8 Feb 2018

ރެޑްކާޕެޓްގެ ކުރިން: ރިޝްމީގެ ސްޓައިލް

ރެޑްކާޕެޓްގެ ކުރިން: ރިޝްމީގެ ސްޓައިލް

By: Nurah Rasheed

ޒުވާން އުމުރުން ފެށިގެން ފިލްމީ ދުނިޔޭގައި އުޅެބޮޑުވި އައިޝަތު ރިޝްމީ އަކީ މިވަގުުތު އިންޑަސްޓްރީގައި ހުރި އެންމެ ހުނަރުވެރި އެއް ތަރި ކަމަށް އެންމެން ވެސް ގަބޫލު ކުރާނެ އެވެ. ކުޑައިރު ބެގްރައުންޑު ޑާންސަރެެއްގެ ގޮތުގައި "މިތުރު" ފިލްމުން ފެނިގެން ގޮސްފައި ވާއިރު 1994 ވަނަ އަހަރު ބެލުންތެރިންނަށް ރިޝްމީގެ އެކްޓިން ހުނަރުތައް ފުރަތަމަ ފެނުނީ ޑްރާމާ ސިލްސިލާއަކުންނެވެ. މިހާރު ރެޑްކާޕެޓްތަކުން ރިޝްމީގެ މޫނު ފެނުން ގިނަ އެވެ. އޭނާގެ ހެދުން އެޅުން ހުންނާނީ ކިހިނެއްތޯ ބަލަން ބޭނުންވާ މީހުން އުޅެ އެވެ. "އެލެގަންޓް" އަދި "ލޭޑީ ލައިކް" މި ދެ ބަހުން ރިޝްމީގެ ރެޑްކާޕެޓް ސްޓައިލް ކިޔައިލަދެވޭނެ އެވެ.

މިފަހަރު މި އޮތީ ރެޑް ކާޕެޓް ހަފުލާއަކަށް ރިޝްމީ ތައްޔާރުވާ ގޮތާއި އޭނާގެ ސްޓައިލްތަކުގެ ވާހަކަ އެވެ.

އެވަރުގެ ހަފުލާއަކަށް ދައުވަތު ލިބުމުން އެންމެ ފުރަތަމަ ހިތަށް އަރަނީ ކީކޭ؟ އަދި އެއަށް ފަހު ދެން އަވަސްވެގަނެވެނީ ކޮން ކަންކަމަކަށް؟

"އެވޯޑު ހަފުލާ އަކަށް ދައުވަތު ލިބޭ ހިސާބުން އެންމެ ފުރަތަމަ ވެސް ރިފްއަތަށް ގުޅާފަ ބުނަނީ އެބަ އޮތޭ ހަފުލާއެއް މިވެނި މަހެއްގެ މިވެނި ދުވަހަކު ރެޑް ކާޕެޓް އިވެންޓެއް. އެހިސާބުން އޭނަ ކުރިއަށް ގެންދާނީ. ރިފްއަތު އަހާނެ އެބައިންތޯ ވަކި ކުލައެއް ރިޝްމީ ބޭނުންވާ. ދެން ރިޝްމީގެ ބޮލުގަ ވަކި ކުލައެއް އިނިއްޔާ ބުނެލަން. އެކަމު ގިނަ ފަހަރު އޭނަޔަށް ކުލަވެސް ދޫކޮށްލަނީ."

ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް ގައި ރިޝްމީ އާއި ރަވީ

ރެޑްކާޕެޓްގައި ދާއިރު އެންމެ މުހިންމު ވަނީ މޭކަޕްތަ ނުވަތަ ހެދުންތަ؟

"އަސްލު އެންމެ މުހިންމީ އަމިއްލަ މީހާއަށް ކޮންފޮޓަބަލް ވުން. ހެދުން ވެސް މޭކަޕް ވެސް. އަމިއްލަޔަށް މޭކަޕް ހަޑިޔޭ ހެދުން އުނދަގުލޭ ހިތަށް އަރާފަ ހުންނަންޏާ ވަރަށް އުނދަގޫ ވާނެ."

މޭކަޕާއި ހެދުން ޗޫޒްކުރާއިރު ކޮން ގޮތަކަށްތަ ވިސްނަނީ އަދި ލާނެ އެއްޗަކާއި އަޅާނެ މޭކަޕާ މެދު ގޮތެއް ނިންމަން އާންމުކޮށް ކިހާ ވަގުތެއް ނަގާތަ؟

"މާ ގިނަ ވަގުތެއް ނުނަގާ އަސްލު. އަބަދު އެއް ބައެއް ކައިރަށް ދާތީ 15 ވަރަކަށް މިނެޓު ނަގަނީ. ދެން ފިޓިން އަށް ދާނީ އެންމެ ދުވަހެއް. ފުރަތަމަ ވިސްނަނީ ހެދުން ފައިނަލް ކުރަން. އޭގެ ފަހުން މޭކަޕް. ދެން އެކަމު ޑާކް ލިޕްސްޓިކް ވަރަށް ނުވޭ ޖައްސާ ހިތް."

