31 Jul 2024

އުނދޯލި މަތީގައި ކޮފީތަށި ބަހައްޓާފައި، އެކުއްޖާގެ ފަހަތުން ޝިއުނާ ނުކުތްއިރު ޖޯލިފަތީގެ އެކޮޅުގައި ގުރޭޝާ ހުއްޓެވެ. ޝިއުނާ ފެންނައިރަށް ހިނިތުންވެލާފައި ހަނާ އަޅާލިއެވެ. ޝިއުނާ އޭނާގެ ކައިރިއަށް ދާން ހިނގައިގަތީ ދެ ޚިޔާލުގައި ހުރެފައެވެ.

"ވާހަކަ ދައްކާލަން ބޭނުން" ޝިއުނާ ގޮސް އޭނާގެ ކައިރިއަށް ހުއްޓުމުން އޭނާ ބުނެލިއެވެ.

"އޯކޭ!" ޝިއުނާ ބުނެލިއެވެ.

އެއާއިއެކު މިތާކު ނޫނޭ ބުނަމުން އޭނާ ހިނގައިގަތެވެ. އޭނާކައިރީ ހުރި ކުޑަ ފިރިހެން ކުއްޖާގާތު ކޮއްކޮ ގެއަށް ދާށޭ ދައްތަ މިދަނީއޭ ބުނެ ފޮނުވާލިއެވެ. ގުރޭޝާ ގޮސް ވަނީ ޖެހިގެން އޮތް ހަނި ގޯޅިއަށެވެ. ގޯޅީގެ މެދަކާއި ހިސާބަށް ގޮސްފައި އޭނާ ހުއްޓުނެވެ.

"އިނގޭދޯ ޒިލާއާއި އަހަންނާއި މައްސަލަ ޖެހިގެން އުޅޭކަން؟" އޭނާ ފެށިއެވެ. ޝިއުނާ އާނއެކޭ ބުނަން ބޯޖަހާލިއެވެ. ގުރޭޝާ އޭނާއާއި ކިތަންމެ ވާހަކައެއް ދެއްކިއަސް އޭނާއަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއޭ އޭރު ޝިއުނާ ހިތަށް އަރަމުން ދިޔައެވެ. ގުރޭޝާ ލާފައި ހުރި ނޫކުލައިގެ ހެދުމާއި އެއާއި ގުޅޭކަހަލަ މާޖެހި ބުރުގާއަށް ޝިއުނާ ސަމާލުވިއެވެ. އޭރު އޭނާއަށް ހުރެވުނީ ކުލަގޮސްފައިވާ ގަދަ ނޫކުލައިގެ ޓީޝާޓަކާއި ހަރުވާޅެއްލައިގެންނެވެ. ގުރޭޝާއަކީ ރީތި އަންހެން ކުއްޖެކޭ ހިތަށް ވައިން ވަގުތު ޝިއުނާ ވަރަށް ބޮޑަށް ނުތަނަވަސް ވާން ފެށިއެވެ.

"އޭނާ މިފަހަރު ރަށަށް އައިސް އަހަންނާއި ވާހަކަ ދައްކަންފެށި... މަޑުމަޑުން ރަނގަޅު ވަމުން އައީ.. އަހަންނަށް ކުރެވުނު ކަންތަކަށް މަޢާފުކޮށްފީމޭވެސް ބުނި.. އެހެންހުއްޓާ ކަލޭ ތިއައީ"

ގުރޭޝާ ކަލޭ އޭ ކިޔާފައި މުޚާތަބު ކުރުމުން ޝިއުނާއަށް ވަރަށް އުނދަގޫވެގެން ދިޔައެވެ. ގުރޭޝާ އޭނާއަށް ނަފްރަތު ކުރަނީކަން ވިސްނުނެވެ.

"ޒިލާ ކަލޭ އަތުގައި ހިފައިގެން މުޅި ރަށުގައި އެހިނގީ އަހަންނަށް ދައްކާ ، އަހަރެން ދެރަކުރަންވެގެން... ރަށު މީހުންކައިރީގައިވެސް އޭނާއަށްވެސް މާލޭ ކުއްޖަކު ވެދާނެއޭ ކިޔާފަ ... އެންމެންނަށް ދައްކަން" އެހިސާބުން ގުރޭޝާގެ އަޑު ކުރަކިވިއެވެ. އޭނާ ދެލޯ ފޮހެލިއެވެ.

"އާދޭސްކޮށްފައި މިބުނަނީ ޒިލާ އަހަންނަށް ދޫކޮށްލާ!" އޭނާ ބުނެލިއެވެ.

