***
އެއްދުވަހަކު ހަވީރު މަރުކަޒުން ހަނީފުއަށް ގުޅާފައި ފަރީޝާ ކޮޓަރިތެރެއަަށް ވެއްޓިފައި އޮއްވާ ފެނުނު ވާހަކަ ބުންޏެވެ. އޭނާ ނެގިއިރު ހެޔެއްނެތަކަމަށެވެ. އަދި މިހާރު އެނާ މާލެ ފޮނުވަނީ ކަމުގައި ބުނެދިނެވެ.
ފަރީޝާ މާލެ ގެނެވުނީ އިރުއޮއްސި ހަގަޑި ބައިވިތަނާއެވެ. ސްޓްރެޗަރުގައި ދެލޯ މެރިފައި އޭނާ އޮތްއިރު ހީވަނީ މަރުވެފައިވާ މައްޔިތެއް ހެންނެވެ. ޝިއުނާއަށް އެމަންޒަރު ފެނުމުން އޭނާގެ ބޮޑުދައިތަ އަތުގައި ވަަރަށް ބާރަށް ހިފާލެވުނެވެ. ފަރީޝާ އެތެރެއަށް ވައްދާ ޑޮކްޓަރުން އޭނާ ބަލަމުން ގެންދިޔައިރު ބޭރުގައި އިށީނދެލައިގެން އެންމެންވެސް ތިއްބެެވެ.
އެހެން އިނދެފައި ޝިއުނާ ޒިލާލުކައިރީ ސިއްރުސިއްރުން ދެން ރަނގަޅެއް ނުވާނެ ދޯއޭ ބުނެލިއެވެ. ބައެއް ފަހަރަށް ޝިއުނާ އެހެން ހިތަށް އަރައެވެ. އޭނާގެ މަންމަ ރަނގަޅުވީމާ ދެންވާނީ ކިހިނެތްކަމެއް ނޭނގޭތީ އޭނާ ކަންބޮޑުވެއެވެ. އޭނާގެ ހިތުގައި އޭނާގެ އަސްލު މަންމައަށް އޮތީ ކޮންއެއްޗެއް ކަމެއް އަދިވެސް ކަނޑައެޅިގެން ބުނެދޭކަށް ނޭނގެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ މަންމައެއްގެ މަގާމު ދީގެން އުޅެމުން އައި ދޮންމަންމަގެ އެ މަގާމެއް އޭނަގެ އުފަން މަންމައަކަށް ނުދެވޭނެއެވެ. ކިތަންމެ ދުވަހެއް ވިޔަސް އެލޯތްބެއް ނުވެސް އުފެދޭނެއެވެ. އޭނާ އެވާހަކަ ޒިލާލުއާއި ހިއްސާ ކުރިއެވެ. މާ ކުރީ ދުވަހެއްގައެވެ. މިކަހަލަ އެއްޗެތި ހިތަށް އަރުވަން އަހަންނަކީ ހަމަ ވަރަށް ގޯސް މީހެއް ދޯއޭ ބުނެލިއެވެ.
ޒިލާލު ދުށްގޮތުގައި އެއީ ހަމަ ވެދާނެގޮތެކެވެ. މިއޮއްހާ ދުވަހު ނެތްކަމަށް ހީކޮށްގެން ހުރި މީހަކު ކުއްލިއަކަށް ލައިފުއަށް އައީމާ އެހެންވުމަކީ އެކަށީގެންވާކަމެއް ކަމަށް އޭނާ ބުންޏެވެ.
