16 Apr 2025

By: Maaidha Mohamed Rashad

ދުވަސްގަނޑަކަށް ފަހު ފިލްމީ ދާއިރާގެ މަސައްކަތާ އަލަށް ގުޅުނު މަޝްހޫރު ފިލްމީ ތަރި ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ) ގެ ފޭނުންނަށް މިއީ ހިތާމަވެރި ޚަބަރެެކެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް ދިވެހިންގެ ލޯބި ހޯދާފައިވާ މި ތަރި ދާއިރާ ދޫކޮށް ދަނީ އެވެ.

"ހިނިތުންވެލާށޭ ކަލާ" ފަދަ، މަޝްހޫރު ޑްރާމާތަކުން މަގުބޫލުކަން ހޯދި ހައްޖަ ވަނީ އޭނާ ފިލްމީ ދާއިރާއިން މުޅި އުމުރަށް އަލްވަދާއު ކިޔަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

"ދިވެހި އެފްއެމް" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނި ގޮތުގައި ފިލްމީ ދާއިރާއިން ދެން އޭނާ ފެނުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.

"ފިލްމީ ދާއިރާގެ އެއްވެސް މަސައްކަތަކުން ހައްޖަ ފެނުމުގެ އެއްވެސް ފުރުސަތެއް ނެތް. ހައްޖަގެ ހިތުގައި ވެސް ދެން ނެތް ފިލްމީ މަސައްކަތެއް ކުރާކަށް،"

ހައްޖަ އެންމެ ފަހުން ފެނުނީ މުހައްމަދު ނިޔާޒު (ޓެޑްރީ) ޑައިރެކްޓު ކުރި "ލަސްވިޔަސް" އިންނެވެ.

ހައްޖަ ބުނީ އެއީ އޭނާގެ ވަދާއީ ފިލްމު ކަމަށެވެ.

"ޓެޑްރީގެ ލަސްވިޔަސްއާ އެކީގައި ހައްޖަ ހިތަށް އެރީ ދެން ފިލްމީ ދާއިރާއަށް އަބަދަށް އަލްވަދާއު ކިޔާލާނީއޭ. އެންމެ ފަހު ފިލްމެއްގެ ގޮތުގައި ބެލުންތެރިންނަށް އެ ފިލްމު ދޫކޮށްލާފައި." ހައްޖަ ބުންޏެވެ.

އެކަމަކު މިހެން ނިންމި ސަބަބެއް އޭނާ ނުބުނެ އެވެ.

ވީޑިއޯ ލަވައަކުން ފިލްމީ ދާއިރާއަށް ނުކުތް ހައްޖަ ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭނާ ވަނީ "ހަންޑިގަނޑުވަރު ދޮންކަމަނަ" އާއި "މަގޭ ދަރިފުޅު" އާއި "އެދަތުރު" އާއި "ލޫދިފާ" ފަދަ ފިލްމުތަކުން ފެނިފަ އެވެ. އަދި ޑްރާމާ ސިލްސިލާ "ވައިރޯޅިއަށް ވެސް ސިއްރުން" އާއި "ކުރަމޭ ވަދާއީ ސަލާމް" އާއި "ވަމޭ ކައިރީގައި ކަލާ" ފަދަ ޑްރާމާތަކުން ވެސް ހައްޖަ ވަނީ ބެލުންތެރިންގެ ލޯބި ހޯދައިފަ އެވެ.

(ކަވަ ފޮޓޯ: ޑާކްރެއިން)

Popular