ބޮޑުބެރު ޖެހުމަކީ އުމުރުން ދުވަސްވީ މީހުންގެ ކަމެއްގެ ގޮތުގައި އޮތުމަށް ފަހު ޒުވާނުން މިކަމުގެ ތެރެއަށް ވަދެ އެކި ނަންނަމުގައި ގްރޫޕުތައް ހަދައި ރީތި އެތައް ލަވައެއް ކިޔައިފި އެވެ. މިފަހަރު މި އައީ އުމުރުން 18 ނުފުރޭ ކުޑަކުދިންގެ ގްރޫޕެކެވެ.
ބޮޑުބެރު ޖެހުމަކީ އުމުރުން ދުވަސްވީ މީހުންގެ ކަމެއްގެ ގޮތުގައި އޮތުމަށް ފަހު ޒުވާނުން މިކަމުގެ ތެރެއަށް ވަދެ އެކި ނަންނަމުގައި ގްރޫޕުތައް ހަދައި ރީތި އެތައް ލަވައެއް ކިޔައިފި އެވެ. މިފަހަރު މި އައީ އުމުރުން 18 ނުފުރޭ ކުޑަކުދިންގެ ގްރޫޕެކެވެ.
ބ. ކިހާދުއަށް އުފަން 20 ކުދިންގެ މި ގްރޫޕުގެ ހުރިހާ ކުދިންނަކީ ވެސް ގްރޭޑް 9 އިން ދަށުގެ ކުދިންނެވެ. ގްރޭޑް 4 ގައި އުޅޭ ކުއްޖަކު ވެސް ހިމެނެ އެވެ.
މިއީ "ވިދުވަރު"
"ވިދުވަރު ބޮޑުބެރު ގްރޫޕް" އުފަންވިތާ އަދި ގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު ވިދުވަރެއް ފަދައިން ސޯޝަލް މީޑިއާގައި އަންނަނީ މަގޫބުލުކަން ހޯދަމުންނެވެ. މި ވިދުވަރު ފެށުނީ ރަށުގެ ހަރު ފުރައިގެ މީހުންގެ "އޮނަހިރި" ގްރޫޕުން މިދިޔަ އަހަރު ބޮޑު އީދުގެ ޝޯއެއްގައި ލަވައެއް ހުށަހަޅައިދޭން އެ ކުދިން ގާތު އެދުނު ހިސާބުންނެވެ.
ބޮޑުބެރަށް ލޯބި ޖެހިފައި ތިބި އެ ކުދިން އޭގެ ފަހުން އަންނަނީ ސްކޫލުގައި ބާއްވާ އިވެންޓުތަކާއި އެ ރަށުގެ ޝޯތަކުގައި ވެސް ބައިވެރިވެ ހިތްގައިމު ލަވަތައް ހުށަހަޅައިދެމުންނެވެ.
"ގުރޫޕުހަދަން ނިންމީ އެ ކުދިން ބެރުޖަހާތަން ފެނުނު ރަށުން ބޭރު މީހެއްގެ ހިޔާލަކަށް، ނިންމީ މި އަހަރު،" އެ ގްރޫޕުން ވާހަކަ ދެއްކި ކުއްޖަކު ބުންޏެވެ.
ކުޑަކުދިންގެ ހާއްސަ ގްރޫޕެއް
ބޮޑުބެރު ޖެހުމުގައި މިހާރު އާންމުކޮށް އުޅެނީ ޒުވާނުންނެވެ. އެއިން ގްރޫޕެއްގައި ކުޑަ ކުއްޖަކު ހިމެނިޔަސް ހުސް ކުޑަކުދިންގެ ގްރޫޕެއް ނެތެވެ. "ވިދުވަރު" ގެ ހާއްސަ ކަމަކީ މިއީ އެވެ.
ގްރޫޕް ލީޑަރުންނަކީ ގްރޭޑް 9 ގެ ދެ ކުދިން ކަމަށްވާ އަހުމަދު މާއިން އާއި ނަސީހު އިބްރާހިމް ރަޝީދެވެ. ބެރު ޖަހަނީ އެ ދެކުދިންގެ އިތުރުން ގްރޭޑް 7 ގައި އުޅޭ ބިލާލު އަހުމަދު ފަޔާޒާއި ގްރޭޑް 9 ގެ ޒަލަފް ބިން އަބްދުﷲ ރަޝީދު އެވެ.
މި ކުދިން ކިޔައިދިން ގޮތުގައި އޮނަހިރި ގުރޫޕުން އެ ކުދިންނަށް ބެރު ދަސްކޮށްދިން ފަހުން ޔޫޓިއުބުން ބަލައިގެން ވެސް މި ފަންނުގެ އެތައް ކަމެއް ދަސްކޮށްފި އެވެ.