ހަގީގަތުގައި އެއީ ޒިލާލުގެ ހިތަށްވެސް ނާރާ އެއްޗެއް ނޫނެވެ. އޭނާއަކަށް ފަރީޝާ މުޅިން ރަނގަޅު ވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ޑައިރީ އެއްކޮޅުން އަނެއްކޮޅަށް ކީ މީހެއްގެ ހައިސިއްޔަތުން ފަރީޝާއާއި އުބޭދުއާއި ގުޅި ލާމެހިފައިވާ މިންވަރު ކުޑަކޮށް ނަމަވެސް ތަސައްވަރުކޮށްލަން ޒިލާލުއަށް އެނގެއެވެ. ޒިލާލު ވަނީ ރުޤްޔާ ކުރާ ފަވާޒުއާއި ވަކިން ބައްދަލުކޮށް އެވާހަކަ ދައްކާފައެވެ. ޑައިރީއިން އޭނާއަށް އެނގިފައިވާ ހުރިހާ އެއްޗެއް ކިޔައިދިނީމާ އޭނާއަށްވެސް ފަރީޝާ ރަނގަޅު ކުރެވިދާނެ ކަމުގެ މާބޮޑު އުއްމީދެއް ނެތްކަމަށް އޭނާ ޒިލާލު ކައިރީގައި ބުންޏެވެ. އަދި އެދެމީހުންގެ ދެމެދުގައި އެވާހަކަ ބޭއްވުމަށް އެދުނެވެ. އާއިލާ މާޔޫސް ކޮށްލަން އެވާހަކަ މިވަގުތު ދެއްކުމުގެ ބޭނުމެއް ނެތްކަމަށްވެސް ފަވާޒު ޒިލާލު ކައިރީ ބުންޏެވެ.
އެދުވަހު އޭނާ ޒިލާލުއަށް ވަރަށް ގިނަ އެއްޗެތި ކިޔައިދިނެވެ. ޝިއުނާގެ ކާފަމެންކަހަލަ މީހުން ޖިންނިން ގެންގުޅޭނީ އެމީހުންގެ ކޮންޓުރޯލުގެ ދަށަށް ގެނެސްގެން ކަމުގައި އޭނާ ބުނެދިނެވެ. އުބޭދުގެވެސް މަގްސަދަކަށް ވާނީ ބަދަލު ހިފުމުގެ ގޮތުން އިބްރާހިމްބެގެ މުޅި އާއިލާ ދުއްވާލުން ކަމުގައި އޭނާ ކިޔައިދިނެވެ.
ޖިންނިންނަކީ އަޅުވެތިކޮށްގެން ގެންގުޅެފިނަމަ ބާރެއް ނުވަތަ ކިރިޔާވެސް މިނިވަންކަމެއް ލިބޭ ދުވަހަކުން އެކަމުގެ ބަދަލު ހިފާލާނެ ބައެއްކަމަށްވެސް އޭނާ ބުނެދިނެވެ.
އިބްރާހިމްބެގެ މުޅި އާއިލާ އަކީ ފަރީޝާއާއި ޝިއުނާއެވެ. ޒިލާލު ވަރަށް ކަންބޮޑުވިއެވެ. އެކަމުން ސަލާމަތްވާން ހެދޭނީ ކިހިނެތްތޯ އޭނާ ސުވާލުކުރިއެވެ.
ޒިލާލުއަކީ މުސްތަގުބަލުގައި ﷲގެ އިރާދަފުޅާއިއެކު ޝިއުނާގެ ފިރިމީހާގެ މަޤާމު އަދާކުރަން ގަސްތުކުރާ މީހަކަށް ވާއިރު އަމިއްލަ ހަށިރައްކަލަށް ނަމާދުތައް ބަރާބަރަށް އަދާކުރުމާއި އެކު ދުޢާކުރުމާއި ޒިކުރުތައް ކުރުންމަތީ ދެމިހުރުން ވަރަށް މުހިއްމު ކަމުގައި ފަވާޒު ކިޔައިދިނެވެ. އެހިސާބުން ޒިލާލުއަށް ކުޑަކޮށް ހަމަޖެހިލެވުނެވެ. އޭނާ އަބަދުވެސް ބަރާބަރަށް އެކަންކަން ކުރަން ކަމުގައި ކިޔައިދިނެވެ. އަދި ޝިއުނާމެންނަކީވެސް ބަރާބަރަށް ނަމާދުކޮށް ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ އާއިލާއެއް ކަމުގައިވެސް ޒިލާލު ކިޔައިދިނެވެ.
"ހާދަ އިރެއްވެއްޖެޔޭ!"
ޒިލާލު އެޚިޔާލަށް ގެއްލިފައި އިންދާ ޝިއުނާ އޭނާގެ އަތުގައި ކޮއްޓާލާފައި ބުނެލިއެވެ. އޭރު އެމީހުން ހޮސްޕިޓަލު ގޮނޑިތަކުގައި އިށީދެގެން ތިބޭތާ އެތައް އިރެއް ވެއްޖެއެވެ.
