15 Jul 2024

ޝިއުނާ އޭނާގެ އަތުގައި ހިފަމުން މިއަދު ކިޔަން ޖެހޭނީ 'ލީވައިސް' އެއް ނޫނޭ 'ބުލޫސްޓަރ ފުޓްބޯލް ކުލަބު' އޭ މަޑުމަޑުން ބުނެލިއެވެ. އެވަގުތު ޒިލާލު އޭނާގެ ޓީޝާޓަށް ބަލާލިއެވެ. އަދި ޝިއުނާގެ މޫނަށް ބަލައިލާފައި ހީލިގޮތުން އޭނާ އެދެއްކީ ކޮންވާހަކައެއްކަން ޒިލާލުއަށް އެނގުނުކަން ޝިއުނާއަށް ޔަގީންވިއެވެ. އޭނާއަށް އެއްޗެއް ނުބުނެވެނީސް އެދިޔަގޮތަށް ގޮސް އާމިރާ ކައިރީގައި އިށީނީއެވެ.

ޑިންގީ ނައްޓާލުމާއިއެކު ޒިލާލު ގޮސް ޒުހުދާއާއި ޖެހިގެން އިށީނެވެ. ޝިއުނާއަށް ކުރިމަތިވާ ގޮތަށެވެ. އޭނާ ޝިއުނާއާއި ދިމާލަށް ބަލަން ފެށީ ލުއި ހިނިތުންވުމަކާއި ގެންނެވެ. އެވަގުތު ޝިއުނާގެ ތުންފަތަށް ވެރިވާން އުޅުނު ހިނިތުންވުން ކޮންޓުރޯލު ކުރެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ދާދި ދެންމެ އެދެމީހުންގެ ދެމެދުގައި ހާމަވެގެން އެދިޔަ ސިއްރުގެ ސަބަބުން އިތުރަށް ގުޅުން ބަދަހިވެގެން ހިނގައްޖެކަން އޭރު ޝިއުނާއަށް އިހުސާސް ކުރެވެމުން ދިޔައެވެ. ޒުހުދާ އާއި އާމިރާ ބަލަން ތިބީމާ ޒިލާލުއާއި ދިމާލަށް ބަލާފައި ހިނިތުންވާކަށް އޭނާ ބޭނުމެއްނޫނެވެ. އޭނާ ދުރުބެލޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ، އޭނާގެ ކުރިމަތީގައި އިން ޒިލާލު ، ހަމަ އެދުވަހެކޭ އެއްގޮތަށް ، އެއަށް ވުރެވެސް ކައިރިން، އިރުއިރުކޮޅާ ޝިއުނާއާއި ދިމާލަށް ބަލާކަން އޭނާއަށް ފާހަގަ ކުރެވެމުންދިޔައެވެ. ލޮލުގެ އެއްކަނުން، ވަރަށް ނޫންގޮތަކަށް އެމަންޒަރު ބަލަމުން ގެންދިޔައިރު، އޭނާގެ ހިތަށް ގޮތްނޭނގޭ ފޮނިމީރުކަމެއް ވަންނަމުން ދާކަން އިހުސާސް ކުރެވެމުން ދިޔައެވެ.

ވިއްސަކަށް މިނެޓްގެ ދަތުރަކަށްފަހު އެމީހުންގެ މަންޒިލަށް އާދެވުނެވެ. ރަށުގެ ގޮނޑުދޮށަށް ޑިންގީ ބީއްސާލުމުން ގެނައި ސާމަނު ހިފައިގެން އެންމެން ފޭބިއެވެ. އަންހެންވެރިން ރަށަށް ބޭލުމަށްފަހު މަހެއް ހޯދައިގެން އަންނާނަމޭ ބުނަމުން ޒިލާލުމެން ޑިންގީގައި ނައްޓާލިއެވެ. ގެނައި ސާމާނު ބަހައްޓާ ހަމަޖެހިލުމަށް ފަހު އާމިރާ ބޭނުންވީ ރަށް ވަށާ ހިނގާލަން ދާށެވެ. މާވަހަރެއް ފެނޭތޯ ހިނގާބަލާށޭ ބުނަމުންނެވެ. އޭގެ ދެއަހަރެއް ވަރު ކުރިން އެރަށު ގޮނޑުދޮށުން މީހަކަށް މާވަހަރެއް ފެނުނުކަމަށް އާމިރާ ޝިއުނާއަށް ކިޔައިދިނެވެ.

