6 Sep 2020

By: Ahmed Nadym

މި ދުވަސްކޮޅު ފިލްމެއް ނާޅުވައެވެ. "ހާޖަރާގެ ޑްރާމާއެއް" ފިޔަވައި އަމުދަކުން ދިވެހި ފިލްމުގަނޑަކަށް ޑިމާންޑެއް ވެސް ނެތެވެ. އެކަމަކު ރޭ ދަންވި ދަންވިހެން ހީވީ ސޯޝަލް މީޑިއާ އަށް "ނަހޫ އިސްޓައިލް" ގެ ދިވެހި ފިލްމެއް ތިލަވެ މިއިން ޒަމާނަކުވެސް ދިވެހި ސިނަމާއިން ނުފެންނަ ވަރުގެ ބޮޑު "ސީންއެއްގައި" ރާއްޖޭގެ މަޝްހޫރު ދެ ތަރިއަކު ޖެހި ކަނިތައް ބުރައި، ތަޅައި، އެކަކު އަނެކަކަށް ޝަހުސު އަންދައި އަޅިއަ އަށް ހަދަމުން ދިޔަ މަންޒަރެވެ. -- ފިލްމީ ބަތަލް މުހައްމަދު ޔުނާން އާއި "ބަބްލްސް" ގެ ނަމުގައި ދާއިރާ ފަތަހަކޮށްފައިވާ ބަތަލާ އައިމިނަތު ރިޝްފާ ރޭ ދަންވަރު ޖެހި ސަކަރާތަކާއި މި ހުތުރު ޒުވާބެއް ގޮސް ގުޅެނީ ޔުނާންގެ ހަގު ދަރިފުޅުގެ ބޭސްފަރުވާ އަށް އާންމުންނާއި ވިޔަފާރިވެރިން ދިން ދީލަތި އެހީތަކުން "އަޗާތަޅައި" "ހުސްކޮށްލި" ކަމަށް ބުނާ ތުހުމަތުތަކާ އެވެ.

ޕޮޕްކޯން ތަށިތައް އުނގަށް ލައިގެން މި "ޑްރާމާއެއް" ބަލަން ތިބި ވަރަށް ގިނަ ބަޔަކު ބުނަން ފެށީ ދަރިފުޅު ގޮވައިގެން ގޮސް މުލިއާގޭގެ ބޭރުގައި ޔުނާން ކުޅުނީ އޭނާގެ ފިލްމީ ހަޔާތުގައި ވެސް ނުކުޅޭވަރުގެ ޑްރާމާއެއް ކަމަށެވެ. އަދި އެކްޓިން ކެރިއަރުން ބްރޭކެއް ނަގައިގެން ކޯވިޑްގައި "އިންސާނިއްޔަތަށް މި ދުވަސްކޮޅު" މަސައްކަތްކުރާ ރިޝްފާ އަކީ ހަމަ އަސްލަށް ވެސް ބަތަލެއް ކަމަށެވެ.

އެކަމަކު ސުވާލަކީ، ޔުނާން އޭނާގެ ބަލިބަލި، އަދި އަހަރު ވެސް ނުފުރޭ އަންހެން ދަރިފުޅު ކޮނޑަށްލައިގެން ގޮސް އެ ކުޅުނީ ހަމަ އަސްލަށް ވެސް ޑްރާމާއެއްތޯއެވެ؟ ނުވަތަ މިއީ ރިޝްފާ އަމިއްލަ ޕްރޮޑިއުސްކޮށް، ލީޑްރޯލު ކުޅެ، އޭނާ އަމިއްލަ އަށް ޕްރޮމޯޓްކުރަމުން ގެންދާ ނޭއްގާނީ ފިލްމެއް ތޯއެވެ؟

މިހުރިހާ ސުވާލަކަށް ޖަވާބު ދޭނީ ޔުނާންގެ އަންހެނުން ފާތުމަތު ރިހުލާ އެވެ. އޭނާގެ ޖަވާބު ކުރުވެފައި ވަރަށް ސާފެއެވެ.

"މިއީ ރިޝްފާ ޖައްސައިގެން އުޅޭ ޕަބްލިކް ސްޓަންޓެއް. އޭނަ އެ ޖެއްސުންކުރަނީ އަޅުގަނޑަކަށް ޔުނާނަކަށް ނޫން. އޭނާ ޖެއްސުން އެ ކުރަނީ ސީދާ އަޅުގަނޑުމެންގެ މި ދަރިފުޅަށް. އެއީ މާދަމާ ވެސް ބޮޑުކަމެއް ޖެހިގެން އެހީއަކަށް އެދެން ޖެހޭނީ އާންމު ރައްޔިތުންގެ ގާތުން،" ފޯނުން މިއަދު ދިން އިންޓަވިއުއެއްގައި ރިހުލާ ކިޔައިދިނެވެ.

