10 Jun 2019

ބަންގްލަދޭޝް ފެޝަން ވީކްގެ ދިވެހި ލިބާސް

ބަންގްލަދޭޝް ފެޝަން ވީކްގައި ދައްކާލި މި ދިވެހި ޑިޒައިނަށް ސަމާލުކަން ލިބުނު

ބަންގްލަދޭޝް ފެޝަން ވީކްގައި ދައްކާލި މި ދިވެހި ޑިޒައިނަށް ސަމާލުކަން ލިބުނު

By: Ifraz Ali

ޒަމާނީ ސްޓައިލްގެ މި ދިވެހި ލިބާސް ޝޯޝަލް މީޑިއާގައި މީހުން ޝެއާކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ރީތިކަމާ އެއްވަރަށް އެންމެ ބޮޑު ސަމާލުކަމެއް މި ލިބާހަށް ލިބުނީ، މިއީ ބަންގުލަދޭޝްގެ ފެޝަން ވީކުން ފެނުނު ޑިޒައިނަކަށް ވުމުންނެވެ. މިދިޔަ ފެބްރުއަރީ މަހުގައި އޮތް އެ ފެޝަން ވީކްގެ ތެރެއިން ފެނުނު މި ލިބާހަކީ ހުނަރުވެރި ދިވެހި ޑިޒައިނަރެއް ކަމަށްވާ، އައިޝަތު ޝަމްލާގެ މަސައްކަތެކެވެ.

ބަންގްލަދޭޝް އާއި އޭޝިއާގެ އެކި ގައުމުތަކުގެ ފެޝަން ޑިޒައިނަރުންނަށް، އެމީހުންގެ ހުނަރު ދައްކާލުމަށް ލިބުނު މި ފުރުސަތު މި ފަހަރު ރާއްޖެ އިން ލިބުނީ ޝަމްލާ އަށެވެ. ބަންގްލަދޭޝްގެ 19 ޑިޒައިނަރަކާއި އެކި ގައުމުތަކުން 11 ޑިޒައިނަރުން މި ފެޝަން ވީކްގައި އެމީހުންގެ ޑިޒައިންތައް ޝޯކޭސްކުރި އެވެ.

ބަންގްލަދޭޝަން ފެޝަން ވީކްގައި ދައްކާލި ޑިޒައިނާ ޝަމްލާގެ ޒަމާނީ ދިވެހި ލިބާސް -- | ފޮޓޯ: ފެޝަން ޑިޒައިން ކައުންސިލް އޮފް ބަންގްލަދޭޝް

"ބަންގުލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރު ގުޅުއްވާފައި ދެންނެވީ، އޭޝިއާގެ އެކި ގައުމުތަކުން ޑިޒައިނަރުން ބަންގުލަދޭޝްގެ ފެޝަން ވީކްގައި އެބަ ބައިވެރިވޭ، ރާއްޖޭގެ ފަރާތުން އަޅުގަނޑު ބައިވެރިވާން ބޭނުންތޯ،" މި ފުރުސަތު ލިބުނު ގޮތް ޝަމްލާ ކިޔައިދިނެވެ.

ޝަމްލާގެ 40 އަހަރުވީ ފެޝަން ޑިޒައިނިންގެ ދިގު ކެރިއަރުގައި، އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި އޭނާގެ ޑިޒައިންތައް ދައްކާލަން ލިބުނު މިއީ ފުރަތަމަ ފަހަރެވެ. މިހާރު އުމުރުން 51 އަހަރުގެ ޝަމްލާ، ފެޝަން ޑިޒައިނިން އަށް ޝައުގުވެރިވެ މި ދާއިރާއަށް ނިކުތީ އުމުރުން އެންމެ 10 އަހަރުގަ އެވެ.

ބަންގްލަދޭޝް ފެޝަން ވީކްގެ ވޯކްވޭގައި ޑިޒައިނާ ޝަމްލާ: މި ދާއިރާގައި މަސައްކަތްކުރާތާ 40 އަހަރުވެއްޖެ -- | ފޮޓޯ: ފެޝަން ޑިޒައިން ކައުންސިލް އޮފް ބަންގްލަދޭޝް

"މިއީ އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނެއް. މިއަދު ހަގީގަތަކަށް މިވީ،" ޝަމްލާ ބުންޏެވެ.

