10 Jun 2022

ކިޑީ އާއި ޝާންގެ ލަވައިން އުފާވެރި އިހްސާސެއް

By: Ahmed Jaishan

އިންޑިއާގެ އައިކޮނިކް ލަވަކިޔުންތެރިޔާ ޝާން އާއި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އެކީގައި ކިޔާފައިވާ ލަވަ ޝާންގެ ޔޫޓިއުބް ޗެނަލްގައި މިއަދު ރިލީޒްކޮށްފި އެވެ.

މިއުޒިކް ވީޑިއޯއާ އެކު ލަވަ ރިލީޒްކުރިއިރު ލަވައިގެ ވީޑިއޯއިން ކިޑީ އާއި ޝާން ފެންނަނީ ރާއްޖޭގެ ރީތި މަންޒަރުތަކާ އެކުގަ އެވެ.

ދިވެހި މިއުޒިކް އާޓިސްޓުންނާއި މޮޑެލް ފެންނަ އެ ލަވަ އަކީ ވަރަށް "އަޕްބީޓް" ލަވައެކެވެ.

ލަވަ ރިލީޒްކުރަމުން ޝާން ސޯޝަލް މީޑިއާގައި ބުނެފައިވަނީ "ދިލް އުޅެޔާ" އަކީ ވަރަށް "ބްރީޒީ" އަދި ނަށާލަން ރަނގަޅު ލަވައެއް ކަމަށެވެ. އަދި އެ ލަވައިން ލިބޭނީ ވެސް "ފީލް ގުޑް" ވައިބެއް ކަމަށް ބުންޏެވެ.

ކްރޮސް ރޯޑްސްގައި ލަވައިގެ މިއުޒިކް ވީޑިއޯ ޝޫޓުކޮށްފައިވާއިރު ޝާން އެ ބުނާ ވައިބް މިއުޒިކް ވިޑިއޯއިން އިހްސާސްވެ އެވެ. ދިވެހި ބަހާއި ހިންދީ އަދި ޕަންޖާބް ބަސް ހިމެނޭ މި ލަވައަކީ "ރެގޭ ޕޮޕް" ޖޯންރާގެ ލަވަ އެކެވެ.

ދެ އާޓިސްޓުން ވެސް އެ ލަވައިގެ އެކި ބައިތައް އެކި ބަސްތަކުން ކިޔަ އެވެ. އޭގެތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ ލަވައިގެ ދިވެހި ރެޕް ބައެވެ. ކިޑީގެ އިތުރުން ޝާން ވެސް ވަނީ އެބައި ދިވެހިން ކިޔަައިފަ އެވެ.

ލަވައާ ގުޅޭގޮތުން ކިޑީ ބުނެފައިވަނީ ޝާންއާ އެކު ލަވައެއް ކިޔަން ލިބުމަކީ ގަބޫލުކުރަން ވެސް އުނދަގޫ ވަރުގެ ބޮޑު ފުރުސަތެއް ކަމަށެވެ. އަދި އެ ފުރުސަތު ދިނީތީ ޝާން އާއި އޭނާގެ ޓީމަށް ކީޑީ ޝުކުރު އަދާކޮށްފައިވެ އެވެ.

ޝާންގެ މިއުޒިކަކީ މުޅި ދުނިޔޭގެ އެކި ސަރަހައްދުގައި ގިނަ ބަޔަކަށް ކަމުދާ އަދި ދިވެހިންގެ ލޯބި އެތައް އަހަރެއް ކުރިން ހޯދާފައިވާ މިއުޒިކެއް ކަމަށް ކިޑީ ބުންޏެވެ.

މަރިޔަމް އުނޫޝާ (ކިޑީ)

Popular