"އެކަމަކު މިކަހަލަ ވާހަކަ މިގޮތަށް ފަތުރާ ނަމަ އެއީ ވަރަށް ބޮޑަށް ދަރިފުޅަށް ކުރެވޭ ދަތިކުރުމެއް. ގަސްދުގަ އެނގިހުރެ އެ ކުއްޖާ އަށް ދަތިކުރުން އެއީ"

ބަތަލާ ރިޝްފާ: މި ދުވަސްކޮޅު ފެންނަނީ ކޯވިޑްގެ ފްރޮންޓްލައިނުގައި ބިޒީކޮށް އުޅޭ މަންޒަރު.

"ރިޝްފާގެ މި އޮތް ޒާތީ ހަސަދައެއް އެއްގޮތަކަށް ވެސް ނޭނގުނު އަޅުގަނޑަކަށް. އެކަމަކު އޭނަގެ އާންމުކަމެއް މިއީ. އެގޮތަށް ރިޝްފާ އެބަހުރި (ފިލްމީ ދާއިރާގެ ނަން މަޝްހޫރު އެހެން ތަރިންނާ ގުޅުވައިގެން ވެސް) ވަރަށް ހަޑި އެއްޗެހި ކިޔާފައި. ފިލްމީ ދާއިރާގައި މިގޮތަށް މީހުންނާ ޖައްސާލައިގެން އުޅުމުގެ މެއިން އެކަކު ރިޝްފާ އަކީ. މީހުންނާ މީހުން ޖެއްސުމާ، ފާޑުކިޔުމާ މީހުންގެ އަބުރުކަތިލަމުން ދުވާ މީހެއް އޭނަ އަކީ. މިއީ އެންމެނަށް ވެސް އެނގޭ ވާހަކައެއް".

ރިހުލާ ބުނަނީ މިއީ އޭނާގެ ކުޑަކުޑަ އާއިލާ އަށް ރިޝްފާ ފިލުވާލަމުންދާ ހަސަދަގަނޑެއް ކަމަށެވެ.

"ރިޝްފާ އަކީ ކިތަންމެ ރަނގަޅު މީހަކަށް ހެދިގެން އުޅުނަސް އެންމެނާ ޖައްސާލައިގެން އުޅޭ މީހެއް. އޭނަ އަށް ވުރެ ރީތި، އޭނަ އަށް ވުރެ ކުރިއަރައިގެން ގޮސް، އޭނަ އަށް ވުރެ ޑިމާންޑް ލިބިއްޖެ ނަމަ އޭނައަކަށް ހަޖަމެއް ނުވާނެ. މި ވާހަކަ ސީދާ ރިހޫ ބުންޏޭ ކިޔާފައި ލިޔުނަސް އަހަންނަށް އޯކޭ."

މިއީ ކޮން ގޮސިޕެއް؟ ވެގެން މި އުޅެނީ ކިހިނެއް؟

އެމީހުންގެ ދަރިފުޅު، ޔޫންގެ ހިތުގެ މައްސަލަ އަށް ބޭސްފަރުވާ ކުރަން އާންމުންގެ އެހީތެރިކަމާ އެކު ލިބުނު ފައިސާތައް "ތަޅައިބުރުވައި ހުސްކޮށްލި" ކަމުގެ ތުހުމަތެވެ. ދަރިފުޅުގެ ހާލު ކުއްލިއަކަށް ދެރަވެގެން ވަގުތުން ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހި އެވަރުގެ ތަނަވަސްކަމެއް ނެތް ކަމަށް ބުނެ އެންމެފަހުން ދަރިފުޅު ގޮވައިގެން ޒުވާން އެ ދެމަފިރިން އިންޑިއާ އަށް ދިޔައީ އާންމުންނާއި ވިޔަފާވެރިވެރިން ވެދިން އެހީތެރިކަމުގައެވެ.

ޔޫންގެ ހިތުގެ މައްސަލައާ ބެހޭ ގޮތުން ލިޔެފައިވާ "ދޯ" ގެ މި އާޓިކަލް ކިޔާލުމުން މި ކަމުގެ ބެކްސްޓޯރީ އަށް ފަސޭހައިން ވަދެވޭނެއެވެ.

