26 Apr 2024

އިންތިޒާރުގައި - 22

އޭނާގެ ކުޑަކުޑަ އަތްކޮޅުން އަހަރެންގެ ގައިގަ ބައްދާލައިގެން އޮވެ ލޯމަރާލިއެވެ. އޭރު އަހަރެން ބިރުން ތުރުތުރު އަޅައެވެ. އަހަރެން މިދުނިޔެއާއި ވަކި ވެއްޖިއްޔާ މިމަންޖެއަށް ވާނީ ކިހިނެއް ހެއްޔެވެ؟

އިއްމަ ގުޅީ އަނެއްދުވަހުގެ ހެނދުނު އެވެ. އެމީހުން ސަލީނާމެންގެ ވިލެޖަށް ދަނީ ކަމުގައި ބުންޏެވެ.

"ފަހަރެއްގައި ނުގުޅި ދާނެ .. އެހިސާބުގައި ވައިފައި ވަރަށް ދަށްވާނެ!" ކައިވެނި ހަފްލާ އޮތީ ސަލީނާމެންގެ ވިލެޖްގައި ކަމުގައި ބުނެފައި އޭނާ ބުނެލިއެވެ.

"އަހަރުމެންނާއި ދޭތެރޭ ނުވިސްނާ .. ތި ކުރަން ދިޔަކަންތައް ކުރެވޭތޯ ބަލާ!" ވަރަށް ހިތްވަރު ކޮށްފައި އަހަރެން ވާހަކަ ދެއްކީމެވެ.

"ބަލާނަން ގުޅޭތޯ" ފޯނު ބާއްވަމުން އޭނާ ބުނެލިއެވެ.

ފޯނު ބޭއްވިއިރު ކަމުގެ ހަގީގަތް އަހަރެންގެ ސިކުނޑި ތެރެއަށް ވަދެއްޖެއެވެ. އަހަންނަށް ކުރަމުން މިދާ އިހުސާސްތައް ކިޔައިދޭނީ ވަކި ކާކަށް ހެއްޔެވެ؟ އަހަންނަށް އެހީތެރި ކަމުގެ އަތެއް ފޯރުކޮށްލަދެވޭނެ މީހަކު މިދުނިޔެ މަތީގައި ވޭހެއްޔެވެ؟ އެވަގުތު އަހަރެން ހިތަށް އެރީ ފާރިޝް އެވެ. އޭނާ މިހާރު ކޮބައިބާވައެވެ؟

އެންމެ ފަހުން އަލަމާރި ހުޅުވައިގެން އޭގެ ތެރޭގައި ފޮރުވާފައި އޮތް ކުޑަރުމާ ނެނގީމެވެ. އޭގާއި އަދިވެސް ވަރަށް ފަނޑު ފަނޑުކޮށް އެވަސް ހުއްޓެވެ. އަހަރެން ލޯމަރާލުމުން އޭނާ އަހަރެންގެ ކުރިމައްޗަށް އައި ކަހަލައެވެ.

އަނެއްދުވަހު ހޭލެވުނު އިރުވެސް އަހަރެންގެ ހިތުގައި ވަނީ ފާރިޝް އެވެ. އޭނާ ކޮބައިތޯ ބަލަން ދާހިތްވަނީއެވެ. އޭނާ އާއި ވާހަކަ ދައްކަން ބޭނުންވަނީއެވެ.

