21 Feb 2018

ޓޮޕް 10 އެކްޓަރުން: އެންމެ މޮޅީ ކާކު؟

ޓޮޕް 10 އެކްޓަރުން: އެންމެ މޮޅީ ކާކު؟

By: Aishath Maaha

ރާއްޖެ އަކީވެސް ފިލްމު ކުޅުމާއި ފިލްމު އުފެއްދުމާ މި ދާއިރާގައި މިހާރު ދިގު ތާރީހެއް އޮތް ތަނެކެވެ. މި އިންޑަސްޓްރީ އުފެދި އެ މަސައްކަތްތައް މި ކުޑަކުޑަ ރާއްޖޭގައިވެސް ކުރާތާ ގައިމުވެސް 50 ވަރަކަށް އަހަރުވެދާނެ އެވެ. މި ދުވަސްވަރުތަކުގައި ދިވެހި ފިލްމީ ތަރިންތަކެއް ފިލްމީ ދުނިޔޭގައި ވަނީ ފިޔަ ޖަހައިފަ އެވެ. ހުނަރުވެރި ޒުވާން މޫނުތަކެއް ފެނިގެން ދިޔަ އެވެ. ފިލްމު އިންޑްސްޓްރީގެ ކޮންމެ ޖީލަކުން ވެސް ފެނިގެންދިޔައީ މޮޅު ހުނަރުވެރިންތަކެކެވެ. އެގޮތުން މިހާރުވެސް މި ދާއިރާގައި ފައިހަމަކޮށްފައިވާ އަދި ފައި ހަމަކުރަމުން އަންނަނީ ވަރަށްވެސް ހުނަރުވެރި ތަރިންތަކެކެވެ.

ޓޮޕް 10 ގެ މި ހަފުތާގައި މި ބަލައިލަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ތިބި އެންމެ ފާހަގަކޮށްލެވޭ 10 އެކްޓަރުންނަށެވެ. މި ލިސްޓުގައި ހިމެނޭނީ 1990ގެ ފަހުކޮޅުން ފެށިގެން ފިލްމީ ދާއިރާގައި މިއަދާ ހަމައަށް ހަރަކާތްތެރިވަމުން އަންނަ އެކްޓަރުންނަށެވެ. އަދި މި ލިސްޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ފިލްމުތަކުގެ ލީޑް ރޯލުން ފެންނަ ތަރިންނަށެވެ. ދިވެހި ފިލްމީ އާއިލާގެ މަދު އާބާދީގެ ސަބަބުން މި ލިސްޓު އެކުލަވައިލުން ވީ ބޮޑު ގޮންޖެހުމަކަށެވެ. ފިލްމު އިންޑަސްޓްރީގައި މިހާރު ތިބީ ގާތްގަނޑަކަށް 10 ވަރަކަށް އެކްޓަރުންނެވެ.

ކޮޕީ އިއްސެ

ލިސްޓުގެ އެންމެ ކުރިއަށް ކޮޕީ އިސްމާއިލް ރަޝީދު ނުވަތަ (ކޮޕީ އިއްސެ) ނުލައިފިނަމަ އެއީ އެއްވެސް އިންސާފެއް އޮތް ލިސްޓަކަށް ނުވާނެ އެވެ. ފިލްމީ އާއިލާއަކުން އައި ނަމަވެސް އެ ދާއިރާގެ ތެރެއަށް އޭނާ ވައްޓާލީ އޮފީސް ޑްރާމާ އެވެ. ނަވާރަސަތޭކަ ނުވަ ދިހަ ހަ ވަނަ އަހަރު ނުކުތް ގޮތަށް އޮފީސް ޑްރާމާ ކުޅުނު ހުރިހާ ފަހަރަކު އެވޯޑް ހޯދަން ފަށައި އޭނާ ހުއްޓާލީ ސާކް ފިލްމު ފެސްޓިވަލުންވެސް އެންމެ މޮޅު ބަތަލުގެ އެވޯޑް ހޯދާފަ އެވެ. ގައުމީ އެހެން އެވޯޑުތަކާއެކު އިތުރަށް މި ދާއިރާއިން ރާއްޖޭގައި އިއްސެ އަރާނެ ހަރުގަނޑެއް ނެތެވެ. ހުރީ އެންމެ މަތީގަ އެވެ.