ކުދިންގެ މި މަސައްކަތް ޕްރޮމޯޓްކުރުމަށް ފޮޓޯ އާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާއަށް އެޅުމަށް ހާއްސަ މެންބަރު ވެސް ތިބެ އެވެ. އެއީ ގްރޭޑް 8 ގެ ލޫތު ބިން މުހައްމަދު ޒުބެއިރް އާއި ޒަލަފް އެވެ. އެންމެ ހަގު، ގްރޭޑް 4 ގައި އުޅޭ އަމަން ބިން މުހައްމަދު ރަޝީދަކީ ވެސް ހާއްސަ މެންބަރެކެވެ.
ލަވަކިޔުންތެރިންނަކީ ނާސިހު އާއި ގްރެޑް 7ގެ އިބާން އިބްރާހިމާއި ގްރޭޑް 5ގެ މުހައްމަދު ޝަހާން އިބްރާހިމެވެ. އެ ގްރޫޕުގެ ލީޑު ވޯކަލިސްޓަކީ ޝަހާން އެވެ.
ޝަހާން ބުނީ ލަވަ ދަސްކުރަން ކުރާ ކަމަކީ ތަކުރާރުކޮށް ލަވަ އަޑުއެހުން ކަމަށެވެ. މަޝްހޫރު ލަވަކިޔުންތެރިން ކިޔާ ގޮތަށް ލަވަކިޔަން މަސައްކަތް ކުރެ އެވެ.
އެ ގްރޫޕުގެ ހުށަހެޅުމެއްގައި ޝަހާނު ލަވަ ކިޔާ ވީޑިއޯއެއް ވެސް ޓިކްޓޮކްގައި ވަނީ ވަރަށް މަގުބޫލުވެފަ އެވެ. އެ ވީޑިއޯ 125،000 މީހުން ބަލާފައި ވާއިރު 6،000 އަށްވުރެ ގިނަ މީހުން ލައިކް ދީފައިވެ އެވެ.
ޓިކްޓޮކްގެ ކޮމެންޓުތައް ފުރާލާފައި ވަނީ ޝަހާންގެ އަޑާއި ލަވަ ކިޔާލެއް ރީތި ކަމުގެ ވާހަކަތަކުންނެވެ.
ވިދުވަރު ގްރޫޕުގެ މާއިން ވަނީ އަމިއްލަ ރާގުގެ ލަވައެއް ވެސް ހަދައިފަ އެވެ. މާއިން ބުނީ އަމިއްލަ ރާގަކަށް ލަވައެއް ހަދަން ވިސްނީ އަމިއްލަވަންތަކަމަށް ލޯބިކުރާތީ ކަމަށެވެ.
އެ ގްރޫޕުން ވަނީ ދެން އެ ރަށުގައި އެންމެ އަވަހަށް އޮންނަ ޝޯއެއްގައި ހުށަހަޅައިދޭން ނިންމައިފަ އެވެ.
މި ކުދިން ބޭނުންވަނީ އެހީ
"ވިދުވަރު" ގްރޫޕުން ވެސް ބޭނުންވަނީ މިކަމުގައި ދެވެން އޮތް އެންމެ މައްޗަކަށް ދާށެވެ. މިއީ އެންމެންނަށް އެނގޭ ގްރޫޕަކަށް ވާށެވެ. އެކަމަކު ކުރިއަށްދާން ވަރަށް ބައިވަރު ދަތިތައް ހުރިކަން ފާހަގަކޮށް ބުނީ ބޭނުންވާ ސާމާނު ވެސް ނުލިބޭ ކަމަށެވެ.
"އަތުގައި އޮތީ އެންމެ ތިން ބެރު. އަދި އެއްބެރުގައި އަޅާނެ ހަން ނުލިބެގެން ބޭނުންކުރީ ނޫ ސަތަރި. ބެރު އަޅައި ހަން ބަދަލުކުރަނީ ވެސް އަމިއްލައަށް،" ގްރޫޕް ކުއްޖަކު ބުންޏެވެ.
ހުނަރު ދައްކާލަން އޮތް އެންމެ މުހިންމު ޕްލެޓްފޯމަކީ ސޯޝަލް މީޑިއާ ކަމަށް ވާއިރު ވީޑިޯތައް ހަދަން ލަވަ ރެކޯޑްކުރާނެ މައިކެއް ވެސް ނެތެވެ. ފަރިތަކުރުންތައް ބާއްވާނެ ތަނެއް ވެސް ނެތުމުން އެކަން ކުރަނީ ރަށުގެ ފިނިމައިޒާންތަކާއި އަތިރިމަތީގަ އެވެ.
މި ކުދިންގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ އޮނަހިރި އަދި ރާއްޖޭގެ މަޝްހޫރު "އެކަތި ބޮޑުބެރު ގުރޫޕް" އެވެ. އެކުދިން ކުރާ އެންމެ ބޮޑު އުންމީދަކީ ގައުމީ ފެންވަރުގެ މުބާރާތެއްގައި ބައިވެރިވެ ލަވައެއް ހުށަހަޅައިދިނުމުގެ ފުރުސަތު ލިބުމެވެ.
ރަށުގެ ބޮޑުބެރު ގްރޫޕާއި ކުދިންގެ ބެލެނިވެރިންގެ އެހީއާ އެކު އުންމީދަކީ އެ ހިސާބަށް ދިއުމެވެ.