އެ ހުރިހާ ކަމެއް ނިންމަނީ އަމިއްލަ އަށްތަ ނުވަތަ ޑިޒައިނަރާއި މޭކަޕް އާޓިސްޓުން ބުނާ ގޮތަށްތަ ހަދަނީ؟

"ޑިސްކަސް ކުރަނީ އެންމެންނާ. ބޮޑަށް އެމީހުންގެ އައިޑިއާސް ހޯދަނީ. ކުލަ ޗޫސް ކުރުމާއި ހަމައިން ވެސް. މިސާލަކަށް ރިފްއަތު ދައްކާ ކުލަޔެއް ހިތްހަމަ ޖެހެންޏާ އެއާ އެއްކޮށް ދަނީ. އޯކޭ ނޫނިއްޔާ ބުނަން. ދެން ދެކޮޅުން އެގްރީ ވާ ޓާމްސްތަކަށް އަންނަން ދެން ވާހަކަ ދައްކަނީ. ދެން ބައެއް ފަހަރު ހުންނާނެ، މިސާލަކަށް އެންމެ ފަހުން އެޓެންޑު ކުރި ހަފްލާ އެއީ ގައުމީ އެވޯޑްސް އެ ފަހަރު ހަސަން އާއި ރިފްއަތު ރިކްއުއެސްޓް ކުރީ އެމީހުންނަށް ހުރިހާ ޑިސިޝަންސް އެއް ދޫކޮށްލަން. އެހެންވީމަ މިފަހަރު ފެނުން ހެދުން އެއީ ސަތޭކަ ޕަސަންޓް ރިފްއަތުގެ ޑިސިޝަންސް ދެން މޭކަޕް ހަމަ ސަތޭކަ ޕަސެންޓު ހަސަން."

އެހެން މީހުން އަތުން އެއްޗެހި ބޮރޯކުރަންތަ؟ ހެދުމާއި ގަހަނާ؟

"ވަރަށް ނުކުރަން އަސްލު، ހަމަ އެއްގޮތަކަށް ވެސް ނުކުރަމޭ ބުންޏަސް ރަނގަޅު ވާނެ. ޝޫޒް އަބަދުވެސް ގަންނަނީ. ރެޑް ކާޕެޓަށް ދާކަށް ދުވަހަކުވެސް ބޮރޯއެއް ނުކުރަން ޖުވަލަރީޒް އެއް ވެސް. ހެދުން ވެސް ވަކިން އެ ފަންކްޝަންއަކަށް ޕޭ ކޮށްގެން ފަހަނީ. ދެން ބައެއް ފަހަރު ރިފްއަތު ހޯދާނެ ހެދުމާ ގުޅޭ ޖުވެލަރީޒް."

ފާތުމަތު ނަހުލާގެ އަސަރުގަދަ ލޯބީގެ ފިލްމް "ބޮސް" އޮލިމްޕަހުގައި ޕްރިމިއާ ކުރުމުގެ ހަފުލާގައި ފިލްމުގެ ޑައިރެކްޓަރު ރިޝްމީ ބައިވެރިވަނީ.

ފެޝަން ޑިޒައިނަރުން މޭކަޕް އާޓިސްޓުންގެ ހިލޭ މޭކަޕްކޮށް ހެދުން ފަހައިދޭތަ. އެކަހަލަ ހުށަހެޅުން ލިބޭތަ؟

"ލިބޭ، އޮފާޒް އާދޭ ހިލޭ މޭކަޕް ކޮށްދޭން ވެސް ހެދުން ފަހައިދޭން ވެސް. އެކަމު ޕޭ ކޮށްގެން ވެސް ރިޝްމީ ވަރަށް ބޭނުން ނުވޭ ރިސްކެއް ނަގަން. ކޮންމްފޯޓް ޒޯންގަ އުޅެން ބޭނުން ވާތީ ރިފްއަތާއި ހަސަން ނުވަަތަ ރައުފާ އަށް ދެނީ އަބަދު."