އާމިރާ ގާތަކުމަތިން ހިނގަމުން ގެންދިޔައީ ވަރަށް ފަރުވާތެރިކަމާއި އެކީގައި ބަލަމުންނެވެ. ބައެއް ފަހަރަށް ގުދުވެފައި ގާކޮޅެއް އަތަށްނަގާ ވަސް ބަލާވެސް ހަދައެވެ. އޭނާގެ އެއަމަލު އެހެންމީހުންނަށް ވަރަށް މަޖާވިއެވެ. އަހަރުމެންނަކީ އެކަހަލަ އެއްޗެއް ފެންނަވަރުގެ ނަސީބުވެރިންނެއް ނޫންކަމުގައި ސަލްވާ ބުނެލިއެވެ. އެއާއިއެކު ޝިއުނާ ދުވަހަކުވެސް މާވަހަރެއް ނުދެކޭކަމަށާއި ފެނުނަސް ނޭނގޭނެއޭ ބުނެލިއެވެ.

އެއީ މާބޮޑު ރަށެއް ނޫނެވެ. ގޮނޑުދޮށުގެ ބޮޑުބައިގައި އޮތީ ރާޅު ވެއްޔާއި އަކިރިއެވެ. ރަށުގެ އަނެއްފަރާތަށް ދިޔައިރު މާދުރުނޫން ހިސާބެއްގައި އެމީހުން އައި ޑިންގީ އަޅާފައި އޮއްވާ ފެނުނެވެ.

"ތިދެމީހުން ދެން ނާންނާނެ އިރު ހުއްޓަކައެއް!" ސަލްވާ ބުނެލިއެވެ.

ރަށްވަށާ ޖެހުނުއިރު އެންމެން ތިބީ ދާހިތްލާ ފޯވެފައެވެ. އެހެންކަމުން އެންމެންވެސް ފިނިކޮށްލުމުގެ ބޭނުމުގައި މޫދަށް އެރުނެވެ. އާމިރާ މޫދުގައި ހުރެގެން ފާޑުފާޑުގެ ވާހަކަ ދައްކަމުން ގެންދިޔައެވެ. ސަލްވާއާއި މުބީން އަދިވެސް އެއުޅެނީ ކައިވެނިކޮށްގެން ހަނީމޫނު ނިންމާނުލެވިގެން ކަމުގައި ބުނެ އޭނާ ސަލްވާއާއި ދިމާކުރިއެވެ.

އެމީހުން މޫދުގައި އަނގަތަޅަން ތިއްބާ ޒިލާލުމެން އެނބުރިއައެވެ. ޑިންގީ ގާތްކޮށްލުމާއިއެކު އެދިމާލުން ގޮނޑު ދޮށަށް މަހެއް އެއްލަމުން މަސްފިހަން ތައްޔާރު ކުރާށޭ ޒިލާލު ގޮވާލިއެވެ.

މޫދުން އަރާފައި ދަޅު ބޯން ހިނގާށޭ ކިޔާފައި ޒުހުދާ އެންމެންނަށް ދަޅު ބަހާލިއެވެ. ޒިލާލު ދަޅެއް ނަގައިގެން އައިސް އިށީނީ ޝިއުނާ އާއި ޖެހިގެންނެވެ.