ކޮޕީ އިއްސެ

އިއްސެގެ ބައެއް ފީޗާ ފިލްމުތަކުގެ ތެރޭގައި، "އެދިއެދި ހޯދީމޭ" އާއި "އުމުރަށް ސަލާމް" އާއި "އިނގިލި" އާއި "ހޭލާ، ސަޒާ" އަދި "ލޫދިފާ" ހިމެނެ އެވެ. އިއްސެގެ ކުރު ފިލްމުތަކަށް ބަލާއިރު ސިޔާސީ ފިލްމުތަކާއި ކޮމެޑީ ފިލްމުތައް ގިނަ އެވެ. އެންމެ ގިނައީ ކޮމެޑީ ރޯލްތަކެވެ.

ޔޫއްޕެ

އަދިވެސް ދިވެހި ފިލްމު އިންޑަސްޓްރީގެ ރަސްގެފާނަކީ މިއީ އެވެ. ޒުވާން ރޯލުތަކަށް އަދިވެސް ފުރުސަތު ލިބެ އެވެ. ޔޫސުފް ޝަފީއު ނުވަތަ ޔޫއްޕެ ފިލްމު އިންޑަސްޓްރީއަށް ނުކުމެގެން އަރައިގެން ދިޔައީ 1900ގެ އަހަރުތަކުގެ ތެރޭގަ އެވެ. ޔޫއްޕެގެ ފުރަތަމަ ފިލްމަކީ "ފަރުދާގެ ފުރަގަސް" އެވެ. ޔޫއްޕެގެ ބައެއް ފިލްމު ތަކުގެ ތެރޭގައި ގިލަން، ހިތް ހަލާކު، ޒުލޭހާ، ސަނދުރަވިރޭ، ޔޫސުފް، ނިއުމާ، ދިންވޭނުގެ ހިތާމައިގައި، ކަލާޔާނުލާ، ވާލޯބި އެނގޭނަމަ، ވެހޭވާރޭތެރޭން ހިމެނެ އެވެ. ހުރިހާ ފިލްމެއްގެ ނަންތައް ލިޔަން ވެއްޖެ ނަމަ މި ލިސްޓު ވަރަށް ވެސް ދިގުވާނެ އެވެ. ޔޫއްޕެ ވަނީ 30 އަށްވުރެ ގިނަ ފިލްމު އަދި 300 އަށްވުރެ ގިނަ ވީޑިއޯ ލަވަ ކުޅެފަ އެވެ.

ޔޫއްޕެ.

ފިލްމު ކުޅުމުގެ އިތުރުން މިހާރު އޭނަ އަންނަނީ ފިލްމު ޕްރޮޑިއުސް ވެސް ކުރަމުންނެވެ. ކޮމެޑީ ދެ ފިލްމެއް ގެނެސްދިނުމަށް ފަހު މި އަހަރު ޔޫއްޕެ ވަނީ މަރެއްގެ ހަގީގަތް ހޯދަން މަސައްކަތް ކުރާ ފިލްމެއް ވެސް ގެނެސްދީފަ އެވެ. ޔޫއްޕެ އަކީ އަދިވެސް އެންމެންގެ ފޭވަރިޓެކެވެ.

ސީޒަން

ދިވެހި ފިލްމީ ތަރިންގެ ތެރެއިން އެންމެ މޮޅު ލިސްޓެއް އެކުލަވާލާއިރު ސީޒަންގެ ނަން ކޮންމެހެންވެސް އޮންނަން ވާނެ އެވެ. ނަވާރަ ސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު ނުކުތް ގޮތަށް ސީޒަން އެންމެ އުހަށް ޖެހިލީ އެވެ. ސީޒަންގެ ބައެއް ފިލްމުތަކުގެ ތެރޭގައި ހިތް އެދެނީ، ދީވާނާ، ޒުލޭހާ، ދަރިންނަށްޓަކައި، އާނ އަހަރެންވެސް ލޯބިވިން، ދިންވޭނުގެ ހިތާމައިގައި، މާފެއް ނެތް، ވަފާތެރި ކެހިވެރިޔާ އަދި ޖިންނި ވެސް ހިމެނެ އެވެ.

