21 Oct 2018

ޗިއްޕެ: ފްލޮޕްވަމުން ގޮސް އެންމެ ކުރިއަށް

ޗިއްޕެ: ފްލޮޕްވަމުން ގޮސް އެންމެ ކުރިއަށް

By: Aishath Maaha

މިދިޔަ އަހަރުގެ ފިލްމު އެވޯޑު ހަފުލާއަށް ފަހު އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމަށް ހޮވީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ކުޑައިރުގެ ރަހުމަތްތެރިޔާ މޫމިން ފުއާދާއެކު "ހޭލާ" ހިފައިގެން ނުކުމެ ފިލްމީ ދާއިރާގެ ކުރީކޮޅު ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތި ވިޔަސް އެންމެ ކާމިޔާބު އެއް ޑައިރެކްޓަރަށް ވާން ޗިއްޕެ ކުރި މަސައްކަތް ވަރަށް ވެސް ބުރަ އެވެ.

މާލީ ގޮތުން މާބޮޑު ފައިދާއެއް ނުލިބި ފްލޮޕްގެ ބޯޑު "ހޭލާ"ގައި އެޅުވި ނަމަވެސް ގައުމީ ފަސް އެވޯޑެއް ވަނީ އެ ފިލްމަށް ލިބިފަ އެވެ. ގިނަ ފިލްމުތަކާއި ކުރު ފިލްމުތައް ހެދިއިރު ޗިއްޕެގެ އެންމެ ކާމިޔާބ ފިލްމުތަކުގެ ތެރޭގައި "ދިން ވޭނުގެ ހިތާމައިގައި"، "ޒަހަރު"، "އެންމެ ފަހު ވިންދާ ޖެހެންދެން"، "ވާށޭ މަށާ އެކީ"، "މީ ލޯތްބަކީ" އަދި "ވަކިން ލޯބިން" ހިމެނެ އެވެ. މިހާރު ވެސް ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ އިރު ގިނަ މަސައްކަތްތަކެއް ކުރިއަށް ވެސް އެބަހުއްޓެވެ.

1. މި ފަހަކަށް އައިސް އެއް ބައެއް ލައިގެން އެއްކަހަލަ ފިލްމުތަކެއް ޗިއްޕެ ހަދާތަން މި ފެންނަނީ. އެއީ ކީއްވެ؟ އިތުރު އައިޑިއާއެއް ނެތީތަ؟

"އެއް ކަހަލަ ފިލްމުތަކެއް ނޫން. ކޮމެޑީގައި ވެސް އެބަ ބެހޭ އެކި ކަހަލަ ޖޮންރާތަކަށް. ރޮމޭންޓިކް ކޮމެޑީ، ގޫފީ ކޮމެޑީ، ޑާކް ކޮމެޑީ ހުރޭ. ކޮމެޑީގެ އެކިކަހަލަ އެއްޗެހި މިހާރު މި ޓްރައި ކުރަނީ. ވާށޭ މަށާއެކީ އާއި މީ ލޯތްބަކީ ތަފާތުވާނެ. ވާށޭ މަށާ އެކީ އަކީ ރޮމޭންޓިކް ކޮމެޑީއެއް. މީ ލޯތްބަކީގައި ވަރަށް ބޮޑު ޑްރާމާއާ ކަންތައް އެބައޮތް މީ ލޯތްބަކީގައި. މިހާރު މި ހަދަނީ ތަންކޮޅެއް ޑާކް ގޫފީ ކޮމެޑީއެއް. 'ވާށޭ މަށާ އެކީ' އަދި 'މީ ލޯތްބަކީ' އަށް ފަހު މި ހެދީ 'ވަކިން ލޯބިން' އެއީ މުޅިން އެހެން ޖޯންރާއެއް. ވަރަށް މަސައްކަތް ކުރަން އާ މީހުން ނެރެން. އެކަމަކު އާ މީހުން ހަރެއް ނުލާ."

