10 Feb 2019

މި ފިލްމަށް ދޭނެ ރޭޓިންއަކީ 3/5

By: Ifraz Ali

ދިވެހި ފިލްމެއްގެ މި ފެންވަރުގެ ޓްރެއިލާއެއް އަދި މަ ނުދެކެމޭ ރައްޓެހި ދެ ކުއްޖެއް ގާތުގައި ކިޔައި އާދޭސްކޮށްގެން "ގޮށްރާޅު" ޕްރިމިއާއަށް ދާން ޓިކެޓު ނެގީމެވެ. މޫމިންއަކީ އަހަރެންގެ އެންމެ ފޭވަރިޓް ދިވެހި ސްކްރީންރައިޓަރަށް ވެފައި، "4426" ބެލުމަށްފަހު ޑައިރެކްޓަރު އަހްމަދު ޝިނާނަށް އޮތް ޔަގީންކަން ބޮޑުކަމުން ކޮންމެހެން ވެސް ބަލައިލަން ބޭނުންވީ އެވެ.

ފެންވަރު ރަނގަޅު ތަފާތު މަސައްކަތެއް ދައްކާލުމަކީ މި ފިލްމު ގެނެސްދިން ޑާކްރެއިން އެންޓަޓެއިންމަންޓުގެ އަބަދުވެސް އަމާޒެވެ. އެންމެފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށް މި ދާއިރާއަށް އިންގިލާބީ ބަދަލުތައް އެމީހުން ގެނެސްދިނެވެ. މުސްކުޅި ސްޓައިލް ދޫކޮށްލައި އިންޑަސްޓްރީ ޒަމާނީކޮށްލި އެވެ. މިފަހުން އެމީހުން އެންމެ ގަދަޔަށް ޕްރޮމޯޓުރި ސަސްޕެންސް / ތުރިލާ މި ފިލްމަކީ ވެސް އެފަދަ އުއްމީދީ މަސައްކަތެކެވެ.

ގޮށްރާޅުގެ ޕޯސްޓަރެއް | ފޮޓޯ: ފޭސްބުކް

ފިލްމެއް ޕްރޮމޯޓުކުރުމަށް އެކަން ކުރަންޖެހޭ ފެންވަރުގައި އަދި މިހާތަނަށް ޕްރޮމޯޓުކުރި ދިވެހި ފިލްމަކީ މިއީ އޭ ބުނަން ކެރިދާނެ އެވެ. ފިލްމު އަޅުވާ ދުވަސް ފަސްކުރަމުން އައި ނަމަވެސް ފިލްމަށް އޮތް ހައިޕް، ބެލުންތެރިންގެ މެދުގައި ހިފަހައްޓާލުމަށް މިިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ލައްކަ މަސައްކަތް ކުރި އެވެ. މޯޝަން ޕޯސްޓަރެއް ދޫކޮށްލި ފުރަތަމަ ދިވެހި ފިލްމުގެ ފަހުރު ވެސް އޮތީ އެމީހުންގެ އަތުގަ އެވެ.

އެތައް ކަމެއްގެ ތެރެއިން ނުރަނގަޅު ކަމެއް ވެސް ކުރެވިފައި އެބަ އޮތެވެ. އެއީ ފިލްމުގެ ދެ ވަނަ ޓްރެއިލާ އެވެ. އިމާރާތެއްގެ މަތިން މީހަކު އަމިއްލަ އަށް ވެއްޓި މަރުވާތަން ދެއްކުމެވެ. އެކަހަލަ ކަމެއް ކުރަން ހިތްވަރު ދިނުމުގެ ނިޔަތެއް ނެތް ނަމަވެސް އެ ދެވުނީ ނުބައި މެސެޖެކެވެ. ގޯސްވީ، ކުޑަމިނުން ޓެރެއިލާގައި ވެސް އެފަދަ ކަމެއް ކުރުމަށް ހިތްވަރު ދިނުމުގެ ނިޔަތެއް ނެތްކަމަށް ބުނެފައި ނެތުމުންނެވެ. އެކަމަކު އެ މަންޒަރު ނަގާފައިވާލެއް މޮޅުކަމަށް އަހަރެންގެ ތައުރީފު ދެމެވެ.