ހަވީރު ނޫރާ ފެންވަރުވާ ހަދާފައި ދޮންތަ ބަޔަށް ލާފައި އަހަރެން ބޭރަށް ނުކުތީމެވެ. ފާރިޝްގެ ގެ ހުންނަކަމަށް ބުނީ އޯކިޑް މަގުގައެވެ. އެހެންކަމުން އެދިމާލަށް މިސްރާބު ޖެހީމެވެ. އެމަގަށް ދެވުމުން އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. އަދި ކަނާތް ފަރާތު ޕޭވްމަންޓު މައްޗަށް އަރައިގެން ފަހަރަކު ނަން ބޯޑެއް ބަލަމުން ކުރިއަށް ދިޔައީއެވެ. އެހެންދަމުން ދަމުން ގޮސް އެމަގު ނިމޭ ހިސާބަށް ދެވުނު އިރުވެސް އޭނާ ބުނި ނަން ކިޔާ ގެޔެއް ލޮލުގައި އަޅައެއް ނުގަތެވެ. އޭރު އަހަރެން މުޅިން ދާ ހިތްލާ ފޯވެއްޖެއެވެ. ކަރު ހިއްކަން ފަށައިފިއެވެ. އެކަމަކުވެސް، ވަރަށް ހިތްވަރުކޮށްފައި މަގު ހުރަސްކޮށް އަނެއްފަރާތަށް ދިޔައީމެވެ. ހަމަ ކުރިއެކޭވެސް އެގޮތަށް ގެތަކުގެ ނަންބޯޑަށް ބަލަމުން ހިނގައިގަތީމެވެ. މާދުރަށް ނުދެވެނީސް އަހަންނަށް އެ ގެ ފެނުނެވެ. އެހިސާބުން އަހަރެންގެ ހިތް އަވަސްވެގަތެވެ.

އޭރު އެދިމާލު ޕޭވްމަންޓު މަތީގައި ފޯނުން ވާހަކަ ދައްކަން ބޭރު އަންހެނަކު ހުއްޓެވެ. އޭނާ ހިނގަމުންގޮސް އެގޭ ދޮރު ކައިރިއަށް ހުއްޓެމުން ވަރަށް ބާރަށް ހިނިގަޑެއް ޖަހާލަމުން އަދި އިހަށްވުރެވެސް ބާރަށް ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ ސަމާލުކަން އަހަންނަށް ލިބުނީ ކުޑަ އިރުކޮޅެއް ފަހުންނެވެ.

"މިގޭ މެޑަމް އުޅުއްވާތަ؟" އަހަރެން އަހާލީމެވެ. އޭނާ އަށް އަހަރެން ބުނި އެއްޗެއް އެނގުނު ހެނެއް ހިޔެއްނުވެއެވެ. މަޑުމަޑުން ފޯނު ދުރުކޮށްލާފައި ފާޑަކަށް ބަލަން ހުރީއެވެ.

"ފަރުޚާނާ މެޑަމް؟" ފާރިޝް މަންމަގެ ނަން އަހަރެން ބުނެލީމެވެ.

"އިންޑިޔާ.... އިންޑިޔާ ގޮއިން" އޭނާ ޖަވާބު ދިނެވެ. އިންޑިޔާއިން އޭނާ އާއި ގުޅޭނެ ނަމްބަރެއް އިނގޭތޯ އަހަރެން އަހާލީމެވެ.

އޭނާ ބޯ ހޫރާލަމުން އޭނާގެ އެންމެ ފުރަތަމަ ޖަވާބު ދިނީ ރަށުބަހުންނެވެ. އެއަށް ފަހު 'ނޭންގޭ" އެހެންބުނެލިއެވެ. އެހިސާބުން ދެން ހަދާނެ ގޮތަކާއި މެދު އަހަރެން ވިސްނާލީމެވެ. "ސާރ" އުޅޭތޯ އެހީމެވެ. އެޔަށްވެސް އޭނާ އިންޑިޔާ ބުނެ ޖަވާބު ދިނެވެ.

"ފާރިޝް؟" ވަރަށް ހިތްވަރުކޮށްފައި އަހަރެން އަހާލީމެވެ.

"ސާރ ސިކް... އޯލު އިންޑިޔާ ގޮއިން!" އަހަރެންގެ ސުވާލު މާގިނަވީމާ އެމީހާ ހިތްހަމަ ނުޖެހުނުކަން އޭނާގެ މޫނުމަތިން ދޭހަވާން ހުއްޓެވެ. އަހަރެން އިތުރު ސުވާލެއް ކޮށްފާނެތީ ފޯނުން ވާހަކަ ދައްކަމުން ގޭތެރެއަށް ވަނެވެ.

