20 Feb 2020

By: Aishath Maaha

ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ އަބްދުﷲ މުއާޒް އާއި މަރިޔަމް އައްޒަ (މުއާއްޒަ) ކައިވެނިކޮށްފި އެވެ. ދެތަރިން ކައިވެނިކުރީ ހުޅުމާލޭގައި ހުންނަ ބްރެޑްމެޓާސް ގްރީން ރެސްޓޯރެންޓުގައި ބޭއްވި ކުލަގަދަ ހަފްލާއެއްގަ އެވެ.

މިއަދު ބޭއްވި ކައިވެނީގެ ހަފްލާގައި ފިލްމީ ދާއިރާގެ ވަރަށް ގިނަ މީހުން ބައިވެރިވި އެވެ.

ދެ ތަރިން ލޯބީގެ ގޮތުން ގުޅުނީ 2018 ގައި

މުއާ އާއި އައްޒަ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެންމެ ފުރަތަމަ އަޑުތައް ފެތުރުނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައި މުއާ ޑައިރެކްޓްކޮށް އައްޒަ ލީޑު ރޯލުން ފެނިގެންދިޔަ ފިލްމު "ލީނާ"ގެ ޝޫޓިން ތެރެއިންނެވެ. ނަމަވެސް އޭރު ދެ ތަރިން ވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ. އަދި އެކަން ދޮގެއް ވެސް ނުކުރެ އެވެ. ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ވެސް ހިއްސާއެއް ނުކުރެ އެވެ.

ދެތަރިން ލޯބީގެ ގޮތުން ގުޅުނު ކަމަށް ވަނީ 01-01-2018ގަ އެވެ. އައްޒަ މުއާއާ ޑޭޓުކުރަން ފަށާފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސިންގަލްކޮށް ތިބުމަށް ފަހު އެވެ.

ފިލްމީ ދާއިރާ އިން މުއާ އަށް އަބަދުވެސް އެންމެ ރީތީ އައްޒަ

މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް މި ދެތަރިންނަކީ ފިލްމީ ދާއިރާގައި އަޅުވާ ކިޔަމުން އަންނަ ދެތަރިންނެވެ. ނަމަވެސް އެއަޑުތައް މަޑުވީ ދެތަރިން ވެސް އެހެން މީހުންނާ ކައިވެނިކުރުމުންނެވެ.

"އެންމެންނަށް ވެސް އެންމެ ކުރިން ފެށިގެން ވެސް މުއާ ދެން ހަމަ އިންޓަވިއު ވެސް ދިން ތާ މަށޭ ކިޔައިގެން. ދެން މި ބުނި އަހަރުން ދެމީހުން އަޅުވާ ކިޔައޭ އަބަދުވެސް އިންޑަސްޓްރީގައި ދޯ. މި ބުނި އިންޑަސްޓްރީ މީހުންނަކީ އަހަރުން ދެމީހުން އެއްތަން ވެއްޖެޔާ ހަމަ އަޅުވާ ކިޔާ ކަމެއް އޮތަސް ނެތަސް. ދެން އަދި މިހާރު ޝޫޓިން އަށް އައިސް ރަށެއްގައި މިހެން އުޅޭއިރު އެކަހަލަ ވާހަކަ މީހުން ދައްކާނެ ދޯ ހަމަ ގެރެންޓީކޮށް. އަހަރެން ވަރަށް ބޮޑަށް މިއަށް ރެޑީވެގެން މިހުރީ. މި ބުނީ މި އަޑުތައް އެރިޔަސް، އަހަންނަށް އިނގޭ އަރާނެކަން ވެސް އަހަރެން ފުރުމުގެ ކުރިން އެންމެން ކައިރީގައި ބުނިން ބަލައްޗޭ އަޅުވާ ކިޔާނޭ،" ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް ފެތުރުމުން އެކަން ޔަގީންކުރަން އައްޒަ އަށް ގުޅާލުމުން އައްޒަ ބުނީ މިހެންނެވެ.