ދަރިފުޅުގެ އެ އޮޕަރޭޝަން ކާމިޔާބެވެ. ނަމަވެސް ދެމަފިރިންގެ މައްޗަށް ކުރެވޭ ތުހުމަތުގެ މަންޒަރު ވަަރަށް ވެސް ހަޑިއެވެ. އަދި ބަތަލާ ރިޝްފާއާ އެކު ހިންގި "އޮންލައިން ޒުވާބު" އެންމެނަށް ފެނި ކުރެވެމުންދާ ތުހުމަތު ވެސް ވަރަށް ހަޑިއެވެ.

ނަމަވެސް ރިހުލާ މިއަދު ބުނީ ދަރިފުޅުގެ ބޭސްފަރުވާ އާއި އޭނާ އަށް މީހުން ހަދިޔާކުރި އެހީ އާއި ފައިސާ އިތުރު އެހެން ކަންކަމަކަށް ހޭދަނުކުރާ ކަމަށާއި ސޯޝަލް މީޑިއާގައި މީހުން ފަތުރަމުންދާ ވާހަކަތަކަކީ އަދި ވަކިން ހާއްސަކޮށް ރިޝްފާ ފަތުރަމުން ދާ ވާހަކަތަކަކީ ބުހުތާނު ދޮގު ކަމަށެވެ.

"ފުރަތަމަ މި ކަންތައްގަނޑު ހިލިގަތީ ފޭސްބުކް ޕޭޖެއްގައި ޖެހި ޕޯސްޓަކާ ގުޅިގެން،" އެންމެކުރިން ރިހުލާ ފަށައިގަތެވެ.

"އަސްލުވީ ގޮތަކީ، ރިހޫގެ ފްރެންޑަކު ހަދާފަ އިން، ސްކަލްޕްޗާ ކިޔާ ވަރަށް އަގުބޮޑު ޓްރީޓްމަންޓަކުން މިކަމެއް ހިލުނީ. ނަދާ ސެލޫން އިން ރައްޓެއްސަކު ނެގި އެ ޓްރީޓްމަންޓެއް ސަޅިވެގެން ރިހޫ އެ ވާހަކަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޖެހީ. އެ ޓްރީޓްމަންޓެއް ނަގައިގެން އޭނާ އަށް އައިސްފައި ހުރި ބަދަލު ސަޅިވެގެން އެ ޕޯސްޓް ޖެހީ. ރިހޫ ލާފަ އިން އެ ފޯޓޯ އަކީ އޭނަ ފޮނުވި ފޮޓޯއެއް. ރިހޫއެއް ނަހަދަން އެ ޓްރީޓްމަންޓެއް. ކަރަންޓީނު ނިންމާފަ އައިއިރުގަ ރިހޫ މިހިރީ ޑަބަލް ފަލަކޮށް،" ރިހުލާ ކިޔައިދިނެވެ.

އެހީގެ ގޮތުގައި ލިބުނު ފައިސާ އަށް ރިހުލާ ނެގި ކަމަށް ބުނާ އަގުބޮޑު ޓްރީޓްމަންޓަކީ ހަށިގަނޑު ހިއްކާލަދޭ ޓްރީޓްމަންޓެކެވެ.

"ދެން އަނެއްކޮޅުން ތަނެއް ކުއްޔަށް ހިފައިގެން އަނގަޔާ އަތާ ދިމާނުވެގެން އުޅޭއިރު އެވަރުގެ އަގުބޮޑު ޓްރީޓްމަންޓެއް ނަގާނެތަ. ނެގި ނަމަ މީހުންނަށް ވެސް އެނގޭނެ ދޯ. އަހަރެން ހުރިގޮތް މިހިރީ،" އެ ޓްރީޓްމަންޓް ނެގިނަމަ މިހާރު ހުރި ވަރަށް ފަލަކޮށް ނުހުންނާނެ ކަމަށް ބުނެ ވާހަކަ ދައްކަމުން ރިހުލާ ބުންޏެވެ.

