25 Oct 2018

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

"އައްދެ! މިރޭ ހާދަ އަވަހަކަށް ގެއަށް ދަނީ؟" އޮފީސް ތަޅުލައިފައި ނިކުތުމާއެކު ރާޔާގެ ސަމާލުކަން ލިބުނެވެ.

އަހަރެން ބަލާލިއިރު ރާޔާ ފައިލެއް ހިފައިގެން އައިސް ކައިރިއަށް ހުއްޓެނީ އެވެ. ވާހަކަދެއްކިއިރު ވެސް އޭނަގެ ނަޒަރު ހުރީ ހުޅުވާފައި އޮތް ފައިލަށެވެ. އަހަރެންގެ މޫނަށް ބަލައިލީ އަދި އޭގެ ފަހުންނެވެ.

ރާޔާއަކީ ހަމައެކަނި އަހަރެންގެ ވެރިޔާއެއް ނޫނެވެ. އެކުގައި މަސައްކަތް ކުރަން ފެށީއްސުރެ އަހަރެމެންގެ މެދުގައި އޮންނަނީ ގާތް އެކުވެރިކަމެކެވެ. އުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދާއިރު ރާޔާ އަދިވެސް ހުރީ ހުހަށެވެ. ބަލާބެލުމަށް ރީތިވެފައި މަސައްކަތުގެ ރޮނގުގައި ކާމިޔާބުވި ނަމަވެސް އެއީ ރާޔާގެ ކާމިޔާބީގެ ލިސްޓުން އުނިވެފައިވާ ބައެކެވެ. ކައިވެންޏާއި އެންމެ ގާތަށް ދެވުނީ ދެއަހަރު ވަންދެން ރަތްޓެހިވެގެން އުޅުނު ލޯބިވެރިޔާއާއެކުގަ އެވެ.

ރާޔާގެ ނަޒަރުގައި އަހަރެން އުޅެމުން ދަނީ އެންމެ ފުރިހަމަ ދިރިއުޅުމެކެވެ. ފަންސަވީސް އަހަރުގައި، ލޯބިވާ ފިރިއަކު ހުރުމެވެ. އާއިލާ މީހުން ރަނގަޅުވުމެވެ. ދެކުނު ހުވަފެން ސީދާވެ އިންޓީރިއާ ޑިޒައިނަރެއްގެ ވަޒީފާ ލިބުމެވެ. އޭނަ ބުނާގޮތުން އަހަރެންގެ ދިރިއުޅުމުގައި ހަމައެކަނި މަދީ ދަރިއެކެވެ. އެއީ އަހަރެންގެ ވެސް ހުވަފެނެކެވެ. އެކަމަކު ތަންކޮޅެއް ފަހުންނެވެ. އަހަރެމެން ދެމީހުންނަކީ ވެސް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރާ ބައެކެވެ.

"މިރޭ މީ ހާއްސަ ރެއެއް." އިޚުތިޔާރެއް ނެތި ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އަހަރެން ޖަވާބުދިނީމެވެ.

" ޓޫ އިޔާސް އެނިވާސަރީ." ރާޔާ ބުމަ އަރުވައިލުމުން އަހަރެން އޮޅުންފިލުވައިދިނީމެވެ.

"މަރުހަބާ އިނގޭ. އެހެންވިއްޔާ އަވަހަށް ދޭ ދެން ލަސްނުވެ. މިހާރު އޭނަ ހުންނާނެ ކަންނޭނގެ ސަރޕްރައިޒް ރެޑީކޮށްގެން އިންތިޒާރުގަ." ރާޔާ ހިނިއައިސްފައި އަހަރެންގެ ކޮނޑުގައި މަޑުމަޑުން އަތް ޖައްސާލައިގެން ހުރެ ވާހަކަދެއްކި އެވެ.

ބޯޖަހައިލުމަށްފަހު ރޭގަނޑުގެ ސަލާމުން ވަކިވެގެން ގޮސް ނިކުތްއިރު ވާރޭ ކަނިޖަހަ އެވެ. ހިނގާފައި ދެވޭހާ ކައިރީގައި ގެ ހުންނާތީ އަހަރެން އަބަދުވެސް އައިސް ގޮސް އުޅެނީ ފައިމަގުގަ އެވެ. ދަބަސްތެރޭ އޮތް ފޯނު ރިންގް ވާން ފެށުމުން ހުރި ހިސާބުން ހުއްޓެވުނެވެ. ނަގައި ބެލިއިރު ފިރިމީހާ ގުޅަނީ އެވެ.