ޝިއުނާ ދެލޯ ބޮޑުވިއެވެ. ހަމަ އެވަގުތު އޭނާ ހޭން ފެށިއެވެ. ތިހެން ތިބުނީ ކީއްވެގެންތޯ އަހާލިއެވެ.

"އަހަރެންގެ ހިތް ބުނަނީ މިހާރު ޒިލާ ޝިއުނާދެކެ ލައިކްވާން ފަށައިފިއޭ... ދަތުރުގޮސްވެސް ދެމީހުން އެކީގައި އެކަނި ވަގުތު ހޭދަކުރީމެއްނު!" އޭނާ ބުނެލިއެވެ.

ޝިއުނާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއާއި ހަމައަށް އެވާހަކަތައް އެ ގެންދިޔައީ ކާކު ބާވައެވެ؟

"ގުރޭޝާއަށް ވަރަށް ބޮޑަށް އޮޅިފަ ތިހިރީ.. އަހަރެން މާދަން މިރަށުން ފުރައިގެން ދާނަން .. އަހަންނާއި ޒިލާއާއި ތިބުނާކަހަލަ ގުޅުމެއް ނޫން އޮތީ.. އެއީ ޒުހޫގެ ބޭބެ ވީމާ ... އެ ހައިސިއްޔަތުން އަހަރެން ދެކެނީ" އެހެންބުނަމުން ޝިއުނާ ހިނގައިގަތެވެ.

"ހާސްނުވޭ! އަހަރެން ނޫޅެން އެކަން ކުރާކަށް" ފަސް އެނބުރިލާފައި ޝިއުނާ އިތުރުކޮށްލިއެވެ. އޭރު އޭނާގެ ހިތް ނުތަނަވަސް ވާން ފަށައިފިއެވެ.

ގެއަށް އައިގޮތަށް ޝިއުނާ އަނެއްކާވެސް ގޮސް އޮށޯތީއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. ޒިލާލު އޭނާއާއި ގަޔާވެޔޭ ހީކުރެވުނީތީ އަމިއްލެއަށް ލަދުގަތެވެ. އެތައް އަހަރެއްގެ ތެރޭގައި އުފެދި އާރާސްތުވެފައިވާ ލޯތްބެއް ހަމަ އެންމެ ދެތިން ދުވަހުން ބިމާ ހަމަކޮށްނުލެވޭނެ ކަން ޝިއުނާއަށް ވެސް އިނގެއެވެ.

އަނެއްދުވަހު ހެނދުނު ހޭލިއިރުވެސް ޝިއުނާގެ މޫޑު ރަނގަޅެއް ނުވެއެވެ. އޭނާ ނުކުމެ ކޮފީ ބޯން އުނދޯލީގައި ޖައްސާލިއެވެ. އެދުވަހު އޭނާ ހިނގާލަން ނުކުންނަ ހިތެއްވެސް ނުވިއެވެ. އޭނާ މަންމައަށް ގުޅާލީމާ ދިހައެއް ޖަހާއިރު ބައްޕަފުރުއްވާ ކަން އެނގުނެވެ. ޝިއުނާ ކުޑަކޮށް ހަމަ ޖެހުނެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް އެނބުރި ދާށެވެ. އޭނާ ދެން ގުޅީ އަޒީމާއަށެވެ. އަޒީމާއާއި ވާހަކަ ދައްކާ ނުލެވޭތާވެސް ދެދުވަސް ވީއެވެ. އަޒީމާ އެކިއެކި ސުވާލު ކުރިއެވެ. ޒިލާލު ކޮބާއިތޯވެސް އެހިއެވެ. އޭނާ މާލެ ގޮސްފައި ހުރިހާ ވާހަކައެއް ކިޔައިދޭނެ ކަމުގައި ބުނަމުން ފޯނު ބޭއްވީއެވެ.

ޒިލާލު ތެދުވެގެން އައީ އެމީހުން ސައިބޮއެ ނިމުނުތަނާއެވެ. "ދެން ތިދަނީދޯ!" ޝިއުނާ ފެނުމުން އޭނާ ބުނެލިއެވެ. ޝިއުނާ އާނއެކޭ ބުނެލިއެވެ. ޒިލާލުގެ މޫނަށް ނުބަލާ އިނދެއެވެ. އެރަށަށް ދާއިރު ގޮސްދޭން ވީތޯ ޒިލާލު އަހާލިއެވެ. ޝިއުނާ ދެކޮޑު އަރުވާލިއެވެ. އޭރުން އަނެއްކާ ބޮޑު އުނދަގުލަކަށް ނޫންހޭ ވާނީ ބުނެލިއެވެ.

