26 May 2020

By: Ifraz Ali

ގޭދޮށުގައި ކަންތައްގަނޑެއް ހިނގާ ނަމަ، ވެގެން އުޅޭ ކަމެއް ހޯދާ ބަލަން ނިކުންނަ މީހުން އަދިވެސް އުޅެ އެވެ. ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުދިއުމަށް އަންގާފައި އޮތަސް ވަރިހަމަ އެވެ. އަދި އެ ވީ ކަމެއް ބެލުމަށް ފަހު އެ ވާހަކަ އެހެން މީހެއް ގާތު ބުނުމުން، ދެންޖެހޭ މީހާއާ ހަމައަށް ދާއިރު އޮންނަނީ އެކި ގޮތްގޮތަށް އެނބުރި ވާހަކަ މުޅިން ބަދަލުވެފަ އެވެ. އެ ހިސާބުން ތެދެއް، ދޮގެއް ވަކިނުވާނެ އެވެ. ވަނީ އެއް ބަޔަކު ފަލީހަތެވެ.

އެކްޓްރެސް މަރިޔަމް އައްޒަގެ އާއިލީ ޕްރޮޑަކްޝަން "ޔާރާ" އިން ރޭ ނެރުނު ކުރު ފިލްމު "ފަރުދީ ޒިންމާ" ގައި ވެސް އެދުނީ މިހެން ކަން ބަލަން ވިޔަސް ގެއިން ބޭރަށް ނުނިކުތުމަށެވެ. މިއީ އައްޒަގެ މަންމަ، އެކްޓްރެސް އައިމިނަތު ރަޝީދާ (އައިންތު) ގެ ކޮންސެޕްޓަކަށް ތައްޔާރުކުރި، ހަ މިނެޓާއި 36 ސިކުންތުގެ ފިލްމެކެވެ. ފިލްމު ޑައިރެކްޓްކުރީ އައްޒަގެ ފިރިމީހާ، އެކްޓަރު/ޑައިރެކްޓަރު އަބްދުﷲ މުއާޒް (މުއާ) އެވެ.

އައިންތުގެ ގެ ކައިރީ ހުރި އެހެން ގެއަކަށް ސައިރެން އަޅާފައި އައިސް އެންބިއުލާންސެއް ހުއްޓާ އަޑު އިވިގެން، އެ ހުއްޓީ ކޮން ގެއެއްގެ ކާކު ގެންދަންތޯ ބެލުމަށް އޭނާ ބޭރަށް ދިއުމަށް ތައްޔާރުވެ އެވެ. އަދި އޭނާގެ އަވަށްޓެރިންނަށް ފޯނުން ގުޅައި، އަވަހަށް ކުޅި ބަލަން ދާން ނިކުންނަ ދައުވަތު ދެ އެވެ. މިކަން އައްޒައަށް އެނގި އައިންތު ހުއްޓުވައި ނަސޭހަތް ދެ އެވެ.

ޔާރާގެ ކުރު ފިލްމު "ފަރުދީ ޒިންމާ".

"ހަމަ ކިރިޔާ ކަމެއް ވާއިރަށް، ގްރޫޕް ގޮވައިގެން ތަންތަނަށް ކަން ބަލަން ތި ދަނީ. މަންމަ މިހާރު ތި ހުރީ، ތި ގޮތަށް ތަންތަނަށް ކަން ބަލަން ގޮސްގޮސް ދެވިހިފާފައި،" އެގޮތަށް ކަން ބަލަން ބޭރަށް ގޮސްގެން މަންމަ 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށް އައްޒަ ބުންޏެވެ.

"ދަރިފުޅާ މަންމަ އެ ކަހަލަ ތަންތަނަށް ދަނީ ތެދު މައުލޫމާތު އޮޅުންފިލުވަންވެގެންނޭ،" އައިންތު މިހެން ބުނުމުން އައްޒަ ބުނީ ތެދު މައުލޫމާތު ހޯދަން ޓީވީ ބެލުމަށެވެ.

"މަންމަ ނިކަން ވިސްނާލަބަލަ. މަންމަ ނުލާހިކު ލޯބިވޭނުން ދޯ މަންމަގެ ރައްޓެހިން ދެކެ. މަންމައަށް ނޭނގި ނަމަވެސް އެމީހުން އެގޮތަށް ބޭރަށް ގެންގޮސްގެން އެމީހުން ވެސް އެ ލެވެނީ ހާދަ ބޮޑު ނުރައްކަލަކަށޭ. އަނެއްކާ އަހަރެމެންނޯ. އަހަރެމެންނާ މެދުގައި ވިސްނާލިންތަ؟" އައްޒަގެ މި ހުރިހާ ވާހަކަ އިވިފައި އައިންތު އެންމެފަހުން ބޭރަށް ނުދާން ނިންމަ އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ އެކްޓްރެސް މަރިޔަމް އައްޒަ

Popular