މެއިން ކާސްޓު

- މުހައްމަދު ޖުމައްޔިލް (އައިމަން)

- ހުސެން އިރުފާން / ޒަކިއްޓެ (ހުޝާމް)

- އައިޝަތު ތަސްނީމާ (ޒައިނާ)

- އައިމިނަތު ރަޝްފާ / އާޝާ (ނިއުޝާ)

- އަބްދުﷲ އަޒާން (ސޮފްވާން)

- ނުޒުހަތު ޝުއައިބު

- އިސްމާއިލް ރަޝީދު / ކޮޕީ އިއްސެ

ޕްރޮޑަކްޝަން ކްރެޑިޓްސް

- ޑައިރެކްޝަން / ވީއެފްއެކްސް / އެޑިޓިން: އަހްމަދު ޝިނާން

- ސިނަމަޓޯގްރާފީ: އަހްމަދު ޝިނާން / އަހްމަދު ވަސީމް

- ސްޓޯރީ / ސްކްރީންޕްލޭ: މޫމިން ފުއާދު

- މިއުޒިކް: އިސްމާއިލް އަދީލް

- މޭކަޕް: އިސްމާއިލް ޖުމައިހު

- ޕްރޮޑަކްޝަން މެނޭޖާ: ހަސަން ނާސިފް

- ޕްރޮޑިއުސަރު: މުހައްމަދު އަލީ (މޮގާ) / އައިޝަތު ފުއާދު ތައުފީގު

ފިލްމުގައި ވަނީ ކިހިނެއް؟

ފިލްމުގެ ވާހަކަ ބިނާވެފައި އޮތީ އަންހެން ކުއްޖަކާ ގުޅުވައިގެން ޒުވާން ދެ ފިރިހެނެއްގެ މެދުގައި ހިނގާ ހަމަނުޖެހުންގަނޑަކަށެވެ. އެއީ އައިމަން (ޖުމައްޔިލް) އާއި ހުޝާމް (ޒަކިއްޓެ)ގެ ދެމެދުގަ އެވެ. އައިމަންއަކީ އަންހެނުން ހިތި، އަބަދުވެސް ބިޓެއް ސެޓުވޭތޯ އުޅޭ މީހެކެވެ. ހުޝާމަކީ ނުފޫޒުގަދަ ސިޔާސީ މީހެއްގެ ދަރިއެކެވެ. އޭނާ ދައްކަނީ ގޭންގުސްޓާރެއްގެ ގޮތުގަ އެވެ.

އައިމަން ހިތްކިޔަނީ ހުޝާމްގެ ބިޓު، ޒައިނާ (ތަސްނީމާ) އަށެވެ. ހުޝާމާއި ޒައިނާގެ ދެމެދުގައި އޮތް ގުޅުން އެކަމަކު އޭރުގައި އޮތީ ހީނަރުވެފަ އެވެ. އެއީ ވީނުވީއެއް ނޭނގި އަހަރެއްހާ ދުވަހު ހުޝާމް ފިލައިގެން ރާއްޖެއިން ބޭރުގައި އުޅުމުންނެވެ. ހުޝާމް އެނބުރި އައީ އައިމަން އާއި ޒައިނާގެ ދެމެދުގައި އޮތް ގުޅުން ފޯދި، ކުރިލައި، ހެދިގަންނަން ފަށާތަނުންނެވެ.

"ގޮށްރާޅު" ޓްރެއިލާ.

އައިމަންއަށް ޒައިނާ ތައާރަފުވަނީ އޭނާގެ ދެބެއިންގެ ދަރި ކޮއްކޮ ނިއުޝާ (އާޝާ) ގެ ފަރާތުންނެވެ. ޒައިނާ އާއި ނިއުޝާއަކީ ވަރަށް ގާތް ދެރަހުމަތްތެރިންނެވެ. އެތައް ދުވަހެއް ފަހުން ހުޝާމް އެނބުރި އައުމުން ޒައިނާ އަނެއްކާވެސް ހުޝާމްގެ ބަހަށް ހެއްލި އޭނާއާ ރަށްޓެހިވެ އެވެ. އައިމަންއަށް އެ މަންޒަރު ބަލާކަށް ނުހުރެވުނެވެ. ހުޝާމަކީ ގޯސް މީހެއްކަން ފުރަތަމަ ފެނުނު ދުވަހު ވެސް އައިމަންއަށް އެނގިއްޖެ އެވެ.