ރިހުލާ ބުނީ ދަރިފުޅުގެ މެޑިކަލް ހަމަޖައްސަން އެހީ އަށް އެދުނީ އެވަރުގެ ތަނަވަސްކަން ނެތިގެން ކަމަށާއި އެހީގެ ގޮތުގައި ލިބުނު ފައިސާ ނަހަމަގޮތުގައި ބޭނުންނުކުރާ ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި އާންމުންނަށް ފެންނަ ގޮތަށް ބޭންކް ޓްރާންސެކްޝަން ޑީޓެއިލްތައް ވެސް ހާމަކޮށްފަ އެވެ.

"އަޅުގަނޑުމެން އެއްވެސް އިރަކު ނުބުނަން ދަރިފުޅަށް ލިބުނު އެހީގެ ފައިސާތައް ހުސްވެއްޖެއެކޭ ވެސް. އޭގެ ބާކީ ވެސް އެބަހުރި. މިހާރު ވެސް ދަރިފުޅުގެ ހުރިހާ ޚަރަދެއް މި ހަމަޖައްސަނީ އެ އެކައުންޓުން،" ރިހުލާ ބުންޏެވެ.

"ބުނެލަން ބޭނުންވަނީ ރިޝްފާ އެ ކުރާ ތުހުމަތު ގަބޫލުކުރާ މީހުންނާއި އަޅުގަނޑުމެން އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލަފާނެ ކަމަށް ގަބޫލުކުރާ މީހުން އަދި އަޅުގަނޑުމެންނަށް އެހީއެއް ދެވުނީތީ އެކަމާ ހިތާމަކުރާ މީހަކު ހުރި ނަމަ އެންމެ ރަނގަޅުވާނީ ﷲގެ ނަމުގޭ ހެޔޮ ހިތުންނޭ ކިޔާފައި މީހުންނަށް އެގޮތަށް އެހީނުވިއްޔާ. އަދި ހިތްހަމަނުޖެހިފައި ތިބި މީހުން ބޭނުން ނަމަ އެބަޔަކު ދިން އެހީއެއް އަޅުގަނޑު ދަރާވިކިގެން ވިޔަސް ރައްދު ކޮށްދޭން ތައްޔާރަށޭ މިހުރީ."

"މިހެން ކަންތައްތައް ވީމަ ވަރަށް ދެރަވޭ އަޅުގަނޑު. ކުޑަކުޑަ ކުއްޖެއްގެ ވާހަކަ މި ދައްކަނީ. މިއީކީ ސިދާ ޔުނާން ނުވަތަ އަޅުގަނޑަކާ ޖައްސާލައިގެން ބަޔަކު ކުރަމުންދާ ޖެއްސުމެއް ނޫން. މިއީ ސީދާ ދަރިފުޅަށް ކުރާ ޖެއްސުމެއް. މިއީ ހަމަ ހަސަދައިގެ މަތިން ހަސަދަލައިގެން ކޮށްފަ އިން ކަމެއް."

ބަތަލާ ރިޝްފާ: ޔުނާންގެ އާއިލާ އިން ބުނަނީ ފަތުރަމުންދާ ދޮގު ޚަބަރުގެ ފަހަތުގައި ހުރީ ރިޝްފާ ކަމަށް. އަދި ހިއުމެނިޓޭރިއަން ޖެކެޓެއް ލައިގެން ހުއްޓަސް އޭނާގެ ހިތެއް ނެތް ކަމަށް.

ރިޝްފާ ގޮވައިގެން ކޯޓަށް ވެސް ދާނަން!

ރޯ ބުހުތާނު ވާހަކަތައް ފަތުރައި "ސާބިތު ނުހިފޭ ވާހަކަތަކުން އަބުރުނަގައި ކަތިލަމުން ދާ މައްސަލާގައި" ރިޝްފާ ގޮވައިގެން ކޯޓަށް ދާން ނިންމާފައިވާ ކަމަށް ވެސް ރިހުލާ ބުންޏެވެ.

"ކިތަންމެ ދިގުދެމިގެން ދިޔަޔަސް މި މައްސަލައެއް ދުލެއް ނުކޮށްލާނަން އަޅުގަނޑު. އަސްލު އަޅުގަނޑުމެން ނުޖެހޭނެ ކޮންމެހެން މިގޮތަށް އާންމުކޮށް އެންމެނަށް ޑީޓެއިލްސް ދޭކަށް ވެސް. ބަޔަކު ހެޔޮހިތުން ދިން އެހީތަކެއް އެއީ. އެ އެހީތައް ބޭނުންކުރި ގޮތަށް ފެންނަން އެހެރީ. އަދި ބާކީ ފައިސާ ދަރިފުޅުގެ އެކައުންޓުގައި އެހުރީ،" ރިހުލާ ބުންޏެވެ.