"މިނިކުތީ ހަމަ އޮފީހުން. ކުޑަކުޑަ އިރުކޮޅެއްގެ ތެރޭ ދާނަން." ފޯނު ނެގިގޮތަށް އަހަރެން ޖަވާބުދިނީމެވެ.

ތުންފަތުގައިވި ހިނިތުންވުން އަޑުން ވެސް ފާހަގަވާން ހުއްޓެވެ. ރާޔާ ބުނިހެން އާއިން އެއުޅެނީ ކޮންމެވެސް ކަމެއް ރާވައިގެންކަމާއިމެދު ޝައްކެވެ. މިގަޑީ އެގުޅީ އަހަރެން ހުރި ހިސާބެއް ބަލަންވެގެންކަން ޔަޤީނެވެ.

"ޔަލްވީ އިހަށް އަޑުއަހާބަލަ! އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން މިގުޅީ. އަނބުރާ އޮފީހަށް ދާންވީއެއްނު. ތަނެއްގައި އިށީނދެ އިނިއްޔާ ރަނގަޅު ވާނީ." ގެ އަޑުގައި ނުތަވަސްކަމެއް ހުއްޓެވެ.

އެކަމަކު އަހަރެން އަޅައިގަތީ އެހެން ތަންކޮޅެއްގަ އެވެ. އާއިން އަހަންނާ ވާހަކަދައްކާއިރު އެއްގޮތަކަށް ވެސް ފުރިހަމަ ނަމެއް ބޭނުމެއް ނުކުރާނެ އެވެ. މުޚާތަބު ކުރާނީ ކުރުކޮށްލާފައި ނޫނީ އޭނަ ލޯބިން ކިޔާ ކޮންމެވެސް ނަމަކުން އެވެ. އޭނަ ސީރިއަސްވެފައިވާވަރު އަހަންނަށް ޔަޤީންވި ގޮތަކީ އެއީ އެވެ.

"އެހާ މުހިންމު ވާހަކައެއްވިއްޔާ އަހަރެން ކުރިމަތީ ހުއްޓަ ބުނީމައެއްނު ރަނގަޅު ވާނީ..." އަހަރެން ވާހަކަދައްކަދައްކާ ހުއްޓާ އާއިން ނޫނެކޭ ކިޔައި މެދުކަނޑައިލި އެވެ.

އެއަޑު އައީ އާދައިގެ ވަރަށްވުރެ ބާރުކޮށެވެ. ވަގުތުން އަހަންނަށް ހުރި ހިސާބުން ހުއްޓެވިއްޖެ އެވެ.

"އަހަންނަށް ލިވީ ކުރިމަތީ ހުއްޓަ މިވާހަކަ ބުނަން ފަސޭހަ ނުވާނެތީ މިހެން ބުނަން މިޖެހުނީ. މިހާރު ދުވަސްކޮޅެއްވެއްޖެ ބުނަން ބޭނުންވެގެން އުޅޭތާ..." އިތުރަށް ވާހަކަދެއްކިއިރު އާއިންގެ އަޑު ހުރީ ކުރިއަށްވުރެ މައިތިރިކޮށެވެ.

ދެކޮޅު ބަލާލުމަށްފަހު ޕޭމެންޓް މަތިން އައި ދެމީހަކަށް ތަންދައްކަން ވެގެން އަހަރެން ފާރުގައި ލައްވެލީމެވެ. އެތާގައި ވެސް މަޑުކޮށްގެން ހުންނާނެ ތަން ނެތުމުން އަހަރެން މަޑުމަޑުން ކުރިއަށް ދާން ފެށީމެވެ. އާއިން ވާހަކަ ކުރިއަށްގެންދަން އުޅެފައި ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ. އޭނަ ނުތަނަވަސްވުމުން އުޅޭހެން ކަނދުރާމަތީ ފިރުމާލައިފައި މައްޗަށް އަތް ގެންގޮސް ބޮލުގެ އިސްތަށިގަނޑަށް މަހާލާ މަންޒަރު އަހަންނަށް ސިފަކުރެވުނެވެ. އެކި ފަރާތް ފަރާތުން އައިސް ސިކުނޑީގެ ތެރެއަށް ވެރިވެގަންނަން މަސައްކަތް ކުރަމުންދިޔަ ނުބައި ހިޔާލުތައް ދުރަށް ޖައްސާލުމަށްފަހު އަހަރެން އިންތިޒާރު ކުރީ އާއިން ފަށާނެ އިރަކަށެވެ. ހިމޭންކަން ދިގުލައިގެން ދިޔަ ވަރަކަށް ހިތުގެ ތެޅުން އަވަސްވަމުން އައެވެ.