"ލީނާ" ރެޑްކާޕެޓުގައި މުއާ އާއި އައްޒަ. -- ފޮޓޯ: ހުސެން ވަހީދު/ ދޯ

ދޯގެ "ލޯތްބާއެކު" ސެގްމަންޓުގައި މުއާ އާއި އައްޒަ ލޯބިވެޔޭ ކިޔައިގެން މީހުން ދައްކާ ވާހަކައަށް މުއާގެ ކޮމެންޓެއް ހޯދަން އެހުމުން ބުނީ އޭނައަށް އަބަދުވެސް އައްޒަ ރީތި ކަމަށެވެ.

"(...)އަސްލުވެދާނެ އެނގޭ ވަރަށް ކުރިން އަހަރެން ފިލްމީ އުދަރެސް އިންޓަވިއުއެއްގައި އެއީ ވަރަށް ކުރިން އެއީ އައްޒަވެސް ފުރަތަމަ ނުކުތް ދުވަސްކޮޅު އޭރު އޭނަ ވަރަށް ރީތި އަހަންނަށް. ދެން މަ ބުނިން ފިލްމީ އުދަރެސް އިންޓަވިއުގައި ހަމަ މިކަހަލަ ސުވާލުތަކެއް ކުރަމުން ކުރަމުން ގޮސް އެހީ ކާކުހޯ ފިލްމީ ދާއިރާއިން އެންމެ ރީތީ. ދެން ބުނީމަ އަހަރެން ބުނިން އައްޒައޭ އަހަންނަށް އެންމެ ރީތީ. ދެން އަނެއްކާ ވަރަށް ދުވަހު ވާހަކަ ނުދައްކާ ހުރެފަ މިހާރު މި ވާހަކަދައްކަނީ އެހެންވެ ތަންކޮޅެއް ބޮޑަށް އެކްސައިޓްވަނީ ކަންނޭނގެ ފުދޭވަރަކަށް ދުވަހު ވާހަކަ ނުދައްކާ ހުރެފަ ދެއްކީމަ ވެދާނެ މީހުންނަށް ތަންކޮޅެއް ބޮޑަށް އޭތި އިހްސާސް ކުރެވެނީ ކަމަށް،" ލޯތްބާއެކު ސެގްމަންޓުގައި ޖަވާބު ދެމުން މުއާ ބުންޏެވެ.

އެކުގައި ފުރަތަމަ ފޮޓޯ؛ ޖުލައި 7، 2018ގައި

ދެތަރިން ލޯބީގެ ގޮތުން އުޅޭކަމަށް އަޑުތައް ފެތުރުނު ނަމަވެސް ރަސްމީކޮށް އެއްޗެއް ނުބުނާތީ އަދި ސޯޝަލް މީޑިއާގައި ވެސް އެއްވެސް ޕޯސްޓެއް ނުކުރާތީ ޑޭޓުކުރާކަން ގިނަ ބަޔަކަށް އޮތީ ޔަގީން ނުވެ އެވެ. ނަމަވެސް 7 ޖުލައި، 2018 ގައި މުއާ އިންސްޓަގްރާމްގައި ޕޯސްޓުކުރި މި ފޮޓޯ އާ އެކު ދެމީހުން ޑޭޓުކުރާކަން ވަނީ ޔަގީންވެފަ އެވެ.

View this post on Instagram

A post shared by Muaa Abdulla (@muaa_abdulla) on

މުއާ އާއި އައްޒަ އެކުގައި ސޯޝަލް މީޑިއާއަށް ދޫކޮށް ފުރަތަމަ ފޮޓޯ.

ނަމަވެސް އޭރުވެސް ދެތަރިން އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ފަހުން ފަހުން ފިލްމީ ދާއިރާގެ އިވެންޓުތަކަށް ވެސް ދެތަރިން ދަނީ އެކުގަ އެވެ.

