20 Jan 2020

By: Ifraz Ali

ދިވެހި ކްރައިމް ތުރިލާ ޖޯންރާގެ ފިލްމެއް ބަލައިލަން ބޭނުންވާ ނަމަ އެންމެ އިންތިޒާރު ކުރެވޭނީ "ލޫދިފާ" އަދި "ހެޕީ ބާތުޑޭ" ފަދަ މި ޖޯންރާގެ މޮޅު ފިލްމުތަކެއް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު މޫމިން ފުއާދުގެ މަސައްކަތަކަށެވެ. އަހަރެއްހާ ދުވަސް ފަހުން އަނެއްކާ ވެސް މޫމިންގެ މަސައްކަތެއް ބެލުންތެރިންނާ ހަމައަށް އަންނަން މިހާރު ތައްޔާރުވަނީ އެވެ. އެކަމަކު މިފަހަރު އެ ޖޯންރާގެ، އޭނާގެ ޑްރާމާއެކެވެ. އިއްޔެ ވަނީ މީގެ ކުރު ޓީޒާއެއް ވެސް އާންމުކޮށްފަ އެވެ. އެއީ ބައިސްކޯފުން ޕްރޮޑިއުސްކުރާ، މޫމިން ލިޔެ އަދި ޑައިރެކްޓުކުރާ ކްރައިމް ތުރިލާ "ގަމިނި" އެވެ.

"ގަމިނި" ގެ މަންޒަރެއްގައި އެކްޓަރު، އަހްމަދު އާސިމް.

އަމިއްލަ އަށް ލިޔެ، ޑައިރެކްޓުކުރި ޑްރާމާއެއް މޫމިން މި ގެނެސްދެނީ 12 ވަރަކަށް އަހަރު ފަހުންނެވެ. އެންމެ ފަހުން އޭނާ ޑްރާމާއެއް ގެނެސްދިނީ 2008 ވަނަ އަހަރުގެ ރޯދަ މަހު އެވެ. އެއީ ޓީވީއެމް އަށް ތައްޔާރުކޮށްދިން ފަސް އެޕިސޯޑްގެ "ޔާސްމީން" އެވެ. އެއީ ޑްރާމާއަކަށް އޭނާ ކުރި އެ ފަދަ ފުރަތަމަ މަސައްކަތެވެ. ނަމަވެސް މޫމިން ވަނީ އެހެން ބައެއް ޑައިރެކްޓަރުންގެ ޑްރާމާތަކުގައި ކެމެރާ ފުރަގަހުގައި މަސައްކަތްތައް ކޮށްފަ އެވެ.

"ގަމިނި" ޓްރެއިލާގެ މަންޒަރެއް.

މޫމިން ބުނީ މިއީ ޑްރާމާއެއް ނަމަވެސް، އޭނާ ބޭނުންވާ ގޮތަށް ގެނެސްދިނުމަށް ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހުނު ކަމަށެވެ. ހާއްސަކޮށް، މި ޑްރާމާ އަކީ ދެ ޒަމާނެއް ދައްކައިދޭ ފިލްމަކަށް ވުމުން، ޕްރޮޑަކްޝަން ސައިޑުން ތަފާތު ތަޖުރިބާއެއް ކުރަންޖެހުނު ކަމަށެވެ. މި ޑްރާމާގައި ދައްކަނީ މިހާރާއި 80 ގެ އަހަރުތަކުގައި ހިނގާފައިވާ ކަންތައްތަކެކެވެ.

މިއީ ކިހިނެއްވާ ޑްރާމާއެއް؟

"އެހެން ބަޔަކު، އެހެން ތަނެއްގައި، އެހެން ޒަމާނެއްގައި ކުރާ ކަމެއްގެ ސަބަބުން، އޭގެ ނަތީޖާ މިހާ ހިސާބަށް އަންނައިރު، އެ ފޯރާފައި ހުންނަވަރު ދައްކައިދޭނީ،" ޖުމްލަ 13 އެޕިސޯޑް ހިމެނޭ މި ޑްރާމާ އަށް މޫމިން ދިން ކުރު ހުލާސާ އަކީ މި އެވެ.

"ގަމިނި" ޓްރެއިލާގެ މަންޒަރެއް.