ސީޒަން. ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ސީޒަން ވަނީ ގައުމީ ފިލްމު އެވޯޑް ހަފުލާތަކުން އެވޯޑްތައް އުފުލައިލާފަ އެވެ. ސްރީ ލަންކާގައި ވެސް އޭނާ މިހާރު ވަނީ "ކައުޝީ" ނަމަކަށް ކިޔާ ތަމަޅަ ފިލްމެއް ޑައިރެކްޓްކޮށްފަ އެވެ.

މަނިކު

މުހައްމަދު ފިލްމީ ދާއިރާއަށް ނުކުތީ ސިފައިންގެ ޑްރާމާތަކުންނެވެ. އެއަށް ފަހު ޑްރާމާ ސިލްސިލާތަކާއި ފިލްމުތަކުން ލިބުނު ފުރުސަތެއްގައި މަނިކު ވަނީ އޭނާގެ އެކްޓިން ވަރަށް ފުރިހަމައަށް ދައްކާލައިފަ އެވެ. ސިފައިންގެ ޔުނީފޯލް ބާލައި ފިލްމީ ހެދުން އަޅައިގެން ނުކުމެ އޭނާގެ ހަގީގީ ހުނަރަކީ އެކްޓު ކުރުންކަން ނިކަން ރަނގަޅަށް މަނިކު ސާބިތުކޮށްދިނެވެ.

މުހައްމަދު މަނިކު

މަނިކުގެ ބައެއް ފިލްމުތަކުގެ ތެރޭގައި ޒުލޭހާ، މިކޮއެ ބައްޕަ ބައޭ ބައޭ، އެންމެ ފަހު ވިންދާ ޖެހެންދެން، ލޯތްބަށްޓަކައި، ދިންވޭނުގެ ހިތާމައިގައި އަދި އެ ދަރިފުޅު ހިމެނެ އެވެ. ފިލްމީ ދާއިރާއަށް އެއްކޮށް ހުސްވެގެން އުޅުމަށްފަހު އަނެއްކާ މިހާރު މަނިކު މި ދާއިރާގައި މަސައްކަތް ކުރަނީ ހުސްވަގުތު ތަކުގަ އެވެ.

ސައީދު

މިއީ ދިވެހި ފިލްމު އިންޑަސްޓްރީގައި ހުރި އެންމެ މޮޅު އެއް ވިލަން އެވެ. އޭގެ އިތުރުން ކުޅެން ލިބުނު ކޮންމެ ރޯލެއް ވެސް ނިކަން ފުރިހަމައަށް ދައްކާފައިވާ އަދި ދައްކަމުން އަންނަ ތަރި އެކެވެ. ކޮމެޑީ ރޯލުތަކަށް ވެސް ސައީދު ވަރަށް ފިޓެވެ. މި ފަހުން ސައީދުގެ އެންމެ މޮޅު އެކްޓިންތައް ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "އަހުޝާމް"، "ނޭނގި ޔާރު ވަކިވީ" އަދި "ވިޝްކާ" ހިމެނެ އެވެ.

އެކްޓަރު އަހުމަދު ސައީދު. --ފޮޓޯ: މަސްރަހް

ސައީދު ފިލްމީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރިއިރު އޭނަ ވަނީ ގިނަ އަދަދެއްގެ ފިލްމާއި ޑްރާމާ އަދި ވީޑިއޯ ލަވަ ކުޅެފަ އެވެ. ސައީދު ވަނީ އަށް ވަނަ ފިލްމު އެވޯޑްސްގައި ވެސް ބެސްޓު ސަޕޯޓިން އެކްޓަރުގެ އެވޯޑް ހޯދާފަ އެވެ.