ހުޝާމްގެ ކެހިވެރި ފަރާތް ޒައިނާއަށް ފަޅާއަރުވާލުމަށް އުޅުމުގެ ތެރޭގައި އައިމަންއަށް ނޭނގުނީ އޭނާއަށް އޮށްގައު މި އުކުނީ ކުޅަނދުރު ހަތައަކަށް ކަމެވެ. ޒައިނާ ދެކެ އައިމަން ލޯބިވާކަމާއި ހުޝާމްގެ އަސްލު ސޫރަ ޒައިނާއަށް ފަޅާއަރުވާލުމަށް އައިމަން މަސައްކަތްކުރާކަން ހުޝާމަށް އެނގި، އައިމަން އާއި އޭނާ އެންމެ ލޯބިވާ ރަހުމަތްތެރިންނާއި އާއިލާގެ މީހުނަށް ބިރުދައްކައި، އެމީހުންގެ ދުވަސް ދުއްވާލުމަށް ހުޝާމާއި އޭނާގެ ގޭންގުން މަސައްކަތްކުރެ އެވެ.

މި ހުރިހާ ކަމެއް ވެގެންދާއިރު ވެސް ހުޝާމަކީ ގޯސް މީހެއް ކަމަށް ޒައިނާ ގަބޫލެއް ނުކުރެ އެވެ. ހުޝާމްގެ ހަގީގަތް ޒައިނާއަށް އަނގައިދިނުމަށް އައިމަން މަސައްކަތްކުރާ ކޮންމެ ފަހަރަކު، ހުޝާމް ކޮންމެސް މޮޅުކަމެއް ކޮށްލައި ޒައިނާގެ ނަފުރަތު އައިމަންއަށް ރައްދުވާގޮތަކަށް ހަދާލަ އެވެ.

ގޮށްރާޅުގެ ޕޯސްޓަރެއް | ފޮޓޯ: ފޭސްބުކް

އެންމެ ބޮޑު މައްސަލަ؛ ކުލަ އާއި އަޑު

މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޕްރިމިއާ ޝޯގެ ރެޑްކާޕެޓް ދެ ގަޑިއިރެއްހާއިރަށް ދެމިގެންދިޔަ އެވެ. ފިލްމު ނުފަށައި ލަސްވެގެންދާތީ އޮލިމްޕަސް ތެރޭގައި މީހުން ކުދި ކިޔާލަކިޔާލަ ތިއްބެވެ. އަހަރެންވެސް މިއީ އޭގެ ތެރެއިން އެކަކެވެ. ނުވައެއް ޖެހިއިރު އޮލިމްޕަހަށް ވަންގޮތަށް ގަޑިއެއްހާއިރު ވީ އިރު ވެސް ފިލްމު ނުފެށި އެވެ. ސިނަމާ ތެރޭގައި ވެސް ކުޑަ ހަފުލާއެއް ބާއްވައި، އިޝްތިހާރުތައް ދައްކައި ނިންމައި ފިލްމު ފެށޭވަރުވީ 10 ޖެހި ފަހުންނެވެ.

ފިލްމު ފަށައިގެން ފަސް ވަރަކަށް މިނެޓް ކުރިއަށް ދިޔައިރު، ފިލްމަށްވުރެ ބޮޑަށް އަހަރެންގެ ސަމާލުކަން އަތުލީ ފިލްމުގެ ކުލަގަނޑެވެ. ކުލަ މާ ގަދަވެ ފިލްމުގައި އުޅޭ މީހުންގެ މޫނު ރީއްޗަކަށް ނުފެނެ އެވެ. އަހަންނަށް ފެންނަ ގޮތްކަމަށް ހީކޮށް ދެފަހަރަކު ލޯ ވެސް ފޮހެލީމެވެ. އެކަމަކު ކައިރީގައި އިން އެކުވެރިޔާ އަހަރެން ގައިގައި ކޮށްޓާލާފައި ހަމަ އެކަން ފާހަގަކުރުމުން މިއީ އަހަރެންގެ ފުސް ލޮލުގެ މައްސަލައެއް ނޫންކަން ޔަގީންވި އެވެ.

ގޮށްރާޅުގެ ޕޯސްޓަރެއް | ފޮޓޯ: ފޭސްބުކް

މިއީ ފިލްމު އުފެއްދި ފަރާތައް އެއްޗެއް ބުނެވެން އޮތް މައްސަލައަކަށް ވެސް ނުވެދާނެ އެވެ. ފަހަރުގައި މިއީ އޮލިމްޕަސް ސްކްރީނު ނުވަތަ ޕްރޮޖެކްޓަރުގައި އުޅޭ މައްސަލައަކަށް ވެސް ވެދާނެތީ އެވެ. ގިނަ ފަހަރަށް ވަނީ އެހެންވިއްޔާ އެވެ. އެކަމަކު އަހަރު ފަށަން އެޅުވި ނިއުމާގެ ވަދާއީ ފިލްމު "ނިވައިރޯޅި" ބަލަން ދިޔައިރުގައި މިކަހަލަ ކަމެއް އަހަންނަކަށް ފާހަގައެއް ނުކުރެވުނެވެ. އޭގެ ފަހުން އަދި މާ ގިނަ ދުވަސްތަކެއް ވެސް ނުވެ އެވެ.