2. މީހުން ބުނޭ "ހޭލާ"ގެ ހުރިހާ ފޮންޏެއް ބޯލީ ޗިއްޕެއޭ؟ ކީކޭ އެކަމަށް ބުނާނީ؟

"އެހެންނެއް ނުބުނެވޭނެ އަސްލު. ހުރިހާ އިންޓަވިއުއެއްގައި ޗިއްޕެ ހުންނާނީ ބުނެފަ އެއީ ޗިއްޕެ އާއި މޫމިންގެ މަސައްކަތެކޭ. ޑައިރެކްޝަންގެ އެއްވެސް ކްރެޑިޓެއް ޗިއްޕެ އެކަންޏެއް ނަގާފައެއް ނޯންނާނެ. ޑައިރެކްޓްކުރީ އަޅުގަނޑާއި މޫމިން އާ އޭ ހުންނާނީ ބުނެފަ. އޭތީގައި ބަހާލާފަ ހުންނާނީ. އޭތީގަ ކެމެރާ ކުރީ ވެސް ދެ މީހުން. އެޑިޓްކުރީ ވެސް ދެ މީހުން. ޑައިރެކްޓްކުރީ ވެސް ދެ މީހުން. އެގޮތަށް. ސްކްރީންޕްލޭ އެއީ މޫމިންގެ އެއްޗެއް."

3. ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ޗިއްޕެ މިހާރު ތިހުރީ ވަރަށް ކުރީގަ. އަމިއްލައަށް ތިހުރި ހިސާބު ޗިއްޕެ ސިފަކުރާނީ ކިހިނެއް؟

"އަޅުގަނޑު މިހުރީ އެންމެ ކުރީގަ ކަމަކަށް ގަބޫލެއް ނުކުރަން. އަޅުގަނޑަކީ އަބަދުވެސް އެއް ފިލްމަށް ފަހު އަނެއް ފިލްމަކަށް މަސައްކަތް ކުރަމުން އަންނަ މީހެއް. އަޅުގަނޑު އަބަދު ވެސް ބަލަނީ ރަނގަޅު މަސައްކަތްތަކެއް ކުރެވޭތޯ. އެހެންވީމަ އެ މަސައްކަތްތައް މީހުން ބަލައިގަންނަ ލެވެލް އާ މީހުން ޑާކްރެއިން އާ ޗިއްޕެގެ ވޯކް ބަލައިގަންނަ ލެވެލް އިން ޗިއްޕެ ގެނެސް އެމީހުން ލާފަ ހުރި ހިސާބެއްގައި ހުރީ. އަނެއްހެން ޗިއްޕެ ގަބޫލެއް ނުކުރަން އެއްވެސް ހިސާބަކަށް ދެވުނު ކަމަކަށް."

4. އެންމެ ފުރަތަމަ ޗިއްޕެ ފިލްމީ ދާއިރާއަށް ނުކުމެ ހެދި ގިނަ ފިލްމުތައް ފްލޮޕްވީ. އެކަމަކު ވެސް މެދުކެނޑުމެއްނެތި ފިލްމީ ދާއިރާއިން ކުރިއަށް ދިޔައީ. ކާމިޔާބު ފިލްމަކާއި ހަމައަށް ދާން ކުރި މަސައްކަތް ކިޔައިދީބަލަ.