" އޭ.... އަސްލު އިނގޭދޯ... ނޭނގޭ ކަމަށް ހެދުނީ؟" ޝިއުނާއާއި ދިމާލަށް އޭނާ މަޑުމަޑުން ބުނެލިއެވެ. އޭނާ އެދެއްކީ ކޮންވާހަކައެއްކަން ޝިއުނާއަށް ވިސްނުނީ ކުޑަ ހިނދުކޮޅެއް ފަހުންނެވެ. ޒުހުދާއަށް އެއަޑު އިވިގެން ކޯއްޗެއް ނޭނގޭކަމަށް ހެދުނީތޯ އަހާލުމުންނެވެ.

"ފަތަން... މިބުނީ ޝިއުނާއަށް ފަތަން ނޭނގޭކަމަށް ހެދުނީ ދޯއޭ" ޒިލާލު ބުނެލިއެވެ.

"ހީވޭ އިނގޭހެން ... އެކަމު ޔަގީނެއްނޫން.... ކުރިއަކުން" އެ ވާހަކަ ޒުހުދާ މެންނަށް އެނގެން ޒިލާލު ބޭނުންނުވީކަން ޝިއުނާއަށް ވިސްނުނެވެ. ޝިއުނާއަށް ހިނިތުންވެލެވުނެވެ. ޒިލާލުއާއި ހަތަރުކަޅި ހަމަ ވެގެން ދިޔަވަގުތު އަޒީމާބުނީ ތެދެކޭ ހިތަށްވަނެވެ. ޝިއުނާ ލަދުން އަވަހަށް އިސްޖަހާލިއެވެ.

"އޭނދަ ކާށީގައި މުޑި އިންނާނެދޯ" އެދިމާލުގައިވާ ގަސްތަކު ތެރޭގައި ފަޅާފައިވާ ކުޑަ ރުކެއް ދައްކަމުން ޝިއުނާ އަހާލިއެވެ. އޭނާގެ މަގްސަދަކަށް ވީ މައުލޫޢު ބަދަލުކޮށްލުމެވެ.

"އެކަމަކު ނުދާނެ... ރުއް މާ ބޮޑުވެފަ އޭނީ" ޒިލާލު ޖަވާބު ދިނެވެ. އަދި މުޑިކާށި ހޯދަން ދާން ހިނގާށޭ ބުނަމުން ތެދުވިއެވެ. އެނާ ކަތިވަޅި ނަގައިގެން ދާން ތައްޔާރުވިއެވެ . ޝިއުނާއަކަށް ތެދުވެގެން ދާކަށް ނުކެރުނެވެ. އޭރުން ޒުހުދާމެންގެ ހިތަށް އަރާފާނެ އެއްޗަކާއި މެދު ވިސްނަން އިނދެވުނީއެވެ. އެހެން އިންދާ ޒުހުދާ ދެން ދޭ ބަލާށޭ ބުނީމާ ޝިއުނާ ތެދުވެގެން ޒިލާލުގެ ފަހަތުން ހިނގައިގަތެވެ.

އެހެންމީހުންނަށްއަޑު ނީވޭ ހިސާބަށް ދެވުމާއިއެކު އެދުވަހު ފެރީގައި އެވަރަށް ހުނީ ކީއްވެގެންތޯ ޒިލާލު އަހާލިއެވެ. އެއީ އޭނާއާއި އަޒީމާއާއި ދެމީހުން އަމިއްލަ ވާހަކަ ދައްކާފައި ކަމުގައި ޝިއުނާ ބުނެދިނެވެ. އަދި އެއީ އޭނާ އެންމެ ފުރަތަމަ ޒުހުދާއާއި ބައްދަލުކުރަން ދިޔަ ދުވަސްކަމަށާއި އަޒީމާ އުޅުނީ ޒުހުދާގެ ގެ ހުންނަ ހިސާބެއް އޮޅުން ފިލުވާނެ ގޮތެއް ހޯދަން ކަމުގައި ޝިއުނާ ބުނެދިނެވެ.

"އަޒީމާ ބުނީ އޭނދަ ކަޅު ޓީޝާޓު ލައިގެން އިން ސޮރު ކައިރީ އަހަމާހޭ" ޝިއުނާ ހަދާލިއެވެ. އަދި އެކަމު އެމީހުންނަށް ވުރެ ކުރިން ފައިބައިގެން ދިޔައީ ނޫންހޭ ބުނެލިއެވެ.