"ލިވީ އަހަރެން.... ވަރަށް ލޯބިވޭ ލިވީދެކެ. އަހަރެން ބުނަން މިއުޅޭ ވާހަކައާ އެކަމާ އެއްވެސް ގުޅުމެއް ނެތް.." އާއިން ވާހަކަދައްކަމުން ދިޔައީ ޖެހިލުންވެ ހުރެކަން ޔަޤީނެވެ.

"ދެން އަހަރެން ނުތަޅުވާ ބުނަންވީއެއްނު..." ކެތްތެރިކަން ކޮޅުންލައިގެން އަހަރެންނަށް ބުނެވުނެވެ. މިފަހަރު އަހަރެންގެ އަޑުވެސް ނިކުތީ އާދައިގައި ހުންނަ ވަރަށްވުރެ ބާރަށެވެ.

އާއިން އަނެއްކާ ވެސް ދޫކޮށްލީ ފުން ނޭވައެކެވެ. އޭނަ އަނެއްކާ ވެސް ހިމޭނުން ހުންނާނީއޭ ހީވެ އެއްޗެއް ބުނަން ތައްޔާރުވެލީތަނާ ވާހަކަދެއްކި އަޑު އައެވެ.

"އަހަރެން މިއުޅެނީ ދެއަންބަށް މީހަކާ އިންނަން." އާއިންގެ އެޖުމްލަ އެއީ އަހަރެންގެ މޭގައި ޖަހާލެވުނު ބާރުގަދަ އެތިފަހަރެއްފަދަ އެވެ.

"ލިވީ އަހަރެން އެއްގޮތަކަށް ވެސް އުންމީދު ވެސް ކުރިކަމެއް ނޫން މީ. އަހަރެމެން ދެމީހުން ވެސް ވަރަށް މަސައްކަތް ކުރިން އަމިއްލަ އިހްސާސްތައް ހިފަހައްޓަން... މިކަމުގެ ތެރެއަށް ނުވަންނަން..." އާއިން އިތުރު ދެއްކި އެއްވެސް ވާހަކައެއް އަހަންނަކަށް ފަހުމެއް ނުވި އެވެ. އިވުނީ ހަމައެކަނި ބަސްތަކެކެވެ.

ހިނގަމުން ހިނގަމުން އައިސް މަގުމެދުގައި ހުރެވުނުކަން އެނގުނީ ކުރިމަތިން އިވުނު ސައިކަލެއްގެ ބަރުގޮނުގެ އަޑުންނެވެ. މީހުން ބަލާކަން އިހްސާސް ވެގެން ކޯތާފަތުގައި އަތް ޖައްސާލިއިރު ކަރުނަ އާދެ އެވެ. ބޮޑުއަންހެނަކު މަގުމަތީ ރޮމުން ހިނގާތަން ފެނުމުން ހައިރާން ނުވާނީ ކާކު ހެއްޔެވެ؟ ސައިކަލުގައި އިން މީހާ ހަމްދަރްދީގެ ލޮލަކުން ބަލާލައިފައި އަހަރެންގެ ކައިރިން ނައްޓައިގެން ކުރިއަށް ދުއްވައިލި އެވެ. ގެއާ ހަމައަށް ފޯރުމަށްޓަކައި އަޅަން އޮތް ގޯޅިން، ބާރު ސްޕީޑްގައި ނިކުތް ސައިކަލު އަހަންނަށް ފެނުނީ މާލަހުންނެވެ. ދެން ވީ ކަމެއް ވީ ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. އެއް ސިކުންތުގައި ސައިކަލު އަހަރެންގެ އެންމެ ގާތުން ފެނުނެވެ. ދެވަނަ ސިކުންތުގައި އަހަރެންގެ އެއްވެސް ބާރެއް ނެތި އަމިއްލަ ހަށިގަނޑު ވިއްސައިގެން ގޮސް ހަރުތަނެއްގައި ޖެހުނުކަން އިހްސާސްވި އެވެ. އެންމެ ތަދުވީ ބުރަކަށްޓަށެވެ. ދެން ވީގޮތެއް ނޭނގުނެވެ.