ފިލްމުގެ ސައުންޑް ސަކަރާތްވީ އޮލިމްޕަހުގެ ސައުންޑް ސިސްޓަމްގެ ސަބަބުންނޭ ބުނެފި ނަމަ އަހަރެން އެކަން ގަބޫލުކުރަމެވެ. އެއީ ފިލްމު އުފައްދާ މީހުންގެ އިތުރުން ބެލުންތެރިން އަބަދުހެން ކުރާ ޝަކުވާއެކެވެ. ބެކް މިއުޒިކްގެ ވަރުގަދަ ކަމުން، ކިޔާ އެއްޗެހި އަޑުނީވުމާއި، ފިލްމުގެ ފޯނު ކޯލުތަކުގައި ދައްކާ ވާހަކަތައް ސާފުނުވުމުން ސައުންޑް ސިސްޓަމު މިފަހަރު ކުށްވެރިކުރަމެވެ.

މަންޒަރުތައް ދިގުދެއްމުމާއި ޑައިލޮގުތައް ފީކަޅާވުން

ބައެއް މަންޒަރުތައް މާ ބޮޑަށް ދިގުދަންމަން ހަދައިގެން ފޫހިވާ ގޮތްވި އެވެ. އަވަހަށް ނިންމާލެވިދާނެ ބައެއް މަންޒަރުތަކުގައި ބޭކާރު ދިގު ޑައިލޮގުތަކެއް ހިމަނާފައި ހުއްޓެވެ. ޑައިލޮގުތައް ރިއަލިސްޓިކް ނުވުމަކީ އަނެއް މައްސަލަ އެވެ. އެއް މަންޒަރުން އަނެއް މަންޒަރަށް ބަދަލުވާއިރު، ގިނަ ފަހަރަށް އެއްވެސް ކަހަލަ ގުޅުމެއް ނެތެވެ.

ގޮށްރާޅުގެ ޕޯސްޓަރެއް | ފޮޓޯ: ފޭސްބުކް

ތައުރީފުދޭ ވަރަށް ފިލްމުގައި "ވަޔަލެންސް" ނުވަތަ އަނިޔާވެރި މަންޒަރުތައް އެބަހުއްޓެވެ. ތައުރީފު މި ދެނީ އެ މަންޒަރުތައް މާ މޮޅުވެގެންނެއް ނޫނެވެ. ދިވެހި ފިލްމެއްގައި މިކަހަލަ މަންޒަރެއް މީގެ ކުރިން ފެނިފައި ނެތުމާއި ތަފާތެއް ގެނައުމަށް ކޮށްފައި ހުރި ބުރަ މަސައްކަތަށް ދޭ ސާބަހެއްގެ ގޮތުގަ އެވެ. އެހެންވީ ތަޅާފޮޅާ މަންޒަރުތަކުގައި ވަކި ސްޓައިލެއް ނެތުމުންނެވެ. ގިނަ މަންޒަރުތައް ހުރީ ގަޔަށްބޮލަށް އަރައިގަންނަ އާދައިގެ ތެޅުންގަނޑެއް ގޮތަށެވެ.

މިހެން ބުންޏަސް ވަރަށް ސަޅި މަންޒަރެއް އިނެވެ. ހުންނަންވާ "ސްޓައިލް"ގައި ނަގާފައި އިން މަންޒަރެކެވެ. ޖުމައްޔިލްގެ މޫނުގައި ޒަކިއްޓެ ކީބޯޑަކުންޖަހާ މަންޒަރެވެ. މިއީ އެންޖެލީނާ ޖޯލީ އާއި ޖޭމްސް މެކޯވީ ކުޅުނު ފިލްމު "ވޯންޓެޑް" ގެ މަޝްހޫރު "ކީބޯޑް ސީން" ގޮތަށް ނަގާފައި އިން މަންޒަރެކެވެ. "ވޯންޓެޑް" ގައި އެ މަންޒަރު ނަގާފައި އޮތް ފެންވަރުގައި މި ފިލްމުގައި ވެސް އެ މަންޒަރު ދައްކައިދިނެވެ.

