3 Jan 2023

އެންމެ އަލި ގަދަކޮށް ރެދަން ފެންނަ ގޮތާއި އޭގެ ސައިންސް

By: Aminath Ibrahim

ބ އަތޮޅުގެ ރަށްތަކާއި ރ އަތޮޅުގެ ބައެއް ރަށްތަކުން މިދުވަސްވަރު ރެދަން ނުވަތަ ބައޯލުމިނެސެންސްގެ ހިތްގައިމުކަން އިންތިހާ ފެންނައިރު، އެހެން އަތޮޅުތަކުގެ ރަށްތަކުން ވެސް ރެދަން ފެނެ އެވެ. ހުޅުމާލޭގެ ފޭސް 2 ގެ މޫދުން ވެސް ކޮންމެވެސް ވަރަކަށް ރެދަން ފެނެ އެވެ.

ރެދަންލާ ގޮތާއި ބައެއް ރަށްރަށުން ރެދަން ނުފެންނަ ސަބަބު

ރާއްޖޭގެ މޫދު ދިރުންތައް ދިރާސާކުރާ "ސްމޯލް އައިލެންޑް" ރިސާޗް ގްރޫޕްގެ މެރިން ސައިންޓިސްޓް، އާޒިމް މުސްތާގް (ޒިމް) ރެދަން ލުމުގެ ފަހަތުގައިވާ ދެތިން ހަގީގަތް ހިއްސާކުރެއްވި އެވެ.

"ކޮންމެ އަހަރަކުވެސް ރެދަން މި ފެންނަނީ މޫދުގެ ވަޔާއި އޮވަރަށް އަންނަ ބަދަލެއްގެ ސަބަބުން އަޑީގައި ހުންނަ ފެންފަށަލަ މައްޗަށް އަރާގޮތް ވުމުގެ ސަބަބުންނެވެ. މިގޮތަށް މެދުވެރިވާ ވުމަށް އިނގިރޭސިބަހުން 'އަޕްވެލިން' އޭ ކިޔަ އެވެ. އަޕްވެލިން އެއް މެދުވެރިވާއިރު ނުވަތަ އަޑީގައި ހުންނަ ފެން މައްޗަށް އަރާ އިރު، އެއާ އެކު އަޑީގައި ދިރިއުޅޭ ލޮލަށް ރީތިކޮށް ނުފެންނަ ވަރުގެ ދިރޭ އެއްޗެހިތަކެއް ތިލަ ފަށަށް މަތިވެ އެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ދިރޭއެއްޗެހި ތަކަކީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، އެތަކެއްޗަށް ސިހުން ލިބޭ ކޮންމެ ފަހަރަކު ގަދަ ނޫކުލައިގެ އައްޔެއް ދޫކުރާ ދިރޭ އެއްޗެހި ތަކެކެވެ. މި ޒާތުގެ ދިރުންތައް އެއްކޮށް ގިނަ އަދަދަކަށް މޫދުގެ ތިލަފަށަށް ޖަމާވެފައި އޮންނަ އިރު އެތަކެތި ދޫކުރާ އައްޔަށް ދިވެހި ބަހުން "ރެދަން" ކިޔަ އެވެ."

އެހެންވީމަ، މިއީ މޫދުގެ ވަޔާއި އޮޔަށް އަންނަ ބަދަލެއްގެ ސަބަބުން މެދުވެރިވާ ކަމަކަށް ވާތީ، އެކި ފަހަރު އެކި ރަށްތަކުން ނުވަތަ އެކި ހިސާބުތަކުން ރެދަން ފެނުމުގެ ފުރުސަތު އޮވެ އެވެ.

ރެދަން އެންމެ ހިތްގައިމުކޮށް ފެންނާނީ ކޮންމެވެސް ވަރަކަށް ދިޔަވަރު ބޮޑުވެފައި އޮންނަ ވަގުތު ތަކުގައި ރާޅުޖަހާ ވަގުތު އެވެ. އަލިކޮށް އޮންނަ ބީޗް ތަކަށްވުރެ އަނދިރިކޮށް އޮންނައިރު ރެދަންގެ ހިތްގައިމުކަން ބޮޑަށް ފެންނާނެ އެވެ.

"މި މައިކްރޯ އޮގަނިޒަމްތައް އަލި ދޫކުރަނީ އެތަކެއްޗަށް އުނދަގުލެއް ނުވަތަ ސިހުމެއް އަންނަ ވަގުތު. މިސާލަކަށް، ރާޅެއް ޖަހާ ގަޑީގައި، ނުވަތަ މޫދު ތެރެއަށް އަތްލައި ތަޅުވާލާ ގަޑީގައި ނުވަތަ މަހެއް އެއްޗެއް ދުވެލާ ގަޑީގައި. މިއީ ދިފާއީ އުކުޅެއްގެ ގޮތުން މިބާވަތުގެ ދިރުންތައް އެތަކެތީގެ ޒާތުގައި ކުރާ ކަމެއް. އޭތި ކާލަން އެއަށްވުރެ ބޮޑު މަހެއް ނުވަތަ މޫދު ޖަނަވާރެއް އަންނަ ވަގުތު އެއަށް އޮޅުވާލުމުގެ ގޮތުން ދޫކުރާ އައްޔެއް ކަމަށް ބޮޑަށް ބެލެވެނީ." ޒިމް ތަފްސީލުކޮށްދެއްވި އެވެ.

ރެދަންލާފައި އޮންނައިރު މޫދަށް އެރިގެން ގެއްލުމެއް ވާނެތަ؟

ޒިމްގެ ނަޒަރުގައި ރާއްޖެއިން ފެންނަ ބައޮލުމިނެސެންޓް ޕްލެންކްޓަން އަކީ އިންސާނުންނަށް ގެއްލުންހުރި އެއްޗެއްކަން އެނގޭ ވަރުގެ ހެއްކެއް ނެތެވެ.

ނަމަވެސް، ވަޔާއި އޮއެ ގެ ދައުރުވުމަށް ބަދަލުތަކެއް އަންނަ ދުވަސްވަރަކަށް ވުމާއެކު، އާންމުކޮށް ރެދަން ފެންނަ ދުވަސްވަރު، މޫދުގައި އުޅޭ އެހެން ބާވަތްތަކުގެ ދިރޭތަކެތި ވެސް ތިލަފަށަށް އާދެ އެވެ.

މިސާލަކަށް، ތިލަ ފަރުތަކުގައި އުޅޭ ވިހަ ޖެލީފިޝް ވަރަށް ގިނައިން ރެދަން ފެންނަ ދުވަސްވަރު މޫދުން ފެންނަ ކަމަށް ޒިމް ވިދާޅުވި އެވެ. އަދި މި ނޫނަސް ކަށި ޖަހާ ނުވަތަ ވިހަ ހުންނަ ކުދިކުދި ދިރުން ތައް މި ޕްލޭންކްޓަންތަކާ އެކު އުޅުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނާތީ އެސަބަބަށްޓަކައި ރެދަންގެ ހިތްގައިމުކަމުގެ ތެރޭގައި ފެތުން ފަދަ ކަންކަން ކުރާއިރު އެކަން ހަނދާނުގައި ބެހެއްޓުމަކީ ރައްކާތެރި ގޮތެއް ކަމަށް ވިދާޅުވި އެވެ.

އެހެންވީމަ ރެދަން ލުމާ ގުޅިފައިވާ މާބޮޑު ކަންބޮޑުވުންތަކެއް ރާއްޖޭން ފެންނަކަން އަދި އެނގިފައެއް ނުވެ އެވެ. ވީމާ ރެދަންގެ ފޯރި ވެސް ނަގަންވީ އެވެ. އެކަމަކު ހަމުގެ ސެންސިޓިވިޓީއަށް ވިސްނުން މީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ބަހައްޓައިގެންނެވެ.

ރާއްޖޭގެ ރަށްތައް

Popular