***

ހޭވެރިކަންވުމާއެކު ފުރަތަމަ ވެސް އިހްސާސް ކުރެވުނީ ބުރަކަށްޓަށް ވަމުންދިޔަ ތަދެވެ. ލޯ ހުޅުވާލިއިރު އަހަރެންގެ ވަށައިގެން ހަރަކާތްތެރިވަމުން ދިޔައީ ނުދަންނަ މީހުންތަކެވެ. ނަރުހުންނާއި ޑޮކްޓަރުންނެވެ. އެމީހުން ހުއްޓާނުލާ އެކަކު އަނެކަކާއި ވާހަކަދައްކަމުން މަސައްކަތުގައި އުޅުނުއިރު އަހަރެންނަށް އެކިޔާ ގިނަ އެއްޗެހި ދޭހަ ވެސް ނުވެ އެވެ. ސާފުވީ ދެތިން ބަހެކެވެ. "އެކްސް ރޭ" އަދި "އެމް އާރް އައި" އޭ ބުނިކަން ފާހަގަވި އެވެ. ބޮލާއި ދިމާގައި ބަހައްޓާފައި ހުރި މެޝިންތަކުން އެއްވާނަކަށް ބީޕް އަޑެއް އައިސްއައިސް ހުއްޓެވެ. އެފަދަ ކަމެއް ދިމާވެއްޖެނަމަ ބިރުގަންނާނެ ކަމަށް ކުރިން ހީވެފައި އޮތަސް އަހަރެންގެ ކިބައިގައި ބިރުގެ ކަންފުޅެއް ވެސް އެވަގުތު ނެތެވެ.

އަހަރެން ހޭއެރިތަން ފެނުމުން އެކަކު ކައިރިވެފައި ތަދުވަނީ ކޮންތާކަށް ތޯ އެހި އެވެ. ބުރަކަށީގެ ވާހަކަ ބުނުމުން ބޯޖަހައިލީ ކުރިއްސުރެ އެނގޭފަދަ ގޮތަކަށެވެ. އެލާޖިކް ވާ ބޭހެއް ހުރިތޯ އާއި މެޑިކަލް ހިސްޓްރީއާ ބެހޭގޮތުން ސުވާލުތަކެއް ކުރި އެވެ. ބަނޑު ބޮޑު ތޯ އެހި އެވެ. އިރުކޮޅެއްނުވެ ނަރުހަކު އައިސް ކުރިއްސުރެ އަތަށް ގުޅާފައި ހުރި ކެނިއުލާ މެދުވެރިކޮށް އިންޖެކްޝަނެއް ދިނެވެ.

ނިއުރޯސާޖަންގެ ގޮތުގައި ތައާރަފްވި މީހާ އައިސް ޓެސްޓެއް ހަދާ ވާހަކަ ބުންޏެވެ. ހަށިގަނޑުގެ އެކި ތަންތަނުން ހަރަކާތް ކުރެވެނީ ކޮންތަންތަނަކުން ތޯ އާއި ކިހާ މިންވަރަކަށް ތޯ ބެލި އެވެ.

ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ނިއުރޯ ސާޖަން އައިސް ކިޔައިދޭން ފެށި އެވެ. އަހަންނަށް އެކީ ގިނަ އެއްޗެހި ސާފެއް ވެސް ނުވި އެވެ. "ލަމްބާ ސްޕައިން" އޭ ކީކަން އެނގުނެވެ. "އަންސްޓޭބަލް ބާސްޓް ފްރެކްޗާ" އެއްގެ ވާހަކަ ކިއެވެ. އަދި ވެސް އަހަންނަށް ފަހުމް ނުވި އެތައް ވާހަކައެއް ދެއްކި އެވެ. މަސައްކަތް ކުރާ ތަންތަނުގެ ވާހަކައާ ނުކުރާ ތަންތަނުގެ ވާހަކަ ކީހެން ހީވި އެވެ. ދެން ދެއްކީ ސާޖަރީ ހަދަން ގެންދާ ވާހަކަ އެވެ. އެއިރުން ވެސް ގިނަ ކަންކަން އަދި އެނގިގެންދާނެ ވާހަކަ އެވެ. ކައިރީގައި ދިވެހި ނަރުހަކު ހުރެގެން ދިވެހިން ވެސް ކިޔައިދިނެވެ. ބޮޑަށް ގެއްލުން ދިމާވެގެން އުޅެނީ އަހަރެންގެ މައިކަށީގެ ތިރިއަށްކަން އެނގުނެވެ. އެކަމަކު ކިހާވަރެއްގެ ގެއްލުމެއް ކަމެއް އޭރަކު އަދި އިހްސާސެއް ނުވެ އެވެ. އެހެން ތަނަކަށް ސީރިއަސް ގެއްލުމެއް ނުވާކަން އެމީހުން ފާހަގަ ކުރީ ނަސީބެއްގެ ގޮތުގަ އެވެ. ބޮލާއި އަތާއި ފައިގެ އެތަން މިތަނަށް ލިބިފައި ވަނީ ކުދި އަނިޔާތަކެކެވެ.

