4 Apr 2020

މަނީ ހައިސްޓް ބަލަނީކަން އަންގާލީ ދޯ؟

މަނީ ހައިސްޓް ބަލަނީކަން އަންގާލީ ދޯ؟

By: Ifraz Ali

މަނީ ހައިސްޓްގެ ފޭނުންގެ ތެރެއިން އާ ސީޒަން އަދި ނުބަލާ މީހުން ސޯޝަލް މީޑިއާ އަށް ވަންނައިރު، މިހާރު ވަރަށް ހުޝިޔާރުވާން ޖެހޭނެ އެވެ. ނެޓްފްލިކްސް އިން އިއްޔެ މި ޑްރާމާގެ އާ ސީޒަން ހަމަ ދޫކޮށްލުމާ އެކު، އެއް ބަޔަކު ކަމާކަންފަށައި ފޭސްބުކާއި ޓުވިޓާ ފުރެންދެން ސްޕޮއިލާސްތައް އަޅާ ފުރާލި އެވެ. މިކަމާ ހެދި އެއް ބަޔަކު ލައްކަ ޝަކުވާ ވެސް ކުރި އެވެ. އެހެންވެ، އާ ސީޒަން ބަލާ ނިމުނު މީހުން، އެހެން މީހުން ބަލާ ނިމެންދެން އެހަކަށް މައިތިރިވާން އުޅޭށެވެ.

ފަހު ސީޒަން ނިމުނުއިރު ވީ ގޮތް

ވަގުންގެ މި ޓީމުން ސްޕެއިންގެ ބޭންކް ހިސޯރުކުރުމަށް ފަހު، ފުލުހުންގެ ހައްޔަރުގައި ހުރި އެމީހުންގެ ބައިވެރިޔަކު (ރިއޯ) ދޫކޮށްލުމަށް ޑިމާންޑް ކުރެ އެވެ. ޕްރޮފެސާއާ އޭނާގެ ބައިވެރިޔާ، ރެކެލް އެމީހުން ބޭނުންވާ ކަންކަން، މި ކޭސް ބަލާ ފުލުހުންގެ އޮފިސަރު، އެލީސިއާ އަށް ހުށަހަޅަ އެވެ. އެކަމަކު އެލީސިއާގެ މަކަރުވެރިކަމާ އެކު ފުލުހުން ރެކެލް ހައްޔަރުކުރެ އެވެ.

"މަނީ ހައިސްޓް" ސީޒަން ހަތަރެއްގެ ޓްރެއިލާ.

ފަހު ސީޒަން ނިމުނުއިރު، ޕްރޮފެސާގެ ދޯހަޅި އެއް ނިންމުމެއްގެ ސަބަބުން ވަގުންގެ ޓީމުގެ އެކަކަށް ވަރަށް ބޮޑަށް އަނިޔާވެ އެވެ. ޕްރޮފެސާގެ އޯޑަރަށް ރިއޯ އާއި ޓޯކިޔޯ ފުލުހުންގެ ހަތިޔާރު ޓޭންކަރަކަށް ހަމަލާ ދިނީ ރޮކެޓް ލޯންޗާއަކުންނެވެ. އެކަމުގެ ތެރޭގައި އުޅެނިކޮށް، ސްނައިޕާއެއްގެ ވަޒަން އަމާޒުވީ ނައިރޯބީ އަށެވެ.

އާ ސީޒަން ބަލަން ފަށާއިރު ހިތުގައި އޮންނާނީ މި ސުވާލުތަކެވެ؛ ނައިރޯބީ ސަލާމަތް ވިތޯ އެވެ؟ ރެކެލްގެ ފަރާތުން އެލީސިއާ ބޭނުންވަނީ ކޮން ކަމެއްތޯ؟ 90 ޓަނުގެ ރަން ހިފައިގެން ސްޕެއިންގެ ބޭންކުން އެމީހުން ނިކުންނަނީ ކިހިނެއްތޯ؟

ޓީވީ ސިލްސިލާ

Popular