ގޮށްރާޅުގެ ޕޯސްޓަރެއް | ފޮޓޯ: ފޭސްބުކް

މީގެ އިތުރުން ހަމާލާދީ މީހަކު މަރާލާ -- ސްޕޮއިލްކޮށްލަން ބޭނުންނުވާތީ ކާކުކަމެއް ނުބުނާނަން -- މަންޒަރެއް ވެސް ވަރަށް ރީއްޗަށް ގެނެސްދީފައިވެ އެވެ. އެކަމަކު އެ މަންޒަރު ވެސް ފޫހިވީ މާބޮޑަށް ދިގުދެއްމީމަ އެވެ.

ޑާކްރެއިން އިން ނެގި ރިސްކު ކާމިޔާބު

މި ފިލްމާއެކު ޑާކްރެއިނުން ނެގީ މީގެ ކުރިން ދިވެހި ފިލްމު އުފައްދާ މީހުންނަށް ނަގަން ނުކެރުނު ރިސްކެކެވެ. ފިލްމުގައި މެއިން ކާސްޓުގައި އެންމެ ތަރިއެއް ފިޔަވައި ތީބީ ހުސް އާ އެކްޓަރުންނެވެ. ޖުމައްޔިލް އަބަދުވެސް އޭނާ ދައްކަމުން އަންނަ މޮޅު އެކްޓިން މި ފިލްމުގައި ދެއްކި އެވެ. އާ އެކްޓަރުންގެ ތެރެއިން އަހަރެންގެ ތައުރީފު އަތުލައިގަތީ ޒަކިއްޓެވެ. ހީނުކުރާވަރަށް އޭނާގެ އެކްޓިން ފައްކަލެވެ. ދެން އެކަމަކު ޒަކިއްޓެ ފިލްމަކުން ނުފެންނާނެ އެވެ. މިއީ އޭނާގެ ފުރަތަމަ އަދި ފަހު ފިލްމުކަމަށް އޭނާ ކުރި ޓުވީޓެއްގައި ބުންޏެވެ.

ޒަކިއްޓެގެ ޓުވީޓް.

އެހެން ތަރިންނަށް ބަލާއިރު އާޝާ އަދި ޖުމައްޔިލްގެ ގާތް އެކުވެރިއެއްގެ ރޯލުން ފެނުނު އަޒާން ވެސް އެމީހުނަށް ދީފައި އޮތް ރޯލު ރަނގަޅަށް ދައްކައިދިނެވެ. އެކަމަކު އަހަރެންގެ ތައުރީފު ފިލްމުގެ އެންމެ މުހިންމު އެއް ރޯލަށް ނުދޭނަމެވެ. އެއީ ތަސްނީމާގެ ރޯލެވެ. އޭނާގެ އެކްޓިން ކަމުނުދިޔުމުންނެވެ. ރޯންޖެހޭ މަންޒަރުތަކާއި ހޭންޖެހޭ މަންޒަރުތަކުގައި ހީވީ ގަދަކަމުން އޭނާ ލައްވާ އެކަން ކުރުވާފަ ހުރިހެންނެވެ.

ރަހުމުކުޑަ ގޭންގުސްޓާރަކަށް ޒަކިއްޓެ ވާންޖެހުނު ސަބަބާއި އޭނާގެ ބައްޕަގެ ރޯލުން ފެންނަ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަކީ ކޮން ހައިސިއްޔަތެއް ހުރި މީހެއްކަން އެންމެ ފުރިހަމައަށް ދައްކައިނުދެވުނެވެ. ފިލްމުން އެނގޭ ގޮތުގައި އިއްސެއަކީ ކޮންމެވެސް އިދާރާއެއްގެ ނައިބެކެވެ. ކޮންތަނެއްގެ ނައިބެއް ކަމާއި އޭނާއަކީ ކިހާ ނުފޫޒުގަދަ މީހެއްކަމެއް އެނގޭވަރެއް ނުވި އެވެ.

ގޮށްރާޅުގެ ޕޯސްޓަރެއް | ފޮޓޯ: ފޭސްބުކް

ގައުމީ އެވޯޑު ވެސް ހޯދާފައި ހުރި އިއްސެ، މުޅި ފިލްމުގައި ވެސް އެންމެ މަންޒަރަކުން ދެއްކީމާ ހައިރާންވި އެވެ. މޮޅު އެކްޓަރެއް ލައިގެން ބޭކާރު ރޯލެއް ކުޅުވީތާއޭ ހިތަށް އެރި އެވެ. ފެނުނު އެއް މަންޒަރުގައި ވެސް އިއްސެ ވަނީ އޭނާގެ ކުޅަދާނަކަން ދައްކާލައިފަ އެވެ. ޒަކިއްޓެ ގައިގައި ދަނޑިބުރިއަކުން ތަޅާލާއިރު، ގައިން ހީބި ނެގި އެވެ.