އިތުރު ސުވާލެއްތޯ އެހުމުން އަހަން ވީ ސުވާލެއް ނޭނގުނެވެ. ދެން ހިތަށް އެރީ އާއިލާ މީހުންނެވެ. އާއިން އެވެ. އެއިން މީހަކަށް އަހަރެންގެ އެކްސިޑެންޓާއި ބެހޭގޮތުން އެނގިއްޖެ ބާވަ އެވެ؟ ނޫނީ އަހަރެން މިތާ މިއޮތީ އެކަނި ބާވަ އެވެ؟ އެހެންވެއްޖެނަމަ އަހަރެން މިތަނަށް ގެނައީ ކާކު ހެއްޔެވެ؟ އެސުވާލު ކުރަން ހަމަ ތައްޔާރުވެލީތަނާ އިމަޖެންސީ ރޫމުގެ ދޮރު ހުޅުވާލައިފައި އާއިން އެތެރެއަށް ވަނެވެ.

ދުވަމުން ކަހަލަ ގޮތަކަށް އައިސް އަހަރެންގެ ކައިރިއަށް ހުއްޓުނުއިރު ދެލޯ ހުރީ ބޮޑުވެފަ އެވެ. އެފަންއިސްތަށިގަނޑު ހޭވިފަ އެވެ. އަތުގައި ހިފާލަން ވެގެން ކައިރިވެފައި އަތްލާނެ ގޮތެއް ނޭނގިގެން އުޅޭމީހަކު ފަދައިން ފައިން ފެށިގެން ބޮލަށް ލޯ ހިންގައިލާފައި ޖެހިލީ ފިޔަވަޅެއްވަރު ފަހަތަށެވެ. ނަރުހަކަށް އާއިން ފެނިގެން އައިސް އަހަންނާއި އޮތީ ކޮން ގުޅުމެއްތޯ އަހައި ކުރު ގޮތަކަށް ކަންތައްތައް ކިޔައިދިނުމަށްފަހު ސާޖަރީ އަވަސްކުރަން ބޭނުންކަން ހާމަކުރި އެވެ. އާއިން ބޯޖަހައިލުމަށްފަހު ނަރުސް ކުއްޖާ ބުނި ލިއެކިއުންތައް ފުރިހަމަ ކުރަން ދަމުން އެނބުރި އަހަރެންގެ މޫނަށް ބަލައިލި އެވެ. އެލޮލުގައި ކަރުނަ އެވެ.

***

އޮޕަރޭޝަން ތިއޭޓަރުން ނެރެގެން ފުރަތަމަ ފަސް ދުވަހު އަހަރެން ބާއްވައިފައި އޮތީ އޯތޯ ވޯޑުގައި ހާއްސަ ބަލިމީހުން ބައިތިއްބަން ހަދާފައި ހުންނަ އެޗްޑީޔޫގަ އެވެ. އެފަސްދުވަސް ހޭދަވެގެން ދިޔައީ ފުސްގަނޑެއް ފަދައިންނެވެ. ހޭލާ އޮންނައިރަށްވުރެ ގިނަ ވަގުތު އަހަރެން އޮތީ ނިދައިފަ އެވެ. ރިހުން ކުޑަ ކުރުމަށް އަބަދު ވެސް އައިވީ މެދުވެރިކޮށް ބޭސް ދެމުންދިޔަ އެވެ. ނިންޖާއި ވަރުބަލި ކަމަކީ އޭގެ އަސަރެވެ. އެހީތެރިންގެ މީހުންނަށް ވަދެ ތިބެވެނީ މަދު ވަގުތުކޮޅަކު އެވެ. އާއިންގެ ހިތި ހިނިތުންވުން މަދު ފަހަރަކު ފެނުނެވެ. އެރީތި މޫނުން ފެންނަނީ ވަރުބަލިކަމެވެ. ނިދި ނުލިބުމުގެ ސަބަބުން ދެލޯ ހުންނަނީ ރަތްވެފަ އެވެ. އެއްފަހަރު އާއިންގެ މަންމަ ސިލްވިއާ ވެސް ފެނުނެވެ.