"ފްލޮޕަކީ އަސްލު ފައިނޭންޝިއަލީ ވާއެއްޗެއް. ފްލޮޕް މި ބޯޑު އަޅުވަނީ އަސްލު އެއަށް ލާރި ނުލިބުނީމަ. ފިލްމެއްގެ ކާމިޔާބީ އާއި ނާކާމިޔާބީ ދިވެހިން ބުނާނަމަ އަސްލު ކާމިޔާބު ސިފަކުރެވިދާނެ އެ ފިލްމަށް ލިބޭ މިސާލަކަށް ކްރިޓިކްސް އިން އެދޭ ތައުރީފަށް ކާމިޔާބު ފިލްމެއް ގޮތަށް ބެލެވިދާނެ. އެހެންވީމަ 'ހޭލާ' އިން ފެށިގެން ފިލްމުތަކެއް ހަދާ، ފިލްމުތަކެއް ފްލޮޕް ވިޔަސް 'ހޭލާ' އިން ފެށިގެން ކާމިޔާބު ފިލްމެއް އަންނަންދެން ހަމަ ފިލްމު ހަދަމުން އައީ. 'ހޭލާ' އަކީ ފައިނޭންޝިއަލް ފްލޮޕްއަކަށް ވިޔަސް ގައުމީ ފަސް އެވޯޑް ލިބިފަވަނީ. އެހެންވީމަ އެއީ ނާކާމިޔާބު ފިލްމެކޭ ނެތް ބުނެވޭކަށް. ކާމިޔާބު ފިލްމެކޭ ބުނެވޭނީ. އެ ފިލްމު ހެދީމަ މީހުންނަށް އެނގުނީ މިހެން ޗިއްޕެމެން ފިލްމު ހަދާ ބައެއް އުޅޭކަން. އެ ފިލްމު ސިފަކުރާނީ ތަޅުދަނޑިއެއް، ނާކާމިޔާބު ފިލްމެއް ހެދުނަސް. ނާކާމިޔާބު ފިލްމެއް ނުހުންނާނެ. "

5. ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކާމިޔާބީގައި ޗިއްޕެގެ ރޯލަކީ ކިތައް ޕަސަންޓު؟

"ޕަސަންޓޭޖް ވައިސް އަކުން އެހެން އެއްޗެކޭ ބުނާކަށް ނެތިން. އެއީ ޑާކްރެއިން އެންޓަޓެއިންމަންޓުގައި އަޅުގަނޑާ އެއްވަރަށް ވަރަށް ބޮޑު ޕަސަންޓޭޖެއް ކުޅޭ މީހެއް މޮގާއަކީ. އަހަރުމެން އެ ޓީމުން މި ޑިސްކަސް ކުރަނީ ކޮންކަހަލަ ފިލްމެއްތޯ އޯޑިއަންސުން ބޭނުންވަނީ. ދެ ކަމެއް އޮވޭ. އެއީ ބެލުންތެރިންގެ ހިތްހަމަ ޖެހުމާއި އަޅުގަނޑުމެންނަށް ވެސް ކޮންމެސް އެއްޗެއް ލިބުން. ދެ ގޮތަށް ވިސްނާފަ ފިލްމުތައް މި ހަދަނީ. އެހެންވީމަ އަޅުގަނޑަށް ދެވޭ މެކްސިމަމް އިންޕުޓެއް ދެން ހަމަ."

6. ފިލްމީ ދާއިރާއިން ޗިއްޕެ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ކޮބާ؟

"އަބަދުވެސް ބޭނުންވަނީ ހަމަ ކުރިއެރުން. އަހަރުމެންގެ ފިލްމުތައް ހަމަ ރަނގަޅު ވަނަތައް އިންޓަނޭޝަނަލް ފެސްޓިވަލްތަކުން ވެސް ރިކޮގްނިޝަންތަކެއް ލިބުން ހަމަ ބޭނުންވަނީ. އެއީ ގޯލް އަކީ."

8 ވަނަ ދިވެހި ފިލްމް އެވޯޑްްސްގައި ގިނަ އެވޯޑުތަކެއް ހާސިލުކުރި ޑައިރެކްޓަރު އަލީ ޝިފާއު އަދި އޭނާގެ އަންހެނުން ފޮޓޯއަކަށް ހުއްޓިގެން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

7. މޮގާ އަކީ ކޮމާޝަލް ޕްރޮޑިއުސަރެއް. މޮގާ އާއެކުގައި ތިހަދަނީ ހަމަ ޗިއްޕެ ހަދަން ބޭނުން ކަހަލަ ފިލްމުތަ؟