ރެޑްކާޕެޓަށް ބޭނުންވާ ހެދުން ޑިޒައިންކޮށް ފަހައި ތައްޔާރުކުރަން އާންމުކޮށް ކިހާ ދުވަހެއް ނަގާތަ؟ އެގޮތަށް އެންމެ ގިނަ ދުވަސް ނެގި ހެދުމާއި އެންމެ އަވަހަށް ނިމުނު ހެދުމަކީ ކޮބާ؟

"ރިފްއަތު ވެއްޖެއްޔާ ހަމަ އެންމެ ފިޓިން އެއް. ދެން ނީންނާނެ އެއްވެސް މައްސަލައެއް. އިވެންޓު އޮންނަ ދުވަހުގެ 2 ހަފުތާ ވަރު ކުރިން ފިޓިން އަށް ދާއިރު އިންނާނީ ހަމަ ރަނގަޅަށް. ފިޓިންގަ ވެސް ގިނަ ފަހަރު ރިޝްމީގެ ވެއިޓަށް ބަދަލެއް އައިސް ހުރިއްޔާ ކުދިކުދި މައްސަލަ އުޅޭނީ. އެހެން ނޫނިއްޔާ އިންނާނީ ހަމަ ބޭނުންވާ ގޮތަށް. ދެން ވަކި ފާހަގައެއް ނުކުރެވޭ ވަކި ހެދުމެއް އަވަހަށް ނިމި ނުވަތަ ލަހުން ނިމިފައޭ އިނީކީ. އަބަދުވެސް މިއަދު އިވެންޓަށް ދަންޏާ އިއްޔެ އިންނާނީ ހުރިހާ ކަމެއް ރެޑީވެ ނިމިފަ. އެއްވެސް އިތުރު ޗޭންޖެއް ގެންނަން ނުޖެހޭ ވަރަށް."

ބޯހަދައި މޭކަޕްކުރަން ކިހާ ވަގުތެއް ނަގާތަ؟

"ރިޝްމީ އަކީ އެއްވެސް ތާކަށް ދާން ތެޅިގަނެގެން އަވަސް އަރުވާލައިގެން ދާން ބޭނުންވާ މީހެއް ނޫން. އަށެއް ޖަހާ އިރަށް ނުނީ 8:30 އަށް ދާން އޮތިއްޔާ 2 ޖަހާއިރު ދަން ސެލޫން އަށް. އެކަމު ދާގޮތަށް މޭކަޕް ސްޓާޓް ކުރަނީކީ ނޫން. ދެން ނެއިލްސް ހަދާލައި ބޯ ދޮވެލާ އެހެން ވަރަށް ހަމަ ޖެހިލައިގެން ވަރަށް އަރާމުގަ އުޅެމުން ރެޑީ ވަނީ. އަދި އިވެންޓަށް ދިއުމުގެ ކުރިން ފޮޓޯ ވެސް ނަގައިގެން ދަނީ."

ރެޑްކާޕެޓް ހަފުލާ އަށް ދިއުމުގެ ކުރިން އެ ދުވަހު އުޅޭ ގޮތް / އުޅެން ޖެހޭ ގޮތް ކިޔައިދީބަލަ؟

"ކުރީގަ ވެއްޖެއްޔާ ރިފްއަތު ނޫން ޑިޒައިނާޒް ކައިރިއަށް ދިޔައިރު، އެއީ ދެން ވަރަށް ކުރިން. އޭރު އުޅެން ޖެހޭ އިރު އިރު ކޮޅާ ފިޓުކޮށް އެ ދުވަހު އެއްޗެހިގަންނަން ދުވެ، ހެދުން ނުނިމިގެން. އެދުވަހު އެނގޭނީވެސް ކޮންކަހަލަ ފައިވާނަކަށްތޯ އަރާނީ ވެސް. އެކަމު ރިފްއަތު ކައިރިއަށް ދާން ފެށިފަހުން ހަމަ ހުރިހާ އެއްޗެއް ހުންނާނީ ކުރީއްސުރެއް ފައްޓައިގެން ރެޑީގަ. އެހެންވީމަ އެ ދުވަހު އޭނަ 2 އަށް އަންނާށޭ ބުނީމަ އެއްޗެހި ހިފައިގެން ދަނީ ހަމަ."

އައިޝަތު ރިޝްމީ

ރެޑްކާޕެޓް ހަފުލާ އަށް ނުކުމެވި އެންމެންގެ ކުރިމަތީގައި ހިނގާލެވުނީމަ އެކުރެވޭ އިހްސާސް ބުނެދީބަލަ؟

"ރެޑް ކާޕެޓް އިވެންޓުތަކުގައި ހިނގުމަކީ އެންމެ އޮކްވާޑްވާ އެއް ކަންތައް. އަބަދުވެސް. ފައި އޮޅޭނެ، އެކަނި ދާން ޖެހެންޏާ ޖެހިލުންވާނެ. އެކަހަލަ ކަންތައްތައް އުޅޭނެ. އެއީ އަނެއްހެން އެންމެ ކުރާ ހިތް ނުވާ އެކަމު ކުރަން ޖެހޭތީ ކުރާ ކަންތައް. އަދިވެސް އެ ކަމަކަށް ޔޫސްޑްއެއް ނުވޭ. އެހެންވެ އެހާ ބާރަށްވެސް އެ ދަނީ ހިނގާފަ."