ހަވަނަ ދުވަހު ވޯޑުގެ އެނދަކަށް ބަދަލު ކުރެވުނެވެ. އަހަންނަށް ރަނގަޅަށް ހޭލެވުނީ އެއަށްފަހުގަ އެވެ. ލޯ ހުޅުވާލިއިރު ދާދި ގާތުގައި ގޮޑިއެއްގައި ސިލްވިއާ އިނެވެ. އަބަދުވެސް ރީތިވެގެން އުޅުމަށް ސަމާލުކަން ދޭ މީހާ އެވަގުތު ވެސް އިނީ ލުއި މޭކަޕާއެކު ފަރިވެފަ އެވެ. އަތްދިގު ނޫ ކުރުތާއަކާއި ޖިންސެއްގައި އިންއިރު އެންމެ އިސްތަށްޓެއް ވަކިނުވާނެހެން އޮމާންކޮށް އިސްތަށިގަނޑުގައި ހުޅި ޖަހައިފަ އެވެ. އުމުރުން ފަންސާހަށްވުރެ މަތިވެފައިވާއިރު އިސްތަށިގަނޑުގައި ނުރައެއް ނެތެވެ.

"ޔަލްވީ؟" އަހަރެން ލޯ ހުޅުވާލިތަން ފެނިގެން ސިލްވިއާ ތެދުވެފައި ކައިރިވި އެވެ.

"ކޮބާ އާއިން؟" އަހަރެންނަށް ފުރަތަމަ ވެސް އަހާލެވުނީ މިހެންނެވެ.

"އާއިން މިތާ އިނދެ އިނދެފަ ހަމަ ދެންމެ ބޭރަށް އެނިކުތީ. އަހަރެން ބުނެގެން އެއްޗެއް ކާންވެގެން އެދިޔައީ. ހެނދުނުއްސުރެ އެއްޗެއް ނުކައި އެއިނީ." ވާހަކަދައްކަމުން ސިލްވިއާ އަތުކުރީ ގަޑިއަށް ނަޒަރެއް ދިނެވެ.

އަހަރެން ވަކި އެއްޗެކޭ ނުބުނެ ބަލަން އޮތުމުން ފަހަތަށް ޖެހިލާފައި ގޮސް ކުރިން އިން ގޮނޑީގައި އިށީނދެލި އެވެ. ކުޑައިރުކޮޅެއް ވޭތުވެގެން ދަންދެން ސިލްވިއާ އެއްޗެއް ނުބުނެ ވިސްނުމަކަށް ގެއްލިފައި އިނެވެ.

"ޔަލްވީ މަންމަ ގުޅި. އަހަރެން ބުނިން މިއަދު ވޯޑުގެ އެނދަކަށް ބަދަލުކުރި ވާހަކަ. ބުނި ޔަލްވީގެ ދޮންތަ ބަނޑުގައި ރިއްސާތާ ދެދުވަސް ވެއްޖެއޭ. އެކަމަކު އަދި ނުވިހާ. ހޮސްޕިޓަލަށް ގެންގޮސްފައި އަލުން ގެއަށް ބަދަލު ކުރި ކަމަށް ބުނި." ސިލްވިއާ އަހަރެންގެ މޫނަށް ބަލަން އިނދެގެން ކިޔައިދިނެވެ.

އެތައް ދުވަހަކަށްފަހު އަހަރެންގެ ލޮލަށް ކަރުނަ ޖަމާވީ މަންމަގެ ނަން އަހައިފަ އެވެ. ދޮންތަ އާއި މަންމަ މަތިން ހަނދާންވެފަ އެވެ. އެވަގުތު އަހަރެން ބޭނުންވީ މަންމަގެ ފިރުމުންތަކެވެ. އެއޯގާތެރި އަޑުން އަހަރެންނަށް ގޮވާލާ އަޑު އަހާށެވެ. ހިތްވަރު ކުރުމަށް އެދިފައި ހިނިތުންވެލާށެވެ. މަންމަ އަހަރެން ކައިރީ ހުރިނަމަ މެދުކެނޑުމެއްނެތި އަހަރެންގެ ބޮލުގައި ފިރުމާނެ އެވެ. ސިލްވިއާ ހެން ދުރަކު ނީންނާނެ އެވެ.