"ދާނެއެއްނު! ތިދެމީހުން އަހަންނާއި ދިމާލަށް ބަލާފައި ހޭތީ ލަނދުން ގޮސް ހަލާކުވެފަ މައިނީ!" ޒިލާލު ބުނެދިނެވެ.

ދެމީހުން ވާހަކަ ދައްކަމުން، ވަލުން ދެތިން މުޑިކާށީ ހޮވައިގެން އެދިމާލުން ގޮނޑުދޮށަށް ނުކުތެވެ. އެމީހުންނަށް ގެންދާނީ އަހަރުމެން ކާނެ ވަރަކަށް ކައިފައޭ ޒިލާލު ބުނެލިއެވެ.

އެއީ އެންމެ ގިނައިން އަކިރި އެއްވެފައި އޮތް ހިސާބެވެ. ހިކިފައިވާ ގަސްގަނޑެއްގެ މަތީގައި އިށީދެ ،ޒިލާލު ކަތިވަޅިން ކާށީގެ ބޮނބިގަނޑު ނައްޓައް މަސައްކަތް ކުރާތަން ބަލަން ޝިއުނާ އިނެވެ. މަންމަ ދުނިޔޭގައި ހުރެ، އެރަށުގައި ދިރިއުޅެން ލިބުނުނަމަ އެނާވެސް އުޅޭނީ މިކަހަލަ ދިރިއުޅެއްބާވައޭ އޭރު ޝިއުނާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ ޒިލާލުކައިރީ އެހެން ބުނެލިއެވެ.

"ނަމަ ދޯ!..... އެހެންނަމަ ޝިއު ހިތަށް އަރާނެ ކަންނޭނގެ މާލެގައި ދިރިއުޅެވޭ ނަމައޭ" ޒިލާލު ކާށި ފަޅާލާފައި އޭގައިވާ މުޑި ދައްކާލަމުން ވާހަކަ ދެއްކިއެވެ. ދިރިއުޅުމުގައި ނަމަ ނަމަ އާއި ކުރިމަތި ނުވާ ދުވަހެއް ދައްކަބަލާށޭ އޭނާ ބުނެލިއެވެ. މުޑި ނައްޓާލާފައި އެއްބައި ޝިއުނާއަށް ދިއްކޮށްލަމުން، ގަސްގަނޑު މަތީ އޭނާވެސް އިށީނެވެ.

"ތިބުނީ ތެދެއް!" ޒިލާލު ބުނިއެއްޗަކަށް ވިސްނާލާފައި ޝިއުނާ ބުނެލިއެވެ.

އެއަށްފަހު އެދެވަހު ހެނދުނު ޒުހުދާ އޭނާކައިރީ ޒިލާލުއަށް ނަސޭހަތް ދޭށޭ ކިޔާފައި ދެއްކި ވާހަކަ ކިޔައިދިނެވެ.

"ޒުހު އަކަށް ނޭނގޭނެ ހަގީގަތެއް!" ޒިލާލު އެވާހަކަ ދައްކަން ފެށިއެވެ. އެކިޔާ މާލޭ މީހަކާ ގުރޭޝާއާއި ދެމެދު ގުޅުމެއް ހިނގިކަމަށް ގުރޭޝާ ވަނީ އޭނާގެ ކައިރީގައި އެއްބަސްވެފައިކަމަށް ޒިލާލު ބުންޏެވެ.

"އަހަންނެއް ނާހަން ކީއްތޯ ކުރީއެއް.. އެތަފްސީލު އަޑު އަހާކަށް ބޭނުމެއްނުވި... އެނގޭހާވެސް އެއްޗަކީ އެމީހުން މިރަށަށް ދަތުރުއައިކަން" ދުރު ބަލަހައްޓައިގެން އިނދެ އޭނާ ވާހަކަ ދައްކަމުން ގެންދިޔައެވެ. " އަހަރެން އަދިވެސް ވަރަށް ލޯބިވޭ އޭނަ ދެކެ... އެކަމަކު ދެން ކިހިނެއް އިތުބާރު ކުރާނީ؟ އަހަރުމެންނަކީ ރަށުން ބޭރުގައި މަސައްކަތް ކުރާ މީހުން...ކިހިނެތް އެނގޭނީ ދެންވެސް މީހަކު ފެނިގެން ނުދާނެކަމެއް؟" އޭނާ ޝިއުނާއާއި ދިމާލަށް ބަލާލިއެވެ.

