31 Jan 2023

ސާވިކަލް ކެންސަރު: ފަރުވާކުޑަކޮށްފި ނަމަ ނުރައްކާ!

ސާވިކަލް ކެންސަރު: ފަރުވާކުޑަކޮށްފި ނަމަ ނުރައްކާ!

By: Asima Nizar

‏އަންހެނުންގެ މެދުގައި، މުޅި ދުނިޔޭގައި ވެސް ހަތަރު ވަނައަށް އެންމެ އާންމު ބާވަތުގެ ކެންސަރަކީ ސާވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެވެ. އެ ބައްޔަށް 2020 ވަނަ އަހަރު 604،000 މީހުން ދެނެގަނެވުނުއިރު، ސާވިކަލް ކެންސަރުގައި ހަމަ އެ އަހަރު 342،000 މީހުން މަރުވެފައިވެ އެވެ.

‏އެޗްއައިވީ ޖެހިފައިވާ އަންހެނުންނަށް ސާވިކަލް ކެންސަރު ޖެހުމުގެ ފުރުސަތު، އެޗްއައިވީ ނެތް އަންހެނުންނާ އަޅާބަލާއިރު ހަ ގުނަ އިތުރެވެ. އެހެންވެ، އެޗްޕީވީ އިން ދިފާއުވުމަށް ވެކްސިން ދިނުމާއި ސްކްރީންކޮށް ފަރުވާ ދިނުމަކީ ސާވިކަލް ކެންސަރުން އަވަހަށް ސަލާމަތްވެވޭނެ މަގެކެވެ.

‏ކޮމްޕްރެހެންސިވް ސާވައިކަލް ކެންސަރު ކޮންޓްރޯލް ކުރުމުގެ ތެރޭގައި ޕްރައިމަރީ ޕްރިވެންޝަން (އެޗްޕީވީ އިން ދިފާއުވުމަށް ވެކްސިން ދިނުން) އަދި ސެކަންޑަރީ ޕްރިވެންޝަން (ކެންސަރު ޖެހުމުގެ ކުރިން ހުރި ޒަހަމްތައް ސްކްރީންކޮށް ފަރުވާކުރުން) އަދި ޓާޝަރީ ޕްރިވެންޝަން (އިންވޭސިވް ސާވިކަލް ކެންސަރު ދެނެގަތުމާއި ފަރުވާކުރުން) އަދި ޕެލިއޭޓިވް ކެއާ ވަރަށް މުހިއްމެވެ.

‏ސާވިކަލް ކެންސަރު ޖެހޭ މީހުންގެ ތެރެއިން ފަސް ޕަސެންޓަކީ އެޗްއައިވީގެ ސަބަބުން ޖެހޭ ކެންސަރުތަކެވެ.

ތަރައްގީވެފައިވާ ގައުމުތަކުގައި އަންހެން ކުދިންނަށް އެޗްޕީވީ އިން ދިފާއުވުމަށް ވެކްސިން ޖެހުމާއި އަންހެނުންނަށް ގަވާއިދުން ސްކްރީންކޮށް އެކަށީގެންވާ ފަރުވާ ދެވޭނެ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. ސްކްރީން ކުރުމުގެ ސަބަބުން، ކެންސަރު ޖެހުމުގެ ކުރިން ލިބިފައި ހުރި ޒަހަމްތައް ފަސޭހައިން ދެނެގަނެވޭނެ އެވެ.

ރާއްޖޭގައި ވެސް ސްކޫލު އުމުރުގެ ކުދިންނަށް އެޗްޕީވީ ވެކްސިން ދެ އެވެ.

ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި މި ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ދޭ މިންވަރު މަދުވުމާއި ސާވިކަލް ކެންސަރު އިތުރަށް ކުރިއަރައި، އަލާމާތްތައް ފެންނަންދެން ގިނަ ފަހަރަށް ދެނެނުގަނެ މަޑުކުރެވެ އެވެ. މީގެ އިތުރުން ކެންސަރުގެ ޒަހަމްތަކަށް (މިސާލަކަށް ކެންސަރު ސާޖަރީ، ރޭޑިއޯތެރަޕީ އަދި ކީމޯތެރަޕީ) ފަރުވާ ލިބުން މަދުވުމުގެ ސަބަބުން އެ ގައުމުތަކުގައި ސާވިކަލް ކެންސަރު ޖެހިގެން މަރުވާ ނިސްބަތް އިތުރުވެދާނެ އެވެ.

އެޗްޕީވީ އަދި ސާވިކަލް ކެންސަރު

ސާވިކަލް ކެންސަރު ޖެހުމުގެ އެންމެ ބޮޑު އެއް ދައުރެއް އަދާކުރަނީ ހިއުމަން ޕެޕިލޯމާވައިރަސް (އެޗްޕީވީ) އެވެ.

