By: Ifraz Ali
ކުރީގެ މަޝްހޫރު ބަތަލާ ޖަމްޝީދާ އަހްމަދު އޭނާގެ އެންމެ ދޮށީ އަންހެން ދަރިފުޅުގެ ކައިވެންޏަށް، ކުޑަ ދުވަސްކޮޅަކަށް މާލެ އައިސް އުޅޭކަން އެނގުނު ހިސާބުން ފެށިގެން އޭނާގެ އިންޓަވިއުއެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވީ އެންމެ ފަހު ވަގުތުގަ އެވެ. އިންޓަވިއު ލިބޭ ގޮތްވީ އޭނާ މިހާރު ދިރިއުޅެމުން އަންނަ، މެލޭޝިއާ އަށް އެނބުރި ދިއުމަށް ފުރަން އޮތް ދުވަހު އެވެ. ފުރާ ވަގުތު ވެސް ކައިރިވެފައި އޮތުމުން، ބައްދަލުކޮށްލައި އިންޓަވިއު ނަގަން ފުރުސަތު ނުލިބުމުން ވާހަކަ ކުރިއަށް ގެންދިޔައީ ފޯނުންނެވެ.
ޖަމްޝީދާގެ މާ ބޮޑު ތައާރަފެއް ވެސް ބޭނުމެއް ނުވާނެ އެވެ. އެންމެން ވެސް ދަންނަ އަދި މިހާރު ވެސް އެތައް ބައެއްގެ ހިތުގައި ރަނިކަން ކުރަމުން އަންނަ ދިވެހި ސިނަމާގެ ރަން ތަރިއެކެވެ. މިހާރު ފިލްމީ ދާއިރާއާ ވަރަށް ދުރުގައި ހުއްޓަސް، އަދިވެސް މި މޫނު ހަނދާނެއް ނުނެތެ އެވެ. އޭނާ އަށް ބެލުންތެރިން ދިން ލޯބި އަދިވެސް އެގޮތުގައި އެބަ އޮތެވެ.
ފިލްމީ ދާއިރާ އަށް ތައާރަފުވުމުގެ ކުރިން އެންމެ ފުރަތަމަ ޖަމްޝީދާ ފެނުނީ 1996 ގައި ނިކުތް ވީޑިއޯ ލަވައަކުންނެވެ. ލަވަކިޔުންތެރިޔާ އަބްދުލް ޝަމީއު ކިޔާފައިވާ "ނުދާށެ ދޫކޮށްފައި ލޯބިވާ"، މި ލަވަ އިންނެވެ. އަހަރެމެންގެ ވާހަކަ ފެށުނީ މި ލަވައިގެ ހަނދާންތަކުންނެވެ.
ޖަމްޝީދާ ފުރަތަމަ ކުޅުނު ލަވަ "ނުދާށެ ދޫކޮށްފައި ލޯބިވާ".
"ވަރަށް ލަދުން ހުރެ ކުރި ކަމެއް އެއީ،" ފުރަތަމަ ވެސް ހިނިގަނޑެއް ޖަހާލައިފައި ބުނީ މިހެންނެވެ.
"އެ ލަވަ ކުޅުނީ ރައްޓެއްސަކު ބުނެގެން. އަސްލު މަޖަލަކަށް ކުރި ކަމެއް. ދެން އެކަމަކު ފަހުން ގިނަ ޗާންސްތައް ލިބެން ފެށީމަ ކުޅުނީ. އޭރު އެއްވެސް ޓްރެއިނެއް ވެސް ނޯވޭ. ޑައިރެކްޓަރުން ބުނާ ގޮތަށް ކުރަނީ. އެމީހުން ހިތްހަމަޖެހޭ ވަރަށް،" ފުރަތަމަ ލަވަ ކުޅެން ގޮސްފައި ވެސް، ލަދުން އެކަން ކުރަން ނުކެރިގެން އުޅުނު ކަމަށް ބުންޏެވެ.
އެހެން ހުއްޓައި 1997 ގައި ފުރަތަމަ ފިލްމު ކުޅުމަށް ފުރުސަތު ލިބުނު އެވެ. އެއީ ޑައިރެކްޓަރު އަމްޖަދު އިބްރާހިމްގެ "ލޯބީގެ އަނިޔާ" އެވެ. އެ ފިލްމުގައި ޖަމްޝީދާ ކުޅުނީ، ހުސެން ސޮބާހުގެ ކޮއްކޮގެ ރޯލެވެ. ހަމަ އެ އަހަރު، ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއިލް ވަޖީހާ އެކު ވެސް ޖަމްޝީދާ ފިލްމެއް ކުޅުނެވެ. "މާޒީ" ކިޔާ އެ ފިލްމަކީ އެ ދެމީހުން އެކީގައި ކުޅުނު ދެ ފިލްމުގެ ތެރެއިން ރިލީޒްކުރި ހަމައެކަނި ފިލްމެވެ.