ޒިލާލުގެ ވާހަކައަށް އެއްބަސް ވުމުގެ ގޮތުން ޝިއުނާ ބޯޖަހާލިއެވެ. އޭނާގެ މޫނުމަތިން ފެނުނު އަސަރުތަކުން އޭނާ އަދިވެސް އެކަމާ ވަރަށް ދެރަވާކަން ކިތަންމެ ރީއްޗަކަށްވެސް ޝިއުނާއަށް ދޭހަވިއެވެ.

"ޒުހު ހީކުރާހަ ރަނގަޅަކަށް އޭނާއަކަށް ގުރޭޝާއެއް ނޭނގެ." ޒިލާލު ބުނެލިއެވެ.

ޒިލާލު އަތުގައި އޮތް ކަތިވަޅި މައްޗަށް ކުޑަކުޑަ މުރަކަކޮޅެއް ލައިގެން އެއާއި ދިމާލަށް ބަލަން އިނެވެ.

"އެކަމު އެއީ ޒުހޫގެ ބެސްޓު ފުރެންޑޭ ބުނި ...ސްކޫލު އިރުއްސުރެ!"

ޒިލާލު ބޯޖަހާލިއެވެ. މިކަންމުން ސަލާމަތްވާން އެހާ އުނދަގޫވެގެން މިއުޅެނީ އެހެންވެގެން ކަމުގައި އޭނާ ބުނެލިއެވެ.

" ގުރޭޝާގެ ހުންނަ ވަރަކީ....އޭނާ ބޭނުންވާނެ ދެމީހުން އެކަނި މިރަށަށް އަންނަންވެސް... ސަލޫއާއި މުބީން އާއި ދެމީހުންވެސް ނީންނައިރު އެކަނި އަންނާނެ.. އެގޮތަށް މިނިވަންކޮށް ބައްދަލުކުރާށޯ... އެކަމަކު އެއީ އަހަރެން އުޅެން ބޭނުންވާ ގޮތެއްނޫން... އަހަރެން އަބަދުވެސް ބުނަން ކައިވެނި ކޮށްގެން އޭނގެ ފަހުން ތިދަތުރު ކޮށްފާނަމޭ"

ޒިލާލު އެދައްކަނީ ކޮން ވާހަކައެއްކަން ޝިއުނާއަށް ރަނގަޅަށް ވިސްނުނީ އެހިސާބުންނެވެ.

"ވެދާނެ އަހަންނަކީ މިޒަމާނަ ނުގުޅޭ ކަޓު ޚިޔާލު ހުންނަ މީހަކަށްވެސް އެކަމަކު އެއީ މަ ބޭނުންވާގޮތް!" އޭނާ އިތުރަށް އޮޅުންފިލުވައި ދިނެވެ.

"ނޫން ތިއީ ކަޓު ވުމެއްނޫން... ހެއްދެވި ފަރާތަށް ބިރުވެތިވުން" ޝިއުނާ ބުނެލިއެވެ.

އެހިސާބުން ޝިއުނާ އޭނާގެ ހަޔާތުގެ ސޮފުހާތަކުން ކުޑަމިންވަރެއް ޒިލާލުއާއި ހިއްސާ ކުރިއެވެ. ހައިޝަމްއާއި މާހުނާޒުގެ ވާހަކައެވެ. ހައިޝަމް ލަންކާއަށް ދިޔައީ އެއަންހެން ކުއްޖާ ގޮވައިގެންނޭ ބުނިއިރު އޭނާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ.