"ނޫން އެއްގޮތަކަށްވެސް ތިހެން ހީ ނުކުރޭ... އަހަރެން ނުދާ ރަށެއް އެއީ... އެހެންވީމާ ބޭނުން ބަލައިލަން ދާން" ޒިލާލު ބުނެލިއެވެ. އެޔާއިއެކު ޝިއުނާ އުފާވިއެވެ. އޭނާއަށް ހިނިތުންވެލެވުނެވެ. ވަގުތުން އޭނާގެ ބައްޕައަށް ގުޅާފައި އެމީހުން ގޮވައިގެން ދާން ހަމަޖެއްސިއެވެ.

ޒިލާލު ދާން ހުއްޓަކަސް ޒުހުދާ އެހާ ދާކަށް ބޭނުމެއްނުވިއެވެ. އޭނާ ވަރަށް ބޮލުގައި ރިއްސާ ދުވަހެކޭ ބުނެލިއެވެ. އަދި ބޭބެ ދާން ބޭނުމިއްޔާ ގޮސްލާށޭ ބުނެލިއެވެ.

ފަހުން ޒުހުދާ އެކަނި ހުއްޓާ ޒިލާލު އޭނާގެ ކައިރިއަށް ދިޔައެވެ. އަދި ހިނގާބަލާށޭ ބުނެލިއެވެ.

"ކުރީ ރޭ ހޮސްޕިޓަލުގައި އިންދާ އިވުނު ވަރަށް އެހެންކަހަލަ ވާހަކައެއް.. އެހެންވެ އެވަރަކުން އަހަރެން ދާން މިއުޅެނީ" ޒިލާލު ކިޔައިދިނެވެ. އެހެންނޫނަސް އޭނާ އެކަނި ދިޔައީމާ ޝިއުނާގެ ބައްޕަ އެއްޗެކޭ ހީކޮށްފާނެއޭ ލާނެއްގޮތަކަށް ހީލަމުން ބުނެލިއެވެ.

އެއީ ކޮންވާހަކައެއްތޯ ޒުހުދާ އޮޅުން ފިލުވަން ބޭނުންވިއެވެ. އެވާހަކަ ކިޔައިދޭނީ އެރަށް ގޮސްފައި އައިސް ކަމުގައި ޒިލާލު ބުންޏެވެ. އެންމެފަހުން ޒުހުދާވެސް ދާން އެއްބަސްވިއެވެ.

ޝިއުނާ ފުރަތަމަ ނިންމައިގެން ހުރީ އެކީ އެކައްޗަކަށް ހުރިހާ އެއްޗެއް ހިފައިގެން އެރަށުން ފުރާށެވެ. އެހެންނަމަވެސް ޒުހުދާމެން ދާތީ ހަމަ އެކަނި ބެކްޕެކް އަޅުވައިގެން އޭނާ ނުކުތެވެ. އެމީހުންނަށްވުރެ ކުރިން ޒިލާލު ހުރީ ގޮސް ފާލަން މަތީގައެވެ. އޭނާ ބެކްޕެކެއް އަޅުވާފައި ހުރިތަން ފެނިގެން ޒުހުދާ ސުވާލު ކުރިއެވެ.

"ކުރީ ދަތުރުގައިވެސް ދިގުއެއްޗެއް ނުގެންދެވުނީމާ ހާދަ އުނދަގޫވިއޭ... މިސްކިތުން މުންޑު ނަގައިގެން ނަމާދަށް އަރަން ޖެހުނީ" ޒިލާލު ބުނެދިނެވެ.

"ބަލަ ތިދަނީ ދިގު އެއްޗެއް ލައިގެނެއްނު!" ޒިލާލު ލާފައި ހުރި ޖިންސަށް އިޝާރާތް ކުރަމުން ޝިއުނާ ބުނެލިއެވެ.

"އާނ މިއަދު މިގެންދަނީ އިތުރު ސޯޓަކާއި ޓީޝާޓެއް.. ދެން ދަތްއުނގުޅާ ބުރުސް.... ނޭނގެއެއްނު މިރޭވެސް ހަމަ އެރަށުގައި ތިބެން ޖެހިދާނެ" ޒިލާލު ހީލާފައި ވާހަކަ ދެއްކިއެވެ.

