18 Jul 2025

By: Asima Nizar

ވިހެއުމަކީ އަންހެނެއްގެ ހަޔާތުގައި ކުރާނެ އެންމެ ތަފާތު ތަޖުރިބާ އެވެ. މުޅި ހަޔާތަށް އަންނަނީ ބޮޑު ބަދަލެކެވެ. ކިތަންމެ ވޭނެއް އެޅިޔަސް ދަރިފުޅު އުރާލަން ލިބުމާ އެކު، އެ ހުރިހާ ތަދެއް ފިލައިގެން ދެ އެވެ. އެކަމަކު، ބައެއް މީހުންނަށް ހަގީގަތުގައި އުނދަގޫތައް މި ޖެހެނީ ވިހެއުމަށް ފަހު ދިމާވާ ކަންކަމުންނެވެ. ހާއްސަކޮށް، ސިޒޭރިއަން ހަދާ މީހުންނަށެވެ.

ބައެއް އަންހެނުން ބުނާ ގޮތުގައި ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގިތާ އެތައް އަހަރެއް ވިޔަސް ބުރަކަށިން ނުވަތަ އުނަގަނޑުން އެ ތަދެއް ނުފިލަ އެވެ. ނަމަވެސް، އެކަމުން ލުޔެއް ހޯދަން ބައެއް ފަހަރު އަޅާނުލެވި ވެސް ހުރެ އެވެ.

އެގޮތަށް ދިމާވާ ސަބަބުތަކާއި އެ އުނދަގޫތަކުން ލުއެއް ހޯދިދާނެ ގޮތްތައް އެބަހުއްޓެވެ.

1- ހޯމޯނަށް އަންނަ ބަދަލުތައް

މާބަނޑު ދުވަސްވަރު ހަށިގަނޑަށް ރިލެކްސިން ނަމަކަށް ކިޔާ ހޯމޯނެއް ފޮނުވައި، މާބަނޑު މީހާ ވިހެއުމަށް ތައްޔާރުކޮށްދެ އެވެ. އެ ހޯމޯންގެ ސަބަބުން ހަށިގަނޑުގެ ލިގަމެންޓާއި ހުޅުތައް ދޫވުމަކީ ވިހެއުމަށް ވާ ފަސޭހައެކެވެ.

ނަމަވެސް، އެ ހުޅުތަކާއި ލިގަމެންޓު ފްލެކްސިބަލްވުމުން ކިތަންމެ ކުޑަ ކަމަކުން ވެސް ބުރަކަށީގައި ރިއްސަފާނެ އެވެ. އެކަމަކު، މިއީ ވަގުތީ ކަމެކެވެ. ގައިގެ މަސްތަކާއި ހުޅުތައް އަދި ލިގަމެންޓު ފަހުން ވަރުގަދަވާނެ އެވެ.

2- ބަރުދަން އިތުރުވުން

ބަނޑުތެރޭގައި ކުއްޖަކު ބޮޑުކޮށް، އެ ބަރުދަން މައިމީހާ އުފުލަން ޖެހުމަކީ ބުރަކަށީގައި ރިއްސުމަށް އިތުރުވާ ބޮޅެކެވެ. އެއާ އެކު، ބަނޑު ބޮޑުވާ ވަރަަކަށް އުނަގަނޑާއި ބުރަކައްޓަށް ޕްރެޝަރު ބޮޑުވެ އެވެ.

3- ދަރިފުޅު އުރައިގެން ގިނައިރު އުޅުން

ބަރުދަނުގައި ހުރީ އެންމެ ދެތިން ކިލޯ ކަމަށް ވާތީ އެއީ މާ ބަރެއް ނޫނޭ ހިތަށް އަރާފާނެ އެވެ. ނަމަވެސް ދުވަހުގެ ގިނަ ވަގުތު ދަރިފުޅު އުރައިގެން ހުންނަ ނަމަ، އެއީ ވެސް އުފުލާ އިތުރު ބަރުދަނެކެވެ.

މީގެ އިތުރުން ކްރިބް ނުވަތަ ސްޓްރޯލާއަށް ދަރިފުޅު ލުމަށާއި އެއިން ނެގުމަށް ވެސް ދުވާލު އެތައް ފަހަރަކު ގުދުވެވެ އެވެ.

މިފަދަ ކަންކަމުން ވެސް ކަނދުރާ ނުވަތަ ބުރަކަށީގައި ތަދުތައް އާދެ އެވެ.

އެހެންވެ، އެ ތަދު ކުޑަކުރުމަށް ބުރަކަށި ސީދާކޮށް، ދަރިފުޅު ބާއްވަންޖެހޭ ތަނެއްގައި ބޭއްވުން މުހިއްމެވެ.

4- އައްސިކުރުމުގެ އަސަރު

ސިޒޭރިއަން ހެދުމުގެ ކުރިން ދޭ އެނެސްތީސިއާގެ ސަބަބުން، ވިހެއުމަށް ފަހު އެތައް ދުވަހެއް ނުވަތަ ހަފުތާތަކެއް ވަންދެން ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. ސާޖަރީ ހެދުމަށް ބަނޑު އައްސިކުރުމަށް އެޕިޑިއުރަލް ނުވަތަ ސްޕައިނަލް ބްލޮކެއް ދޭނެ އެވެ.

އެޕިޑިއުރަލްގައި ސްޕައިނަލް ކޯޑު ވަށައިގެން ޑޮކްޓަރު އެނެސްތީސިއާ އިންޖެކްޓް ކުރާނެ އެވެ. އެއާ ހިލާފަށް، ސްޕައިނަލް ބްލޮކެއްގައި އިންޖެކްޓުކުރާނީ ސްޕައިނަލް ކޯޑު ކައިރީގަ އެވެ.

އެ ދެ ބާވަތުން ކޮންމެ އެއްޗެއް ދިނަސް ވިހެއުމަށް ފަހު މައިބަދަ ކައިރީގައި ހުންނަ މަސްތައް ކުރުގެޅެ އެވެ. އޭގެ ތަދު ހަފުތާތަކުން ނުވަތަ މަސްތަކަށް ވެސް ދެމިގެންދެ އެވެ.

ތަދު ކުޑަކުރަން ކުރެވިދާނެ ކަންތައް

- ގާތުން ދޭއިރު ބުރަކަށި ސީދާކޮށް ބެހެއްޓުން

- ހޫނު ފެނުން ފެންވެރުން

- އުނަގަނޑު މަސާޖުކުރުން

- ހަށިގަނޑަށް އެކަށީގެންވާ ގޮތަށް ކަސްރަތުކުރުން

ސިޒޭރިއަން ހަދައިގެން ވެސް ހަރަކާތްތެރިކޮށް އުޅުމަކީ މުހިއްމު ކަމެކެވެ. އެކަމަކު، އެންމެ ފުރަތަމަ ބަލަންވީ ރަނގަޅަށް އަރާމުކުރެވޭތޯ އެވެ.

ސިއްހަތު މައިންގެ ސިއްހަތު މާބަނޑުވުން

Popular