By: Aminath Ibrahim
ހަދިޔާ ބަދަލުކުރުމަކީ ގުޅުންތައް ބަދަހިވެ ވަރުގަދަވާ ކަމެކެވެ. ހިތްހަމަޖެހުމާއި ގާތްކަން އިތުރުކޮށްދޭ ކަމެކެވެ. އެކަމަކު ހަދިޔާ ބަދަލުކުރުން ސަގާފަތަަކަށް ބަދަލުވެ، ހަދިޔާ ދިނުން މަޖުބޫރުވާ ހާލަތެއްގައި ހުރުމަކީ އެހާ އުފާވެރި އިހުސާސަކަށް ނުވެދާނެ އެވެ. މިކަން އެންމެ ބޮޑަށް ތަޖުރިބާކުރެވޭނީ ޗުއްޓީއަށް ތަނަކަށް ގޮސްފައި އަންނަ އިރު އެވެ. ހަދިޔާ ގަނެފައި ނުގަންނަންވީ ކާކަށް ކަމެއް ނޭނގޭނެ އެވެ. ގަންނަންވީ ކޮން ކަހަލަ ކިހާވަރެއްގެ އަގުހުރި ހަދިޔާއެއްކަން ނުނިމި މި ހާސްކަމެއްގައި އެތައް ވަގުތަކާއި އެތައް ފައިސާއެއް ހަރަދުވެ އެވެ. ޗުއްޓީއެއް މާ ހަރަދުބޮޑު ބުރައަކަށް ވެސް ވެދެ އެވެ.
ކޮންމެ ފަހަރަކު ހަދިޔާ ގެންނަން މަޖުބޫރެއް ނޫން
ދަތުރަކު ގޮސްފައި ހުސް އަތާ އަންނަން ޖެހުމުން އެ އަންނަ ގިލްޓް ކުޑަކުރެވިދާނެ ގޮތް ހުންނާނެ އެވެ. އެކަމަކު އެކަމަށް ކުރިއާލާ ތައްޔާރުވެލަން ވެސް ވާނެ އެވެ. މިސާލަކަށް، އާއިލާ އާއި އެންމެ ގާތް މީހުންގެ އުންމީދުތަކާއި އެކްސްޕެކްޓޭޝަން ހުރީ ކޮން ގޮތަކަށްތޯ ބަލައިލެވިދާނެ އެވެ. އަދި ލިމިޓެޑް ބަޖެޓެއްގައި ދާ ނަމަ ކުރިއާލާ އެ ވާހަކަ ކޮންމެވެސް ގޮތަކުން ހިއްސާކޮށްލެވިދާނެ އެވެ.
ހަދިޔާ ގަންނަ ނަމަ ދަތުރު ދިއުމުގެ ކުރިން ޕްލޭންކޮށްލާ
ބޮޑެތި އާއިލާތަކުގައި އުޅޭ މީހުންނަށް މިގޮތަށް ތަނަކަށް ގޮސްފައި އަންނަ އިރު ހަދިޔާ ގަނެފައި ނުގަންނަންވީ ކާކަށްކަން ވެސް ނިންމަން އުނދަގޫވެ އެވެ. އަމުދުން މި ޕްލޭނެއް ނުކޮށް ދަތުރު ގޮސްފައި ފަހު ވަގުތުގައި މިކަން ކުރަން ހަދައިގެން ސިކުނޑި ސުމަކަށް ހިނގައިދާނެ އެވެ. އެހެންވެ ހަދިޔާ ގަންނަން ބޭނުންވާ ނަމަ ދަތުރު ބަޖެޓް ހަދާއިރު ޕްލޭން ކޮށްލަންވާނެ އެވެ.
ގަންނާނެ ހަދިޔާ އާއި ދޭނެ މީހުން ކަނޑައަޅަން އެނގުން މުހިއްމު
މިއީ އެންމެ މަޅިއަރާ ހިސާބެވެ. އެކަމަކު އެނގެންވީ ކަމަކީ ކޮންމެ މީހަކަށް އެމީހެއްގެ "ސްޓޭންޑަޑް" އަށް ފެތޭ ވަރުގެ ހަދިޔާ އެއް ނުދެވޭނެ ކަމެވެ. އެހެންވީމާ މިކަމަށް އެންމެ ފަސޭހަވާނެ ގޮތަކީ ހަދިޔާ ގަންނަ އިރު އެއް ތީމަކަށް ހަދިޔާ ގަތުމެވެ.
މިސާލަކަށް، ހުރިހާ ކުޑަކުދިންނަށް މަތިން ލާނެ ޓީޝާޓް ގަތުމެވެ. ހުރިހާ ބޮޑެތި މީހުންނަށް ނިދާ ހެދުން ގަތުމެވެ. މިއީ ވެސް ގޮތެކެވެ.
އެ މީހެއްގެ ވަރުން ހަދިޔާ ގަތުމާއި އެކަމާ ފަހުރުވެރިވުން
ދެރަ ހަދިޔާ އެއް ނޯންނާނެ އެވެ. ހަދިޔާ އެއް މޮޅުވަނީ އޭގެ އަގަކުން ނޫނެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ ކިތަންމެ އަގުބޮޑު ހަދިޔާއެއް ދިނަސް، އެ ހަދިޔާ ލިބުމުން އުފާވާނީ ހަމަ އެކަން ބަލައިގަންނަ މީހެއް ކަމެވެ. ފޯރާ މިންވަރުން ދޭ ހިތުން ދޭ ހަދިޔާއަކަށް ގަންނަ ހަދިޔާ ހަދައި އެކަން އާދައަކަށް ހެދުމަކީ ކުރެވިދާނެ ކަމެކެވެ. އޭރުން ހަދިޔާ ބަދަލުކުރުމުގެ ސަގާފަތް އެންމެންނަށް ބުރައަކަށް ނުވާނެ އެވެ.