ދިވެހި ފިލްމު "އަނާމާތް" ގެ ލަވައެއް.
"އޭރު ރާއްޖޭގައި ހުރި ނަންބަ ވަން ޑައިރެކްޓަރަކީ ޓެޑްރީ. އަހަރެން ހަމަ [ފިލްމީ ދާއިރާއަށް] ނިކުތްތަނާހެން އޭނާގެ ފިލްމެއް ލިބިއްޖެ،" އެއީ މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ "އަމާނާތް" އެވެ. ޖަމްޝީދާ އަށް އެންމެ ބޮޑު މަޝްހޫރުކަމެއް ލިބުނު އެއް ފިލްމަށް އެ ފިލްމު ވާނެ އެވެ. އެ ފިލްމުން 2007 ވަނަ އަހަރު އެންމެ މޮޅު އެކްޓްރެސްގެ ގައުމީ އިނާމު ވެސް ލިބުނެވެ. އެއީ އޭނާގެ ފުރަތަމަ އެވޯޑެވެ.
ޓެޑްރީއާއެކު، އޭރު އެންމެ މޮޅެތި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ފާތިމަތު ނަހުލާ އަދި އަބްދުލް ފައްތާހުއާ އެކު ވެސް މަސައްކަތްކުރަން ޖަމްޝީދާ އަށް ފުރުސަތު ލިބުނު އެވެ. އޭނާ އެންމެ އުފާވީ ވެސް ދާއިރާގައި ހޭދަކުރި ދިހަ ވަރަކަށް އަހަރު ތެރޭގައި، ކުޅަދާނަ އެ ތިން ޑައިރެކްޓަރުންގެ ފިލްމުތަކުގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބުމުންނެވެ.
މިހާތަނަށް 16 ފިލްމާއި 80 އަށް ވުރެ ގިނަ ވީޑިއޯ ލަވަ އަދި އެކި ޑްރާމާ ސިލްސިލާތައް ވެސް ވަނީ ކުޅެފަ އެވެ. ޖަމްޝީދާގެ މަސައްކަތްތަކަށް ބަލައި، ސަރުކާރުން ވަނީ އާންމު ހިދުމަތުގެ އެވޯޑު ވެސް 2004 ވަނަ އަހަރު ދީފަ އެވެ.
ޖަމްޝީދާ ކުޅުނު ވީޑިއޯ ލަވަ "ފިނި ފިނި ވާރެޔާ".
"އޭރުގައި މާ ބޮޑު ކޮމްޕެޓިޝަނެއް ވެސް ނޯވޭ. އެވޯޑެއް އެއްޗެއް ނޯވޭ. ފިލްމު ކުޅުން ހުއްޓާލިތާ ކައިރީގައި އެވޯޑު ބާއްވަން ފެށީ. އަހަރެމެން ހިތަކަށް ނާރާ އެކަކަށް ވުރެ އަނެކަކު މޮޅުވާން އެވޯޑެއް ލިބޭނެއޭ،" އެންމެންގެ މެދުގައި ވެސް ވަރަށް އެކުވެރި ގުޅުމެއް އޭރު އޮތް ކަމަށް ބުންޏެވެ.
ޖަމްޝީދާ ބުނީ ފިލްމު ކުޅުނުއިރު ގާތްކޮށް އުޅުނު ގިނަ މީހުންނާ މިހާރު މާ ބޮޑު ގުޅުމެއް ނޯންނަ ކަމަށެވެ. މިހާރު ވެސް އަދި ފިލްމު ކުޅުނުއިރު ވެސް އެންމެ ގާތް ރައްޓެއްސެއްގެ ގޮތުގައި ހުރީ ޑައިރެކްޓަރު ނަހުލާ ކަމަށް ބުންޏެވެ. -- ނަހުލާގެ ފުރަތަމަ ޑައިރެކްޝަން "ފަހުނޭވާ" ގައި ވެސް ޖަމްޝީދާ އުޅުނުވެ. -- މިފަހަރު އޭނާ މާލެ އައިސްގެން އުޅޭކަން ވެސް އެނގުނީ ނަހުލާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކުންނެވެ.
ޖަމްޝީދާ ފިލްމީ ދާއިރާއާ ދުރުވާން ފެށީ ދެ ވަނަ ދަރިފުޅު ލިބުނު ފަހުންނެވެ. އެ ދަރިފުޅު ލިބުނު ފަހުން ވެސް ފިލްމުތައް ކުޅުނުވެ. އެކަމަކު ސްރީ ލަންކާ އަށް ދިރިއުޅުން ބަދަލުކުރުމާއެކު، ފިލްމު ކުޅެން ވަގުތު ވާގޮތެއް ނުވި އެވެ. އެހެން ހުރެ މަޑުމަޑުން ދާއިރާއާ ދުރަށް ދަމުން، އެއްކޮށްހެން ދުރަށް ދިޔަ އެވެ.