އާއިން އައީ ފަނަރަ މިނިޓެއްހާއިރު ފަހުންނެވެ. އައިގޮތަށް އައިސް އަހަރެން ހޭލައިފިތޯ އެހި އަޑަށް ލޯ ހުޅުވައިލެވުނެވެ. އެމޫނަށް ބަލަން އޮވެވުނީ އެތައް ދުވަހަކަށްފަހު ފެނުމުން ބަލާ ގޮތަށެވެ. އާއިން ވެސް އެވަގުތު ބަހެއް ނުބުނެ އަހަންނަށް ބަލަން އިރުކޮޅެއް ވަންދެން ހުއްޓެވެ. ސިލްވިއާ އަހަރުމެންނަށް ފުރުސަތު ދީފައި އިރުކޮޅަކުން އަންނާނެ ވާހަކަ ބުނުމަށްފަހު ތެދުވެގެން ނިކުންނަން ދިޔަ އެވެ.

މަންމަ ނިކުމެގެން ދިޔަ ދިމާއަށް ބަލައިލުމަށްފަހު ގޮނޑި ކައިރިކޮށްލައިގެން އާއިން އިށީންދެލީ އަހަރެންގެ މަގަތުގަ އެވެ. ބަނޑުމަތީ އޮތް އަހަރެންގެ އަތްތިލައިގައި ހިފާ ގެންގޮސް މުށުތެރޭ ހިފަހައްޓާލުމަށްފަހު މޫނުގައި ޖައްސައިލި އެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ތެތްކަން އިހްސާސްވި އެވެ. އާއިން ރޮނީކަން އެނގުމުން އަހަރެންގެ ހިތަށް ތަދުވި އެވެ. އަނެއްކާ ވެސް ލޮލަށް ކަރުނަ ގިނަވި އެވެ. އެކުގައި ހޭދަކުރި ދެއަހަރު ދުވަހު މިނޫނީ އެގޮތަށް އާއިން ރޯތަނެއްނުފެނެ އެވެ.

"މިހެން މިވީ އަހަރެންގެ ސަބަބުން. މީ އަހަރެންގެ ކުށް." އިސްއުފުލާލުމަށްފަހު ކަރުނައިން ފުރިފައިވާ ދެލޯ އަހަރެންގެ މޫނަށް ހުއްޓާލަމުން އާއިން ވާހަކަދެއްކި އެވެ. އެއަޑު ނިކުތީ ކުރަކިވެގެންނެވެ.

ނޫނެކޭ ބުނެ ދެކޮޅު ހަދަން އަހަރެން ބޭނުންވި އެވެ. އެކަމަކު އޭގެ ކުރިން އަހަރެން އޮޅުންފިލުވަން ބޭނުންވި ކަންކަން ހުއްޓެވެ. ކުރަން ބޭނުންވި އެތައް ސުވާލެއް ވި އެވެ. އެކަމަށް ހުރަސް އެޅީ ވަގުތެވެ. ވޯޑުތެރެއަށް ވަން ޑޮކްޓަރާއި ދެ ނަރުހުން އައިސް އަހަރެން އޮތް އެނދުކައިރިއަށް ހުއްޓުމާއެކު އާއިން އަހަރެން އަތުން ދޫކޮށްލި އެވެ. ލޯ ފުހެލުމަށްފަހު އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލަން މަސައްކަތް ކުރި އެވެ.

ޑޮކްޓަރު އަހަރެންގެ ޗާޓް ނަގައިގެން ބަލަން ހުރެފައި ކައިރީ ހުރި ނަރުސް ކުއްޖާއާ ކޮންމެވެސް ވާހަކައެއް ދެއްކި އެވެ. އެއަށްފަހު އަހަންނާއި އާއިންގެ މެދުން ނަޒަރު ބަދަލުކޮށްލާފައި ހުއްޓައިލީ އަހަރެންގެ މޫނަށެވެ. -- ނުނިމޭ --

ދިގު ވާހަކަ ނުދާށެ ދޫކޮށްފައި

Popular