ހަފުލާތަކަށް ބޭޏުންކުރާ ވޯޑްރޯބަށް ހަދަނީ ކިހިނެއް ހަފުލާ އަށް ފަހު؟

"އާންމުކޮށް ބަހައްޓާފަ ހުންނާނީ. އެކަމު ބަދަލެއް ގެނެސްގެން ބޭނުން ކުރެވޭ ކަހަލަ ހެދުމެއް ވިއްޔާ ޗޭންޖާސް ގެނެސްގެން ލަން ޝޯ އެއްޗެހީގަ. އެހެން ނުނީ ހަމަ ހުންނާނީ"

ލައިގެން ހުންނަ ހެދުމަށް އެއް ބަޔަކު ތައުރީފުކުރާއިރު އަނެއް ބަޔަކު ފާޑުވެސް ކިޔާނެ. އެގޮތަށް އަމާޒުވާ ތައުރީފާއި ފާޑުކިޔުން ބަލައިގަންނަގޮތަކީ ކޮބާ؟

"އެއްވެސްވަރަކަށް އަޅައެއް ނުލަން. އަމިއްލަ އަށް ހިތްހަމަ ޖެހޭ ވަރު ވީމަ ލައިގެން ދަނީ. އޭގެ ފަހުން މީހުން ކިޔާ އެއްޗެހި މެޓާއެއް ނުވޭ. ދެން ރީތި ވިއްޔާ އެއީ ޑިޒައިނަރަށް ލިބޭ ކްރެޑިޓެއްދޯ. އެކަމު ހުރިހާ އެންމެނަށް ރީތިވާކަށް ނުވަސްޖެހޭތާ. އޮބްވިއަސްލީ އަންނާނެ ނެގެޓިވް ކޮމެންޓުވެސް. ކިޔާލަން ބައެއްފަހަރު އެކަމު ކަމާކަންފަށާފަ ނުކިއަން. އަސްލު ރިޝްމީވާނެ ކޮމެންޓުތައް ނުކިޔާ މީހަކަށް. އާޓީކަލް އެއްޗެހިވެސް ކިޔާލާފަ ދެން އެހިސާބުން ނިންމާލަނީ ކޮމެންޓެއް ނުކިއަން. ބޭކާރު ސްޓްރެސް އަކަށް ވަނީ."

ހެދުން އަޅާ ގޮތާއި މޭކަޕްކުރާ ގޮތަށް މީހުން ފާޑުކިޔާތީ ކަންބޮޑުވޭތަ؟

"ނުވޭ. އެއްގޮތަކަށްވެސް ނުވޭ"

ހަފުލާއަކަށް ގޮސް އުޅެނިކޮށް ދިމާވި އެންމެ ލަދުގަތް ކަމަކީ ކޮބައިތަ؟

"އެއްފަހަރު، ހަދާންވާ ގޮތުން ވެއްޖެއްޔާ އެއީ 2007 ގަ ކާނިވަލްގަ ބޭއްވި ގައުމީ އެވޯޑެއް އެއީ ހުކުރުވިލޭރޭ ފިލްމު ބައިވެރިކުރި ފަހަރު. ކޮންމެސް އެވޯޑެއް ހުކުރު ވިލޭރޭއަށް ލިބިގެން އައްޒަޔާ ދެމީހުން ސްޓޭޖަށް އަރައިގެން ދަނިކޮށް ރިޝްމީ އަރައިގެން ހުރި ހީލްގެ ކަށި ބިންދައިގެން ދިއައީ، ދެން އަމިއްލަޔަށް ބެލެންސްކޮށްލައިގެން ހިނގާލާފަ އެރީ، މީހުންނަކަށް ނޭނގޭނެ ކަންނޭގެ ހުރީ ހީލް ބިނދިފައެކޭ. އަމިއްލަޔަށް ބެލެންސް ކޮށްލައިގެން ހުރީމަ."

ހަފުލާ ނިންމާލާފައި އެނބުރި ގެއަށް ގޮސް މޭކަޕް ސާފުކުރަން އުޅޭ ގޮތް ކިޔައިދީބަލަ؟

އެއީ އެންމެ އިރިޓޭޓްވާ ގަޑި އަސްލު. ކީކޭ ބުނާނީ، އަސްލު އެވަގުތު ހިތަށް އަރާ މޭކަޕް ނުކުރާނަމޭ ދުވަހުކުވެސް ނުވަތަ ނުދާން ވިއްޔޭ. ދެން އެކަމު މޭކަޕް ރިމޫވް ކުރާކަށް މާ ބައިވަރު ޓައިމެއް ނުނަގާ."

ސެލެބްރިޓީން ފެޝަން

Popular