ޒިލާލު ޝިއުނާގެ އަތުގައި ފިރުމާލިއެވެ. ޝިއުނާ އިނީ ވަރަށް ކަންބޮޑުވެފައިކަން އޭނާއަށް އެނގުނެވެ. އެވާނީ ޑޮކްޓަރުން ހަމަ ވަރަށް ރަނގަޅަށް ޗެކް ކުރަނީ ކަމަށް ކަމުގައި ޒިލާލު ބުނެލިއެވެ.
މާގިނައިރެއްނުވަނީސް ކޮޓަރީގެ ދޮރު ހުޅުވާލާފައި ޑޮކްޓަރު ނުކުތެވެ. ޕޭޝަންޓުގެ އެތެރެ ހަށީގައި ވަރަށް ގިނަ މައްސަލަ ހުރިކަމަށް ލަފާކުރެވޭ ކަމަށައި އެޔެއް ޔަގީން ކުރަން އިތުރު ސްކޭނު ތަކާ ޓެސްޓުތައް ހަދަން ޖެހޭކަމަށް ބުންޏެވެ.
އެވަގުތު ފަރީޝާ ކައިރިއަށް ވަދެވުނީ ޝިއުނާއަށާއި ހަނީފުއަށް އެކަންޏެވެ. އޭރުވެސް އެނާ އޮތީ ދެލޯމަރާލައިގެންނެވެ. މިހާރު އެއޮތީ ނިދާ އިންޖެކްޝަން އެއްވެސް ދީފައިކަމަށް ޑޮކްޓަރ ބުނެލިއެވެ.
އިތުރު ޓެސްޓު ތަކަށް ފަހު ޑޮކްޓަރުން ލަފާ ކުރި ކަންތައްތައް ޔަގީންވިއެވެ. އޭނާގެ މުޅި އެތެރެހަށީގެ އެތައް ތަނެއްގައި ޓިއުމަރު އުފެދިފައިވެއެވެ. ދެކިޑްނީގެ ބޮޑުބައިވެސް ވަނީ ހަލާކުވެފައި ކަމަށާއި ، ފަރީޝާގެ ހަށިގަނޑުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނި އެހާ ދުވަހު އޭނާ ހުރީތީ ޑޮކްޓަރުން ހައިރާންވިއެވެ. އޭނާ އެގޮތަށް ގަނޑުވެފައި އެހުންނަނީ ސިކުނޑިގައިވާ ޓިއުމަރުގެ ސަބަބުން ކަމަށް ޑޮކްޓަރުން ނިންމިއެވެ. އޭނާގެ ހަށިގަނޑު ނިކަމެތިކަމުން މިވަގުތު ސާރޖަރީއެއް ހެދުމަކީވެސް ވާނެކަމެއް ނޫންކަމަށް ޑޮކްޓަރު ބުންޏެވެ. އެންމެ ރަނގަޅު ގޮތަކީ އެނާ އިންޑިޔާ ކަހަލަ ތާކަށް ގެންދިޔުން ކަމަށް ޑޮކްޓަރުން ލަފާ ދިނެވެ. އެހެންނަމަވެސް އޭނާ އެހާލުގައި އޮއްވާ އަދި ދަތުރުކުރަން ހުއްދަ ނުދެވޭނެކަމަށްވެސް ޑޮކްޓަރު ބުނެދިނެވެ. ޝިއުނާއަކަށް އޭނާގެ މަންމަ އެތާނގައި ބާއްވާފައި ގެއަށްދާކަށް މާ ފަސޭހައެއްނުވިއެވެ. އޭނާއަކަށް ރަނގަޅަކަށް ނުވެސް ނިދުނެވެ. އަނެއްދުވަހުގެ ހެނދުނު ހެނދުނާ ހޭލައިގެން އޭނާ ހޮސްޕިޓަލަށް ދިޔައީއެވެ. ޝިއުނާގޮސް ސުވާލުކުރުމުން ޕޭޝަންޓުގެ ހާލަކަށް މާބޮޑު ބަދަލެއް ނާންނަކަމަށް ވޯޑުގައި ހުރި ޑޮކްޓަރު ބުނެދިނެވެ . އޭރުވެސް ފަރީޝާ އޮތީ ހަމަ ދެލޯ މަރާލައިގެންނެވެ.
