18 Jul 2024

ރޯމަސް ނެތަސް ގަރުދިޔަ ކައްކަން ވަޅޯ މަހާއި މަސްދަޅު

ރޯމަސް ނެތަސް ގަރުދިޔަ ކައްކަން ވަޅޯ މަހާއި މަސްދަޅު

By: Aishath Mihna Nasih

މި ދުވަސްވަރު އެންމެ އަޑުހަރުކޮށް އެންމެން ވެސް ދައްކަނީ ގަރުދިޔައިގެ ވާހަކަ އެވެ. އެކަމަކު ދެރައީ އެންމެ ބޮޑަށް ގަރުދިޔަ ކާންބޭނުންވި ދުވަސްވަރާ ދިމާކޮށް ކަނޑުމަސް ވެސް ލިބުން ދަތިވުމުންނެވެ. އަހަރެމެން އާދަވެފައި މި ތިބީ ސީދާ ކަނޑުމަހުގެ ގަރުދިޔައަށެވެ. އެހެންވެ ކަނޑުމަސް ލިބެން ނެތް ނަމަ ގަރުދިޔަ ނުކެވިފައި ވެސް އެއްބަޔަކު ތިބެދާނެ އެވެ. އެކަމަކު އަދި ގޮތް ހުސްވާކަށް ނުޖެހެ އެވެ. މަސް ތާޒާކޮށް ލިބެން ނެތް ނަމަ ވަޅޯމަސް ވެސް އެ ހުރީ އެވެ.

ވަޅޯ މަހާއި މަސްދަޅަކީ ދިވެހި މަހުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ "ވާސަޓައިލް" ދެ ބާވަތެވެ. ކުޅި ބޯކިބާ ނުވަތަ މަސްރޮއްޓެއް ހަދާލަން ވެސް ބޭނުންވަނީ މި ދެބާވަތުން ކުރެ ބާވަތެކެވެ. ނުވިތާކަށް ޕިއްޒާ، ޕާސްތާ އަދި އެކި ބާވަތުގެ ރިހަ ވެސް ދިވެހި ރަހައަކަށް ފައްތާލަނީ މިއިން ބާވަތަކުންނެވެ. އެހެންވެ ތާޒާ ކަނޑުމަސް ނެތަސް ގަރުދިޔަ ވެސް ވަޅޯމަހުން ނުވަތަ މަސްދަޅުން ނުހެދޭންވީ ސަބަބެއް ނެތެއް ނޫން ހެއްޔެވެ؟

މަސްދަޅު ގަރުދިޔަ

ތެދަށް ބުނާ ނަމަ އަހަރުމެން ބޮޑެތި މީހުންނާ އެއްވަރަށް ގަރުދިޔަ އެންމެ ކާހިތްވާނީ ކުޑަކުދިންނެވެ. ވަގުތު ނެތިގެން އުޅޭ އިރެއްގައި މަސް ގަނޑެއް ނަގައި ފިނި ކަނޑުވައި ކޮށައި ހެދުމަށްވުރެ މަސްދަޅު ގަރުދިޔަ ކައްކާލަން މާ ފަސޭހަވާނެ އެވެ. އެ ނަގަންޖެހޭ ގަރުތައް ނެގުން ވެސް ތަންކޮޅެއް ފަސޭހަވާނެ އެވެ. ނުވިތާކަށް، ރާއްޖެއިން ބޭރުގައި ކަނޑުމަސް ލިބުން ދަތި ހިސާބުތަކުގައި އުޅޭއިރު، ގަރުދިޔަ ކާހިތްވެއްޖެ ނަމަ މިއީ ގިނަ ބަޔަކަށް މިކަން ކުރަން އެންމެ ފަސޭހަގޮތް ވެސް މެއެވެ.

ފެން ރަނގަޅަށް ހޫނުވެލުމުން، މަސްދަޅު އަޅައި ރަނގަޅަށް ރަހަލާ ވަރަށް ކައްކާލާނީ އެވެ. އަދި އިތުރަށް މީރުކުރުމަށްޓަކައި، ހިކަނދިފަތް، ހިކި މިރުސް، ފިޔާކޮޅެއް ނުވަތަ އަސޭމިރުސް ވެސް ބޭނުންކުރެވިދާނެ އެވެ. ކަނޑުމަހުގެ ގަރުދިޔައެކޭ އެއްގޮތަށް ބަތާ އެކީގައި ކެއުމަށް ހަމަ އެއްވެސް ތަފާތެއް ނެތެވެ. ލުނބޮ އާއި މިރުހާއި އަސާރަ ލޮނުމިރުސް އަދި ތެލުލިފަތާ އެކީ ހަމަ ކެއުމަށް ބަރާބަރެވެ.

ވަޅޯ މަސް ގަރުދިޔަ

ކަނޑުމަސް ތަދު ނަމަ ވަޅޯމަހުގައި ގަރުދިޔަ ކައްކައިގެން ވެސް ހަމަ އެހާމެ މީރެވެ. ހާއްސަކޮށް ހުނި ރޮށި ނުވަތަ ތެޔޮ ރޮއްޓާ އެކީގައި ވަޅޯމަސް ގަރުދިޔަ އަދި ކަނޑުމަހަށް ވުރެ ވެސް މީރު ހެން ހީވެ އެވެ. ގަރުދިޔަ ކެއްކުމަށް ވަޅޯ މަސް ގަންނަ ނަމަ ވެކިއުމް ކުރި މަހަށްވުރެ، ވަޅޯކޮށްފައި ހުންނަ މަސްއަރިތައް މަޑުވެފައި ރަހަ ވެސް މީރުވާނެ އެވެ.

މަސްދަޅު ގަރުދިޔައެކޭ އެއްގޮތަށް، ވަޅޯމަހު ގަރުދިޔަ ވެސް ކައްކާލެވޭނެ އެވެ. ބަތް، ރޮށި ނުވަތަ ކައްޓަލަ އަދި އަލަ ފަދަ ބާވަތްތަކާ އެކީ ވެސް ކެވޭނެ އެވެ.

ދިވެހި ކާނާ

Popular