ޖަމްޝީދާ ކުޅުނު ވީޑިއޯ ލަވަ "ކިޔާ ދީބަލާށޭ".
"ރާއްޖޭގައި ހުރި ނަމަ އަދިވެސް ފިލްމުތަކުން ފެނުނީސް ކަންނޭނގެ،" އެކަމަކު ޖަމްޝީދާ ދެން ފިލްމު ކުޅޭކަނަށް ބޭނުމެއް ނުވެ އެވެ. އޭނާގެ މުޅި ދިރިއުޅުން މިހާރު ބިނާވެފައި އޮތީ ހަތަރު ކުދިންނާއި ފިރިމީހާ އަދި އެ ދެމަފިރިން ކުރަމުން އަންނަ އަމިއްލަ ވިޔަފާރީގެ މައްޗަށެވެ.
އަމިއްލަ ވިޔަފާރީއެއް އެ ދެމަފިރިން ފެށީ ލަންކާގައި ދިރިއުޅުނުއިރު އެވެ. ރިސޯޓުތަކަށް ތަރުކާރީ އާއި މޭވާ ސަޕްލައިކުރާ ވިޔަފާރިއެކެވެ. "ނިއުޓްރިއާ ފުޑް" ގެ ނަމުގައި އަމިއްލަ ކުންފުންޏެއް އުފައްދައި، ފުރަތަމަ އެ މަސައްކަތް ފެށީ އަމިއްލަ ގޭގަ އެވެ. ފަހުން މެލޭޝިއާ އަށް ދިރިއުޅުން ބަދަލުކޮށް މި ވިޔަފާރި އިތުރަށް ފުޅާކުރި އެވެ. މި މަސައްކަތް ފުޅާކުރުމަށް މެލޭޝިއާގައި ބޮޑު ފެކްޓަރީއެއް ވެސް ހެދި އެވެ.
"މިހާރު މިކޮޅުގައި އަހަރެމެން ވަރަށް ބޮޑަށް ސްޕެޝަލައިޒްވެފައި އޮންނާނީ. ރާއްޖޭގެ މަޝްހޫރު ރިސޯޓުތައް ކަމަށްވާ ވަން އެންޑް އޮންލީ، ޝެރެޓަން، ވިލާ، ހިލްޓަން، ކޮންރާޑް، ޕާކް ހަޔަޓް، ޑަބްލިއު މޯލްޑިވްސް، އަމާރީ އަދި ދުސިތުތާނީ އަށް ސަޕްލައިކުރަން،" ކޮންމެ ހަފުތާއެކު 30-50 ޓަނުގެ އެއްޗެހި ސަޕްލައިކުރާ ކަމަށް ބުންޏެވެ.
ޖަމްޝީދާ ކުޅުނު ޑްރާމާއެއްގެ ތަންކޮޅެއް.
ދިމާވި ގޮތުން މިއީ މާބޮޑު އިންޓަވިއުއަކަށް ނުވިޔަސް އޭނާގެ ދިރިއުުޅުން މިހާރު އޮތް ގޮތާއި ފިލްމީ ދާއިރާއާ މެދު އޮތް ދުރުމިން އޭނާ ބުނެދިނެވެ.
ޖަމްޝީދާ އަދިވެސް އޭނާގެ ކުރީގެ ސިފަޔާ މާބޮޑު ތަފާތެއް ނެތެވެ. ޖަމްޝީދާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައިރު އޭނާގެ ރީތި އިސްތަށިގަނޑު ވެސް އެހާ މަގުބޫލުވި އެވެ. އެކަމަކު މިހާރު ބުރުގާ އަޅާފައި ހުރުމުން އެ ވާހަކައެއް ނުދެއްކޭނެ އެވެ.
ޖަމްޝީދާގެ ފޭނުން އަދިވެސް އުޅޭ ކަމަށް އޭނާ ގާތު ބުނުމުން އޭނާ ވަރަށް ހައިރާންވި އެވެ. އެކަމަކު އޭނާ ބުނީ ފިލްމީ ކަންކަމާ ވަރަށް ދުރު ކަމަށާއި މިހާރުގެ ދިވެހި ފިލްމުތައް ބަލަން ވަގުތު ނުވާތީ، މިހާރު ފިލްމީ ދާއިރާގައި އުޅޭ އާ މޫނުތައް ނުވެސް އެނގޭ ކަމަށެވެ.