ސާރ ސިކްއޭ އެއަންހެން މީހާ އެބުނީ ފާރިޝް ގެވާހަކަ ބާވައެވެ؟ އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. އެނާގެ މަންމައާއި ބައްޕަ އިންޑިޔާއަށް ދިޔައީ ފާރިޝް ބަލިވެގެން ހެއްޔެވެ؟ ހިތް ބުނީ އެހެންނެވެ. އަހަރެން ފިނިވިއެވެ. އެހިސާބުން ފާރިޝް އަށްވެސް މިބަލި ޖެހިފައިވާކަން މުޅިން ޔަގީން ކުރެވުނެވެ. އެހިނދު އަހަންނަށް ކުރިއަށް ހިނގައިގަންނާނެ ހާ ހިތްވަރެއް ނުލިބުނެވެ. ހީވަނީ ދެފައި ކޮޅުން މުޅިން ވާގި ދޫވެފައިވާ ހެންނެވެ. އެންމެފަހުން އެހެން ދިޔަ ޓެކްސީ އަކަށް އަރައިގެން ގެއަށް އައީއެވެ.

އެރޭ އަހަންނަށް ހަމަ އެއްގޮތަކަށްވެސް ނުނިދުނެވެ. ހިތަށް ފެންނަނީ ފާރިޝް އެވެ. އޭނާ މިބަލީގައި ވަކިވެދާން އުޅެތީއެވެ. އަހަރެން އެހެން އޮވެ ކަރުނަ އެޅީމެވެ. އަޅެ އޭނާއާއި ގުޅޭނީ ކިހިނެއް ހެއްޔެވެ؟

އިއްމަ އޭނާގެ އާ ދިރުއުޅުމުގައި އުފާވެރިކޮށް އުޅެން ދޫކޮށްލާފައި އަހަރެން ފާރިޝްގެ ކައިރިއަށް ދިޔައިއްޔާ ވާނީ ކިހިނެތް ބާވައެވެ؟ އޭރުން އަހަރުމެން ދެމީހުން މިބަލީގައި ނިމިދަންދެން އެކަކު އަނެކަކަށް އަޅާލައިގެން އުޅޭނީއެވެ. އޭރުން ހަމަ ގައިމުވެސް މިހާރަށް ވުރެ އަހަރެން ހިތްހަމަ ޖެހޭނެ ކަން ހަމަ ޔަގީނެވެ.

އެހެނަސް އެކަން އަހަރެން ކުރާނީ ކިހިނެތްބާވައެވެ؟ ދެން އޮތް ގޮތަކީ އިއްމައަށް ތެދަށް ކިޔައިދިނުމެވެ. އޭރުން އޭނާ ހިތުން ރުހުމުން އަހަރެން ދޫކޮށްލަފާނެ ބާވައެވެ؟ އެހެންވާނެ ނަމަ ކިހާ ރަނގަޅުވާނެ ހެއްޔެވެ؟ ސަލީނާ ކައިރީ ބުނެގެން ފާރިޝް އަށްވެސް އަހަރެން މި ބޭނުންކުރާ ބޭސްތައް ހޯދައިދޭނީއެވެ. ހަމަގައިމުވެސް އަހަންނާއި ފާރިޝް އާއި ދެމީހުންނަށް އެކީގައި ދިރިއުޅުމަށް އިތުރު ހުރަހެއް ނުއޮންނާނެ ތާއެވެ.

އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އަހަރެންގެ އަމިއްލަ ސިކުނޑި ތެރޭގައި ޚިޔާލީ ފޮލާ ކައްކަމެވެ. ފާރިޝް އާއި އެކީގައި ހަޔާތުގެ ބާކީ އޮތް މަދު ދުވަސްކޮޅު އުޅޭނެ ގޮތުގެ ހުވަފެން ބަލަމެވެ.