ރަވީ

ފިލްމީ އާއިލާއަކުން އައި ނަމަވެސް އެންމެ ފުރަތަމަ އެއީ ކުޅަދާނަ ނެށުންތެރި އެކެވެ. އެންމެ ފުރަތަމަ އޭނާ ވިދައިގަތީ ވީޑިއޯ ލަވަތަކުންނެވެ. ލަވަތަކުގައި އޭރުވެސް މޮޅު އެކްޓިން އެއް ރަވީ އައީ ދައްކަމުންނެވެ. ޑައިރެކްޓަރު އަބްދުލް ފައްތާހްގެ "ހުރީމޭ އިންތިޒާރުގައި" އިން 2005 ގައި ފިލްމީ ދަތުރު ފެށި، ރަވީ މާ ގިނަ ފިލްމްތަކެއް ކުޅެފައެއް ނެތެވެ. އޭނާ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފީޗާ ފިލްމްތަކުގެ ތެރޭގައި "ލޫދިފާ"، "ހުޅުދާން" އަދި "ވިޝްކާ" ހިމެނެ އެވެ.

ރަވީ --. ފޮޓޯ:ނިޝާން އަލީ/މިހާރު

ކުޅަދާނަ އެކްޓަރެއްގެ އިތުރުން މިހާރު އެއީ ކުޅަދާނަ ޑައިރެކްޓަރެއްވެސް މެ އެވެ. ސާކް ފިލްމް ފެސްޓިވަލުން މިހާތަނަށް ރާއްޖެއަށް ތިން އެވޯޑެއް އޭނާ ވަނީ ހޯދައިދީފަ އެވެ. އެއީ "އިނގިލި" އަދި "ވިޝްކާ" އިންނެވެ.

ޖިމީ

އިބްރާހިމް ޖިހާދު ނުވަތަ ޖިމީ އަކީ ވެސް ފިލްމު އިންޑަސްޓްރީގައި ބޮޑު ނަމެކެވެ. އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި އޭނާގެ ނަން އޮންނަން ޖެހޭނެ ތަރި އެކެވެ. ނަވާރަސަތޭކަ ނުވަދިހައިގެ ފަހުކޮޅު ފިލްމީ ދާއިރާއަށް ނުކުމެ އޭނާ ވަނީ އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފަ އެވެ. ގިނަ ފިލްމުތަކާއި ލަވަތަކެއް ކުޅުމަށް ފަހު ޖިމީ ވަނީ ދުވަސްގަނޑެއް ވަންދެއް ފިލްމީ ދާއިރާއާ ދުރަށް ގޮސްފަ އެވެ.

ޖިމީ "ބޮސް"ޣޭ މަންޒަރެއްގައި

ޖިމީގެ ބައެއް ފިލްމުތަކުގެ ތެރޭގައި ހުރީމޭ އިންތިޒާރުގައި، އިންސާފު، ބޮސް އަދި ދެވަންސޫރަ ހިމެނެ އެވެ. މިއިން ކޮންމެ ފިލްމެއްގައި ވެސް ޖިމީ ކުޅުނު ކޮންމެ ރޯލަކުން ވަނީ އޭނާގެ އެކްޓިން ދައްކާލާ އާންމުންގެ ލޯބި ހޯދައިފަ އެވެ.

މުއާ

އަބްދުﷲ މުއާޒް ނުވަތަ މުއާ މި ލިސްޓަށް ލައިގެން ފާޑު ކިޔާފާނެ އެވެ. ނަމަވެސް ބުނެލަން އޮތީ މުއާ އަކީ ރާއްޖޭގައި މިހާރު ތިބި އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި ގުނަން ޖެހޭނޭ ތަރިއެކެވެ. ފިލްމީ ދާއިރާއަށް ހުސްވެ ގިން ފިލްމުތަކާއި ލަވަތައް ކުޅުނު ދުވަސްވަރު މުއާ ވަނީ ނިކަން ގިނަ ބައެއްގެ ސަޕޯޓާއި ލޯބި ހޯދައިފަ އެވެ. "ހިތް ރޮއްވާނުލާ"، "އިނގިލި"، "ވީބޭވަފާ" އަދި "ނިއުމާ" އަކީ އޭނާ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކެވެ.