ޝިއުނާ ގެއަށް ދާކަށް ބޭނުމެއްނުވިއެވެ. ބޭރަށް ނުކުމެ ބަލިމީހުންގެ އެހީތެރިން ތިބޭ ކޮޓަރީގައި އިށީނދެލައިގެން އިނީއެވެ. އޭނާ އެތާނގައި އިންދާ ޒިލާލު ގުޅިއެވެ. އޭނާ އޯފު ނަގާފައި އަންނަނީ ކަމުގައި ބުނުމުން ޝިއުނާ ވަރަށް އުފާވިއެވެ. ޒިލާލުއާއި އެކު އެކީގައިހެން އަޒީމާވެސް ހޮސްޕިޓަލަށް އައެވެ. ތިންމީހުން ގޮސް ހޮސްޕިޓަލު ކެންޓީނުން ސައިބޮއެގެން އައުމާއި އެކު ޝިއުނާގެ މަންމަގެ ހާލަތު ކުއްލިއަކަށް ގޯސް ވެއްޖެކަމަށް ޑޮކްޓަރު ބުނެދިނެވެ. އޭރު އެމީހުން ޝިއުނާގެ ބައްޕައަށްވެސް ގުޅައިފިއެވެ. ޝިއުނާގެ މަންމަ އޮތީ އޮކްސިޖަންވެސް ގުޅާފައެވެ. ކުއްލިއަކަށް ފިޓު ޖެހެންފެށީ ކަމަށާއި އޮކްސިޖަން ލެވެލްވެސް މާބޮޑަށް ދަށްވީކަމަށް ޑޮކްޓަރު ކިޔައިދިނެވެ. ޝިއުނާގެ ބައްޕަ ޑޮކްޓަރާއި ވާހަކަ ދައްކަން މަޑުކޮށްލި ވަގުތު އޭނާ މަޑުމަޑުން މަންމަގެ އެނދުކައިރިއަށް ދިޔައެވެ. އޭނާ މަންމައާި ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ކަނާތު އިނގިލަތަކަށް ކުޑަކުޑަ ހަރަކާތެއް ގެނައިގެން ހީވިއެވެ. ޝިއުނާ އޭނަގެ މަންމަގެ އަތުތެރެއަށް އަތްލިއެވެ. އެވަގުތު އޭނާގެ މަންމަގެ އަތް ހަރަކާތް ކުރިއެވެ. ޝިއުނާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ޝިއުނާއަށް މަންމާއޭ ކިޔާފާއި ގޮވާލެވުނެވެ. އެހިނދު އޭނާގެ ދެލޯ ތަޅުވާލާފައި ހުޅުވާލިއެވެ. އަދި ޝިއުނާއާއި ދިމާލަށް ރީތިކޮށް ބަލައިލާފައި ހިނިތުންވެލިއެވެ. އެހެންނަމަވެސް ، ހަމަ އެހިނދުކޮޅުގެ ތެރޭގައި އަނެއްކާވެސް ދެލޯ މަރާލިއެވެ. އެވަގުތު އެތާނގައިވާ މޮނިޓަރުގެ އަޑު ބަދަލުވެގެން ދިޔައެވެ. ޝިއުނާއަށް އޭނާގެ މަންމަ މިދުނިޔެ އާއި ވަކިވިކަން އެނގުނު ހިސާބުން ފާޑަކަށް ގަބުވިއެވެ. އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުންނުވެފައި ގޮޑީގައި އިށީދެލައިގެން އެތައް އިރަކު އިނެވެ. އޭރު އޭނާ ކައިރީގައި ޒިލާލުގެ އިތުރުން އަޒީމާއާއި އަދިވެސް އޮފީހު ދެކުއްޖަކުވެސް ތިއްބެވެ.
