން ދެން ހައިރާންވީ "ތި ދާއިރާއިން ކުރިއަށް ދާނީ؟" ކިހިނެއް ހެއްޔޭ ކިޔައިގެންނެވެ.
އެއީ މީގެ ހަތް އަހަރު ކުރި އެވެ. ފެޝަން ޑިޒައިން ކިޔެވި ކަމަށްޓަކައި މި ހުރިހާ ސުވާލަކާއި ފާޑުކިޔުމެއް އެ ދުވަހު އަމާޒުވި ރައިދާ އިސްމާއިލް ޝަފީގަކީ މިއަދު މި ސަރަހައްދުގައި މަޝްހޫރުކަން ހޯދަމުން އަންނަ ފެޝަން ބްރޭންޑެކެވެ. ދިވެހިންގެ ވިސްނުމުގެ އިމާއި ތޮށިގަނޑު ފަޅާލާފައި ނުކުމެ ފެޝަންގެ ދުނިޔޭގައި އޭނާ ފިޔަޖަހަން ފަށާފައި ވަނީ ދިވެހިން ވެސް ފަހުރުވެރިވާނެ ފެންވަރުގެ ނަމެއް ގޮވައިގެންނެވެ.
މިހައި ހިސާބުން ދެން އަނެއްކާ ވެސް އަންނަނީ އެއްކަލަ ތިން ސުވާލެވެ.
- ފެޝަން ޑިޒައިން ކިޔެވީ ކީއްވެގެން ހެއްޔެވެ؟
- އެހެން އެއްޗެއް ނުކިޔެވީ ކީއްވެގެން ހެއްޔެވެ؟
- ތި ދާއިރާއިން ކުރިއަށް ދާނީ ކިހިނެއް ހެއްޔެވެ؟
ރައިދާގެ އޮތުގައި އޮތީ ހަމަ އެންމެ ޖަވާބެވެ. – އެއީ މީގެ ފަސް އަހަރު ކުރިން އޭނާ ލޯންޗުކުރި އަމިއްލަ ބްރޭންޑް "ރައިދާސް މޯލްޑިވްސް" އެވެ. ތިޔަ ކަމެއް ނުވާނެއޭ ކިޔާލަކިޔާލަ ތިއްބައި އެންމެފަހުން "ދިވެހި ރާއްޖެ" ގޮވައިގެން އޭނާ ދުނިޔޭގެ ފެޝަން އިންޑަސްޓްރީ އަށް ނުކުތީ އެވެ.
ސްރީ ލަންކާގެ ފިހާރަތަކާއި އޮންލައިން ސްޓޯރުތަކުން ރައިދާގެ ހެދުންތައް ވިކި ހުސްވަމުން އަންނައިރު ލަންކާގައި ކުރިއަށް ގެންދާ ފެޝަން ޝޯތަކުގައި ވެސް ރައިދާސް މޯލްޑިވްސް އަންނަނީ އާންމު އަދި އެވަރަށް މަޝްހޫރު ނަމަކަށް މަޑުމަޑުން ބަދަލުވަމުންނެވެ. އޭނާގެ މަސައްކަތްތައް ދައްކަމުން އަންނަ ފެޝަން ޝޯތަކުގެ ތެރެއިން ކޮލަމްބޯގައި ބާއްވާ ޝަރަފްވެރި މާސެޑީޒް ބެންޒް ފެޝަން ވީކް ފާހަގަކޮށްލެވެ އެވެ.
ރައިދާގެ މި އާދަޔާހިލާފު ދަތުރުގެ ވާހަކަ އޭނާ ކިޔައިދޭއިރު އޭނާގެ އެންމެ ބޮޑު ފެޝަން އައިކަންއެއްގެ ގޮތުގައި ފާހަގަކުރަނީ އޭނާގެ މަންމަ އެވެ.
"މަންމަ ރީތިވާއިރު އަބަދުވެސް ރައިދާ ހުންނާނެ ކައިރީގައި ބަލަން. ވަރަށް ބޮޑު އިންސްޕިރޭޝަނެއް ރައިދާގެ މަންމަ އަކީ ފެޝަންގައި. މަންމަ ފަރާތުން މިކަން ރައިދާ އަށް ބޮޑަށް އެނގުނީ،" މަންމަގެ ފިޔަވަޅުމަތިން ފަހަން ދަސްކުރި ރައިދާ ބުންޏެވެ.
ރައިދާގެ މަންމަ އަކީ ވެސް ފެޝަނަށް ހިތްޖެހިފައިވީ ކުޅަދާނަ ފެހުންތެރިއެކެވެ. ރައިދާ ބުނީ ފެޝަންގެ ދުނިޔެ އަށް އޭނާ ތައާރަފްވުމުގެ ކުރިން އެންމެ ފުރަތަމަ ފެނުނީ މަންމަގެ ފެޝަންގެ ދުނިޔެ އާއި ފަހާފޮށީގެ ޖާދޫތައް ކަމަށެވެ.
"ރައިދާމެން ކުޑައިރު، އެއިޓީސް ހިސާބުގައި ވެސް މަންމަމެންނަކީ (ވަރަށް ފެޝަން) އަދި އަމިއްލަ އަށް އަބަދުވެސް ހެދުން ފަހައިގެން ލާ މީހެއް،" ރައިދާ ބުންޏެވެ.
"ރައިދާމެން ކުޑައިރު ވެސް މަންމަ އެއްވެސް ހެދުމެއް ރައިދާމެންނަކަށް ވެސް ނުއެއް ގަންނާނެ. އަބަދުވެސް އަމިއްލަ އަށް ފަހާލައިގެން ހެދުން ލައްވާނީ. ޔުނިފޯމްވިޔަސް، ޕާޓީއަކަށް ދާންވިޔަސް މަންމަ އަމިއްލަ އަށް ހެދުން ފަހާލައިގެން ލައްވާނީ."