އިއްމަ އެނބުރިއައީ ދިހަ ދުވަސްކޮށްފައެވެ. އަހަރެން ހީކުރި ގޮތާއި ޚިލާފަށް އޭނާއަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އޭނާ އަހަންނާއި މުޚާތަބު ކުރީ ހަމަ ކުރިއެކޭވެސް އެއްގޮތަށް ނުހަނު ލޯބިންނެވެ. ކައިވެނީގެ ވާހަކައެއް ނުދައްކައެވެ. އެހެންވެ އަހަރެންވެސް އެވާހަކަ އޮޅުން ފިލުވާކަށްވެސް ނޫޅެމެވެ. އޭނާ އެއައީ ކުރިއެކޭވެސް އެއްގޮތަށް އިންޑިޔާއަށް ދަތުރެއް ކޮށްފަޔޭ އަހަރެން ހިތަށް އަރުވާލީއެވެ.

އެރޭ ނޫރާ ނިންދަވާފައި އެނދުގައި އޮއްވާ އިއްމަ އައިސް ކައިރީގައި އޮށޯތެވެ. ކުރިއެކޭވެސް އެއްގޮތަށް އޭނާގެ ކޮޑުގައި ބޯއަޅަން އަހަންނަށް ޖާގަދިނެވެ.

"ލިޔު އަބަދުވެސް ހަނދާން ކުރާތި އަހަރެން ލޯބިވަނީ ލިޔު ދެކެކަން" އެނާ ބުނެލިއެވެ. "އިނގޭ ލިޔު ވަރަށް ވިސްނާނެކަންވެސް... އެކަމު އަހަރެން މިކަން މިކުރީ ހަމަ ލިޔުއަށްޓަކާ!"

"އެއީ؟" އޭނާ އެބުނީ ކީކޭ ކަމެއް އަހަންނަކަށް ނުވިސްނުނެވެ.

"އެއީ ލިޔުއަށް ތި ބޭނުންވާ ބޭހަށް އަހަރެން ދޭން ޖެހުނު އަގު!" އޭނާ ބުންދިނެވެ.

އޭނާ އެކަން ކުރީ ސަލީނާދައްތަގެ އެދުމުގެ މަތިން ކަމުގައި ބުންޏެވެ. އަދި އަހަރެން ބަލިވީއްސުރެ އޭނާ އެވާހަކަ ދައްކާ ކަމުގައި ބުނެދިނެވެ.

"އެންމެ ފަހުން ސަލީނާ ދައްތަ އަހަންނަށް ތުރެޓް ކުރީ... މިބުނީ އަނެއްހެން ބިރު ދެއްކި ވާހަކައެއް ނޫން.. އެކަމަކު ކަލަ ގޮވީ ..ދެއްކީ އޭނާ އެހާވަރުން ބޭސް ހޯދައިގެން ލިޔުއަށް ފޮނުވާ ހަދާ ވާހަކަ، ކޮންމެ ފަހަރަކު ބޭސް ހޯދަން ދަނީ ބޮޑު ރިސްކެއް ނަގާފައޭ... އެއީ އެމީހުން ވަރަށް ވަގަށް ކުރާކަމެކޭ" އިއްމަ އެހެން ބުނެފައި ފުންނޭވާއެއް ދޫކޮށްލިއެވެ.

އިއްމަގެ ވާހަކަތައް އަޑުއަހަން އޮތީމެވެ. އޭރުވެސް އަހަރެންގެ ވިސްނުން ހުރީ އިއްމަ އާއި މުޅިން ވަކިވާށެވެ. އޭނާގެ އާ ދިރިއުޅުމުގައި ހިތްހަމަ ޖެހިގެން އުފަލުގައި އުޅެން ފުރުސަތު ދީފައި އެއްކައިރިއަށް ޖެހިލާށެވެ. މިކަމުގައި ސަލީނާ ދައްތަގެ އެހީތެރިކަން ހޯދަންވެސް އަހަރެން ވާނީ ނިންމާފައެވެ. އެކަމަކު، އިއްމަ އެދެއްކި ވާހަކައިން އަހަރެން ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުވިއެވެ. އޭނާ އަހަންނަށް ޓަކައި އެވަރުގެ ގުރުބާނީއެއް ވީ ހިނދު އޭނާ އާއި ދުރަށް އަހަރެން ދާން ކިހިނެތް ހެއްޔެވެ؟ ދެން އޮތީ ކެތްތެރި ވުމެވެ. އޭނާ ސަޖޫ ދެކެ ލޯބިވެ، އަހަރެން މަތިން ފޫހިވަން ދެންނެވެ.

