16 Jul 2025

By: Asima Nizar

ކުއްލިއަކަށް މުޅި ދުނިޔެ ފެހިކޮށްލި މާޗާ އަކީ މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު މާ ހާއްސަވެގެން އުޅުނު އެއްޗެއް ނޫނެވެ. މީގެ ޑިމާންޑް ބޮޑުވެ، މި އުފައްދާ މީހުންނަށް ވެސް އޮބިނޯވެގެން އުޅުމުގެ މާ ކުރިން އަހުމަދު ނީމާން (ނީމޯ) އަށް މާޗާގެ މީރުކަން އެނގުނެވެ. އެއީ މެކޭނިކަލް އިންޖީނިއަރިން ކިޔަވަން ސްރީ ލަންކާގައި އުޅުނު ދެތިން އަހަރު ތެރޭގަ އެވެ.

އެކަމަކު، ކުޑަ ބްރޭކެއް ނަގައި މާލެއަށް ބަދަލުވެ ހުރި އިރު އަތްފުނާ އަޅައިގެން ވެސް އޭނާއަށް މިއެއް ނުލިބުނެވެ. ގަތް ކޮންމެ އެއްޗަކާ އެކު އިތުރަށް ވީ މާޔޫސެވެ.

މިއީ، އޭނާގެ އެކަނި ހާލު ނޫންކަން ގަބޫލުކޮށް މީގެ ހަތަރު އަހަރު ކުރިން "ފައިންޑިން ބްރައުނީސް" ވުޖޫދުކުރި އެވެ. އަދި އޭގެ ފަހުން "ފައިންޑިން މާޗާ ބައި ނީމޯ" އަށް ބަދަލުކުރީ މާޗާއަށް އޮތް ލޯތްބަކުންނެވެ.

ނީމޯ، 31، ބުނި ގޮތުގައި އެ ވިޔަފާރި އުފަންކޮށް، އޯޑަރު ނަގަން ފެށީ އަމިއްލައަށް ބްރައުނީ ހަދަން ދަސްކޮށްގެންނެވެ. އޮންލައިން ޕޭޖުތަކުގައި އާއްމުކޮށް ވިއްކަނީ ޗޮކުލެޓު ބްރައުނީއަށް ވިއަސް، ނީމޯ ބޭނުންވީ މީރު މާޗާއިން އާއްމުންނަށް އުފާވެރިކަން ގެނެސްދޭށެވެ.

View this post on Instagram

A post shared by Finding Matcha by Nemo (@findingmatchabynemo)

ނީމޯ އަމިއްލައަށް ތައްޔާރުކުރި މާޗާ ޕައުޑާ.

އެކަމުގައި އެންމެ ބޮޑަށް އެހީވީ މަންމަ އާއި އާއިލާ އަދި ގާތް ރަހުމަތްތެރިންނެވެ.

ބްރައުނީއަށް ފަހު ދެން އުފެއްދީ މާޗާ ކުކީސް އާއި މާޗާގެ އެކި ވައްތަރު ކޭކެވެ. އެ ހުރިހާ އެއްޗަކަށް ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބޭ ކަމަށް އޭނާ ބުންޏެވެ.

"މާޗާ ނުބައި މީހުންނަށް ވެސް ބްރައުނީ މީރުވެގެން އެ އޮބްސެޝަން އޮވޭ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އަމިއްލަ ވިޔަފާރީގެ މަސައްކަތަށް ހުސްވެގެން ހުރި ޒުވާނާ ބުންޏެވެ.

ނީމޯ ހަދާފައިވާ މާޗާ ބްރައުނީ.

ބްރައުނީ އަދި ކުކީސް ހަދާއިރު އޭނާ އެންމެ އިސްކަންދެނީ ކޮލިޓީ ހިފަހައްޓާށެވެ. އެ ހަދަން ބޭނުންވާ ފެންވަރުގެ ތަކެތި ނުލިބިއްޖެ ނަމަ އޯޑަރު ވެސް ނުނަގަ އެވެ.

އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް، ނީމޯ ބުނި ގޮތުގައި މި ހަތަރު އަހަރުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ބްރޭންޑެއްގެ ދަށުން މިިދިޔަ އަހަރު ލޯންޗުކުރި މާޗާ ޕައުޑަރެވެ.

ފަތް ބޭނުންކޮށްގެން ހަދާ ޕައުޑަރުން، އެ މީހަކު ބޭނުން ގޮތަކަށް މާޗާގެ ބުއިންތައް ހަދާލެވޭނެ އެވެ.

View this post on Instagram

A post shared by FONI KIRI KIRI (@foni_kiri_kiri)

"މާޗާއާ ގުޅޭގޮތުން މީހުންގެ އޮޕީނިއަން ބަދަލުވުމަކީ ވަރަށް ބޮޑު އުފަލެއް،" ނީމޯ ބުންޏެވެ.

އޭނާ ބުނީ އަމިއްލަ ވިޔަފާރިއެއް ފަށައި، އެކަން ރަނގަޅަށް ގެންދިއުމަށް ފުރަތަމަ ދުވަސްކޮޅު މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ކަމަށެވެ. އޭގެ ތެރެއިން، ނީމޯ ވެސް ދުވަހުގެ ގިނަ ވަގުތު ހޭދަކުރީ ސޯޝަލް މީޑިއާ ކޮންޓެންޓް ހެދުމާއި ވިޔަފާރީގެ އެކި ކަންކަމުގަ އެވެ. އޭގެ ނަތީޖާ ރަނގަޅުކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ރެގިއުލާ ކަސްޓަމަރުން ވެސް ތިބޭ ވަރަށް،" ނީމޯ ބުންޏެވެ.

ކޭކާއި އެކި ޒާތުގެ އެއްޗެހި ފިހެގެން އިންސްޓަގްރާމުގައި ވިއްކުމުގައި އާއްމުކޮށް އުޅެނީ އަންހެނުންނެވެ. އެހެންވެ، އެ ޕޭޖުގެ ފަހަތުގައި ހުރީ އަންހެނެއް ކަމަށް ހީކޮށް އެކި ގޮތްގޮތަށް ކަސްޓަމަރުން މެސެޖުކުރެ އެވެ. އެކަންކަމަށް ފުރަތަމަ ނީމޯ އަޅައެއް ނުލަ އެވެ. އެކަމަކު މިހާރު އެއީ ފިރިހެނަކު ކުރާ މަސައްކަތެއްކަން އެނގޭ ގޮތް ވަނީ ހަދައިފަ އެވެ.

Popular