"ޑާކްރެއިން އެންޓަޓެއިންމަންޓަކީ ހަމައެކަނި ސްޓޫޑިއޯ މިތަނުގައި ދެވައްތަރުގެ ފިލްމު ގެނެސްދޭ. އޭގެ ހެއްކެއް 'ހުޅުދާން' އަކީ ވެސް. އެއްވެސް މީހެއް ބޭނުމެއް ނުވާނެ ބޮޑު ހަރަދެއްކޮށްފަ އެއިން ފައިދާއެއް ނުވާކަށް. އެންމެ ގިނަ އާޓް ފިލްމު ޕްރޮޑިއުސަރަކީ ކޮބައިހޭ އެހިއަސް ވާނީ ހަމަ މޮގާއަށް. ޑާކްރެއިން އިން ހަމައެކަނި ކޮމާޝަލް ފިލްމު ހަދަނީއެއް ނޫނޭ އަޅުގަނޑުމެން ކޮންމެ އަހަރަކު ފިލްމެއް ހަދަމުން އަންނާތީ ގިނައީ ކޮމާޝަލް ފިލްމުތަކެއް. އެއީ އަސްލު މީހުންނަށް ސިފަވަނީ ކޮންމެހެން އާޓް ފިލްމު ނަހަދަނީ އެއް ނޫން. ކުރިއަށް ވެސް އެބަހުރި އާޓް ފިލްމުތަކެއް ހަދަން."

8. ހަމައެކަނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމުތަކުގައި ޗިއްޕެ މަސައްކަތް ކުރަނީ ކީއްވެ؟

"އެއީ ޗިއްޕެއަކީ ޑާކްރެއިން މީހެކޭ. ޗިއްޕެމެން ހެދި ތަނެކޭ ޑާކްރެއިން އަކީ. އެހެންވީމަ އެހެން ތަނަކަށް ގޮސް މަސައްކަތް ކުރުމުގެ މާނައެއް ނޯންނާނެއް ނުން. ވަރަށް ގިނަ އޮފާތައް ވެސް އާދޭ އެހެން ތަންތަނުން އެކަމަކު ޑާކްރެއިން އަކީ ޗިއްޕެމެން ހެދި ތަނެއް ވީމަ އެތަން ކުރިއަރުވަން ހަމަ އަހަރުމެން މަސައްކަތް ކުރާނީ."

9. "ވާށޭ މަށާ އެކީ" އަށް ފަހު ޗިއްޕެ ހަދަން އުޅުނު "މަންމަ" ފިލްމަށް ވީ ކިހިނެއް؟

"އެ ފިލްމުގެ ސްކްރިޕްޓް ފައިނަލްވެފަ އޮތީ. އެކަމަކު އޭތި އިހަށް ބާއްވާފަ ދެން ހުރި ފިލްމުތަކަށް ޖެހިލީމި."

10. އާޓް ފިލްމަށް ރާއްޖޭގައި މާބޮޑު ތަރުހީބެއް ނޯންނަނީ ކީއްވެގެން ކަމަށް ޗިއްޕެ ދެކެނީ. މީހުން އެކްސްޕެކްޓްކުރާ ފެންވަރަށް ދިވެހިންނަށް ފިލްމު ނެހެދެނީތަ؟

"އާޓް ފިލްމު ހަމަ ވަރަށް ގަބޫލުކުރޭ. އެކަމަކު ވާގޮތަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ރިއަލިޓީއަކީ އެހާ ސަޕޯޓިވް އެއްޗެއް ނޫން. މީހުންނަށް ބޮޑަށް ކަމުދަނީ އެންޓަޓެއިންމަންޓު."