"ޒުހުއާއި އެކީގައި މިރަށަށް އަންނަން ނިންމީވެސް ހަމަ އެހުރިހާ ޚިޔާލުތަކާ ދުރުވެވޭތޯ!" ޝިއުނާ ބުނެލިއެވެ. އަދި އޭނާ އައީ މަންމައާއި ބައްޕައަށް ދޮގު ހަދާ އޮޅުވާލާފައި ކަމަށްވެސް ކިޔައިދިނެވެ. ކާފަގެ ފޯނުކޯލުން ފެށިގެން އޭނާގެ ބައްޕަ އޭނާ ނުފޮނުވާން އުޅުނު ވާހަކައަށް ދަންދެން ކިޔައިދިނެވެ.

"އަސްލުވަރަށް ބިރުން މިހުންނަނީ ބައްޕަމެންނަށް ފަޅާ އަރާފާނެތީ... މިކަހަލަ ކަމެއް ދުވަހަކުވެސް ނުކުރުން!" އެވާހަކަތައް ދުލުން ބޭރުކޮށްލެވުނީމާ ޝިއުނާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ލުއިވެގެން ދިޔަކަން އިހުސާސް ކުރެވުނެވެ. އޭނާ ވަގަށް އައިކަން ޒުހުދާ ކައިރީގައިވެސް ނުބުނަމޭ ނުތަނަވަސް ކަމާއިއެކު ބުނެލިއެވެ.

"ހާސްނުވޭ! އަހަރެންގެ ފަރާތުން އެކަކަށްވެސް ނޭނގޭނެ!" ޒިލާލު ޔަގީންކަން ދިނެވެ. އަދި އޭނާ ގުރޭޝާ އާއި ބެހޭގޮތުން ދެއްކިވާހަކަ ތައްވެސް ސިއްރުކޮށް ދިނުމަށް އެދުނެވެ.

"ހާދަ އިރެއްވީ!" އެމީހުން ފެނުމާއިއެކު ޒުހުދާ ބުނެލިއެވެ. އާމިރާގެ މޫނުމަތިން ފެނުނީ ލާނެއް ހިނިތުންވުމެކެވެ. މުޅިރަށުގައި އަތް ފުނާ އަޅައިގެން ލިބުނީ އެންމެ ދޭތި ހެއްޔޭ އޭނާ އަހާލިއެވެ.

"ކަލޭ މެންނަކަށް ނުކެރުނު ވިއްޔަ އަންނާކަށް! ރަނގަޅުނެއްނު ދޭތިވެސް ގެނައިކަން" ޒިލާލު ބުނެލިއެވެ.

ޝިއުނާ ނުތަނަވަސް ވިއެވެ. ޒުހުދާގެ މޫނުމަތިން އޭނާ ހިތްހަމަ ނުޖެހިފައި ހުރިހެންހީވާތީއެވެ.

"ބުނީމެއްނު ނަސޭހަތް ދޭށޭ... އެކަން ވޭތޯ ބެލީ" އޭނާ ގޮސް ޒުހުދާ ކައިރިއަށް ހުއްޓެމުން ބުނެލިއެވެ. އެޔާއިއެކު ޒުހުދާ ހިނިތުންވެލަމުން ޝިއުނާގެ ކޮނޑުގައި އަތްޖައްސާލިއެވެ. އޭނާ ގޮވައިގެން ތަންކޮޅެއް ދުރަށް ޖެހިލާފައި ބޭބެ ބުނީ ކީކޭތޯ އަހާލިއެވެ.

"ބުނީ ހަމަ އަދިވެސް ވަރަށް ލޯބިވެޔޯ...."

"އަދި ކިރިޔާ ކަންނޭނގޭ ބޭބެގެ ބޮލަށް އެއްޗެއް ވައްދައިދެވޭ ވަރުގެ މީހަކާ މިދިމާވީ! މަށަށް ކަމެއްކޮށް ދެންޏާ އެދެމީހުން އަލުން ގުޅުވައިދީ!"

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular