20 Apr 2024

ފްރިޖުގައި ބަތް ބެހެއްޓުމާއި ހޫނުކުރުން: ސަމާލުވާތި!

By: Aishath Mihna Nasih

އަހަރެމެން ދިވެހިންނަށް ކޮންމެ އިރަކަށް ވެސް ބަތް އޯކޭ އެވެ. ހަނޑުލަކީ އަހަރެމެންގެ ރާއްޖޭގައި ނުހެއްދިއަސް ކެއުމުގައި ބޭނުންކުރާ އެންމެ މުހިންމު އަދި މައިގަނޑު ބާވަތެވެ. ރިހާކުރާއި ގަރުދިޔަ ނުވަތަ ރިހައަކާއި ކޮންމެވެސް ކަހަލަ މަހުގެ ބާވަތެއް ނުވަތަ ތަރުކާރީއާ އެކު ވެސް ކޮންމެ ގަޑިއެއްގައި ވެސް ބަތް ކެވިދާނެ އެވެ. ނަމަވެސް ބަތަކީ ރައްކާތެރިކަމާ އެކު ކެއުމަށް ފަސޭހަ ބާވަތެއް ނޫނެވެ. ކައްކާ ނިމުމަށް ފަހު، ވަކި ފިނިހޫނުމިނެއްގައި ނޫނީ ބަތް ބަހައްޓަން ރައްކާތެރިއެއް ނޫނެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ (ޔޫއެސްޑީއޭ) އިން ވަނީ ބަތް ހިމެނޭ ގޮތަށް، ކާނާ ރަނގަޅަށް ކައްކައި، ރައްކާކޮށް، އަލުން ހޫނުކުރުމަށް އެންމެ ރައްކާތެރި އުސޫލުތަކެއް ކަނޑައަޅައިފަ އެވެ.

މި ހިމަނާލަނީ ކެއްކުމަށް ފަހު އަލުން ބަތް ހޫނުކޮށްގެން ކެއުމަށް ބޭނުންކުރާ ނަމަ ސަމާލުކަންދޭންވީ ކަންކަމެވެ.

1. ކެއްކުން

ބަތް ކެއްކުމުގެ ކުރިން ރަނގަޅަށް އަތްދޮވުމަށް ފަހު ހަނޑޫ ވެސް ރަނގަޅަށް ދޮވެލުން މުހިންމެވެ. އަދި ކެއްުކުމުގައި ބޭނުންކުރާ ހުރިހާ އެއްޗެއްވެސް ރަނގަޅަށް ދޮވެގެން ބޭނުންކުރުން މުހިންމެވެ. ހާއްސަކޮށް މަހުގެ ބާވަތްތައް އަޅާ ތަށިތަކާއި ތެލިތައް އަދި އެފަދަ ބާވަތްތަކުގެ ލެއާއި ދިޔަ ހޭކިފައި ހުރި ނަމަ އެހެން ކަމަކަށް ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވެ ސާފުކުރުން މުހިންމެވެ. އަދި އިސްރާފުވާ ވަރަށް ނުކައްކައި އެ ގަޑިއަކަށް ބޭނުންވާ މިންވަރަށް ކެއްކުން ވަރަށް މުހިންމެވެ.

2. ބަތް ބާކީވުން

ބަތް ކެއުން އެންމެ ރަނގަޅީ ކައްކާ ނިމުމާ އެކުގަ އެވެ. ނަމަވެސް ވަގުތުގެ ގޮތުން، ކޮންމެ އިރަކަށް ބަތް ވަކިން ކައްކަން އުނދަގޫ ނަމަ، ކައްކައި ނިމި، ހިހޫވެލުމުން އަވަހަށް "އެއާ ޓައިޓް" ކޮންޓެއިނަރަށް ބަތް އެޅުމަށް ފަހު ފްރިޖުގައި ބަހައްޓާށެވެ. ބަތް މުޅިން ހަލާކު ނުވިއަސް، ހެނދުނު ކައްކާ ބަތްތެލި ރޭގަނޑު 8 ޖަހާއިރު ކެއުމަކަށް ރައްކާތެރިއެއް ނޫނެވެ. އަހަރެމެންގެ ނޭފަތަށް ބަތް ކުނިވަސް މިދުވަނީ ބަތް ހަލާކުވެ ވަރަށް ބޮޑުވަރުވުމުންނެވެ.

ޔޫއެސްޑީއޭ އިން ލަފާދެނީ ފްރިޖުގައި، ފަހުން ކެއުމަށް ރައްކާކުރާ ތަކެތި މި ބުނާ މުއްދަތުގެ ތެރޭގައި ބޭނުންކުރުމަށެވެ.

ކެއްކުމަށްފަހު ފްރިޖްގައި ބަހައްޓާ ކާނާ 3-4 ދުވަހުގެ ފަހުން ނައްތާލާށެވެ.

ފްރީޒަރު ނުވަތަ ގަނޑުކުރާ ބައިގައި ރައްކާކުރާ، ކައްކާފައި ހުންނަ ކާނާ އާއި އެނޫން ވެސް ބާވަތްތައް 3-4 މަހާ ދެމެދުގެ މުއްދަތެއް ތެރޭ ނައްތާލާށެވެ.

އާންމުކޮށް އަހަރެމެންގެ ފިނި ހޫނުމިން މި ހުންނަނީ ކާއެއްޗެހި އެންމެ އަވަހަށް ހަލާކުވާ މިންވަރުގަ އެވެ. އެހެންވެ، ކެއްކުމަށްފަހު ފަހުން ކެއުމަށް ކައުންޓަރު މަތީގަ އާއި އުނދުންމަތީގައި ކޮންޓެއިނަރުތަކާއި ތެލިތައް ބެހެއްޓުމުގެ ބަދަލުގައި ފްރިޖުގައި އެއާޓައިޓް ކޮންޓެއިނަރެއްގައި ބަހައްޓާށެވެ. ކާންވުމުން މައިކްރޮވޭވް ނުވަތަ ރީހީޓް ކޮށްލުމުން ފުދޭނެ އެވެ.

މި ކަންކަމަށް އަމަލުކުރުމުން ކާނާ ވިހަވުމުގެ ނުރައްކާ ކުޑަވެ އެވެ. އެއްފަހަރަށް ވުރެ ގިނައިން ބަތް އަލުން ހޫނު ނުކުރާށެވެ. މިއީ ކާނާ ވިހަވުމުގެ ނުރައްކާ އިތުރުވާ ކަމެކެވެ.

ސިއްހަތު ހަނޑޫ

Popular