އޭރު ޝިއުނާގެ ބައްޕަ އައިލޯންޗު ރަށު ފަޅަށް ވަދެއްޖެއެވެ. ލޯންޗަށް އަރާފައި ޒުހުދާ އާއި އޭނާގެ ބޭބެ އޭ ކިޔާފައި ޝިއުނާގެ ބައްޕައަށް އެދެމީހުން ތަޢާރަފު ކޮށްދިނެވެ. ޝިއުނާ އޭނާގެ ބައްޕަގެ ގައިގަ ބައްދައިގަތެވެ. އެވަގުތު ޝިއުނާގެ ލޮލުން ކަރުނަ ނުކުތްތަން ޒިލާލުއަށް ފެނުނެވެ.

"ބައްޕާ ސޮރީ" ޝިއުނާ ބުނެލިއެވެ. އޭނާގެ ބައްޕަ ވަރަށް ލޯބިން ކަރުނަތައް ފޮހެލަދިންތަންވެސް އޭނާ ހުރީ ބަލާށެވެ.

ޝިއުނާގެ ބައްޕަ ހުރީ ގިރުވާން ލީ ޓީޝާޓަކާއި ޖިންސެއް ލާފައެވެ. ތުނބުޅި މަތިމަހާ އަދި ކަންހުޅިން ހުދު އިސްތަށި ފެންނަން ހުއްޓެވެ. އޭނާ ހުރީ އަވިއައިނު އަޅާފައެވެ. އަތުގައި އެންމެ މިޒަމާނުގެ އަތުކުރި ގަޑިއެއް އޮތެވެ. ލޯންޗުގެ ފަހަތުގައިހުރި ގޮނޑިއަށް އިޝާރާތް ކޮށްލަމުން އިށީންނާށޭ ޒިލާލުއާއި ޒުހުދާ އާއި ދެކުދިން ކައިރީގައި އޭނާ ބުނެލިއެވެ. އަދި އެމީހުންނާއި ދިމާލަށް ހިނިތުންވެލަމުން ޝިއުނާއަށް އެންމެ ބޭނުންވި ވަގުތު އެހީތެރިވެދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނަމުން ޝިއުނާގެ ގައިގާ ބައްދާލައިގެން ގޮވައިގެން ގޮސް އޭނާގެ ކައިރީގައި ގޮނޑީގައި ބޭންދިއެވެ.

ލޯންޗު ނައްޓާލުމުން ޒިލާލު ގޮނޑީގައި ހަމަ ޖެހިލިއެވެ. އޭނާ ހަނީފުއާއި ދޭތެރޭ ވިސްނާލިއެވެ. އެއީ ހަމަ އެކަހަލަ ކަމެއް ކޮށްފާނެ މީހެއްބާވައޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ ބަލައިލިއިރު ޝިއުނާ އިނީ އޭނާގެ ބައްޕަގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. ޝިއުނާގެ ބައްޕައާއި ބޭހޭގޮތުން އޭނާއަށް އިވުނު އެވާހަކައަކީ ތެދުވާހަކަ އަށް ނުވޭތޯ އޭނާއަށް ހިތާހިތުން ދުޢާ ކޮށްލެވުނެވެ.

އެއީ އުޑުމަތި ބަނަ ދުވަހެކެވެ. ކަނޑުގެ ބާނިވެސް ފުދޭވަރަކަށް ހުއްޓެވެ. ދުރުން ފެންނަން އޮތް އުދަރެހުން ކަޅު ވިލާތަކެއް ދައްކާލުމުން މިހާރު އެހިސާބަށް ވާރޭ ވެހޭނެ ކަންނޭނގެއޭ ޝިއުނާގެ ބައްޕަ ބުނެލިއެވެ. އޭރު ޝިއުނާވެސް އިނީ ލޯމަރައިގެންނެވެ. އޭނާއަށް އެންމެފަހުން މަންމަގެ ރަށަށް ދެވޭތީ އުފާވިޔަސް އޭނާއަށް ވިސްނެމުން ދިޔައީ މުޅިން އެހެންކަމަކާއެވެ. ދޭތެރެއަކުން އޭނާ އެނބުރި ފަހަތް ބަލައިލިއިރު ޒިލާލުވެސް އަދި ޒުހުދާވެސް ތިބީ ލޯމަރައިގެންނެވެ. ހީވާގޮތުން ނިދާފައެވެ. ޒިލާލުގެ ހިތަށް އަރަމުން ދަނީ ކޮންޗެއްބާވައޭ ޝިއުނާގެ ހިތަށް އެރިއެވެ. ޒިލާލުއާއި އެކަނި ވާހަކަ ދައްކާލާނެ ފުރުސަތެއް ދެން ނުލިބޭނެތީ އެކަމާ މެދު އޭނާއަށް ވިސްނުނެވެ. ގުރޭޝާ އޭނާކައިރީ ގައި ދެއްކި ވާހަކަތައް ކިޔައިދޭނީތޯ ނުވަތަ ނޫންތޯ އޭނާ ވިސްނަމުންދިޔައެވެ. އެކަމަށް ގޮތެއް ނިންމާކަށް ނޭނގުނެވެ. އެ ވިސްނުމުގައި އިންދާ ޝިއުނާއަށްވެސް ނިދި ޖެހުނެވެ. ދެން ހޭލެވުނީ ރަށަށް ގާތްކުރަން އުޅެނިކޮށެވެ.

