By: Asima Nizar
ދުޅަހެޔޮ ސިއްހަތަކަށް، ކަސްރަތު ކުރުމާ އެއްވަރަށް، ހަށިގަނޑަށް ފައިދާހުރި ގޮތަށް ކެއުމަށް ވެސް ސަމާލުކަން ދޭން ޖެހެ އެވެ. އެކަމަކު، އޮފީހުގައި ބުރަކޮށް އުޅޭ ޒުވާނުންނަށް އެންމެ އުނދަގޫވަނީ ކެއުމުގައި ރަނގަޅު އަދި އަތްފޯރާ އަގުގައި ލިބޭ އެއްޗެއް ނުހުންނާތީ އެވެ.
އޮފީހުގައި މި ލިބޭ ހުސްވަގުތުގައި ކައިރި ކެފޭއަކަށް ވަދެފައި ވެސް ކާން ލިބެނީ ހަށިގަނޑަށް މާބޮޑު ފައިދާއެއް ލިބޭ އެއްޗެއް ނޫނެވެ. މަސައްކަތުގައި ބުރަކޮށް އުޅެފައި ގެއަށް ގޮސް ބަލަނީ ފަސޭހައިން ކައްކާލެވޭ އެއްޗެއް ތައްޔާރުކުރާށެވެ. ހަށިގަނޑަށް ކުރާނެ އަސަރެއް ބެލުމެއް ނެތެވެ.
މީގެ އަހަރެއް ކުރިން "ދަ ވެލްނެސް ކްލަބް" ގެ ޓީޑަބްލިއުސީ ކެފޭ އުފެއްދީ އެ މައްސަލަތަކަށް ހައްލެއް ގެނެސްދޭށެވެ.
ވެލްނެސް ކްލަބްގެ ކެފޭގައި ތައްޔާރުކޮށްފައިވާ ޕަނީނީއެއް.
އެ ކްލަބުގެ މެނޭޖިން ޑިރެކްޓަރު، ޝިފާނާ ވަޖީހު ބުނީ އެ ތަނުގައި ކާ އެއްޗެހި ތައްޔާރުކުރަން ބޭނުންކުރަނީ މުޅިން ވެސް ސިއްހަތަށް ރަނގަޅު ތަކެތި ކަމަށެވެ. ހިތުގެ ސިއްހަތާއި ގްލޫކޯޒް ހުންނަ މިންވަރު ރަނގަޅު ވަރެއްގައި ބެހެއްޓުމަށް އެ ކެފޭގައި ކާނާ ތައްޔާރުކުރާ ކަމަށް ކަމަށް އޭނާ ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލްގެ އިމާރާތުގެ ތެރޭގައި ހިންގާ ޓީޑަބްލިއުސީ ކެފޭއިން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8 އިން ރޭގަނޑު 9 އަށް ކެއުންތައް ލިބޭނެ އެވެ. އަދި އަވަސް ފުޑުން އޯޑަރުކުރުމުން ޑެލިވަރީ ވެސް ކޮށްދޭނެ އެވެ.
ވެލްނެސް ކްލަބް ކެފޭގައި ހަދާފައިވާ އެނާޖީ ބޯލްސް.
"[މިތަނުގައި] ކެއްކުމުގައި ނުވަތަ ކާ އެއްޗެހި ތައްޔާރުކުރުމުގައި ބޭނުންކުރާ ތެލުން ފެށިގެން ހުރިހާ އެއްޗަކީ ވެސް ސިއްހަތަށް ފައިދާ ހުރި ތަކެތި." ޝިފާނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކެއުންތައް ތައްޔާރުކުރުމަށް ފަހު، އެއިން ހަށިގަނޑަށް ލިބޭނެ ކެލޮރީ އާއި ޕްރޮޓީން ފަދަ ނިއުޓްރިޝަން މައުލޫމާތުތައް ވެސް ހިމަނާފައި ހުންނާނެ އެވެ. އެހެންވެ، ޓީޑަބްލިއުސީ ކެފޭއިން ހަދާ ކާ އެއްޗެއް ކައިގެން ހަށިގަނޑަށް ކުރާނެ އަސަރު ކުރިން ވެސް އޮންނާނީ އެނގިފަ އެވެ.
ވެލްނެސް ކްލަބް ކެފޭގައި ހަދާފައިވާ ކެއުމެއް.
ބުރަކޮށް އުޅޭ މީހުންނަށް ހާއްސަކޮށް އެ ކެފޭއިން މިހާރު އަންނަނީ ހަފުތާގެ އަދި މަސް ދުވަހުގެ މީލް ޕްލޭންތަކަށް ހުޅުވާލަން ތައްޔާރުވަމުންނެވެ. އަންނަ މަހުގެ ތެރޭގައި އެ ޕްލޭނަށް ހުޅުވާލައި ރަޖިސްޓްރީވުމުން، ދުވަހުގެ އެ ވަގުތަށް ކަނޑައަޅާފައިވާ ކެއުން ސީދާ މީހާއާ ހަމައަށް ޑެލިވަކޮށްދޭނެ އެވެ.
އޭރުން، ވަޒީފާގައި ހޭބޯނާރައި އުޅޭ މީހުންނަށް ރަނގަޅު ކާނާ ހޯދަން ބޮޑު ފަސޭހައަކަށް ވާނެ އެވެ.