މީގެ ހަ މަސް ދުވަސް ކުރިން މަސައްކަތް ފެށި މި ޑްރާމާގެ ޕްރީ ޕްރޮޑަކްޝަނަށް ވެސް ގިނަ ދުވަސްތަކެއް ހޭދަވި އެވެ. އެއީ 80 ގެ އަހަރުތައް ދައްކަންޖެހޭތީ މީގައި ކާސްޓުންގެ ކޮސްޓިއުމާއި އެ މީހުން ބޭނުންކުރާ މެޓީރިއަލްސް ތައްޔާރުކުރަން ގިނަ ވަގުތު ހޭދަކުރަންޖެހުމުންނެވެ.

"ތެލި ތަށިން ފަށައިގެން ގޮސް، ލައިފައި ހުންނަ އެއްޗިއްސަށް ދަންދެން ވެސް. އެ ޒަމާނުގައި އެއްޗެއްސާއި، އޭރުގެ ގަމީހާއި، އޭރުގެ ފަޓުލޫނާއި، އެގޮތަށް ގޮސް އެ ހުރިހާ އެއްޗެއް ފަށައިގެން ތައްޔާރުކޮށްގެން ޝޫޓިންއަށް ދިޔައީ،" މިދިޔަ އަހަރު ފަހުކޮޅު ޝޫޓިން ފެށި ކަމަށް މޫމިން ބުންޏެވެ.

"ގަމިނި" ގެ މަންޒަރެއްގައި އެކްޓްރެސް، މަރިޔަމް ޝަކީލާ.

"އެ ޒަމާން، 80 ގެ އަހަރުތަކުގެ ރާއްޖެ ވަރަށް ރަނގަޅަށް ދައްކާ ދެވިފައި ހުރި ކަމަށް އެބަ ބުނޭ ބައިސްކޯފުގެ ބޭފުޅުން ވެސް،" މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބާއި މެދުގައި އެންމެ ބޮޑަށް ހިތްހަމަޖެހޭ ސަބަބު މޫމިން ކިޔައިދިނެވެ.

މަންޒަރުތައް ނަގަން ގިނަ ރަށްތަކަކަށް

ހަ ރަށެއްގައި މި ޑްރާމާގެ މަންޒަރުތައް ނަގާފައިވެ އެވެ. އެއީ ތ.ކިނބިދޫ އާއި ހަމަ އެ އަތޮޅު ވޭމަންޑޫ، އއ.މަތިވެރި އާއި ހަމަ އެ އަތޮޅު މަޑޫގަލި، ފެރިދޫ އަދި ފ.ނިލަންދޫގަ އެވެ. މަންޒަރުތައް ނަގަން ތިން މަސް ދުވަސް ހޭދަވި އެވެ.

"ގަމިނި" ގެ މަންޒަރެއްގައި އާ އެކްޓްރެސް، އާމިނަތު ނިޝާ ރަޝީދު.

"އެކި ރަށްރަށުން އެކި އެއްޗެހި ބޭނުންކޮށްފައި ހުންނަނީ. މިސާލަކަށް އެއް ރަށެއްގެ ވަލު ތެރޭގެ މަންޒަރުތަކާއި ނުވަތަ އެހެން ރަށެއްގެ ގެއެއް އެ ގޮތަށް،" މަންޒަރުތައް ނެގުން ދިގުލައިގެން ދިޔައީ މިދިޔަ އަހަރު ފަހުކޮޅު ލައްވައިލި ބޮޑު ވިއްސާރާއިގެ ސަބަބުންނެވެ. ޑްރާމާގެ ޕޯސްޓް ޕްރޮޑަކްޝަން މިހާރު ފަށާފައިވާ ނަމަވެސް، އަދިވެސް އިތުރު ދެ ތިން މަންޒަރެއް ނަގަން އެބަ އޮތް ކަމަށް މޫމިން ބުންޏެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu) on

"ގަމިނި" ގެ ޓީޒާ ޓްރެއިލާ.

ބޮޑު ކާސްޓެއް ވެސް ހިމެނޭ މި ޑްރާމާގެ މުހިންމު ރޯލުތަކުން ފެންނާނީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އަހްމަދު އާސިމް، މަރިޔަމް ޝަކީލާ އަދި އަހްމަދު ޝާކިރު ފަދަ އެކްޓަރުންނެވެ. އަދި މުޅިން އާ އެކްޓަރުންތަކެއް ވެސް ފެންނާނެ އެވެ.

މި ޑްރާމާ ސްޓްރީމިންނަށް ދޫކޮށްލާނެ ތާރީހެއް އަދި ބައިސްކޯފުން އިއުލާނެއް ނުކުރެ އެެވެ.

މޫމިން ފުއާދު ދިވެހި ފިލްމް އިންޑަސްޓްރީ ޓީވީ ސިލްސިލާ

Popular