"އެގޮތަށް މަންމަ އުޅޭތަން ފެނި، މަންމަ ހެދުން ކަނޑާތަން ފެނި، ފޮތި ގަންނަން ދާއިރު ފިހާރަ އަށް ގޮވައިގެން ގޮސް އެހެން އުޅެމުން އެނގުނީ ޓެއިލަރިން އަކީ ކޮބައިކަން. އެކަމަކު އޭރު ވެސް އަދި ފެޝަން އަކީ ކޮބައިކަމެއް ނޭނގޭ."
ޓީވީން ފެޝަން ޝޯތައް ފެނުނަސް ރައިދާ އަށް އެންމެ ފުރަތަމަ ފެޝަން ޝޯއަކަށް ދެވުނީ ވެސް އޭނާގެ މަންމައާ އެކުގަ އެވެ. އެއީ މާލޭގެ ކާނިވާ ސްޓޭޖުގައި ވަރަށް ކުރިން ބޭއްވި ފެޝަން ޝޯއަކަށެވެ.
"ފެޝަން ޝޯއަކީ ކޯއްޗެއްކަން ރައިދާ އަށް ފުރަތަމަ އެނގުނީ އެ ޝޯ އަށް މަންމައާ އެކުގައި ދެވި އެ ކަންތައްތައް އެގޮތަށް ފެނިގެން. ހަމަ ލޮލަށް ފެނުނު ފުރަތަމަ ފެޝަން ޝޯއަކީ ކާނިވަލުގައި ބޭއްވި އެ ފެޝަން ޝޯ،" ރައިދާ ބުންޏެވެ.
މަންމައާ އެކު ކުރެވުނު މި ތަޖުރިބާތަކަށް ފަހު ފެޝަންގެ ދުނިޔެ އަށް އޭނާ ރަސްމީކޮށް އުފަންވީ އޭއޯޑީ އަށް ކިޔަވަން ދިޔަ ހިސާބުންނެވެ. ކިޔެވުން ނިންމާލައިގެން އެނބުރި މާލެ އައިސް ފަހާތަނެއް ހުޅުވި ނަމަވެސް އޭނާގެ މައިގަނޑު އަމާޒަކަށް އަބަދުވެސް ހަދާފައި ވަނީ ރާއްޖެއިން ބޭރުގެ މާކެޓެވެ.
"ޝެޑިއުލް ހުންނަ ގޮތުން މިކަހަލަ ބޮޑެތި ކަންތައް ކުރާއިރު ވަރަށް ބުކްޑްކޮށް އުޅެނީ. އެހެންވީމަ ކަސްޓަމް މޭޑް އެއްޗެހިތައް ރާއްޖޭގައި ވިއްކަން ވަރަށް ވަގުތެއް ވެސް ނުލިބޭ. ދިވެހިންނަށް ވެޑިން ޑްރެސް ހަދައިދޭކަށް ވެސް އަސްލު ވަގުތެއް ނުލިބޭ،" މިހާރު ވެސް ފެޝަން ޝޯއަކާއި އާ ކަލެކްޝަންތަކަކަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެ ބިޒީ ތާވަލް ދައްކާލަމުން ރައިދާ ބުންޏެވެ.
އޭނާ އެންމެފަހުން ނެރުނު ރެޑީ ޓު ވެއާ ކަލެކްޝަނަށް ސްރީ ލަންކާ އާއި އޮންލައިން ވިޔަފާރީގައި ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ބުނިއިރު ދިވެހިންނާ ރައްޓެހި ސްޓައިލްތަކަކަށް އަބާޔާ ކަލެކްޝަނެއް ވެސް މިފަހުން އާންމުކޮށްފައިވެ އެވެ.
"އަސްލު މިއީ ވަރަށް އުނދަގޫ ކަމެއް. މާކެޓް ދަސްކޮށްގެން ކުރިއަށް މި ދަނީ. ހަމަ ބަހައްޓާފައި ކުރިއަކަށް ނުދެވޭނެ މި ދާއިރާއަކުން. އެހެންވީމަ ލަންކާ ނޫނަސް އަދި އެހެން ގައުމުތަކުގައި ވެސް ޝޯތަކުގައި ބައިވެރިވުން އެއީ ޕްލޭނަކީ،" ރައިދާ ބުންޏެވެ.
"މިހާރު ވެސް އެބަހުރި ބައިވަރު ޕްލޭންތައް ކުރިއަށް ރާވާފައި."
ރައިދާ އާއި އޭނާގެ އަމިއްލަ ޑިޒައިންތަކުގެ ވާހަކަ ދައްކާއިރު ރައިދާއަކީ ވެސް ވަރަށް ތަފާތު ކެރެކްޓާއެއްކަން ފާހަގަކޮށްލެވެ އެވެ.
"ރައިދާ ބޭނުންވާނެ ވަރަށް ޔުނީކުވާން. އައި އޭމް ވަރަށް ރައިދާއޭ ބުނާ ކަހަލަ. ރައިދާ ލާ އެއްޗެހި ވެސް ގަންނައިރު މީހުން ނުލާ ކަހަލަ އެއްޗެހި ލާން މަސައްކަތްކުރަން އަބަދުވެސް. ރައިދާ ލައިގެން ހުންނަ އެހެން މީހަކު ލައިގެން ހުންނަތަން ފެނިއްޖެ ނަމަ އަނެއް ދުވަހު އެ އެއްޗެއް ރައިދާ ނުވެސް ލާނަން،" ހިނިގަނޑަކާ އެކު ރައިދާ ބުނެލި އެވެ.