28 Apr 2024

އިންތިޒާރުގައި - 23

އެމަންޒަރު ބަލަން އިންދާ ވިލާގަނޑުގެ ތެރެއިން ހަނދު ނުކުތެވެ. އެޔާއިއެކު އަހަރެންގެ ޚިޔާލުތައް އެހެން ރަށެއްގެ ފާލަމަށް، އެހެންމީހަކު ކައިރިއަށް އުދުއްސައިގަތެވެ. އެހަނދާން ތަކުން ސަލާމަތްވުމަށްޓަކައި އަހަރެން ގޮނޑުދޮށަށް ފޭބީމެވެ. ކަށިމައްޗާއި ހަމައަށް މޫދަށް އެރި އެރޭގެ ގުދުރަތީ ރީތިކަން ހިތުތެރޭގައި ރައްކާ ކުރެވޭތޯ ވަށައިގެން ބަލަން ހުރީމެވެ. އިރުކޮޅެއް ނުވަނީސް އިއްމަ މޫދުން އަރައިގެން އައެވެ.

އެއީ އަނެއްކާވެސް އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކުރެވިގެން ދިޔަ ރެއެކެވެ. އަހަންނަކީ ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ މީހެއްކަން އިއްމަގެ ހަނދާނުން ކައްސާލީއެވެ. އެހެންނަމަވެސް އަހަރެންގެ ހަނދާނުން ކުޑަ ހިނދުކޮޅަކަށް ވެސް އެކަމެއް ފިލައިގެން ނުދެއެވެ. މީގެ ކުރީގައި އަހަންނާއި ބައްދަލުވި މިކަހަލަ ހަނދުވަރު ދޭ ރެއެއްގައި އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔުމުގެ ނަތީޖާގެ ހިތިކަން ދުވަހަކުވެސް އަހަރެންގެ ހިތުން ފިލައިގެނެއް ނުދާނެއެވެ.

އަހަރެންގެ ފިރިމީހާއަށް ނޫނެކޭ ބުނަމުން އޭނާއާއި ދުރަށް އަހަރެން ހިނގައިގަތީމެވެ. އޭރު އަހަންނަށް ރޮވިއްޖެއެވެ. އާނއެކެވެ. އަހަރެން ބައްޔަސް އަހަރެން ހުރިހާ ހިއްސުތަކެއް އަދި ބަރާބަރަށް މަސައްކަތް ކުރަމުން ދެއެވެ.

އެރޭ އަހަންނަށް ހުވަފެނުން ފެނުނީ ފާރިޝް އެވެ. އޭނާ ހުރީ އަހަރެންދެކެ ރުޅި އައިސްފައެވެ. މިހާލު ޖެއްސީ ލިއު ދޯއޭ އޭނާ ނުރުހުމުގެ ރާގެއްގައި އަހަންނާއި ދިމާލަށް ބުނީއެވެ. އެހިސާބުން އަހަންނަށް ހޭލެވުނެވެ. ފާރުކައިރީގައި ވާ ސިންގަލު އެނދުގައި އިއްމަ ނިދާލާފައި އޮތްތަން ފެނުމުން ރޭގައި އެންމެފަހުން ކަން ހިނގާ ދިޔަގޮތް އަހަރެންގެ ހަނދާނަށް އައެވެ. އިއްމަ ނިދަން ވަދެފައި، އެއެނދުގައި ނިދާފައި އޮތް ނޫރާ ނަގައިގެން ގެނެސް އަހަރެން ކައިރީ ބޮޑު އެނދަށް ލާފައި އޭނާ އެތާނގައި އޮށޯތީ އަހަރެން ހޭލާ އޮއްވައެވެ.

ތެދުވެ ކޮފީ ތައްޓެއް ހަދައިގެން ބޭރަށް ނުކުމެ ހަރުފަތް މަތީގައި ޖައްސާލި އިރު . ދުނިޔެ މައްޗަށް އަލިވެ، އާދުވަހަކަށް އިރު އަރަން އުޅޭ ކަމުގެ ނިޝާންތައް އުޑު މަތިން ފެންނަން ހުއްޓެވެ. އެކަމަކު، އެ ހިތްގައިމު މަންޒަރަކަށް އެއްވެސް ސަމާލުކަމެއް އަހަންނަކަށް ނުދެވުނެވެ.

އަހަންނަށް ފެނުނު ހުވަފެން އެބުނެދޭން އުޅެނީ ކޮންއެއްޗެއް ބާވައެވެ؟ ފާރިޝްއަށް ބަލިޖެހުނީ އަހަރެންގެ ފަރާތުން ކަމަށް ވެއްޖިއްޔާ ހަގީގަތުގައިވެސް އޭނާ އަހަންނަށް ނަފްރަތު ކުރާނެއެވެ. އެހެންހިތަށް ވަނުމާއިއެކު އަހަރެން ފިނިވެގެން ދިޔައެވެ. މިއޮއްހާ ދުވަހު އަހަންރެންގެ ޚިޔާލަށް ފެންނަމުން ދިޔައީ އެނާއާއި ބައްދަލުވާ ވަގުތު ދުވެލާފައި އެދާގޮތަށް ގޮސް އޭނާގެ އަތުތެރެއަށް ވަންނަ މަންޒަރެވެ. އެކަން އެހެނެއް ނުވާނެކަން މި ވިސްނުނީ އަދި ކިރިޔާއެވެ. ފާރިޝްގެ ފަރާތުން ނުރުހުމުގެ ބަހެއް އަޑުއަހާކަށް އަހަންނަކަށް ކުޅަދާނައެއް ނުވާނެ ކަން ހަމަ ގައިމެވެ.

އަހަރެން އެޚިޔާލުތަކުގެ ތޭރެއަށް ޤަރަގުވެފައި ވަނިކޮށް މައްމީ އޭގޮވަމުން ނޫރާ ނުކުތެވެ. އޭނާ އެއައިގޮތަށް އައިސް އަހަރެންގެ ބުރަކަށީގައި އެލިގަނެފައި ކަނދުރާގައި ދެއަތް އެޅުވިއެވެ. "ބެކްޕެކް!" އޭނާ ބުނެލިއެވެ. އޭރު އިއްމަ ކޮޓަރި ދޮރުމަތީގައި އަހަރުމެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން އޭނާއާއި ދިމާލަން ހިނިތުންވެލީމެވެ. އަނެއްކާވެސް އިތުރު ދުވަހެއް އަހަންނަށް ދެއްކެވި ކަމަށްޓަކައި ޝުކުރު ކުރަމުންނެވެ.

އެދުވަހުވެސް އަހަންނާއި ނޫރާ އާއި ދެމީހުން ކޮޓަރި ކައިރިއަށް މޫދަށްއެރި ވަރަށް މަޖާކުރީމެވެ. ނޫރާ އުފާވެގެން އެ ޖަހާލާ ހިނިގަނޑުގެ އަޑު އިވުނީމާ އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެއް ކުރެވިގެން ދެއެވެ. ނޫރާ ބޮޑުވެގެން، އޭނާގެ މަންމަ ދުނިޔޭގައި އޭނާ އުޅުނީ ނުހަނު އުފާވެރި ދިރިއުޅުމެކޭ ބުނާނެ ކަހަލަ ވަގުތު ތަކެއް ނޫރާއަށް ހޯދައި ދިނުމަށް އަހަރެން އަޒުމް ކަނޑައެޅީ އެދުވަހުއެވެ.

ހަވީރުވާން ވީ އިރު އިއްމަވެސް އޭނާގެ މަސައްކަތް ނިންމާލާފައި އަހަރުމެންގެ ކައިރިއަށް އަތުވެއްޖެއެވެ. މޫދަށް އެރި އަހަރުމެންނާއި އެކީގައި ސަކަރާތް ޖަހަން އުޅުނެވެ. އަހަރުމެން ދެމީހުންވެގެން ގޮނޑުދޮށުގައި ބޮޑު ވަޅުގަނޑެއް ކޮނެފައި ނޫރާގެ ދެބައިކޮޅު އެއްބައި ވަޅުލީމާ އޭނާއަށް ވަރަށް މަޖާވިއެވެ.

"އަހަރެން ބޭނުން ނޫރާއަށް މިކަހަލަ އުފާވެރި މެމޮރީޒް ތަކެއް ކުރިއޭޓް ކޮށްދޭން.... އޭނާ ބޮޑުވެގެން ، އޭނާގެ މަންމަ ދުނިޔޭގައި އުޅުނީ ވަރަށް އުފާވެރި ކޮށޭ ބުނާކަހަލަ"

"އަޅެ، ޕުލީޒް ތިގޮތަށް ވާހަކަ ނުދައްކަފާނަންތަ؟.......އިރާދަކުރެއްވިއްޔާ ނޫރާ ބޮޑުވެގެން ދިރިއުޅޭ ތަން ލިޔުއަށް ފެންނާނެ!" އިއްމަ އައިސް އަހަރެންގެ ގައިގަ ބައްދާލަމުން ވާހަކަ ދެއްކިއެވެ.

ދަތުރު ނިންމާފައި އެނބުރި މާލެ އައިއިރު އަހަންނާއި ނޫރާއާއި ދެމީހުން ތިބީ އަނދާފައެވެ. އަހަރެން ދޮންކަމުން މޫނުމަތި ހުރީ ބޮޑަށް ރަތްވެފައެވެ. އެހެންނަމަވެސް ނޫރާ ހުރީ ހަމަ މުޅިން ކަޅުވެފައެވެ. ދޮންތައަށް އޭނާ ފެނުމުން އެރަށުން ތިގެނައީ އެހެން ކުއްޖެއް ނޫންހޭ ބުނެލިއެވެ. ދަތުރުގޮސް އެގޮތަށް އަނދައިގެން އައުމަކީ ވަރަށް މަޖާކޮށްފައިވާ ކަމުގެ ނިޝާނެއްކަމުގައި އަހަރެން ކުޑައިރު ރަށުގައި އުޅުނު އިރުވެސް ދެކެމެވެ. އޭރުވެސް އަހަރެން ކަޅު ނުވާތީ ވަރަށް ގިނައިރުވަންދެން ގޮނޑުދޮށުގައި ރަތްދަކާ އަވީގައިވެސް އިންނަމެވެ.

އެއްދުވަހަކު ހަފީޒާ އަހަންނަށް ގުޅުއްވިއެވެ. ދުވަސްކޮޅަކަށް ނަމަވެސް އަހަންނަށް އަލުން އޮފީހަށް އާދެވިދާނެތޯ އެއްސެވިއެވެ.

"ތަންކޮޅެއް ގިނަ ދުވަހަށް ރާއްޖެއިން ބޭރަށް ދާން ޖެހިގެން މިއުޅެނީ... އެހެންވެ އަހަންނަށް އެނބުރި އާދެވެންދެން ނަމަވެސް ލިއުޝާ އައިސް ދީ ފިއްޔާ ވަރަށް ރަނގަޅު" ހަފީޒާ ވިދާޅުވިއެވެ. އަދި އިއްމަ އާއި ވާހަކަ ދައްކާލާފައި ޖަވާބެއް ދޭށޭ ވިދާޅުވިއެވެ.

އަހަރެން އަލުން މީހުންގެ ތެރެއަށް ނުކުމެ ޒިންމާ ދާރު މީހެއްގެ ގޮތުގައި މަސައްކަތް ކުރާހިތް ވެއެވެ. ގޭތެރޭގައި އެކަނި އިންނައިރު މިކުރެވޭ ބޭކާރު ޚިޔާލު ތަކުން އޭރުން ހަމަ ގައިމުވެސް ދުރުވެވޭނެއެވެ. އަހަރެން ގޮސް އިއްމަ ކައިރީ އެވާހަކަ ދެއްކުމުން "ލިޔު ހިތްހަމަ ޖެހޭ ، އުފާވާ ކޮންމެ ކަމެއްވެސް ހަމަ ކުރަންވީ" އޭ އޭނާ ބުނެލިއެވެ.

އަހަރެން އަލުން އޮފީހަށް ދާން ފެށީމެވެ. އެހެންނަމަވެސް ކުރީގައި އަހަންނާއި އެންމެ ގާތްކޮށް އުޅުނު ނާޒު އާއި އާތި އެއް މިހާރަކު އެތާކު ނޫޅެއެވެ. ގިނައީ އައު މޫނުތަކެވެ. ކައުން ސިލިންގެ ޚިދުމަތް ދޭން އަންނަނީ ވެސް ވަރަށް ފަހުން ބޭރުން ތަމްރީން ހާސިލު ކޮށްގެން އައިސް އުޅޭ ޒުވާން އަންހެން ކުއްޖެކެވެ. އޭނާއާއި ވާހަކަ ދައްކަންވީއޭ އަހަރެންގެ ހިތަށް އަރައެވެ. އެހެންނަމަވެސް އަހަރެންނަކީ އެއިޑްސް ބަލީގެ ޝިކާރައަކަށް ވެފައިވާ މީހެއްކަން އެނގުމުން މީހުން އަހަންނާއި ދޭތެރޭ ދެކޭގޮތް ބަދަލުވާނެ ކަން ހަމަ ޔަގީނޭ ހިތަށް އަރާފައި ނުކެރެނީއެވެ.

ހަގީގަތުގައި އަހަންނަކަށް އެއިޑްސް ބައްޔާ ބެހޭ ތަފްސީލީ މައުލޫމާތެއް ނޭނގެއެވެ. އެކި ބަލި ތަކާއި ބެހޭގޮތުން އާއްމުނަށް މައުލޫމާތު ދިނުމަށް ހަދާފައި ވާ ލުއި ފޮތްތަކުގެ ތެރޭގައި އެ ބައްޔާއި ބެހޭގޮތުން ލިޔެފައިވާ ލިޔުންވެސް އޮފީހުގައި ހުންނާނެއެވެ. އެހެންނަމަވެސް އެއިން ފޮތެއް ހޯދައިގެން ކިޔަން އުޅެނިކޮށް މީހަކަށް ޝައްކެއްވެގެން ސުވާލެއް ކޮށްފާނެތީ އަހަންނަކަށް އެއިން އެއްޗެއް ބަލާލާކަށް ނުކެރެއެވެ.

އޮފީހަށް ވައިންތާ ކައިރީގައި އައްޑޫގައި އޮތް ވާރކްޝޮޕްގައި ދެއްކި ވާހަކަތައް އަޑު އެހުނު ނަމައޭ މިހާރު ހިތަށް އަރައެވެ. އެންމެ ފުރަތަމަ ދުވަހު 'ޖިންސީ ގުޅުން' ކިޔާފައި ވާހަކަ ފެށި ހިސާބުން އަހަރެން ލަދުން އެތަނުން ނުކުތްގޮތަށް އެ ވާރކްޝޮޕްގެ އެއްވެސް ސެޝަނެއް އަޑު އަހާކަށް އަހަރެން ނުވަންނަމެވެ.

***

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އިއްމަ ވެސް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް އިންޑިޔާއަށް ގޮސް އައިސް ވެއެވެ. އޭނާ އެހެންދާ ކޮންމެފަހަރަކުވެސް އޭނާ އެދަނީ އަހަރެންގެ ބޭސް ހުސްވާތީ ބޭސް ބަލާ ކަމުގައި އަހަރެންގެ ހިތަށް ވިސްނައިދޭން މަސައްކަތަ ކުރަމެވެ. އޭނާގެ ދެވަނަ އަނބި އިންޑިޔާގައި ހުންނަކަން ހަނދާން ނައްތާލަން ވަރަށް މަސައްކަތް ކުރަމެވެ. އެހެންނަމަވެސް އޭނާ ފުރުމުން ކޮންމެ ފަހަރަކުވެސް އަހަރެން ނިދިން މަހުރޫމްވެފައި އެތައް އިރަކު އޮވެވެއެވެ.

އިއްމަ އިންޑިޔާއިން އެނބުރިއައިސްފަވެސް ދުވަހަކުވެސް ސަޖުނާގެ ވާހަކައެއް ނުދައްކައެވެ. އެހެންކަމުން އޭނާ ކޮބައިހޭ އަހަރެންވެސް ނާހަމެވެ. އޭނާ އެތަނަށް ގޮސް ކުރާކަމަކާއި އުޅޭގޮތް އަހަންނަށް އެނގުމަށްވުރެ ނޭނގުނީމާ މާރަނގަޅު ކަމުގައި އަހަރެން ވާނީ ބުނެފައެވެ.

ސަލީނާ އެ ހޯދައިދޭ ބޭހަކީ ހަމަ ރަނގަޅު ބޭސްތަކެއް ކަމަށް އަހަރެންގެ އިތުރުން އިއްމަވެސް ގަބޫލު ކުރެއެވެ. އެހާ ދުވަސް ވެގެން ދިޔައިރުވެސް އިރާދަފުޅުން އަހަރެންގެ ބަލީގެ އެއްވެސް އަލާމާތެއްނުފެނެއެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހެނދުނު ތެދުވެގެން ގޮސް ލޯގަނޑު ކައިރިއަށް ހުއްޓި އަހަރެންގެ ހަށިގަނޑުގެ ބޭރުފުށުން އެބަލީގެ އެއްވެސް އަލާމާތެއް، ނިޝާނެއް ފެނޭތޯ ބެލެއެވެ.

ފާރިޝް ހޯދަން އުޅުމުގެ ޚިޔާލުވެސް އަހަރެން ދޫކޮށްލައިފީމެވެ. އެހެންނަމަވެސް އޭނާގެ ހަނދާންތައް އަހަންނަކާއި ވަކިވެގެނެއް ނުދިޔައެވެ. ދޭތެރެއަކުން އޭނާ ކޮބައިތޯ ކިހިނެތްތޯ ހިތަށް އަރާފައި ހުއްޓިފައި އިނދެވެއެވެ. އެހެންނަމަވެސް އަހަރެން ބުނާނީ އަހަރެންގެ ދިރިއުޅުން މިވަގުތައް ހިތްހަމަ ޖެހޭކަމުގައެވެ. އުފާވެރި ކަމުގައެވެ. އަހަންނަށް މަދުވަނީ، ނުވަތަ އަހަރެން މަހުރޫމް ވެފައި ވަނީ ހަމަ އެންމެ ކަމަކުންނެވެ.

އެހެންނަމަވެސް، އެންމެފަހުން އިއްމަ އިންޑިޔާއިން އައިސް ސަލީނާ ދައްތަ ބުންޏޭ ކިޔާފައި ދެއްކި ވާހަކައިން އަހަރެން ގެއްލިފައިވާ އުއްމީދު ވަރަށް ފަނޑުގޮތަކަށް ފެންނަން ފެށިއެވެ. އެބަލީގެ ޖަރާސީމް މަރާލާ ކަހަލަ ބޭހެއް އެމީހުން މިހާރު އީޖާދު ކޮށްފިކަމަށް ސަލީނާ ދައްތަ ބުނި ވާހަކަ އޭނާ ކިޔައިދިނެވެ. އެބޭސް އަދި އުޅެނީ ޖަނަވާރުން ލައްވާ ޓެސްޓު ކުރުމުގެ މަރުހަލާގައި ކަމަށް ވެއެވެ. އިންސާނުންނަށް ޓެސްޓު ކުރަން ލިބޭނީ އަދި ދެތިން އަހަރެއް ވަރު ފަހުންނެވެ. އެންމެ ފުރަތަމަ ޓެސްޓު ބުރަށް ސަލީނާ އަހަރެންގެ ނަން ނޯޓް ކޮށްދިން ކަމުގައި އިއްމަ ބުނެދިނުމުން އަހަރެން ވަރަށް އުފާވިއެވެ.

"އަހަރެން ހިތަށް އަރާ އެއްޗެއް ބުނަން؟... ސަލީނާ ކީއްވެގެން ބާއޭ އެވަރަކުން އަހަންނަށް ބޭސް ހޯދައިދީ ކަންތައް އެކުރަނީ؟... މިބަލީގައި އަހަރެން މަރުވީމާ ފައިދާ ވާނީ ހަމަ އެމީހުންނަކަށްނު؟" އަހަރެން އިދެލާފައި ބުނީމެވެ.

"އުނހޫ... އެހެނެއްނުވާނެ! އަހަރެން ބުނިން ލިޔުގެ ބޭހަށް ފަރުވާ ކުޑަކުރަންޏާ އަހަރެން ސަޖޫ ދޫކޮށްލާނަމޭ.. ސަލީނާއަށް އިނގޭނެ އެދުވަހަކުން އަހަރެން އެހެން ހަދާނެކަން!"

އިއްމަ އެހެންބުނީމާ އަހަންނަށް އާނގަމަވެފައި އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނީއެވެ. "އަސްލުގައިވެސް މިބުނީ ތެދެކޭ! އަހަރެން ސަޖޫއާއި އިނދެގެން އުޅުނަސް އޭނާ ދެކެ ލޯތްބެއް ނުވޭ... އޭނާއަށްވެސް އިނގޭނެ އަހަރެން ލޯބިވަނީ ލިޔު ދެކެ ކަން!"