"އަބުރުގެ ދައުވާކުރަން މި ވިސްނަނީ ރިޝްފާގެ މައްޗަކަށް އެކަންޏެއް ނޫން. މިހާރު، މި މައްސަލާގައި ކަން ހިނގި ގޮތް ބަލަން ބޭނުންވާ މީހުންނާއި އެނގެން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ދީފިން އަޅުގަނޑުމެން. އެކަމަކު މިހާރު މި ކަމެއް ބޮއްސުންލައިގެން މި ދަނީ ބަޔަކު ސީދާ މިކަމުގެ އަޑީގައި ތިބެގެން މިކަމެއް ހިންގާތީއޭ ބުނެލަންް ބޭނުންވަނީ."

"އަޅުގަނޑު ގަބޫލުކުރަނީ މިއީ ސީދާ ރިޝްފާ އަޑީގައި ހުރެގެން ކުރާ ކަމެއް ކަމަށް."

ރިހުލާ ބުނީ ދަރިފުޅުގެ ބޭސްފަރުވާ އަށް ލިބުނު ފައިސާ އަށް އެމީހުން "ޕާޓީކޮށް" އެޕާޓްމަންޓް ގަނެ" "ބިއުޓީ ޓްރީޓްމަންޓް" ނަގައި ހުސްކޮށްލި ކަމަށް ބުނާއިރު އެޕާޓްމަންޓަކަށް ބަދަލުވުމާއި އުފަން ދުވަސް ފާހަގަކުރުން އެއީ ދަރިފުޅަށް އާންމުން އެހީވުމުގެ ކުރިން ހިނގިކަންތައްތަކެއް ކަމަށެވެ.

"ރިޝްފާ ބުނެފަ އެބަހުރި ހެސްކިޔާފަ ޑިއުޓީ ފްރީ އިން އެއްޗެހި ގަނެލައިގެންނޭ ދިޔައީ. ޑިއުޓީ ފްރީ ޝޮޕަކުން ގަނެފަ އިންނާނީ އެންމެ އެއްޗެއް. އެއީ މަތިންދާބޯޓުގައި ދަރިފުޅު ބޭނުންކުރަންވެގެން ގަތް ސޮފްޓް ޕިލޯއެއް. އޭނަ އަށް އަރާމުކޮށްދޭން އޭނަ އަށް ގަނެދިން އެއްޗެއް،" ރިހުލާ ކިޔައިދިނެވެ.

"އަޅުގަނޑުމެން ފުރައިގެންދިޔައީ އެހީގެ ގޮތުގައި ލިބުނު ފައިސާ އިން ޑޮލަރު ގަނެގެން މާރުކޮށްގެނެއް ވެސް ނޫން. އެހީގެ ގޮތުގައި ލިބުނު ބަރާބަރު 1،110 ޑޮލަރު ހިފައިގެން އަޅުގަނޑުމެން ފުރީ. ދެން ބާކީ ހޮސްޕިޓަލް ޕޭމަންޓްސް ދެއްކީ ކާޑުންނާއި އޭޓީއެމް އިން އިންޑިއާ ރުފިޔާ ނަގައިގެން."

އެޕާޓްމަންޓެއް ކުއްޔަށް ހިފި ގޮތުގެ ވާހަކަ ވެސް އޭނާ ވަރަށް ދިގުކޮށް ކިޔައިދިނެވެ. ޔުނާން އާއި ރިހުލާ ދިރިއުޅެނީ އެމީހުންގެ އަމިއްލަ ދަރިފުޅުގެ އިތުރުން ރިހުލާގެ ކުރީގެ ކައިވެނިން ލިބުނު ދަރިފުޅު ވެސް ގޮވައިގެންނެވެ. އެމްޑަބްލިއުއެސްސީގެ ފަޔާ ޑީޕާޓްމަންޓްގައި މަސައްކަތްކުރާ ޔުނާނަށް ބައެއް މަސް މަހު 18-20 ހާހުގެ މުސާރައެއް ލިބޭއިރު ބައެއް ހާލަތްތަކުގައި 10،000ރ. ވެސް ލިބޭ ކަމަށް ރިހުލާ ބުންޏެވެ.

"އެއީ އާންމުކޮށް ކުއްޔާއި ކަރަންޓާއި ފެނާ ބިލްތައް ދައްކާ ލާރިއަކީ،" ރިހުލާ ބުންޏެވެ.

