5 Oct 2021

By: Ahmed Jaishan

މައިމޫނާ ހުސައިން (މައެނާ) އަށް ގުރުއާންގެ އާޔަތްތަކާ މެދު ފުންކޮށް ވިސްނެން ފެށީ މަންމަ ބަލިވެގެން ހޮސްޕިޓަލުގައި އިން އިރު ގުރުއާން އަޑު އަހަމުން ގޮހެވެ. އޭގެ މާނައާ މެދު އިތުރަށް ވިސްނަމުން ގޮސް އޭނާ ހިތަށް އެރީ އާޓްގެ ގޮތުގައި އެންމެންނަށް މެސެޖު ދޭށެވެ. އެ ވިސްނުމާ އެކު، މައެނާއަށް އެންމެ ކަމުދާ އާޔަތްތަކާއި ކަލިމަތަކުގެ އިތުރުން އޭގެ މާނައަށް ބިނާކޮށް ކެލިގްރެފީ އާޓްތައް ތައްޔާރުކުރަން ފެށި އެވެ.

ބިލަބޮންގް ހައި ސްކޫލުގައި މިވަގުތު އާޓް އެންޑް ޑިޒައިން ކިޔަވައިދެމުން އަންނަ މައެނާ އަށް އާޓްސްގެ ތެރެއަށް ވަދެވުނު ގޮތް ވަނީ މީގެކުރީން ދޯ އަށް ކިޔައިދީފަ އެވެ.

މައެނާ އަކީ ތަފާތު އެކި އާޓް ފޯމްތައް އެކްސްޕެރިމެންޓުކޮށްފައިވާ ހުނަރުވެރިއެކެވެ. ނަމަވެސް ކެލިގްރެފީގެ ތެރެއަށް ވަދެވުނީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ.

View this post on Instagram

A post shared by Maimoona Hussain (@maena.arts)

"އަޅުގަނޑަކީ ކެލިގްރެފީ އެންމެ ކުރިން ހަދައި ވެސް އުޅުނު މީހެއްނޫން. އަޅުގަނޑު ހަދާނީ ސްކަލްޕްޗާ އާއި އެކި ކަހަލަ ޕެއިންޓިން އަދި އެ ވަގުތަކު ހިތްހަމަޖެހުން އެއްޗެއް،" މައެނާ ކިޔައިދިނެވެ.

މައެނާ މާސްޓާސް އަށް ކިޔެވި އިރު އޭނާ ވަނީ އިސްލާމިކް އާޓްސް އެ ކޯހުގެ މާއްދާއެއްގެ ގޮތުގައި ކިޔަވައިފަ އެވެ. އެހެންވެ އިސްލާމިކް އާޓްސްގެ ތާރީހު އޭނާއަށް ކޮންމެ ވެސް ވަރަކަށް އެނގެ އެވެ. އޭރު ކިޔެވި އިރު ވެސް ކެލިގްރެފީ އާއި އިސްލާމިކް އާޓް އަށް މައެނާގެ ބޮޑު ޝައުގުވެރިކަމެއް ހުއްޓެވެ. ނަމަވެސް 2018ގެ ކުރިން އެ މަސައްކަތެއް ނުކުރެ އެވެ.

"ކީރިތި ގުރުއާން އޭގެ މާނައާ އެކު އަޑު އިވިއިވި ޝައުގުވެރިކަން އުފެދުނީ. އޭރުގެ ހާލަތާ ގުޅިގެން އިތުރު ކްލޯސް ކަނެކްޝަނެއް އުފެދުނީ. ރީތިގޮތްގޮތަށް ގުރުއާން ލިޔަން އެނގުމަކީ ހުނަރަކަށްވާތީ، އެ ހުނަރު ކުރިއަރުވަން ބޭނުންވީ."

އެންމެ ކުރިން އެ މަސައްކަތް ފެށިއިރު އެންމެ ރީތިގޮތަކަށް ކެލިގްރެފީ ލިޔާނެ ގޮތެއް މައެނާއަކަށް ނޭނގެ އެވެ. ހޮޓެލް ޖެންގައި ބޭއްވި އާޓް އެގްޒިބިޝަނަކަށް މައެނާގެ އާޓްތައް އުފެއްދީ އިސްލާމިކް އާޓްސް އަށް ބިނާކޮށެވެ. ނަމަވެސް އެ މަސައްކަތް ކުރިން ކޮށްފައިވަނީ މިހާރު ކުރަމުން އަންނަ ގޮތަކަށްނޫނެވެ. އޭރު ގިނައިން އަމިއްލަ އަތުން ކުރެހުމުގެ ބަދަލުގައި ސްޓެންސިލް ކަފައިގެން ކުރެހުންތަށް ފަރުމާކުރި އެވެ.