އިއްސެގެ އިތުރުން ނުޒުހަތުގެ ރޯލަށް ވެސް ވީ އެހެންނެވެ. މުހިންމު ރޯލަކަށް ވިޔަސް ފިލްމުގައި އެ ދެމީހުނަށް މާ ބޮޑު ސަމާލުކަމެއް ދީފައެއް ނެތެވެ.

ގޮށްރާޅުގެ ޕޯސްޓަރެއް | ފޮޓޯ: ފޭސްބުކް

ޒަކިއްޓެ އެއް އަހަރުވަންދެން ފިލައިގެން އުޅުނީ ކީއްވެ ކަމާއި، އުޅުނު ތަނެއް ނޭނގުނެވެ. ފިލްމު ފެށުނުއިރު ޖުމައްޔިލް ދެއްކީ އަންހެނުންގެ ކަންތައްގަނޑު ބޮޑު ފިރިހެނެއްގެ ގޮތުގަ އެވެ. އެކަމަކު ފިލްމުގެ މެދުން ކުއްލިއަކަށް އެއް އަންހެނަކާ ހިތާވެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަމިއްލަ މީހާ އާއި ގާތް ރަހުމަތްތެރިންނާއި ތިމާގެ މީހުންގެ ފުރާނަ ގުރުބާންކުރާ ވަރަށް މީހަކު ދެކެ އިންތިހާއަށް ލޯބިވީ ކިހިނެއްވެގެންބާވަ އެވެ؟

ދޮޅު ގަޑިއިރެއްހާއިރު ފަހުން ދެން ދައްކަން ފެށި މަންޒަރާއެކު ހިތް އަވަސްކޮށްލި އެވެ. އެ މަންޒަރާއެކު ސަޕްރައިޒްވި އެވެ. އެއީ ފިލްމުގެ ކްލައިމެކްސް އެވެ. އެބައި ވަރަށް މޮޅަށް ގެނެސްދިނެވެ. އެކަމަކު ކްލައިމެކްސް ވެސް އެންމެ ފުރިހަމަ ނުވި ސަބަބު ކިޔައިދޭން ވެއްޖެއް ނަމަ ފިލްމު އެއްކޮށް ސްޕޮއިލްކޮށްލެވިދާނެތީ އެވާހަކަ ބާއްވާނަމެވެ.

ފިލްމުގައި "ގޮށްރާޅު" ގެ މާނަވެސް އެންމެ ފުރިހަމައަށް ދައްކައެއް ނުދެވުނެވެ. އެ ބަހުގެ މަޖާޒު މާނައަކީ މަސައްކަތެއްގެ ތެރޭގައި މީހަކު އުފައްދާ ހަމަނުޖެހުމެވެ. އެކަމަކު މި ފިލްމުގައި މަސައްކަތެއްގެ ތެރޭގައި މީހަކު އުފެއްދި ހަމަނުޖެހުމެއް ނުދެކެމެވެ. ނުތަނަވަސްކަމެއް އުފެދިގެން އުޅުނީ އަންހެން ކުއްޖަކާ ގުޅިގެން އެކަންޏެވެ. އެހެން ވިއްޔާ އެ އަންހެން ކުއްޖާ ސެޓުކުރުމަކީ ވަކި މަގުސަދެއް އޮތް ކަމެއްބާވަ އެވެ؟

ފިލްމު ނިމުނުއިރު، ޖަވާބު ބޭނުންވާ މިކަހަލަ އެތައް ސުވާލެއް އަހަރެންގެ ހިތުގައި އޮތް ނަމަވެސް، ސިނަމާއިން ނިކުތީ ތަފާތެއް ގެނައުމަށް ޝިނާނާއި ޑާކްރެއިން ކުރި މަސައްކަތައް ސާބަސް ދެމުންނެވެ. އެންމެ ފުރިހަމައަށް ފިލްމަށް އިންސާފު ކުރެވިފައި ނެތް ނަމަވެސް އަހަރެމެންގެ މުޖުތަމައުގައި ހުރި އެތައް މައްސަލައެއް ދައްކައިދިނެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ޑާކް ރެއިން އެންޓަޓެއިންމެންޓް

Popular