"އެންމެ ފުރަތަމަ އިނދެގެން އުޅުނީ ހަ ފޫޓު ހަ ފޫޓުގެ ކޮޓަރިއެއްގައި. ބައްޕަގެ ގޭގައި. ބައްޕަމެން ނިދަނީ އޭރު ސިޓިންރޫމުގައި. އެހާ ވެސް ކުޑަތަންކޮޅެއް އެ ގެއަކީ. އެތަނުގައި ތިބެފައި ދަރިފުޅަށް ބަލިވެ އިން ހިސާބުން ބަދަލުވީ ތަނެއް ކުއްޔައް ހިފައިގެން ދާން"

"ދެން ބަދަލުވީ އެންމެ ކޮޓަރިއަކަށް. ބިންމަތީގައި އަޅާ ދެގޮދަނޑި ފިޔަވައި އެއްވެސް ފާނީޗާއެއް ނުގެންދަން. މިކަހަލަ ހާލެއްގައި އުޅުނީ. އެކަމަކު މީހުންނަކަށް ނޭނގިދާނެ މިކަންކަމެއް. އެހެންވީމަ އެ ބުނަނީ ޑޯންޓް ޖަޖު އަ ބުކް ބައި އިޓްސް ކަވާއޭ."

"ކުރީގެ ކައިވެންޏަށް ލިބިފައިވާ ކުއްޖަކު އަޅުގަނޑާ އެކު އުޅޭތީ ކޯޓުން ލިބޭ 2000ރ. އެއީ ކެއިންބުއިން ހަމަޖައްސާ އެތިކޮޅު އާންމުކޮށް. އަނެއްކޮޅުން ޔުނާން ވެސް ޖެހޭނެ ކޯޓަށް 2000ރ. ދައްކަން ދަރީގެ ޚަރަދަށް،" ރިހުލާ ކިޔައިދެމުން ދިޔައެވެ.

ޔުނާން އާއި ރިހުލާ އެމީހުންގެ ދަރިފުޅު ޔޫންއާ އެކު.

އޭނާ ބުނީ އެހީ އަށް އެދުނީ ދަރިފުޅު އޮޕަރޭޝަން ކުރަން ޖެހޭ ހޮސްޕިޓަލަށް އާސަންދަ ހަމަނުޖެހިގެން އެ ޚަރަދު އަމިއްލަ އަށް ވަގުތުން ހަމަނުޖެހިގެންނެވެ.

"އެހީ އަށް އެދުނީ އަޅުގަނޑުމެންގެ އަތުގައި އެވަރަށް ނެތީމަ. ދަރިފުޅުގެ އޮޕަރޭޝަންކުރީ ޕްރައިވެޓް ހޮސްޕިޓަލެއްގައި. އެއީ ދަރިފުޅުގެ އޮޕަރޭޝަން އެއް ފަހަރު ކޮށްފަ ހުރި ޑޮކްޓަރު ފިޔަވައި އެހެން ޑޮކްޓަރަކަށް އެ ފުރުސަތު ދީގެން ރިސްކެއް ނުނަގަންވެގެންނާއި މި ކޮޅުން ލަފާ މަޝްވަރާކުރި ޑޮކްޓަރުން ވެސް އެގޮތަށް ލަފާ ދީފައިވުމުން."

ރިހުލާގެ މި އުދާސްތަކާއި ވާހަކަތައް ވަރަށް ވެސް ދިގެވެ. އޭނާ ބުނަނީ މި ހިތާމަ އާއި ހިތްދަތިކަމުގައި އުޅެމުން ދަނިކޮށް އޭނާގެ އާއިލާގެ އަބުރު ވެއްޔާ މޮޑެމުން ގެންދާ ރިޝްފާ އެއްވެސް ވަރަކަށް މިކަމުގައި ދުލެއް ނުދޭނެ ކަމަށެވެ. އަދި ރިޝްފާ އެ ދައްކާ ވާހަކަތައް އޭނާ އަށް ސާބިތުކޮށްދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ރިޝްފާގެ ބަހެއް ހޯދަން ފޯނަށް ގުޅި ފަހަރުތަކުގައި އޭނާގެ ފޯނު ވަނީ ނިއްވާލައިފައެވެ. ރިޝްފާ މި ދުވަސްކޮޅު ބިޒީކޮށް އުޅެނީ ކޯވިޑްގެ ފްރޮންޓްލައިންގެ ހިދުމަތުގައެވެ.

Popular