ބަންގްލަދޭޝް ފެޝަން ވީކްގައި ޝަމްލާ ޝޯކޭސްކުރި ކަލެކްޝަންގައި ތަފާތު 14 ޑިޒައިނެއް ހިމެނެ އެވެ. މި ޑިޒައިންތައް ފަރުމާކުރުމުގައި ބޭނުންކޮށްފައި ވަނީ ދިވެހިންގެ ރަށްފުށުގެ ދިރިއުޅުމާ ގުޅޭ ކުލަތަކުގެ ތެރެއިން މޫދާއި އިރުއޮއްސޭ މަންޒަރުގައި އެ ހުންނަ އެކި ކުލަތަކެވެ.

View this post on Instagram

A post shared by Aishath Shamla (@aishath.shamla) on

"ދިވެހި ލިބާސް ޑިޒައިންކޮށްފައި އެހުރީ ސިލްކު މެޓީރިއަލް އިން. ބޭނުންކޮށްފައި އިން ކަސަބު އެއީ ހަމަ ކަސަބު ވިޔާ ދިވެހި ހުނަރުވެރިއެއްގެ މަސައްކަތެއް. އަޅުގަނޑުގެ ކޮންމެ ކަލެކްޝަނެއްގައި ވެސް ދިވެހި ހެދުމެއްގެ މޮޑިފިކޭޝަނެއް އިންނާނެ،" މި ލިބާހަކީ އެގޮތުން މި ކަލެކްޝަނަށް ޑިޒައިންކުރި ލިބާހެއް ކަމަށް ބުންޏެވެ.

"ހެދުންތަކުގައި ބޭނުންކޮށްފައި އެ ހުރި، ރުކުގެ ފަނާއި ދިއްގާ މަލުގެ ޑިޒައިންތައް ވެސް އެއީ އަޅުގަނޑު އަމިއްލައަށް ކުރަހާފަ. މި ހުރިހާ ޑިޒައިންތައް ކަލާކޮށް، ޑިޖިޓަލް ޕްރިންޓުކުރީ ލަންކާ އިން،" އިތުރު ޑިޒައިންތަކާއި ބެހޭގޮތުން ވާހަކަދައްކަމުން ބުންޏެވެ.

ބަންގްލަދޭޝް ފެޝަން ވީކްގެ ވޯކްވޭގައި ޑިޒައިނާ ޝަމްލާ އޭނާގެ ކަލެކްޝަނާއެކު: މި ކަލެކްޝަންގައި ތަފާތު 14 ޑިޒައިނެއް ހިމެނޭ -- | ފޮޓޯ: ފެޝަން ޑިޒައިން ކައުންސިލް އޮފް ބަންގްލަދޭޝް

ޝަމްލާ ބުނީ މި ޑިޒައިންތަކަށް އެންމެންގެ ފަރާތުން ވެސް ވަރަށް ބޮޑު ތައުރީފު ލިބުނު ކަމަށެވެ. އަދި މި ޝޯއިން ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ އެއީ ކަމަށް ވެސް ބުންޏެވެ.

"އެކި ނިއުސްތަކުން ރިޕޯޓަރުން އައިސް އަޅުގަނޑުގެ ކަލެކްޝަންގެ ވީޑިއޯ ވެސް ނެގި. އޭގެ އަނެއް ދުވަހު ހެނދުނު ބަންގްލަދޭޝްގެ ވަރަށް ގިނަ މެގަޒިންތަކުގައި އަޅުގަނޑުގެ ކަލެކްޝަންގެ ފޮޓޯތައް ވެސް ހުރި. ވަރަށް އުފާވި އެހެންވީމަ،" މަސައްކަތާ މެދުގައި ޝަމްލާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.