ނަމަވެސް އެއަށް ފަހު ވެސް ކެލިގްރެފީގެ މަސައްކަތަށް މައެނާގެ ހިތުގައި އޮތް ލޯބި އަންނަނީ އިތުރު ވަމުންނެވެ. އަދި އެތައް ގަޑިއިރެއް ވަންދެއް ތަފާތު އާ ކެލިގްރެފީ އާޓްތައް އުފެއްދުމަށް ފަހު މައެނާގެ އެގްޒިބިޝަނެއް ވަނީ ދާދި ފަހުން ފަށައިފަ އެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 16ގެ ނިޔަލަށް އާޓް ގެލެރީގައި ކުރިއަށްދާ "ޑިވައިން ވާސެސް" އެގްޒިބިޝަނަކީ މައެނާގެ ކެލިގްރެފީ އާޓްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެގްޒިބިޝަނެކެވެ.

"މި އެގްޒިބިޝަންގެ ވެސް އެންމެ ބޮޑު މަސައްކަތަކީ އަމިއްލަ އަތުލިޔުމުން ފަރުމާކުރުން. އެކަމަށް ފުދޭވަރަކަށް ވަގުތު ހޭދަވި. އަދި ކޮން އާޔަތްތަކެއްތކުރެހުންތަކުގައި ދައްކުވައިދޭނީ ވިސްނަން ވެސް ވަގުތު ހޭދަވި،" މައެނާ ބުންޏެވެ.

ވީމާ މައެނާގެ ކުރެހުންތައް ފަރުމާކުރެވިފާ ހުންނާނީ މައެނާ އަށް ވަރަށް މުހިއްމު އަދި ޝައުގުވެރިވި އާޔަތްތަކާއި ލަފުޒުތަކުންނެވެ.

"ޔާސީން ސޫރަތުގެ ފަހަށް ދެވަނަ އާޔަތް ވެސް އޭގެތެރޭގައި ހިމެނޭ. މިއީ ވަރަށް ކަމުދާ އަދި ވަރަށް ކިޔާ ހިތުން ކިޔާލެވޭ އާޔަތެއް. އެކަހަލަ ގޮތްގޮތަށް، އަމިއްލަ ހަޔާތާ ވެސް ގުޅޭ ކަހަލަ އާޔަތްތައް ހުންނާނީ،" މައެނާ ބުންޏެވެ.

އެ އާޔަތްތަކާއި ކަލިމަތަކުން މައެނާ އަށް ލިބޭ އުއްމީދުތަކަކާއި ހިންހަމަޖެހުން ލިބެ އެވެ. އެހެންވެ މިފަހަރުގެ އެގްޒިބިޝަންގައި އެ އާޔަތްތަކާއި ކަލިމަތައް ބޭނުންކުރަން އޭނާ ބޭނުންވި އެވެ.

މިހާރު ކުރިއަށްދާ އެގްޒިބިޝަނަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ނަމަވެސް އާޓިސްޓެއްގެ ހައިސިއްޔަތުން މައެނާގެ އަދިވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ރާއްޖޭގައި އާޓިސްޓުންނާ މެދު އަދިވެސް ދެކެނީ ވަކި ގޮތަކަށް ކަމަށް މައެނާ ބުންޏެވެ.

"ކޮންމެ ގޮތަކަށް ބެލި ނަމަވެސް ކޮންމެ އާޓިސްޓެއް ވެސް ސްކިލް ޑިވެލޮޕްކުރަނީ ވަރަށް ބުރަ މަސައްކަތުން. އެއީ ބަލައިގަންނަން ޖެހޭ ކަމެއް،" މައެނާ ބުންޏެވެ.

View this post on Instagram

A post shared by Art Gallery Male' (Maldives) (@artgmle)

މައެނާގެ އާޓްގެ ބޭނުމަކީ އޭނާގެ ހުނަރު ދުނިޔެއަށް ދައްކާލުމުގެ އިތުރުން މިފަދަ ފަންނުވެރި ކަމަށް އޮތް ހޭލުންތެރިކަން އިތުރުކުރުމެވެ. އެގޮތުން އެގްޒިބިޝަން މެދުވެރިކޮށް ހުރިހާ ވައްތަރެއްގެ އާޓްތަކަށް ވެސް ސަމާލުކަން ހޯދައި އާންމުންގެ މެދުގައި ތަފާތު އާޓްތައް މެއިންސްޓްރީމްކޮށް މަގުބޫލުކަން ހޯދުމަކީ މައެނާގެ އުއްމީދެކެވެ.

ނޯޓް: އާޓް އެގްޒިބިޝަން އޮންނާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އާޓް ގެލެރީގަ އެވެ. އެގްޒިބިޝަން އާންމުންނަށް ހުޅުވާލާފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިން ފެށިގެން ރޭގަނޑު 7:00 އަށެވެ. އަދި ރޭގަނޑު 7:00 އިން ފެށިގެން 10:00 އަށް ވެސް އެގްޒިބިޝަން ހުޅުވާފައި ހުންނާނެ އެވެ. ހާއްސަ ހުއްދަ އެއްގެ ދަށުން ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އަށް ވެސް އެތަނަށް ވަނުމުގެ ފުރުސަތު އޮންނާނެ އެވެ.

Popular