"ލީނާ" ޕްރިމިއާގައި، އައްޒަ ދެކެ ލޯބިވާކަން މުއާ އިއުލާނުކުރި

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު "ލީނާ" ޕްރިމިއާކުރަން ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން މުއާ ވަނީ އައްޒަ ދެކެ ލޯބިވާކަން އިއުލާނުކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފަހުން ސުވާލުކުރުމުން އެކަމާ ގުޅޭ އެއްވެސް ވާހަކައެއް މުއާ ނުދެއްކި އެވެ.

މުއާ ބުނީ "އައްޒަ އަކީ ލީނާގެ ލީޑް އެކްޓްރެސް ވީމާ އަހަރެންނަށް އެހެން ބުނެވިދާނެ އެއް ނޫން ހެއްޔޭ" އެވެ.

މުއާ އެހެން ބުނި ނަމަވެސް މެދުކެނޑުމެއްނެތި ދެ މީހުން އެކުގައި ޑޭޓުތަކަށާއި ކޮފީތަކަށް ގޮސް ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާކުރެ އެވެ. މީގެ އިތުރުން ފޭސްބުކްގައި ވެސް އެކަކު އަނެކަކު ޕޯސްޓުތަކުގައި ޓެގުކޮށް ލޯބިވާ ވާހަކަ ބުނެ އެވެ.

އެކުގައި ޓްރިޕްތައް

މިފަހުން ވަނީ ދެތަރިން އެކުގައި ޗުއްޓީތަކަށް ވެސް ގޮސްފަ އެވެ. ދެތަރިންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ވީޑިއޯތަކާއި ފޮޓޯތައް ހިއްސާކޮށްފައިވެ އެވެ. އަދި މިދިޔަ ސްކޫލް ޗުއްޓީގައި ކުރިން ކުރި ކައިވެންޏަށް ދެތަރިންނަށް ލިބިފައިވާ ދެކުދިން ވެސް ގޮވައިގެން ޗުއްޓީއަށް ގޮސްފައިވެ އެވެ.

ކުރިން ކުރި ކައިވެންޏަށް މުއާއަށް އަންހެން ކުއްޖަކު ލިބިފައިވާއިރު އައްޒަ ކުރިން ކުރި ކައިވެންޏަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.

View this post on Instagram

A post shared by Muaa Abdulla (@muaa_abdulla) on

މުއާ އާއި އައްޒަ ދެމީހުން ކުރިން ކުރި ކައިވެންޏަށް ލިބިފައިވާ ދެކުދިންނާ އެކު.

ދެތަރިންގެ އާއިލާ އެކުގައި ހޭދަކުރާ ގިނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަނީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ.

އިންސްޓަގްރާމްގައި ހާއްސަ ހައިލައިޓްސް

މުއާ އަަދި އައްޒަގެ އިންސްޓަގްރާމްގެ ހައިލައިޓްސްގައި ދެމީހުންގެ ފޮޓޯތަކާއި ވީޑިއޯކޮޅުތަކަށް ހާއްސަ ހައިލައިޓްސްއެއް ހަދާފައިވެ އެވެ. މުއާގެ އިންސްޓަގްރާމްގައި "ބޭ" ޖަހާފައި ހައިލައިޓްސް ހަދާފައިވާއިރު އައްޒަ ބޭނުންކޮށްފައިވާ ނަމަކީ "މުއައްޒަ" އެވެ.

ރަންކީ 02-02-2020 ގައި

މި ކައިވެންޏަށް އައްޒަ ރަން ކިޔާފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ. ވިލިމާލޭ އަތިރިމަތީގައި އޮތް އެހަފްލާގައި އައްޒަ ރަން ކިޔާފައިވަނީ 30 ރުފިޔާ އަށެވެ. ރަން ކީ ހަފުލާ ބޭއްވީ، މިހާރު ރަން ކިޔުމުގައި ގިނަ ބަޔަކު ގެންގުޅޭ ސްޓައިލެއް ކަމަށްވާ، ދިވެހިވަންތަކަން ދައްކުވައިދޭ ކަހަލަ ގޮތަކަށެވެ.

ކައިވެނި ސެލެބްރިޓީން އެކްޓްރެސް މަރިޔަމް އައްޒަ

Popular