ބަނބުކެޔޮ ތެލުލައިގެންނާއި ފެނު ކައްކައިގެންނާއި ފިހެގެން އަދި ރިހަ ކައްކައިގެން ކެޔަސް އެހާ މީހެވެ. އަދި ބޮނޑިބަތް ކައްކައިގެން ނަމަ އެއީ ފޮނި ތަޖުރިބާއެކެވެ.
ބަނބުކެޔޮ ތެލުލައިގެންނާއި ފެނު ކައްކައިގެންނާއި ފިހެގެން އަދި ރިހަ ކައްކައިގެން ކެޔަސް އެހާ މީހެވެ. އަދި ބޮނޑިބަތް ކައްކައިގެން ނަމަ އެއީ ފޮނި ތަޖުރިބާއެކެވެ.
މި ދުވަސްވަރު ސޯޝަލް މީޑިއާގައި ވައިރަލްވެގެން މި އުޅެނީ ވެސް ބަނބުކޭލުގައި ނުހަދާ ދޫކޮށްލާ ވާރުގެ އެއްޗެއް ނޫނެވެ. ސިނަމަން ރޯލްސް ހުންނަ ގޮތަށް، ބަނބުކެޔޮ އޮޅައިގެން ކުޅިކޮށް ތައްޔާރު ކުރާ ރެސިޕީއެކެވެ.
ރ. ކިނޮޅަހަށް އުފަން އައިމިނަތު އަރޫޝާ (އައިމިން އަރޫ) އޭނާގެ ޓިކްޓޮކަށް މި ރެސިޕީ ލީތާ ދެ ދުވަސް ތެރޭގައި ދެ ލައްކައަށް ވުރެ ގިނަ ވިއުސް ލިބިއްޖެ އެވެ. އެތައް ބަޔަކު މި ރެސިޕީ އަހަން މެސެޖުކުރަން ފަށައިފި އެވެ.
އަރޫޝާ ބުނީ މިއީ އޭނާއަށް މާމަގެ ފަރާތުން ދަސްވި ރެސިޕީއެއް ކަމަށެވެ. އެކަމަކު މިއީ އެރަށުގައި ވެސް އެހާ އާންމު ރެސިޕީއެއް ނޫނެވެ.
"އަޅުގަނޑަށް ފުރަތަމަ ވެސް މާމަ މިގޮތަށް ބަނބުކެޔޮ ހަދާފައި ހުއްޓާ ފެނުނީ. މަންމެން ބުނޭ މިއީ މާމަމެން ޒަމާނުގައި ރަށުގައި ކޮންމެވެސް ވަރަކަށް ހެދި ގޮތެކޭ. އެކަމަކު މިޒަމާނަކު ނުފެނޭ ވަރަށް މި ގޮތަށް ހަދާތަން،"
އަރޫޝާ ބުނީ މާމަގެ މި ރެސިޕީ ސޯޝަލް މީޑިއާއަށް ލި މައިގަނޑު ސަބަބަކީ ވެސް ކުޅިކޮށް ބަނބުކެޔޮ ހެދުމަކީ އެހާ އާންމު ކަމަކަށް ނުވާތީ އެކަން މީހުންނަށް ކިޔައިދނުން ކަމަށެވެ. އެހެންވެ، އޭނާ މި ކިޔައިދެނީ މިގޮތަށް ބަނބުކެޔޮ ހަދާނެ ގޮތެވެ.
ބޭނުންވާ ސާމާނު:
- 1 ބަނބުކެޔޮ
- ހަވާދުގަނޑަަށް ބޭނުންވާނީ: ކުޑަ އެއް ކާށި، 3 ގިތެޔޮ މިރުސް، 40 ގްރާމު ހިކި މިރުސް، ދެ ފިޔާ، ހަ ލޮނުމެދު، ތިންކޯޅި ހިކަނދިފަތް، އިންޗިއެއްހާ އިނގުރު، މޭޒުމަތީ ސަމުސަލެއްގެ ދިރި، ހަތަރު ކަރަންފޫ، ކާފުރު ތޮޅި، ދެ ސަމުސާ ލޮނު، އެއް ސައިސަމުސާ އަޖިނަމޮޓޯ، އަސޭމިރުސް، ލޮނު
ތައްޔާރުކުރާނެ ގޮތް:
ހަވާދުގަނޑަށް ބޭނުންވާ ހުރިހާ ސާމާނެއް ފުނޑުމަށް ފަހު އޭގެ ތެރެއަށް ދެން ޖެހޭނީ ދެ ސަމުސާ ރިހާކުރު އަޅައި އެއްކޮށްލާށެވެެ. ދެން މި ލޮނުމިރުސްގަނޑު ދެބައިކޮށްލާފައި އެއް ބައި ހާކާލަން ޖެހޭނީ ވަށްކޮށް ހަތަރު ވަރަކަށް ފަޅިއަށް ފަޅާލުމަށް ފަހު ތުނިކޮށް އޮލާލެވޭ ގޮތަށް ކޮށާފައިވާ ބަނބުކެޔޮތަކުގަ އެވެ.
ރީތިކޮށް އޮޅާލާފައި ބަހައްޓަން ޓޫތުޕިކް ބޭނުންކުރެވިދާނެ އެވެ. އަދި އޮޅާލި ބަނބުކެޔޮތައް ޓްރޭއެއްގައި ތަރުތީބުކޮށްލާށެެވެ.
އޭގެ ފަހުން، ކުޑަ ތެޔޮފޮދެއްގެ ތެރެއަށް ދެ ފިޔާ އާއި އެއް ރޯމިރުހާއި ހިކަނދިފަތާއި ރާނބާފަތްކޮޅެއް، އަޅާފައި ރަތްކޮށްލާށެވެ. ދެން އެ ބައި، ބާކީ ހުރި ހަވާދުގަނޑުގެ ތެރެއަށް އެއްކޮށްލާފައި އެއްޖޯޑު ފެނާއި ދެ މޭޒުމަތީ ސަމުސާ ރިހާކުރު އަޅައި ގިރުވާލާށެވެ.
ދެން އެ ސާމާނު ޖެހޭނީ ބަނބުކެޔޮތަކުގެ މައްޗަށް އަޅާލާށެެވެ. އަދި އަވަނަށް ލާފައި 250 ގައި ބަހައްޓައިގެން އޭގެ މައްޗަށް އެޅި ފެންގަނޑު ހިނދެންދެން ފިހެލާނީ އެވެ. އޭރުން އެހެރީ މިހާރު ވައިރަލްވެގެން އުޅޭ ބަނބުކެޔޮ ރޯލްސް ހެދިފަ އެވެ.