އެ ހަފްތާގެ ބުރާސްފަތި ދުވަހު ރިސޯޓަށް ދާ ވާހަކަ ބުނެފައި ނޫރާ ގޮވައިގެން ހިނގާށޭ އަހަންކައިރީ ބުނެލިއެވެ. މިވީހާތަނަށް އިއްމަ މަސައްކަތް ކުރަން އެކި ރިސޯޓު ތަކަށް ދާއިރު ދުވަހަކުވެސް އަހަރުމެން ގެންދާކަށް ނޫޅެއެވެ. އެހެންކަމުން އަހަރެން ވަރަށް އުފާވިއެވެ. ނޫރާއަށް ވަރަށް މަޖާވާނެތީއެވެ.

އަހަރުމެން ރިސޯޓަށް ދިޔައީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުއެވެ. އެއީ ނޫރާ އަލަށް ސްޕީޑް ލޯންޗަކަށް އެރި ދުވަހެވެ. އޭނާ އިނީ ވަރަށް މަޖާވެފައެވެ. ރިސޯޓުގެ ފާލަން މަތިން އެތާނގެ މެނޭޖަރާއި އަދިވެސް އެހެން މީހުންނާއި ބައްދަލުވިއެވެ. އެއިން ކޮންމެ މީހަކުވެސް ނޫރާއާއި މުޚާތަބުކޮށް ސަމާސާ ކޮށްލާ ހެދިއެވެ. އަހަރުމެންނާއި ދިމާވި ހުރިހާ މުއައްޒަފުންހެން ހިނިތުން ވެލަމުން މުޚާތަބު ކުރިއެވެ.

އަހަރުމެންނަށް ދިން ކޮޓަރި ތަޅުދަނޑި ލާފައި އޮތް ވަށް ލަކުޑިކޮޅުގައި އިނީ 84 އެވެ. އަހަންރެން ނޫރާ ކައިރީގައި އެއިޓް އާއި ފޯއާ އިންތަނެއް ހޯދަން ހިނގާށޭ ކިޔާފައި ހިނގައި ގަތީއެވެ. އެއީ ބޮޑު ރިސޯޓެކެވެ. ސާފު މޫދުގެ މަތިން ލާފައި ރަށަށް އަރަމުން ދިޔަ ތާޒާ ވައިރޯޅިތަކުން އަހަރެންގެ ސިކުނޑިއަށް އާދަޔާ ޚިލާފު އުފާވެރިކަމެއް ލިބެންފެށިއެވެ.

"ތެންކިޔޫ!" އިއްމަގެ އަތު މުލައްދަނޑީގައި ހިފާލަމުން އަހަރެން ބުނީމެވެ. އޭރު އޭނާ ދިޔައީ ނޫރާ އުރާލައިގެންނެވެ. އޭނާގެ ފަޔަށް ތަދުވެގެން ނުހިނގޭނެޔޭ ބުނިތާ އެތައް އިރެއްވެއްޖެއެވެ.

ކޮޓަރީގެ ބިއްދޮށް ފަރާތުން ގޮނޑުދޮށަށް ފައިބަން ހަތަރު ހަރުފަތުގެ ސިޑިއެއް ހުއްޓެވެ. ނޫރާގެ ކަމަކަށް ވީ އެތަނުން އަރާފައި ފޭބުމެވެ. އޭނާގެ ފަޔަށް ތަދުވި ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ. އިއްމަ އޭނާގެ މަސައްކަތައް ދިޔުމުން އަހަރުމެން ދެމީހުން މޫދަށް އެރި ގޮނޑުދޮށުގައި މަޖާކޮށް ހެދީއެވެ. އިރުއޮއްސުމުން އިއްމަވެސް އޭނާގެ މަސައްކަތް ނިންމާލާފައި އަހަރުމެން ކައިރިއަށް އައެވެ. ތިންމީހުން އެކީގައި ގެސްޓު ފިހާރައާއި އެކިތަންތަން ބަލާލަން ހިނގާލާ ހެދިއިރު ފެންނަ ކޮންމެ މީހަކަށްވެސް އަހަރުމެންނަކީ ވަރަށް އުފާވެރި އާއިލާއެއް ކަމުގައި ގަބޫލު ކުރާނެއެވެ.

