12 Nov 2022

ތިރީހުގެ ފަހުން ރަނގަޅު ބައިވެރިޔަކު ހޯދަން އުނދަގޫ ދޯ؟

ތިރީހުގެ ފަހުން ރަނގަޅު ބައިވެރިޔަކު ހޯދަން އުނދަގޫ ދޯ؟

މީހަކާ ނީނދެ ހުއްޓަސް، އިނދެ ވަރިކޮށްފައި ހުއްޓަސް، މިލޭނިއަލްސް ނުވަތަ މިހާރު ވިހީގެ ފަހަތާއި ތިރީހުގައި އުޅޭ ޒުވާނުންނަށް ލޯބި ހޯދުން އުނދަގޫ ކަމަށް ދިރާސާތަކުން ދައްކަ އެވެ. މި ހަގީގަތެއް ރާއްޖެއަށް ފެތެނީ ކިހާ ވަރަކަށްކަން މިހެން ހަމަ ހުރެފައި ބުނާކަން ނޭނގޭނެ އެވެ. އެކަމަކު ރާއްޖޭގައި އެކްޓިވް ކައިވެނި ޕޭޖެއް އޮވެފައި، ރައްޓެހިންނާއި ދަންނަ އެއްފުރާވަރުގެ ޒުވާނުން މި ކަންބޮޑުވުމެއްގެ ވާހަކަ ދައްކާވަރުން މި ސުވާލެއް ކޮށްލާހިތްވީ އެވެ.

ތިރީހުން މަތިވާ ފަހުން ލޯބި ހޯދަން އުނދަގޫވޭ ހެއްޔެވެ؟

ވާނަމަ، މި ވަނީ ކިހިނެއް ހެއްޔެވެ؟ ހުސްހަށިބައި މީހުން މިހާރު މަދީ ހެއްޔެވެ؟ ނޫނީ ނަސީބާއި ތަގުދީރަށް މި ބްލޭމެއް އަޅުވައިގެން ތިބޭނީ ހެއްޔެެވެ؟

ރިލޭޝަންޝިޕް އެކްސްޕާޓުން މިކަމާ ބެހޭގޮތުން ފާހަގަކުރާ އެންމެ ބޮޑު އެއް ސަބަބަކީ ކޮންފިޑެންސެވެ.

މީގެ މާނަ އަކީ މެދު އުމުރަށް އަޅަން ފެށުމުން ހަށިގަނޑާއި ސިފައާ މެދު އޮންނަ ކޮންފިޑެންސް ނުވަތަ އިތުބާރު ދަށްވުމެވެ. މިއީ ބައެއް މީހުންނަށް ވާ ގޮތެކެވެ. ހާއްސަކޮށް މި ހާސްކަން ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނަށް ބޮޑުވެދާނެ އެވެ. އަންހެނަކު ތިރީހަށް އެޅުމުން މާ ބޮޑަށް މުސްކުޅިވީ ކަމަށް ބައެއް ފިރިހެނުން ދެކެފާނެ އެވެ. ނުވަތަ ތިރީހުގެ ފަހުން އެބުނާ "ކިއުޓް ފެކްޓާ" ނުހުންނާނެ ކަމަށް ނުވަތަ މާ މެޗުއާ ވާނެ ކަމަށް ގަބޫލުކޮށްފާނެ އެވެ.

އެހެންވީމާ ކޮންފިޑެންސް މީގައި މުހިއްމެވެ. ތިމާ، ތިމާގެ ސިފަ އާއި ނަފްސު ދެކެ ލޯބިވުމަކީ މުހިއްމުކަމެކެވެ. އަމިއްލަ އަމިއްލަ ނަފްސާމެދު ވަކި ދަށް ގޮތަކަށް ދެކުމަކީ ގޯހެކެވެ. އިތުބާރާއި ޔަގީންކަމާއެކު ތިމާ މީހުންގެ ތެރެއަށް ނެރުމަކީ ފަހަރެއްގައި މިކަމަށް އޮތް އެއް ހައްލެކެވެ.

މި ސުވާލުގެ ޖަވާބު ހޯދަން ކޮމެންޓް ތަކުގައި އިތުރުކުރަމުން ގެންދަންވީ އެވެ.

Popular