30 May 2019

އީވާގެ ރީތި ދިގުހެދުން!

އީވާގެ ޒަމާނީ ސްޓައިލްތަކަށް މީގެ ކުރިން ވެސް ސަމާލުކަން ލިބިފައިވެ އެވެ. އެކަމަކު މިފަހަރު ދިގުހެދުމަކުންނެވެ.

އީވާގެ ޒަމާނީ ސްޓައިލްތަކަށް މީގެ ކުރިން ވެސް ސަމާލުކަން ލިބިފައިވެ އެވެ. އެކަމަކު މިފަހަރު ދިގުހެދުމަކުންނެވެ.

By: Ifraz Ali

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތާ ގުޅޭ ސިޔާސީ ވާހަކަތައް ބާއްވާފައި މިއީ، އެ ރަސްމިއްޔާތުން ފެނުނު ދިގު ހެދުންތަކުގެ ވާހަކަ އެވެ.

މަޖިލީހުގެ އަންހެން މެންބަރުންނާއި އަދި ދައުވަތު ލިބިގެން ވަޑައިގެންނެވި ބައެއް އަންހެން ބޭފުޅުންގެ ދިގު ހެދުންތަކެވެ.

މި ހުރިހާ ހެދުމެއްގެ ތެރެއިން ވެސް އެންމެ ރީތި ކަމަށް ގިނަ ބަޔަކު ބުނަނީ މަޖިލީހުގެ ނައިބް ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ ތުރުކުރައްވައިގެން ހުންނެވި ދިގު ހެދުމެވެ. އާންމުކޮށް ފެންނަ ދިގު ހެދުންތަކާ ތަފާތު ޑިޒައިނެއް ކަމަށް ފާހަގަވީ އެވެ. އީވާގެ ސްޓައިލްތަކަށް މީގެ ކުރިން ވެސް ސަމާލުކަން ލިބިފައިވެ އެވެ.

އެ ރަސްމިއްޔާތަށް ހާއްސަކޮށް އީވާ މި ހެދުން ފެއްސެވީ މީގެ 10 އަހަރު ކުރިންނެވެ. އެ ހެދުން މީގެ ކުރިން ވެސް އެކި މުނާސަބަތުތަކުގައި ބޭނުންކުރެއްވި އެވެ.

"އެކިއެކި ޖަލްސާތަކަށް ދިއުމަށް ކުރީގައި އެ ދިގު ހެދުން ލީ. ހަތެއް ފެބްރުއަރީގައި ބަގާވާތަކުން ވެރިކަން ވެއްޓުން ފަހުން ނުލާ ހުރެފައި، ހުވާކުރާ ރަސްމިއްޔާތަށް މިފަހަރު މި ލީ،" އީވާ ވިދާޅުވި އެވެ.

މުށި ކުލައިގެ އެކި ޝޭޑްތައް ހުރި މި ހެދުން ޖަރީކޮށްފައި ހުރީ ކަޅު ކުލައިގެ ވެޔޮގަނޑަކުންނެވެ. ހެދުމުގެ އެކި ދިމަދިމާއަށް އެ ވެޔޮގަނޑު ފަތުރާލާފައިވާ ގޮތް ނަލަ އެވެ.

އީވާ ވިދާޅުވީ ހެދުން ފެހި ފޮތިގަނޑު ބައްލަވައިގަތް ފިހާރަ ވެސް މިހާރު ހުރިހެން ހީނުވާ ކަމަށެވެ. ހެދުން ފެއްސެވީ އާންމުކޮށް އޭނާ އަށް ހެދުން ފައްސަވާ ދެއްވާ އާބިދާ އެވެ.

އާންމުކޮށް ފެންނަ ދިގު ހެދުންތަކުގައި ބޮޑަށް ބޭނުންކޮށްފައި ހުންނަނީ ޕްލޭން ކުލަތަކެވެ. މާ ބޮޑެތި ޑިޒައިންތަކެއް ހެދުމުގައި ނުހުރެވެ. ޑިޒައިންތައް ހުންނަ ހެދުމެއް ނަމަ، ގިނަ ފަހަރަށް ހުންނާނީ ހެދުމުގެ ހުރިހާ ދިމާލެއްގައި ދާދި އެއްގޮތަކަށެވެ.

މެމްބަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުން ފާހަގަކޮށްލެވުނު އިތުރު ދިގު ހެދުންތަކަކީ މިއީ އެވެ؛

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަޖިލީހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންވަނީ. ހިސާންގެ ހެދުން ފާހަގަވީ އާދައިގެ ގޮތަށް އެކަމަކު ވަރަށް ހިތްގައިމުކޮށް ޑިޒައިންކޮށްފައިވާކަން. -- | ފޮޓޯ: ހުސައިން ވަހީދު/މިހާރު
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ގެ އަނބިކަނބަލުން ޒީނާ ސައީދުއާ އެކު ހުންނެވި މި ފޮޓޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވަނީ ފެތުރިފަ އެވެ. ޒީނާގެ ދިގުހެދުން ވެސް ރަސްމިއްޔާތުގައި ތަފާތެވެ. -- | ފޮޓޯ: ހުސައިން ވަހީދު/މިހާރު
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އަނބިކަނބަލުންނާ އެކު ވަޑައިގަންނަވަނީ. -- | ފޮޓޯ: ހުސައިން ވަހީދު/މިހާރު
އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ދިގު ހެދުން ވެސް ތަފާތު. ރޮޒެއިނާ ފާހަގަވެފައި ވަނީ އާންމު ގޮތެއްގައި ވެސް ވަރަށް ރީތިކޮށް ހެދުން އަޅުއްވާ ކަމަށް. -- | ފޮޓޯ: ހުސައިން ވަހީދު/މިހާރު
އަންހެނުން ފެޝަން

Popular