ބަންގްލަދޭޝް ފެޝަން ވީކްގައި ދައްކާލި ޝަމްލާގެ ކަލެކްޝަންގެ ޑިޒައިނެއް -- | ފޮޓޯ: ފެޝަން ޑިޒައިން ކައުންސިލް އޮފް ބަންގްލަދޭޝް

"މިހާރު ވަރަށް ޒަމާން ވެއްޖެ މި ދާއިރާގައި މަސައްކަތް ކުރާތާ. 200 އަށް ވުރެ ގިނަ މީހުންނަށް މި ދާއިރާއިން ކިޔަވައި ވެސް ދެވިއްޖެ. އަދި އެކަމަކު ނުލިބެނީ ނެޝަނަލް އެވޯޑެއް. މިހާރުގެ އެންމެ ބޮޑު އުއްމީދަކީ އެއީ،" މި ދިގު ކެރިއަރުގައި ދެން ހާސިލުކުރަން ބޭނުންވާ ކާމިޔާބީއަކީ އެއީ އެވެ.

ނުވަދިހައިގެ ފަހުކޮޅުގައި މާލޭގައި ބޭއްވި ހީ އެންޑް ޝީ ފެޝަން ޝޯގައި ޝަމްލާ އަށް ބެސްޓް ޑިޒައިނާގެ އެވޯޑު ލިބުނެވެ. އަދި 2010 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ ބްރައިޑަލް ޝޯގައި ވެސް އޭނާގެ ކަލެކްޝަނެއް ދައްކައިލި އެވެ.

ބަންގްލަދޭޝް ފެޝަން ވީކްގައި ދައްކާލި ޝަމްލާގެ ކަލެކްޝަންގެ ޑިޒައިނެއް -- | ފޮޓޯ: ފެޝަން ޑިޒައިން ކައުންސިލް އޮފް ބަންގްލަދޭޝް

"މުޅި އުމުރު މި ހޭދަކުރީ ހެދުން ޑިޒައިންކުރުމާއި ފެހުމުގައި. އެންމެ ބޮޑު އިންސްޕިރޭޝަންއަކީ މަންމަ. މަންމަ ވަރަށް ގިނަ ވަގުތު ހޭދަކުރި އަމިއްލަ ހެދުމާއި، އެއްބަނޑު މީހުންނާއި، އަވައްޓެރި އެކިއެކި މީހުންގެ ހެދުންތައް ފެހުމުގައި. ގަޑިއިރެއްގެ ތެރޭގައި ހެދުމެއް މަންމަ ނިންމާލާނެ،" ކުޑައިރުއްސުރެ ލިބޭ ހަމަ ކޮންމެ ހުސް ވަގުތެއް ހޭދަކުރީ މަންމަ ކައިރީ އިނދެގެން، ފަހަން ދަސްކުރުމަށް ކަމަށް ބުންޏެވެ.

ޝަމްލާ ބުނީ ކެރިއަރުގައި މިހާ ކުރިއަށް މި އާދެވުނީ މަންމަ ދިން ހިތްވަރުގެ ސަބަބުން ކަމަށާއި އެހެންވީމާ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ މަންމައަށް ކަމަށެވެ.

ބަންގްލަދޭޝް ފެޝަން ވީކްގައި ދައްކާލި ޝަމްލާގެ ކަލެކްޝަންގެ ޑިޒައިނެއް -- | ފޮޓޯ: ފެޝަން ޑިޒައިން ކައުންސިލް އޮފް ބަންގްލަދޭޝް

"މިއަދު ވަރަށް އުފާވޭ ރައްޓެހިންނާއި އަދި އަޅުގަނޑު ކިޔަވައިދިން ކުދިން ވެސް މި ދާއިރާއިން ކުރިއަށް ދާތަން ފެނިފަ. މިހާރު ވެސް ބައެއް ކުދިން ފެޝަން ޑިޒައިނިންއާ ގުޅޭ އެކި ހިޔާލުތައް ހޯދަން އަޅުގަނޑު ގާތުގައި އަހާ ހަދާ،" އެއީ ވަރަށް އުފާވާ ކަމެއް ކަމަށް ބުންޏެވެ.

ޝަމްލާގެ މި ޒަމާނީ ދިވެހި ލިބާހަށް ވަރަށް ގިނަ މީހުން ޝޯޝަލް މީޑިއާގައި ވެސް ތައުރީފުކޮށްފައިވެ އެވެ. އަދި ދެން ހުރި ޑިޒައިންތަކަށް ވެސް ސަމާލުކަން ވަނީ ލިބިފަ އެވެ.

ބަންގްލަދޭޝް ފެޝަން

Popular