މުއާ

ފިލްމު ކުޅުމާއި ތަންކޮޅެއް ދުރުގައި ހުރުމަށްފަހު މުއާ އަނެއްކާ މިހާރު ވަނީ ފިލްމެއްގެ މަސައްކަތް ފަށާފަ އެވެ. އޭނާ ޑައިރެކްޓް ކުރާ "ލީނާ" ގައި ގާތިލެއްގެ ރޯލުން މުއާ ފެނިގެން ދާނެ އެވެ. އޭގެ އިތުރުން މުއާގެ އިތުރު ފިލްމެއް މި އަހަރު ފެނިގެންދާނެ އެވެ.

ޖުމައްޔިލް

މިހާރު ދިވެހި ސިނަމާގައި ރަސްގެފާނަކީ މިއީ އެވެ. ދިވެހި ފިލްމު "އަނިޔާ" އިން ފިލްމީ ދާއިރާއަށް ނުކުތް މުހައްމަދު ޖުމައްޔިލް ނިމާލަށް އެންމެ ބޮޑު މަޝްހޫރުކަމެއް ލިބިގެން ދިޔައީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ "އެންމެ ފަހު ވިންދާ ޖެހެންދެން" އިންނެވެ. އޭގެ ފަހުން "ވާށޭ މަށާ އެކީ"، "މަލިކާ" އަދި "މީ ލޯތްބަކީ" އިންވެސް ޖުމައްޔިލް ފެނިގެން ދިޔަ އެވެ. މި އަހަރުވެސް ޖުމައްޔިލް ޑާކްރެއިން ގެ ދެ ފިލްމަކުން ފެނިގެންދާނެ އެވެ. އެއީ "ވަކިން ލޯބިން" އަދި "ގޮށްރާޅު" އިންނެވެ.

ޖުމައްޔިލް

ފިލްމީ ދާއިރާގައި މާ ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ނެތް ނަމަވެސް ޖުމައްޔިލަކީ އަންހެން ކުދިންގެ ހިތްތަކުގެ ރަސްކަލެކެވެ. މިދިޔަ އަހަރު ބޭއްވި އަށް ވަނަ ގައުމީ ފިލްމު އެވޯޑްސްގައި އޭނާ ވަނީ ބެސްޓް އެކްޓަރު އަދި ބެސްޓް ނިއު ކަމާގެ އެވޯޑް ހޯދާފަ އެވެ.

ޝާއްކޮ އައްމަޑޭ

އަހުމަދު ޝާކިރު ނުވަތަ ޝާއްކޮ އައްމަޑޭ އަކީ ފިލްމީ ދާއިރާގައި ނިކަން ހަގު ނަމެކެވެ. މިހާތަނަށް އޭނާ ފެނިގެންގޮސްފައިވަނީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ ބައެއް ފިލްމުތަކުގެ ސައިޑް ރޯލަކުން އަދި މިދިޔަ އަހަރު އެޅުވި "މަލިކާ" އިންނެވެ. ފިލްމީ ދާއިރާގައި މާގިނަ ތަޖުރިބާއެއް ނެތް ނަމަވެސް "މަލިކާ"ގައި ޝާއްކޮ އައްމަޑޭ ދެއްކި ހުނަރުން އެއީ ފިލްމީ ދާއިރާގައި އުންމީދީ ނަމަކަށް ވަނީ ވެފަ އެވެ.

ޝާއްކޮ އައްމަޑޭ

އެ ފިލްމުގައި ޝާއްކޮ އައްމަޑޭ ދެއްކި އެކްޓިން ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ

Popular