By: Asima Nizar
ފާޑުފާޑުގެ ބްރޭންޑުތަކުން އަގުބޮޑުކޮށް އައިސްކްރީމް ގަތުން މިހާރު މާޒީވެއްޖެ އެވެ. އަދި އަމުދުން މިކަމަށް ބޮޑު ހޭދައެއް ކުރާކަށް ވެސް މިހާރު ނުޖެހޭނެ އެވެ. ޓިކްޓޮކާއި އިންސްޓަގްރާމްގެ ފުޑް ބްލޮގަރުންގެ މެދުގައި މިހާރު އެންމެ މަގުބޫލީ، ވަރަށް މަދު އެއްޗެއް ބޭނުންކޮށްގެން ގޭގައި ތައްޔާރުކޮށްލެވޭ ތަފާތު އައިސްކްރީމެކެވެ.
މި އައިސްކްރީމް ހަދަން އައިސްކްރީމް މޭކަރެއް ނުވަތަ އުނދުންމަތީގައި ކައްކަންޖެހޭ ކަހަލަ އުނދަގޫ ކަމެއް ކުރާކަށް ނުޖެހެ އެވެ. ބޭނުންވަނީ ހަމައެކަނި އެ މީހަކު ބޭނުންވާ މޭވާއަކާއި ހެވީ ކްރީމް (ނުވަތަ ކިރު) އެކަންޏެވެ.
ތިރީގައި މިވަނީ މި ދުވަސްވަރު ވައިރަލްވެގެން އުޅޭ، އަނގަޔަށް މީރު އަދި ބަލާލަން ރީތި އައިސްކްރީމް ގޭގައި ތައްޔާރުކުރާނެ ގޮތުގެ ރެސިޕީ އެވެ.
- އެ މީހަކު ބޭނުން ކޮންމެ މޭވާއެއް: ޓިކްޓޮކްގައި އެންމެ މަގުބޫލީ ކަރާ އަދި އަނބެވެ. ނަމަވެސް ބޭރު ތޮށިގަނޑު ހަރުކޮށް ހުންނަ ކޮންމެ މޭވާއެއް ވެސް ރަނގަޅުވާނެ އެވެ.
- ހެވީ ކްރީމް ނުވަތަ ފުލް ކްރީމް މިލްކް: އައިސްކްރީމްގެ 'ސްމޫތުކަން' ގެނެސްދިނުމަށް.
- މާމުއި (ބޭނުން ނަމަ): ރަހަ ހެޔޮވަރުކޮށްލަން.
ފުރަތަމަ އެ މީހަކު ބޭނުންވާ މޭވާއެއް މެދުން ފަޅާލާށެވެ. ދެން، މޭވާގެ މެދުން ތަންކޮޅެއް ކޮނެލައިގެން ނައްޓުވާލާށެވެ. (މެދުން ނަގާ ބައި އެއްލައިނުލައި، ސްމޫތީއެއް ހަދަން ބޭނުންކުރެވިދާނެ)
މެދުން ބައެއް ނެގި މޭވާ ބޭކިން ޕޭޕަރުން ނުވަތަ އެކަހަލަ އެހެން އެއްޗަކުން ވިޔަސް ރަނގަޅަށް ބަންދުކޮށްލުމަށް ފަހު، ގަނޑުކުރާ ބަޔަށް ލާށެވެ. ދެތިން ދުވަސް ވަންދެން ފްރީޒަރުގައި ބޭއްވުމުން މޭވާ އޮންނަނީ ރަނގަޅަށް ހަރުވެ، ގަނޑުވެފަ އެވެ.
މޭވާ ރަނގަޅަށް ގަނޑުވުމުން ފްރިޖުން ނަގައި، ބޭކިން ޕޭޕަރު ނައްޓާލާށެވެ. ދެން، ކުރިން މެދުން ހުސްކުރި ބަޔަށް ހެވީ ކްރީމް އަޅާށެވެ. (ފޮނިރަހަ ލައްވަން ބޭނުން ނަމަ މާމުއިކޮޅެއް ވެސް އެއްކޮށްލެވިދާނެއެވެ). ދެން ސަމުސަލަކުން ނުވަތަ ކުޑަ މިކްސަރަކުން، މޭވާގެ އެތެރޭގައި ހުރި ކްރީމްކޮޅު ފަސް ވަރަކަށް މިނެޓް ވަންދެން މިސްކްކުރާށެވެ.
ކްރީމް ގިރަމުންދާއިރު، ގަނޑުވެފައި އޮތް މޭވާގެ ފިނިކަމުގެ ސަބަބުން ކްރީމްކޮޅު ވަގުތުން އައިސްކްރީމަށް ބަދަލުވެ، މޭވާގެ ރަހަ އޭގެ ތެރެއަށް ވަދެގެންދާނެ އެވެ.
ތަފާތު ރަހަތައް ޓެސްޓުކޮށްލުން
މި ރެސިޕީގެ އެންމެ ހާއްސަ ސިފައަކީ މިއީ ބަޖެޓަށް ލުއި، ސިއްހަތަށް ފައިދާހުރި އަދި ތިމާ ބޭނުން މޭވާއަކުން ހަދާލެވޭނެ އެއްޗަކަށް ވުމެވެ. ކަރަ އާއި އަނބުގެ އިތުރުން މެލަން ނުވަތަ ފަޅޯ ބޭނުންކޮށްގެން ވެސް މި ތަފާތު އައިސްކްރީމް ހެދިދާނެ އެވެ. މިއީ ހޫނު ގަދަ ދުވަސްތަކުގައި ފިނިކޮށްލަން ހަމަ އެއްވަނައިގެ ޑެޒާޓެކެވެ!