19 Apr 2024

ވެޑިން ޑްރެސް އެސަސަރީއާ ނުލައި ފުރިހަމައެއް ނުވާނެ

އެތައް ދުވަހެއް ވަންދެން ޕިންޓްރަސްޓާއި އިންސްޓަގްރާމް ހާވައި ޑިޒައިނަރުންނާ ބައްދަލުކޮށް، ހެދުން ފަހާނެ އެތައް ސަތޭކަ ގޮތެއް ބަލައި ނިމޭއިރު މި ހެދުންތަކާ ގުޅާ އިތުރު އެހެން އެސަސަރީތަކާ މެދު ވިސްނާނުލެވި ހިނގައިދާނެ އެވެ. އެކަމަކު މިއީ ދޫކޮށްލާ ވަރަށް ވުރެއް މުހިންމު ކަމެކެވެ. ހަމަ އެކަނި ހެދުމަށް ހުރިހާ ސަމާލުކަމެއް ހުސްކޮށްލައިގެން ތިބޭ ނަމަަ، ވެޑިން ޑްރެސްގައި ނަގާ ފޮޓޯތައް ފަހުން ބަލާއިރު މުޅި އައުޓްފިޓުގެ ފަޅުކަން އިހުސާސް ވުމަކީ ވެދާނެ ކަމެކެވެ. މިގޮތަށް ސަމާލުކަން ދޭން ރަނގަޅު މި އަހަރުގެ ޓްރެންޑިން ވެޑިން އެސަސަރީތަކަށް ބަލައިލަން ހިނގާށެވެ.

ލޭސް އަންގި

ނެޓްފްލިކްސް އަށް ނެރުނު ބްރިޖަޓަން ސީރީޒަށް ފަހު ލޭސް އަންގިތަށް ވަނީ މާ މަގުބޫލު އެއްޗަކަށް ވެފަ އެވެ. "ރީޖެންސީ އީރާ" އަށް ނިސްބަތްވާ މި އެސަސަރީ އަވަހަށް ޓްރެންޑުން ނެއްޓިގެނެއް ނުދާނެ އެވެ. މި އަހަރުގެ ނިއު ޔޯކް ބްރައިޑަލް ފެޝަން ވީކްގައި ވެސް މީގެ އެތައް ވައްތަރެއްގެ ލޭސް އަންގިތައް ވަނީ ރަންވޭގައި ފެނިފަ އެވެ. ލޭސް އަންގި އަކީ އެލެގަންޓް އަދި އަންހެންވަންތަ "ކިއުޓް" ގޮތެއް ދައްކުވައިދޭ އެސަސަރީއެކެކެވެ. މީގެ އެކި ސައިޒުތަކާއި ޑިޒައިންތައް ފަސޭހައިން އޮންލައިންކޮށް ގަންނަން ވެސް ލިބެން ހުރެ އެވެ.

ބްރައިޑަލް ކޭޕް

މި ސީޒަންގައި ރަންވޭތަކުން، ދިގު ކޭޕްތައް ވަނީ ވަރަށް ގިނައިން ފެނިފަ އެވެ. ވެއިލްއެއް ބޭނުން ނުކޮށް އޭގެ ބަދަލުގައި ދިގު ކޭޕްއެއް ހެދުމާ އެކީ އަޅާލެވިދާނެ އެވެ. ތުނި ފޮތީގެ ޕްލެއިން ކޭޕްތަކުގެ އިތުރުން އެމްބްރޮއިޑާ ކޮށްފައި އަދި މިނާ ފުއްތަކާއި ލޭސް އިން ޖަރީކޮށްލާފައި ހުންނަ ކޭޕްތައް ވެސް ބޭނުން ކުރެވިދާނެ އެވެ. އަދި ޕާޓީގެ ވަކި ހިސާބަކުން، ކޭޕް ބޭނުން ނުވާ ނަމަ ވަކިން ނައްޓާލުމަކީ ވެސް ފަސޭހަކަމެކެވެ. މި ކޭޕްތަކަކީ ބޭނުންވާ ނަމަ ހަމަ އެކަނި ބޮޑެތި ވެޑިން ފޮޓޯޝޫޓް ތަކަށް އެކަނި ބޭނުންކޮށްލެވޭނެ އެސަސަރީއެކެވެ.

ރޮޒެޓް ޗޮކާ

ވެއިލްގައި އެމްބްރޮއިޑަރީ

ކައިވެނި ދުވަހުގެ ހާއްސަކަމާއި ހިތުގައި އުފެދޭ އެންމެ މާނަފުން އިހުސާސްތައް ބުނެދޭން އުނދަގޫ ވެދާނެ އެވެ. މި ދުވަހު ހިތަށްއަރައި ހާއްސަ މާނަ ފުން އިބާރާތްތައް މުޅި އުމުރު ދުވަހު ފެންނަ ގޮތަށް ބަހައްޓާލަން ވެސް ބޭނުންވެދާނެ އެވެ. މި ކަހަލަ މާނަ ފުން މެސެޖުތަކާ އެކަކު އަނެކަކަށް ބުނެދޭން ބޭނުންވާ ވާހަކަތަށް ކައިވެނި ދުވަހު ބޮލުގައި އަޅަން އުޅޭ ވެއިލްގައި އެމްބްރޮއިޑާ ކޮށްލާށެވެ. މި ޓްރެންޑް ގެނެސްދީ ވައިރަލް ވެފައި ވަނީ ހެއިލީ ބީބާ އަދި ޕްރިޔަންކާ ޗޯޕްރާގެ ކައިވެނި ހެދުމުންނެވެ.

ހުދު މިނާ އިން ހަދާފައި ހުންނަ ބޭންޑް

އެންމެ ފަހުގެ އަދި އެންމެ "ބޯލްޑް" ވެޑިން ޓްރެންޑަކީ މިއީ އެވެ. ޑައިމަންޑަކީ އަންހެން ކުދިންގެ އެންމެ ގާތް އެކުވެރިޔާއޭ ބުނާ ބުނުން ވަނީ "ޕާލް" އަށް ބަދަލުވެފަ އެވެ. އިސްތަށިގަނޑަށް މާ ބޮޑެތި ގޮތްތަކެއް ނުހަދައި މި އެސަސަރީ ބޭނުންކޮށްލެވޭނެ އެވެ.

ކައިވެނި ކުރަން އުޅޭ މީހަކަށް މި ހިޔާލުތައް ހިއްސާކޮށްލައި އިންސްޕިރޭޝަން ހޯދާލާށެވެ.

Popular