ހަނީފު ބޭނުންވީ ވީހާވެސް އަވަހަކަށް ފަރީޝާގެ ޖަނާޒާގެ ކަންތައްތައް ނިންމާލާށެވެ. ހުޅުމާލޭ ސަހަރާގައި އެހެންމީހެއްގެ ޖަނާޒާގެ ކަންތައްވެސް ހިނގަމުން ދާތީ ފުދޭ ވަރަކަށް މީހުން އޮތެވެ. ފަރީޝާގެ މޫނު ދެކެން ވީލްޗެއަރ އެއްގައި އިން ދުވަސްވީ އަންހެނަކު އައެވެ. އޭނާއަށް ހަނީފު ފެނުމާއިއެކު ރޮވުނެވެ. ހަނީފު ޝިއުނާ ދައްކާފައި މިހިރީއޭ އަހަރުމެންގެ ދަރިފުޅު ބުންޏެވެ. ފަރީޝާއާއި ހާދަވައްތަރޭ އޭނާ ބުނެލިއެވެ. އަދި ޝިއުނާގެ އަތުގައި ހިފައިގެން އިނދެ ލޮލުން އައި ކަރުނަ ފޮހެމުން ދިޔައެވެ. އެއީ ރުގިއްޔާއްތަ ކަމުގައި އޭނާގެ ބައްޕަ ބުނެދިނެވެ. އެޔާއިއެކު އޭނާގެ މަންމަގެ ޑައިރީގައި ލިޔެފައިވާ އެއްޗެތި ޝިއުނާގެ ހަނދާނަށް އައެވެ. ޖަނާޒާގެ ކަންތައް ނިންމާފައި ޓެކްސީގައި ގެއަށް އައި މަގުމަތީގައި ޝިއުނާއަށް ނިދިޖެހުނު ވަގުުތު އޭނާއަށް ހުވަފެނުން ފެނުނީ އޭނާގެ މަންމައެވެ. ހަމަ އެ ނުރަ އިސްތަށިގަނޑުގައި އެހެންނަމަވެސް އެއަށް ވުރެ ރީތި އުޖާލާ މޫނެކެވެ. މަންމަ ކައިރީގައި ކަޅު ގަމީހަކާ ފަޓުލޫނެއްގައި ހުރި މީހަކު ހުއްޓެވެ. އެކަމަކު އޭނާގެ މޫނެއް މާރަނގަޅަކަށް ސާފެއްނުވިއެވެ. ޑައިރީ އަންދާލަދޭށޭ މަންމަ ބުނިތަނުން ސިއްސައިގެންގޮސްފައި ޝިއުނާއަށް ހޭލެވުނެވެ. އޭރު އެމީހުންނަށް ބުރިޖުމަތިން ފޭބެނީއެވެ. ކާރުގައި ތިބީ އޭނާގެ ދޮންމަންމައާއި ބޮޑުދައިތައެވެ. ކުރީ ސީޓުގައި ޝަހުދުއެވެ.
އެރޭ އޭނާގެ ބައްޕަ އިޝާ ނަމާދުން ފައިބައިގެން އައީމާ އެޑައިރީ ދެން ބާއްވާކަށް ބޭނުމެއްނޫނޭ އަންދާލަމާ ހިނގާށޭ ބުނެލިއެވެ. ހަނީފު މާދަމާ ތިކަމާ އުޅޭނީއޭ ބުނީމާ ޝިއުނާއަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވީ މިހާރުން މިހާރަށްވެސް އެކަންކޮށް ނިންމާށެވެ.
ގޭގައި އިން މަސްފިހާ އެތި ބަހައްޓައިގެން އެ ރޯކުރިއިރު ޝިއުނާގެ ބައްޕަމެން އެތާނގައި ތިއްބެވެ. ފަހަރަކު ގަނޑެއް އަންދަމުން ގޮސް އެންމެ ފަހުން ޑައިރީގެ ބޭރުގަނޑަށް ދަންދެން އަނދާ ހުލިވަންދެން ބަލަން ޝިއުނާ ހުއްޓެވެ. އޭރު އޭނާގެ ކައިރީގައި ހުރީ ޒިލާލު އެކަންޏެވެ. ޝިއުނާއަށް ފެނުނު ހުވަފެނުގެ ވާހަކަ އޭނާ ޒިލާލުއަށް ކިޔައިދިނީ އެވަގުތުއެެވެ. ޑައިރީ އެއްކޮށް އަނދާ ހުލިވެ، އަލިފާންކަނިތައް ނިވުނީމާ ފާރުކައިރީގައި ލައްގާފައި ހުރި މަތިގަނޑުބާލާ ޒިލާލު ދިޔައެވެ.
