19 Jul 2025

ހުޅުމާލެ ފުރިފައި މި އޮތީ ފައިދާހުރި ދަނބުން

ހުޅުމާލެ ފުރިފައި މި އޮތީ ފައިދާހުރި ދަނބުން

By: Fathimath Ajufan

ހުޅުމާލޭގެ ބައެއް މަގުތަކުގެ ދެފަރާތުގައި އިންދާފައި ހުންނަ ދަނބުގަސްތަކުގައި މޭވާ އަޅާ މޫސުން އަނެއްކާވެސް އައީ އެވެ. ދަނޑި ހިފައިގެންނާއި ގަހަށް އަރައިގެން ދަނބު ބިންނަން އުޅޭ މީހުން ހުޅުމާލެއިން މި ދުވަސްވަރު ފެންނާނެ އެވެ.

ޅަކޮށް ހުންނަ އިރު ފެހި ކުލައިގައި ހުރެފައި، ހަރުވުމުން ރަތްކުލައަށްވެ އަދި ރަނގަޅަށް ދޮންވުމުން ދަނބުކުލައަށް ބަދަލުވާ މި މޭވާއިން ގަސްތައް ބަރާވެ ބިންމަތި ވެސް އޮންނަނީ ދަނބުކުލައިން ފެވިފަ އެވެ.

ގިނަ މީހުން ދަނބު ބިންނަނީ މީރު މޭވާއަކަށް ވާތީ އެވެ. ގިނަ މީހުންނަށް މީގެ ފައިދާތައް އެނގޭހެން ހިއެއް ނުވެ އެވެ.

ދަނބާއި އޮށް އަދި ގަހުން ލިބޭ ފައިދާތައް

ދަނބު މިއީ "ޖާވާ ޕްލަމް" އެވެ. މިއީ އިންޑިއާގައި ގިނައިން ހެދޭ، އެ ގައުމަށް ނިސްބަތްވާ ބެރީ އާއިލާގެ މޭވާއެކެވެ. މީރު ހުތްފޮނިރަހައެއްދޭ ދަނބަކީ ރަހައާ އެއްވަރަށް ސިއްހީ ފައިދާތައް ވެސް ގިނަ މޭވާއެކެވެ.

ދަނބުގެ 84 ޕަސެންޓަކީ ފެނެވެ. އޭގެ އިތުރުން އޭގައި ޕޮސްފަރަސް، އަޔޮޑިން، މެގްނީޒިއަމް އަދި ޕޮޓޭސިއަމް މިނަރަލް މާއްދާތައް އެކުލެވެ އެވެ. އޭގެ އިތުރުން މިއީ ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ މާއްދާތަކެއް ވެސް ހިމެނޭ މޭވާއެއްކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކައިފަ އެވެ.

ދަނބުގައި ފައިބަރު އެކުލެވޭތީ ބަނޑަށް ލުއިކަން ހޯދައިދެ އެވެ. ވިޓަމިން ސީ އާއި ބީގެ މާއްދާތައް ވެސް ހިމެނޭތީ މިއީ ހަމަށް ވެސް ފައިދާހުރި މޭވާއެކެވެ. ގިނަ އަދަދަކަށް އަޔަން އެކުލެވޭ ދަނބަކީ ލޭ ރަނގަޅުކޮށްދީ، ލޭ ސާފުކޮށްދިނުމަށް ވެސް އެހީތެރިވެދޭ މޭވާއެކެވެ. އޭގެ އިތުރުން ހިތުގެ ބައެއް މައްސަލަތަކާއި ކޮލެސްޓަރޯލް ލެވެލް ދަށްކުރުމަށް ވެސް މި މޭވާ އެހީވެ އެވެ.

ހުޅުމާލޭގައި ދަނބުގަސް ހުންނަ ހިސާބެއްގައި ދަނބުތަކުން ބިންމަތި ފުރިފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ދަނބު އޮށުގެ ފައިދާ ވެސް ގިނަ އެވެ. ދަނބު އޮށް މުގުރައި ހިމުންކޮށްގެން އުފައްދާ ކުނޑި، ފެނާ އެއްކޮށްގެން ބުއިމުން، ކުޑަކަމުދާ ތަކެތީގައި ހަކުރުގެ ނިސްބަތް ދަށްވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަވަސްއަވަހަށް ކުޑަކަމުދާން ޖެހުމާއި ބޭރަށްހިންގުން ފަދަ ބަލިތައް ފަސޭހަ ކުރުމަށް ދަނބު އޮށުން ފަރުވާ ހޯދެ އެވެ.

ހުޅުމާލޭގެ ގަހަކުން ވެއްޓިފައި އޮތް ދަނބެއް. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ދަނބުގެ ފަތަކީ އިހު ޒަމާނުގައި ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ބައެއް ގައުމުތަކުގައި ބޭނުންކުރި އެއްޗެކެވެ. ދަނބު ފަތުގައި ބެކްޓީރިޔާއާ ދެކޮޅަށް މަސައްކަތްކުރާ މާއްދާތައް ހިމެނެ އެވެ. އެހެންވެ އެ ޒަމާނުގައި ދަތްތަކާއި، ހިރުގަނޑު ވަރުގަދަކޮށް ދަތުގެ ބާރުގަދަކުރުމަށް ވެސް އެ ބޭނުން ކުރި އެވެ.

ގްރޫޕް ހަދާފައި މަޖާކޮށްލަން ގޮސް އަނބު ކާއިރު މީގެ ފައިދާތައް އެނގި އެކަމުން ވެސް އަދި އިތުރު ހިތްހަމަޖެހުމެއް ހޯދާށެވެ!

ހުޅުމާލެ މޭވާ

Popular