އެވަގުތު ވީ އުފަލުން އަހަރެން އޭނާގެ ގައިގަ ބައްދާލީމެވެ. ފަސް އަހަރު ފަހުން އަހަރުން ދެމީހުންގެ ކުރިން އޮތް ގުޅުން އަލުން އިއާދަ ވެދާނެއޭ އޭރު ހިތަށް އަރަމުން ދިޔައެވެ.

އަހަންނަށް ލިބުނު ފަނޑު ފަނޑު އުއްމީދުކޮޅުގެ އަލީގައި ދުރު މުސްތަގުބަލާއި މެދު ހުވަފެން ދެކެން ފެށީމެވެ. އަހަރެން ރަނގަޅު ވާ ދުވަހަކުން ދެން އިއްމަ ހަދާނީ ކިހިނެތް ބާވައެވެ؟ އޭނާ ސަޖުނާ ދޫކޮށްލާނީ ބާވައެވެ؟ އަހަރެން ބޭނުންވާނީ އެގޮތެވެ. އެހެންނަމަވެސް އެއްވެސް ކަމަކާއި ނުލާ ޒުވާން އަންހެން ކުއްޖަކަށް ދެރައެއްދީ އޭނާގެ ހަޔާތް ބަރުބާދު ކޮށްލަން ނުވާނެކަންވެސް އަހަންނަށް އިނގެއެވެ. މީހަކަށް ދެރައެއް ދީފައި އަނެކަކަށް ހަމަ ޖެހިގެން އުފަލުގައި އުޅެވުމަކީ ވަރަށް ނާދިރު ކަމެކެވެ.

އެއްދުވަހަކު އިރު އޮއްސުނު އިރު އަހަރެން އިނީ ނޫރާއަށް ވާހަކަ ފޮތެއް ކިޔައިދޭށެވެ. އިއްމަ ގެ ފޯނު ވާން ފެށީމާ އޭނާ ފޯނު ހިފައިގެން އަހަރެންގެ ކައިރިއަށް އައިސް ދިއްކޮށްލާފައި އޭނާ ނިދާފައޭ ބުނާށޭ ބުނެލިއެވެ. އަހަރެން ފޯނުގައި ހިފާފައި ބަލާލީމެވެ. އަރަމުން ދިޔައީ ސަޖުނާގެ ނަމެވެ. އަހަރެން ފޯނު ނެނގި ގޮތަށް ނަގާފައި 'ހެލޯ ހީ އިޒް ސްލީޕިންގ" އޭ ބުނީމެވެ. އެޔާއިއެކު ސަޖުނާ 'އޯ އޯކޭ" އޭ ބުނެފައި ފޯނު ކަނޑާލީއެވެ. އިއްމަގެ ފޯނު އަނބުރާ ދިނުމުން އިތުރު އެއްޗެއް ނުބުނެ އޭނާ ނުކުމެގެން ދިޔައެވެ.

އޭގެ ފަސްވަރަކަށް މިނެޓް ފަހުން އަހަރެންގެ ފޯނު ވާން ފެށީމާ ބަލާލިއިރު ގުޅަނީ ސަލީނާއެވެ. ސަލީނާ އާދައިގެ މަތިން އަހަރެންގެ ހާލު ބަލާލަން ގުޅާލީ ކަމުގައި ބުނެލިއެވެ. އަދި އެމީހުންގެ އާ ބޭހުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ދައްކާ ކަމަށާއި ކުރިން ހީކުރިވަރަށްވުރެ އަވަހަށް އިންސާނުންނަށް ޓެސްޓު ކުރަން ފަށާނެ ވާހަކަ ބުނި ކަމަށް ބުނެ އެއުފާވެރި ޚަބަރު އަހަންނަށް ދިނެވެ.

"ކޮބާ އިއްމަ؟" އޭނާގެ އަސްލު ސުވާލު ކުރީ އެއަށް ފަހުގައެވެ.

" އެބައޮތް ނިދާފަ!" އަހަރެން ބުނީމެވެ.

އެ ފޯނު ބޭއްވި އިރު އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފެދިއްޖެއެވެ. އިއްމަ އާއި ސަޖުނާ އާއި މައްސަލަ ޖެހުނީހޭ ހިތަށް އެރި ވަގުތު ގޮތް ނޭނގޭ އުފާވެރިކަމެއް އަހަންނަށް އިހުސާސް ވެގެން ދިޔައެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިޒާރުގައި

Popular