އެވަގުތު ކުއްލިއަކަށް އެތަނަށް ވަރަށް ބޮޑަށް ފިނިވެގެންދިޔައެވެ. ޝިއުނާއަށް ހީވީ ވަރަށް ގަދަޔަށް އެއަރކޯން ކޮށްފައިވާ ކޮޓަރިއެއްގެ ދޮރު ހުޅުވާލިހެންނެވެ. އެޔާއެކު ޝިއުނާއަށް މީހަކު ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެލިއަޑު އިވުނެވެ. އެއަށްފަހު ފިނިކަން ކެނޑުނެވެ. "ޒިލާ ދެންމެ އެއްޗެކޭ ބުނިންތަ؟" މަތިގަނޑު ހިފައިގެން ޒިލާލު އައުމުން ޝިއުނާ އަހާލިއެވެ. "އުހޫ.. ނުބުނަން.." ޒިލާލު ބުނެލިއެވެ. އަދި ތިހެންތިއެހީ ކީއްވެގެންތޯ އަހާލުމުން ޝިއުނާ ކިޔައިދިނެވެ. ކުއްލިއަކަށް އޭނާގެ ގައި ތޮރުފާކަހަލަ ފިންޏެއްވެގެން ދިޔަވާހަކަ އާއި އަދި އޭނާގެ ކަންފަތް ދޮށުގައި ފިރިހެން އަޑަކުން ޝުކުރިއްޔާއޭ ބުނިހެން ހީވި ވާހަކައެވެ.
" މާބޮޑަށް ވަރުބަލިވީތި!" ޒިލާލު މަސްފިހާ އެތީގެ މަތިގަނޑު ޖަހަމުން ބުނެލިއެވެ. އަދި އޭނާގެ ކޮނޑުގައި ހިފާލައިގެން ގޭތެރެއަށް ދާން ހިނގައިގަތެވެ.
"ދެން މިރޭ ރެސްޓުކޮށްލާ ނިދާލެވޭތޯ ބަލާ!... ޒިލާވެސް ދެން މިދަނީ ނިދަން.. އޯކޭތަ؟"
ގޭތެރެއަށް ވަންނަ ދޮރުކައިރިއަށް ހުއްޓެމުން ޒިލާލު ބުނެލިއެވެ. އޭނާގެ އަތުތެރެއަށް ޝިއުނާ ގެނައެވެ. އޭނާ ކަންބޮޑުވީ މިރޭ ޝިއުނާ ދެރަވެގެން ނުނިދާ އުޅެދާނެތީއެވެ. ޝިއުނާ ކައިރީގައި އޮވެވޭނެ ނަމައޭ ހިތަށް އަރައޭ އޭނާ ބުނެލިއެވެ.
"ޒިލާ!.. އަސްލު ތެދަށް ބުނަން؟ އަހަރެން މިހާރު މާ ހިތްހަމަ ޖެހިއްޖެ.. އެއީ މަންމަ އެވޭނުގައި ނޫޅެ ދިޔައީތީ... ޑައިރީ އަންދާލީމާ އެދެން މަންމައަށް އެންމެ ފަހުގެ ކަންތައް ކޮށްދެވުނީ" ޝިއުނާ ބުނެލިއެވެ. އަދި އޭނާ މިރޭ ނިދާނީ ހިތްހަމަޖެހިގެން ކަމުގައި ބުންޏެވެ. ޒިލާލު ބޯޖަހާލިއެވެ. އޭނާ ޝިއުނާއާއި ވަކިވުމުގެ ސަލާމް ކޮށްލިއެވެ. އެކަކު އަނެކަކު ދެކެވާ ލޯބި ހާމަކުރުުމުގައި ވަގުތުކޮޅެއް ހޭދަކުރަމުން ގެންދިޔައިރު އެގޭ ފާރުމަތީގައި، ވަރަށް ފަރުވާތެރިކަމާއި އެކު އެމަންޒަރުބަލަން ކަޅުބުޅަލެއް އޮތްކަމެއް އެމީހުންނަކަށް ނޭނގެއެވެ.
(ނިމުނީ)