19 Jul 2019

By: Ifraz Ali

މީރު މަޖާގަނޑެއް ތައްޔާރުކޮށްލައިގެން ރަށުގައި ތިބެ އާއިލާ އާއި ރައްޓެހިންނާއެކު އެ ޖަހާ ސަކަރާތްގަނޑު ވަރަށް ވެސް ތަފާތު ވާނެ އެވެ. ބ. ގޮއިދޫ އަށް އުފަން ފާތިމަތު ޝަމްލާ އާއި ޝަހުލާ ވަޖީބްގެ "މަޖާ މަލާފަތް" ވެސް ފެށުނީ އެ ކަހަލަ މަޖާ ކެއުންތަކެއްގެ ތެރެއިންނެވެ. މިއީ ދެބެއިންގެ ދެ ދަރިންނެވެ. މި ދެބެއިން މިހާރު މަޖާ ފޮނުވައިދެނީ ބޭނުން ކޮންމެ މީހެއްގެ ސީދާ ގެއަށެވެ.

ހަފުތާ ބަންދެއް ލިބުނަސް ޝަމްލާމެންގެ އާއިލާ އެންމެން އެއްތަންވެގެން ކުރާ ހާއްސަ އެއް ކަމަކީ މަޖާ ކެއުމެވެ. އެކަމަކު އާއިލާއާއެކު މާލެއަށް ބަދަލުވުމުން، މަޖާ ހެދުމަށް އެއްޗެހި ހޯދަން އެ މީހުނަށްވީ އުނދަގޫ ކަމަކަށެވެ. އެހެންވެ މަޖާ ހަދަން ރަށުން އެއްޗެހި ގެންނަން ފެށުމާއެކު މިކަމުން ކުޑަ ވިޔަފާރިއެއް ވެސް ކުރެވިދާނެ ކަމަށް ފެނުނީ އެވެ.

މަޖާ މަލާފަތުގެ ފަހަތުގައި ތިބި ފާތިމަތު ޝަމްލާ އާއި ޝަހުލާ ވަޖީބް --

"މާލެއިން ލިބެން ހުންނަ މަޖާގެ ރަހަ އެހާ ނުބައިކަމުންނާއި، އެ ކަހަލަ ކަންތައްތަކާ ހެދި ލިބުނު އައިޑިއާއެއް މިއީ،" ޝަމްލާ އަދި ޝަހުލާ ބުންޏެވެ. ވަޒީފާގައި އުޅެމުން އެ ދެމީހުން ވެސް މިކަމަށް ވަގުތު ހުސްކުރަނީ އޮފީސް ނިންމާލައިފައި މެންދުރު ފަހު ގެއަށް ގޮހެވެ.

އެއްޗެހި ގެންނަނީ ކޮންމެ ދުވަހަކު ރަށުން މާލެ އަންނަ ފެރީއަކުންނެވެ. ޝަމްލާ ބުނީ ދެ ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ހުންނަ އެއްވެސް އެއްޗެއް ބޭނުންނުކުރާ ކަމަށެވެ. ކޮންމެ ދުވަހަކު ވެސް ބަލަނީ އެ ދުވަހަކު ގެންނަ އެއްޗެހިން ތައްޔާރުކޮށްލެވޭތޯ އެވެ. ރަށުން ނުލިބޭ އެއްޗެއް ވިއްޔާ ހޯދަނީ މާރުކޭޓުންނެވެ.

މަޖާ މަލާފަތް މާލެ އަދި ހުޅުމާލެއަށް ވެސް ޑެލިވާކޮށްދޭ --

މި މަލާފަތުގައި އެކި އަގުތަކުގެ ތިން ޕެކޭޖެއް ހިމެނެ އެވެ. އެންމެ އަގުހެޔޮ، 150ރ. އަށް ދޭ ސްމޯލް ޕެކޭޖު އެއީ ހަތަރު މީހުންނަށް ކެވޭ ޕެކޭޖެކެވެ. މީޑިއަމް ޕެކޭޖުން އަށް މީހުނަށް ކެވޭނެ އެވެ. އެއީ 250ރ. ގެ ޕެކޭޖެކެވެ. އަދި 400ރ. އަށް ދޭ ލާޖް ޕެކޭޖަކުން 12 މީހުންނަށް ކެވޭނެ އެވެ.

މި ޕެކޭޖުތަކުގައި ހުންނަނީ ކުންނާރު، ފަޅޯ، ކިހަށް، ބިލިމަގު، ކާމަރަނގަ، ފެޝަން ފުރުޓް، އަނބު، މިދިލި، ގޮބު، ލުނބޯ، ހެލެނބެލި، ރިހާކުރު މިކްސްއެއްގެ އިތުރުން ފަޅޮލާއި އަނބު އެއްކޮށްގެން ހަދާފައި ހުންނަ މަޖާ މިކްސްއެކެވެ. ކަސްޓަމަރުން ބޭނުންވާ ގޮތަށް ވެސް ރިހާކުރު ތައްޔާރުކޮށްދެ އެވެ.

"އަޅުގަނޑުމެން ހުރިހާ އެއްޗެއް ތައްޔާރުކުރާއިރު ވެސް އަތަށް ގްލޯވްސް ލައްވައިގެން މަސައްކަތްކުރަނީ،" ސާފުތާހިރުކަމަށް ވަރަށް އިސްކަންދޭ ކަމަށާއި މިކަން ކުރާތާ މިވީ މަހެއްހާ ދުވަހުގެ ތެރޭގައި އެކަހަލަ އެއްވެސް ޝަކުވާއެއް އަދި ނުލިބޭ ކަމަށް ބުންޏެވެ.

މަޖާ މަލާފަތް: މީގެ ތިން ޕެކޭޖެއް އުޅޭ --

ކޮންމެ ދުވަހަކު ވިއްސަކަށް އޯޑަރު ލިބެ އެވެ. އެކަމަކު އެ ދުވަހަކަށް އޯޑަރު ނަގަނީ އެއްޗެހި ހުރި ވަރު ބެލުމަށްފަހު އެވެ. ހަފުތާ ދުވަސްތަކުގައި އާންމުކޮށް ނަގަނީ 15 ނޫނީ 20 އޯޑަރެވެ. ހަފުތާ ބަންދުތަކުގައި 30 އޯޑަރު ވެސް ނަގާ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެންގެ އާއިލާ މިއީ ވަރަށް ބޮޑު އާއިލާއެއް. މި އެންމެންގެ އެހީއާއެކު މިކަން މިކުރަނީ. 'މަޖާ މަލާފަތް' މި ނަން ވެސް މިއީ އަޅުގަނޑުމެންގެ ކަޒިންއެއް، ޒޫއްތަ ކީ ނަމެއް. ރަށުން އެއްޗެހި ފޮނުވައިދޭނީ ޒޫއްތަ. ޑެލިވަރީ ކުރުމުގައި ވެސް އުޅެނީ އާއިލާ ކުދިން،" އެންމެ ބޮޑެއް ޝުކުރެއް އަދާކުރީ އާއިލާ އަށެވެ.

Popular