އެޗްޕީވީ އަކީ ދަރިމައިވުމުގެ ނިޒާމުގެ ވައިރަލް އިންފެކްޝަނެވެ. ޖިންސީ ގޮތުން ހަރަކާތްތެރިވާ ގިނަ އަންހެނުންނާއި ފިރިހެނުންނަށް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އެ ބަލި ޖެހި، ބައެއް މީހުންނަށް ތަކުރާރުކޮށް ބަލި ޖެހިދާނެ އެވެ.

ބަލި ޖެހިފައިވާ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުން އެ ބަލިން ސަލާމަތްވެ އެވެ.

ސާވިކަލް ކެންސަރަކީ އެންމެ ގިނައިން އެޗްޕީވީއާ ގުޅުންހުރި ބައްޔެވެ.

އެޗްޕީވީ ގިނަ އިންފެކްޝަންތައް އަމިއްލައަށް ސާފުވެ، ކެންސަރު ޖެހުމުގެ ކުރިން އަމިއްލައަށް ރަނގަޅުވިޔަސް އެޗްޕީވީ އިންފެކްޝަން ދާއިމީވެ، ކެންސަރު ޖެހުމުގެ ކުރިން ހުރި ޒަހަމްތައް އިންވޭސިވް ސާވިކަލް ކެންސަރަށް ދިއުމުގެ ފުރުސަތު ހުރިހާ އަންހެނުންނަށްވެސް އެބައޮތެވެ.

‏އާދައިގެ ދިފާއީ ނިޒާމު ހުންނަ އަންހެނުންގެ ހަށިގަނޑުގައި ސާވިކަލް ކެންސަރު އުފެދުމަށް 15-20 އަހަރާ ދެމެދުގެ މުއްދަތެއް ނަގަ އެވެ. ފަރުވާ ނުލިބޭ އެޗްއައިވީ އިންފެކްޝަން ހުންނަ މީހުން ފަދަ ދިފާއީ ނިޒާމު ބަލިކަށި އަންހެނުންނަށް މިކަމަށް ނަގާނީ 5-10 އަހަރާ ދެމެދުގެ މުއްދަތެކެވެ.

އެޗްޕީވީ ވެކްސިން

ޑަބްލިއުއެޗްއޯއިން ޕްރީކޮލިފައިކޮށްފައިވާ ހަތަރު ވެކްސިނެއް މި ވަގުތު ދެ އެވެ. އެ ހުރިހާ ވެކްސިނަކީ ވެސް އެޗްޕީވީ ޓައިޕް 16 އަދި 18 އިން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. މި ވެކްސިންތަކުގެ ސަބަބުން ސާވިކަލް ކެންސަރު ޖެހުމުގެ ފުރުސަތު 70 ޕަސެންޓު ކުޑަކޮށްދެ އެވެ.

9-ވެލެންޓް ވެކްސިނަކީ އިތުރު 5 އޮންކޯޖެނިކް އެޗްޕީވީ ބާވަތުން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. މީގެ ތެރެއިން ދެ ވެކްސިނަކީ އެޗްޕީވީ ޓައިޕް 6 އަދި 11 އިން ވެސް ރައްކާތެރިކޮށްދޭ ވެކްސިނެކެވެ.

ކްލިނިކަލް ޓްރަޔަލްތަކާއި ޕޯސްޓް މާކެޓިން ސަވައިލަންސް އިން ދައްކާ ގޮތުގައި އެޗްޕީވީ ވެކްސިނަކީ އެޗްޕީވީ އިންފެކްޝަން، ހައި ގްރޭޑް ޕްރީކެންސަރަސް ޒަހަމްތަކާއި އިންވޭސިވް ކެންސަރު (3) ޖެހިފައިވާ އިންފެކްޝަންތަކުން ރައްކާތެރިވުމަށް ރައްކާތެރި އަދި ހަރުދަނާ ވެކްސިނެކެވެ.

އެޗްޕީވީ ވެކްސިން އެންމެ ރަނގަޅަށް މަސައްކަތްކުރަނީ އެޗްޕީވީ އަށް ހުށަހެޅުމުގެ ކުރިން ދީފިނަމަ އެވެ. އެހެންކަމުން ސާވިކަލް ކެންސަރުން ރައްކާތެރިވުމަށް ޑަބްލިއުއެޗްއޯއިން ލަފާދެނީ އުމުރުން 9 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް މި ވެކްސިން ދިނުމަށެވެ.

* މައުލޫމާތު: ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެބްސައިޓުން

އަންހެނުން ކެންސަރު

Popular