28 Apr 2024

By: Aishath Mihna Nasih

މަސް ދަޅާ ބަތަކީ ޚަރަދު ކުޑަކޮށް އަދި ރަހަ މީރުކޮށް ތަރުކާރީއާ އެކު ކައި އުޅޭ ސިއްހަތަށް ވެސް ރަނގަޅު ކެއުމެކެވެ. ކޮންމެ ގެއެއްގައި ވެސް ފަސޭހައިން ކެއުމުގެ ކަންކަން ނިންމާލަން ބޭނުންވާ ދުވަހަކަށް މިވަރެއް ނެތެވެ. ކުޑަކުދިންގެ މެދުގައި ވެސް މަސްދަޅާއި ބަތް ނުލާހިކު މަގުބޫލެވެ. އެކަމަކު، ކައި ނިންމާފައި ބާކީވާ މަސް ދަޅު ހުރި ގޮތަށް ފްރިޖަށް ލުމަކީ އަހަރެމެންނަށް ކުރެވޭ އެހާ ރަނގަޅު ކަމެއް ނޫނެވެ.

މަސް ދަޅު ފަދަ ކޭންޑް ނުވަތަ ދަޅުގައި ބަންދުކޮށްފައިވާ ކާނާ އަކީ ފްރިޖަށްލާ ނަމަ ފަރުވާތެރިވާންޖެހޭ ބާވަތްތަކަކެވެ. މަސް ދަޅު ނޫނަސް، ޗިކް ޕީސް، ކިޑްނީ ބީންސް، ބޭކަޑް ބީންސް އަދި ކޯން ފަދަ އެކި ބާވަތްތަކުގެ ތަރުކާރީ ކެއްކުމަށް ތައްޔާރުކޮށް ދަޅުތަކުގައި ބަންދުކޮށްފައި ހުއްޓަސް، ބޭނުންކުރެވޭ ގޮތުގެ ސަބަބުން ސިއްހަތަށް ނުރައްކާވުން އެކަށީގެންވެ އެވެ.

ދަޅު އުފައްދަނީ ދަަނގަޑު ބޭނުންކޮށްގެންނެވެ. އެހެންވެ ފްރިޖް ފަދަ ފިނި އަދި ތެތްކަން ހުންނަ މާހައުލުތަކުގައި ވަރަށް ފަސޭހައިން ދަބަަރު ޖެހުން އެކަށީގެންވެ އެވެ. އާންމުގޮތެއްގައި، ބަންދުކޮށްފައި ހުންނަ މިފަދަ ދަޅުކާނާ ބެހެއްޓުން އެންމެ ރަނގަޅީ ތެތްކަން ނުހުންނަ ކަބަޑު ފަދަ ތަންތަނުގަ އެވެ.

މި ނޫނަސް، އާންމުކޮށް މި ހުންނަ މަސްދަޅާއި ޓޮމާޓޯ ޕޭސްޓް ފަދަ ބާވަތްތައް ކެނޑުމަށް ފަހު ދެން ބަންދުކުރެވޭނެ ގޮތެއް ނުހުރެ އެވެ. އެހެންވެ ފްރިޖުގައި ހުޅުވިފައި ހުންނަ ވަގުތުތަކުގައި ބެކްޓީރިއާ އާލާވުމުގެ ފުރުސަތުވެސް ވަރަށް ބޮޑެވެ.

ހުޅުވާފައި ހުންނަ ދަޅުކާނާ ރައްކާކުރާނީ ކިހިނެއް؟

މާ ބޮޑަށް ހާސްވާނެ ކަމެއް ނެތެވެ. މަސްދަޅުގެ ވެސް ކައިފައި ބާކީވާ އެތިކޮޅު ފަހަށް ބަހައްޓަން ބޭނުންވާ ނަމަ، މަސްކޮޅު ވަކިން ނަގައި "އެއާ ޓައިޓް" ކޮންޓެއިނަރަކަށް އަޅައި މަތިޖެހުމަށް ފަހު ފްރިޖުގައި ބެހެއްޓިދާނެ އެވެ. އަދި މި ނޫން އެހެން ތަރުކާރީގެ ބާވަތްތައް ވެސް ދިޔަ ވަކިކުރުމަށް ފަހު ހަމަ މިހެން ރަނގަޅަށް ބަންދުކުރެވޭ ތައްޓެއްގައި ރައްކާކުރެވޭނެ އެވެ.

ސިއްހަތު

Popular