27 May 2020

By: Ifraz Ali

އެކްޓްރެސް މަރިޔަމް އައްޒަ އިއްޔެ ފޭސްބުކަށް ދޫކޮށްލި އޭނާގެ އާއިލީ ޕްރޮޑަކްޝަން، ޔާރާގެ ކުރު ފިލްމު "ފަރުދީ ޒިންމާ" އަށް 25 ގަޑިއިރުގެ ތެރޭގައި ދެ ލައްކަ ވިއުސް ލިބުނެވެ. އައްޒަގެ މަގުބޫލުކަމާ މެދު އަދިވެސް ސުވާލެއް ނެތްކަން ހާމަވުމާ އެކު ފިލްމުން މި ވަނީ މި ދުވަސްވަރަށް ބޭނުންވާ މުހިންމު މެސެޖެއް ފޯރުކޮށްދީފަ އެވެ.

އައްޒަގެ މަންމަ އައިމިނަތު ރަޝީދާ (އައިންތު) ގެ ކޮންސެޕްޓަކަށް އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓުކުރި މި ކުރު ފިލްމުގައި ފެންނަނީ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާ މި ދުވަސްވަރު ގޭދޮށުގައި ހަމަ ކަމެއް ވެލާއިރަށް، ކުޅިބަލަން ދާން ނިކުންނަ މަންމައަކަށް ދަރިއަކު ނަސޭހަތްދީ ހުއްޓުވަނިކޮށެވެ. އެކަން އެގޮތަށް ނުކުރާން ބުނާ "އަސަރުގަދަ" މެސެޖެއް ދޭ މި ދިހަ ވަރަކަށް މިނެޓުގެ ފިލްމަށް ފޭސްބުކް ކޮމެންޓްތަކުގައި ގިނައިން ލިބިފައި ހުރީ ވެސް ވަރަށް "ފައްސި" ކޮމެންޓުތަކެކެވެ.

"ވަރަށް ރަނގަޅު ކޮންސެޕްޓެއް. ދިވެހިންގެ ވަރަށް ބޮޑު އާދައެއް ކަން ބެލުމަކީ. ކަންކަނަށް އެއްވެގެން، މަގުމަތިން ދަމުން ހުއްޓި ވާނުވާ ބަލާނުލާ ހިނގައި ނުގަނެވޭނެ. ކާކުތޯ ޕޮޒިޓީވްވީ ފޮޓޯ އާއި ވަނަވަރަށް ދަންދެން ބަލާނެ. އެ ހޯދާ އެހެން މީހުންނާ ޝެއާކުރާނެ،" މިއީ މީހަކު ކޮށްފައި އޮތް ވަރަށް ދިގު ކޮމެންޓެއްގައި އެއް ބައެވެ. -- މިއީ ދޮގެއް ވެސް ނޫން ދޯ އެވެ؟

މި ކުރު ފިލްމާއި ބެހޭގޮތުން އަހަރެމެން އިއްޔެ ޖެހި އާޓިކަލް އަށް ވެސް ވަރަށް ގިނަ ކޮމެންޓްތައް ލިބުނެވެ.

"ކޭކޭބީ ކިޔާ އެއްޗެއް ރިޝްމީމެން ހަދައިގެން އެ ވާހަކަ މީހުން ދައްކާތީ ކެތްނުވެގެން މުއާ ހެދި އެއްޗެއް. ދެން އެފްބީގައި ޕްރޮމޯޓް ކޮށްފަ ވިއުސް ގިނަވެގެން ވާއޯ ވަނީ އަމިއްލަ އަށް. ތި ފިލްމްގެ އޯޕަނިން ކްރެޑިޓް ނިމެންދެން ވެސް ނުއިނދެވުނު ބަލާކަށް،" މިއީ ސޫނީނާގެ ނަމުގައި މީހަކު ކުރި ކޮމެންޓެކެވެ.

އެކަމަކު ސުނީނާ އަށް ނޭނގިފައި މި އޮތީ އެ ކުރު ފިލްމު "ކޭކޭބީ - ކުޑަކުޑަ ބާރު" އަކީ ރިޝްމީގެ މަސައްކަތެއް ނޫން ކަމެވެ. އެއީ އެކްޓަރު އަހްމަދު އަޒްމީލް (އަޒޭ) ގެނެސްދިން ފިލްމެކެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން ނިކުތް "ކޭކޭބީ" ގައި ވަރަށް ގިނަ އެހާރައި މިހާރުގެ ފިލްމީ ތަރިން ފެނުނެވެ. އެކަމަކު އެ ފިލްމުން އައްޒަ އާއި މުއާއެއް ނުފެނެ އެވެ. އެހެންވެ، ދިވެހި ސިނަމާގެ އެންމެ ފޭވަރިޓް ޖޯޑު "މުއާއްޒަ" ނުފެނުނީ ކީއްވެގެންތޯ ވަރަށް ގިނަ ފޭނުން ސުވާލުކުރި އެވެ.

އައްޒަގެ މި ކުރު ފިލްމު މި ނިކުތީ ވެސް ހަމަ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

އެހެން ކޮމެންޓެއްގައި މީހަކު އިޝާރާތްކުރީ މިއީ އަސްލު މުއާ އާއި އެކްޓަރު/ޑައިރެކްޓަރު ރަވީ ފާރޫގާ ދެމެދުގައި އޮތް "ނުތަނަވަސް" ކަމެއްގެ ގޮތުގަ އެވެ. އޭނާ ބުނީ ރަވީ ފިލްމެއް ހެދީމަ، މުއާ އަށް ނުހުރެވިގެން ފިލްމެއް ހެދީ ކަމަށެވެ. އެކަމަކު ރަވީ މިތަނުން އެއްވެސް ފިލްމެއް ނުހަދަ އެވެ. ކޭކޭބީގެ ކާސްޓުގައި ހިމެނުންކަން އެކަންޏެވެ.

އެހެންވީމަ، ފޭނުން މި ވާހަކަ މާ "ނައްސި" ކޮށްގެން ދެއްކުމުގެ ބޭނުމެއް އަސްލު ނެތެވެ. ނުވަތަ މި ކުރެވެނީ އައްޒަ އޭނާގެ ކުރު ފިލްމު މެދުވެރިކޮށް، އެންމެން ގާތުގައި ނުކުރާން ބުނި ކަންތަކެވެ. 😬

އެކްޓްރެސް މަރިޔަމް އައްޒަ ލޮކްޑައުން

(0) ކޮމެންޓް

ކޮމެންޓް ލިބިއްޖެ! ޝުކުރިއްޔާ!

Related

Popular