11. ޗިއްޕެގެ ފިލްމީ ކެރިއާ ސަކްސެސްވުމުގައި މޫމިންގެ ރޯލު ކިހާވަރެއް؟

"މޫމިން އާއި އަޅުގަނޑާ ދެ މީހުންނަކީ ކުޑައިރު ވެސް ގާތް ރަައްޓެހިން ސްކޫލް އިރުން ފެށިގެން ވެސް އަނެއްކާ ނެއިބާސް. އެއްކޮށް ވާހަކަ ދައްކާ ކޮފީ ބޮއެ، ޖޮބަށް ގޮސް އެތައް ޒަމާނެއް ފަހުން ދިމާވިއިރު ވެސް. ވަރަށް ގިނަ މީހުން 'ހޭލާ'ގެ މައްސަލައިގަ ވެސް އެހެން ކަންތައްތަކުގައި ވެސް އަދި މޫމިން ޑާކްރެއިން އިން ވަކިވެގެން ދިޔައިމަ ވެސް ހީކުރަނީ ވަރަށް ބޮޑެތި މައްސަލަ އަހަރުމެންގެ ތެރޭގައި އުޅެނީ ކަމަށް. އަސްލު ހަގީގަތުގައި އެއްވެސް މައްސަލައެއް ނޯވޭ. މޫމިން އަކީ އަބަދުވެސް ގުޑް ފްރެންޑެއް."

12. ފިލްމުގައި މި މަސައްކަތް ކުރަނީ އެކި ލެވެލްގެ އެކްޓަރުން. އެ ހުރިހާ އެކްޓަރުންގެ އެންމެ ބެސްޓް ޕާފޯމަންސް ނެރެވޭތަ؟ ޗިއްޕެ މަސައްކަތް ކުރާގޮތް ކިޔައިދީބަލަ.

"އަޅުގަނޑުމެން މިހަދާ ގޮތަކީ ހުރިހާ އެންމެން މި ގެންދަނީ ރިހާސަލްއަށް ކޮންމެ ފިލްމެއްގަ ވެސް. ކިތަންމެ ސީނިއާ އެކްޓަރަކަސް ކިތަންމެ ޖޫނިއާ އެކްޓަރަކަށް ވިޔަސް ރިހާސަލް އަށް ގެނެސްފަ ކިޔައިދެން. ރާއްޖެ އަކީ ބޮޑެތި ސެޓު ހަދައިގެން މަސައްކަތްކުރާ ތަނެއް ނޫންވީމަ ވަންނަ ތަނުން ޖެހޭނެ ވަކި ޓައިމެއްގެ ތެރޭގައި ނުކުންނަން. އެހެންވީމަ އެތަނަށް ގޮސްފަ ވަރަށް އަވަހަށް ކުރީ ދުވަހު ކިޔައިދިން އެއްޗެހި ހަދުވަން ޖެހޭނީ. މާގިނަ އެއްޗެހި އޮން ލޮކޭޝަންގައި ކިޔައިދޭކަށް ނުޖެހޭނެ. ރިހާސަލްގައި ވަރަށް ޑީޓެއިލްކޮށް ކިޔައިދޭނެ. ސްކްރިޕްޓަކީ ހިތުދަސްކޮށްގެން ދާންޖެހޭ އެއްޗެއް އަހަރުމެން ޝޫޓް ކުރާއިރު ފަހަތުން ކިޔައިދިނުން މިއީ ވަރަށް އުނދަގޫ ކަމެއް."

13. އަންހެނުން ފިލްމީ ދާއިރާއަށް ނެރުނީ ކިހިނެއް ވިސްނާފަތަ؟

"އަހަރެން ނެރުނީ އެއް ނޫން. ވަރަށް ކުރިން ފެށިގެން ވެސް އޭނަ ކުދި ކުދި އެޑްސް އާ ޑްރާމާ ކުޅުނު. އަހަރެންގެ އެއްޗެއް ނޫން ޓެޑުގެ އެއްޗެއް ފުރަތަމަ ކުޅުނީ ވެސް. އެންޓި ކޮރަޕްޝަނުން ހެދިއެއް ނުން ޑްރާމާއެއް. އޭގަ އިންޓްރެސްޓް އުފެދިގެން ފުރަތަމަ އެއަށް ދިޔައީ ވެސް. އޭގެ ފަހުން މިހާރު މާމުއި މި ކުޅެނީ."

ޑައިރެކްޓަރު އަލީ ޝިފާއު ދިވެހި ޑައިރެކްޓަރުން

Popular