އެއީ ހަނދުމަހެއްގެ ބާރަ ނުވަތަ ތޭރަ ވިލޭރޭއެވެ. އަހަރެން ނޫރާ ނިންދަވާފައި ބަލާލިއިރު އިއްމައެއް ފެންނާކަށް ނެތެވެ. އެހެންކަމުން އަހަރެން ނުކުމެ ހަރުފަތް މަތީގައި އިށީނީމެވެ. އެމާހައުލު އަހަރެން ހިތާ ކުޅެލިއެވެ. މާޒީ އާއި އެކުވެފައިވާ ހަނދުވަރު ދިން ރެއެއްގެ ތެރެއަށް ގެންދަންފެށިއެވެ.

"ލިޔު ކޯކު ބޯނަންތަ؟" ކޮޓަރި ދޮރު ހުޅުވާލާފައި އިއްމަ އަހާލިއެވެ. އަހަރެން އާނއެކޭ ބުނުމުން އެތެރެއަށް ވަދެ ދެތަށި ކޯކް ހިފައިގެން އައެވެ.

"ރީތި ރެއެއްދޯ!" އަހަންނަށް ކޯކު ތަށި ދީފައި އޭނާވެސް ހަރުފަތް މަތީގައި އިށީނެވެ. އޭނާގެ އަތުގައި ހުރިތަށިން އަހަންނަށް ދުވީ އެހެންވަހެކެވެ.

"ތިއީ ހުސް ކޯކެއް ނޫންދޯ؟" ވަގުތުން އަހަރެން ބުނެލީމެވެ.

އިއްމަ އިސްދަށަށް ޖަހާލިއެވެ. "މިހާރު އަބަދަކު ނުކުރަމެއްނު ދޯ... ޕުލީޒް ލިޔު ރުޅި ނާދޭ!" އޭނާ ބުނެލިއެވެ.

އަހަރެން ހިންދިރުވާލީމެވެ. "ރުޅިއެއް ނާދޭ ... އެކަމު ވަރަށް ދެރަވޭ ތިކަން ކުރާތީ!" އަހަރެން އޮޅުން ފިލުވައިދިނީމެވެ.

"މިހާރަކު ނުކުރަމޭ!... މާލޭގައި އެއްގޮތަކަށްވެސް ނުކުރަމޭ.. އެއީވެސް ހަމަ ލިޔުއަށްޓަކާ!" އޭނާ ވާހަކަ ދައްކަމުން އަހަރެންގެ ކޮނޑުގައި ހިފާ ގާތްކޮށްލިއެވެ.

"ކެރޭނެތަ މިގަޑީގައި މޫދަށް އެރެން؟" އިއްމަ އެހެންބުނި އަޑަށް އަހަރެން ސިހުނެވެ. އެއީ ފާރިޝް ވެސް އަހަންނާއި ދިމާލަށް ބުނި ޖުމްލައެކެވެ. އެރެއެކޭ އެއްގޮތަށް ބޯ ހޫރާލާފައި ނޫނެކޭ ބުނީމެވެ. އެޔާއިއެކު އޭނާ އަތުގައި ހުރި ތަށި ހުސްކޮށްލާފައި ބަހައްޓާފައި ތެދުވެ ލައިގެން ހުރި އެއްޗެތި ބޭލިއެވެ. ހުސް ބޮކްސާ ކޮޅަށް ހަދައިގެން އެދިޔަގޮތަށް ގޮސް މޫދަށް އެރުނެވެ. އެމަންޒަރު ބަލަން އިންދާ ވިލާގަނޑުގެ ތެރެއިން ހަނދު ނުކުތެވެ. އެޔާއިއެކު އަހަރެންގެ ޚިޔާލުތައް އެހެން ރަށެއްގެ ފާލަމަށް، އެހެންމީހަކު ކައިރިއަށް އުދުއްސައިގަތެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިޒާރުގައި

Popular