އެރަށު ފާލަންމަތީގައި އަލީ ރަޝީދު ހުއްޓެވެ. އަދި އިތުރު ދެތިން މީހުންވެސް ތިއްބެވެ. ފާލަން އެއްކޮށްތެމިފައި އޮތީމާ، އެރަށަށް ވާރޭ ވެހިފައި ހުއްޓާލިތާ މާގިނައިރެއް ނުވާކަން ދޭހަވެއެވެ. ރަށަށް ފައިބާފައި އޭނާގެ ބައްޕައަށް އެގެއަށް ދާން އިނގޭނެތޯ ޝިއުނާ އަހާލިއެވެ.

"އާނ އިނގޭނެ ކަންނޭނގެ... އެކަމު ވަރަށް ބަދަލުވެފަ މިހާރު މިއޮތީ" ވަށައިގެން ބަލައިލަމުން ޝިއުނާގެ ބައްޕަ ޖަވާބު ދިނެވެ. އަދި ހިނގާށޭ ކިޔާފައި އަލީ ރަޝީދުގެ ފަހަތުން ހިނގައިގަތެވެ. އޭނާ މިސްރާބު ޖެހީ އަތިރިމަތިންނެވެ. އެއިން ހިސާބެއްގައި މީހަކު ފެންނާކަށް ނެތެވެ. ޝިއުނާ އެހެންބުނުމުން އެވާނީ ދެންމެ ވާރޭ ވެހުނީމާ ކަމަށޭ ޒުހުދާ ހުރެލާފައި ބުންޏެވެ. އެތިން މީހުން ހިނގަމުން ދިޔައީ އަލީ ރަޝީދުއާއި ޝިއުނާގެ ބައްޕައާއި ދެމީހުންގެ ފަހަތުންނެވެ.

ދޯނިފަހަރު އެހެލާ ހިސާބުން ނެއްޓުމުން ދެން އޮތީ ކުނިކޮށްޓެވެ. އެދިމާލަށް ނުކުމެފައި ޝިއުނާގެ ބައްޕަ މިތަން ހާދަ ބޮޑަކަށް ގިރާލާފައޭ މިއޮތީ ބުނެލިއެވެ. އެއާއިއެކު މިހާރު ފަސްގަނޑު އޮންނަނީ އަނެއްކޮޅުގައި ކަމަށް އަލީ ރަޝީދު ބުނެދިނެވެ.

އެހިސާބުން، ރަށުގެ ބޮޑުމަގު ހުރަސްކޮށް އަނެއްފަރާތަށް އެރިއެވެ. އެއީ ވަލެވެ. އެކަމަކު އެތާ މެދުން ހިނގާނެ މަގެއް އޮތެވެ. އެހިސާބަށް ދެވުނުއިރު ޝިއުނާގެ ހިތަށް ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް ވެރިވާން ފަށައިފިއެވެ. ޖެހެމުންދާ ވައިރޯޅިއާއި ރުކުގެ ފަންތަކާއި ބިޔަގަސްތައް ހެލިގަތުމުން ކޮންމެވެސް ކަހަލަ ބިރުވެރި އަޑެއް އިވޭހެން އޭނާއަށް ހީވީއެވެ. އޭނާ މަޑުމަޑުން ޒިލާލުއާއި ކައިރިއަށް ޖެހިލިއެވެ. އަދި އެއްވެސް އަޑެއް އިވޭތޯ މަޑުމަޑުން އަހާލިއެވެ.

"އެއީ ވައިޖެހޭ އަޑު" އޭނާ ބުނެލިއެވެ. އެޔާއިއެކު ޒުހުދާވެސް ހީވަނީ ކޮންމެވެސް ކަހަލަ ޖަނަވާރެއް ހަޅޭއްލަވާ އަޑު އިވޭހެންނޭ ބުނެލިއެވެ. އެވަގުތު އެމީހުންގެ ކުރިމައްޗަށް ބޮޑު ފަނެއް ވެއްޓުމުން ޝިއުނާ އާއި ޒުހުދާއާއި ދެމީހުންނަށް އެއްފަހަރާ ހަޅޭއްލަވައި ގަނެވުނެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular