5 Mar 2023

ސިނގިރޭޓު ދުމާއި ހައްޕުނޑު އަދި ހުތުރު އެތައް ކަމެއް

By: Aminath Ibrahim

ވެއްޓެއް އޭގެ ޒާތުގައި ގޯހެއް ނުވާނެ އެވެ. އުޅޭތަން "ޓޮކްސިކް" ތަނަކަށް ބަދަލުވަނީ އެތަނެއްގައި ދިރިއުޅޭ މީހުންގެ ސަބަބުންނެވެ. ގަވާއިދުތަކަށް ބޯނުލެނބުމާއި ތިމާ ނޫން އެހެންމީހުންނާ މެދު ނުވިސްނުމުގެ އާދަ ގެންގުޅެން ފެށުމުން މާހައުލު ތަޣައްޔަރުވެ، ދިރިއުޅޭ އެންމެންނަށް ބޮޑު ވޭނަކަށް އެތަނެއް ވެދާނެ އެވެ.

މި ހިމަނާލަނީ ވެރިރަށް މާލެއިން ފެންނަ "ޓޮކްސިކް" ބައެއް ކަންކަމެވެ. ހިތްހަމަޖެހުމާ ދުރު، ހާސްކަން ބޮޑު މަގުތަކަކަށް މާލޭގެ މަގުތައް ވެގެން ދިއުމަށް މެދުވެރިވާ ކަންކަމެވެ. ހާއްސަކޮށް، ކުޑަކުދިންނަށް ރައްކާތެރި ނޫން، ބިރުވެރި މާހައުލަކަށް މާލެ ވެފައިވާ ބައެއް ސަބަބުތަކެވެ. މިކަންކަމާ މެދު ވިސްނާލައި، އެންމެންނަށް އުޅެވޭ ސިޓީއަކަށް މާލެ ހެދުމަށް ރަނގަޅުކޮށްލަންވީ ބައެއް ކަންތައްތަކެވެ.

ސިނގިރޭޓުގެ އުނދަގޫ އެންމެންނަށް ޖައްސާކަށް ނުޖެހޭ

ސިނގިރޭޓަކީ ސިއްހަތަށް ކިހާ ނުރައްކާތެރި އެއްޗެއް ކަމާއި އޭގެ ދުމުން އެހެން މީހުންނަށް ވެސް ސިއްހީ ގެއްލުންތައް ކުރިމަތިކުރާ އެއްޗެއްކަން މިހާރު އެންމެންނަށް އެނގޭނެ އެވެ. އެހެންވެ، މި ވިޔާނުދާ އާދަ ދޫނުކޮށް، އަދިވެސް މިކަންކުރާ މީހުންނަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ، އެމީހުން ބޯ ދުމުގެ ސަބަބުން އެހެން މީހުންނަށް އުނދަގޫ ނުފޯރާ ގޮތަށް އެކަން ކުރުމެވެ. ކުޑަކުދިންނާ ގާތުގައި ސިނގިރޭޓު ނުބުއިމެވެ. މަގުމަތިން ހިނގާފައި ދާއިރު ސިނގިރޭޓު ނުބުއިމެވެ. ގިނަ މީހުން އެއްވެގެން އުޅޭ ތަންތަނުގައި ދުން އަރުވަން ނުތިބުމެވެ.

ދުމާއި، ސިނގިރޭޓުގެ ވަހުން ބައެއް މީހުންނަށް ނޭވާ ހިއްލުމާއި ކިނބިހި އެޅުމާއި ބޯއެނބުރުން ފަދަ ކަންކަން ވެސް ކުރިމަތިވެ އެވެ.

މަގު ހުރަސްކުރަން ވަކި ތަނެއް، މަޑުޖެހިލުމެއް ނެެތް

މަގުމަތީގައި އުޅޭ މީހުންނާ މެދު ވިސްނަންވާނީ ދުއްވާ މީހުން އެކަންޏެއް ނޫނެވެ. ހިނގާފައި އުޅޭ މީހުން ދުއްވާ އެއްޗެހީގައި އުޅޭ މީހުންނާ މެދު ވެސް ވިސްނަންވާނެ އެވެ.

ދުވާރުމަތިން ހިނގާފައި އަންނަ ބާރުމިނުގައި އައިސް މަގު ހުރަސްކުރަން އުޅެފި ނަމަ ދުއްވާފައި އަންނަ މީހަކަށް ކުއްލިއަކަށް ކޮންޓްރޯލްކުރަން އުނދަގޫވާނެ އެވެ. ކަފިހި ހުރަސް މަތިން މަގު ހުރަސްކުރިޔަސް ހުރަސް ކުރުމުގެ ކުރިން މަޑުކޮށްލާފައި ދެކޮޅު ބަލާލުމަކީ ވިސްނުންތެރި، ރައްކާތެރި ގޮތެވެ.

ޖަހާ ކުޅާއި ހައްޕުޑުން ހަޑިކުރަނީ މުޅި ތަން

ކުޅަކީ ނަޖިހެކެވެ. ބަލި ފަތުރާ އެއްޗެކެވެ. މަގުމައްޗަށް ކުޅުޖެހުމުން ތަން މުޑުދާރުވުން އެކަންޏެއް ނޫނެވެ. ހިނގާ މީހުންނަށް ފައިން އެރި، ގައިގައި ހޭކި، ބަލި ފެތުރޭލެއް ގިނަވެ، މިކަހަލަ ކިތަންމެ ތުރާލެކެވެ.

ދުފައި ނިމިގެން ބެލްކަނީގައި ހުރެ، ނުވަތަ ހޮޓަލުން ނިކުމެ ދުވާރު މައްޗަށް ހައްޕުޑު ބުރުވާލުމުން ކައިރީގައި ޕާކު ކޮށްފައި ހުންނަ ސައިކަލުތަކުގައި ވެސް އޮންނަނީ އެޔެވެ. އަމިއްލަ ސައިކަލަށް ނުވަތަ މުދަލަށް މީހަކު ކުޅު ޖެހުމަށް ނޭދެމެެއް ނޫންހެއްޔެވެ؟ ހަމަ އެގޮތަށް އެހެންމީހުން ވެސް ނޭދޭނެކަން ވިސްނާލަންވާނެ އެވެ.

ޑަސްބިން ހުންނާނީ ނަމަކަށް

މިއީ، އުޅެ އުޅެ ދަސްނުވި، އާދަ ނުވި ކަމެކޭ ހީވެއެވެ. ސިކުންތުކޮޅަކުން ހިނގާފައި ދެވޭ ހިސާބުގައި ހުންނަ ޑަސްބިނަށް ވެސް ކުނިކޮޅު ލާން ދާނެ ހިތްވަރެއް އަހަރެމެންގެ ނެތެވެ. ރަސްފަންނަށް ގޮސްފައި ޖޫގޯ ބޯ ތައްޓާއި ކަންމަތީ ސްޓޯލަކަށް ގޮސްފައި ކޮފީ ބޯ ކަރުދާސް ތަށި ވެސް އެއްލާލަނީ ބޮއެ ނިމޭއިރު އެ ހުރި ތަނަކަށެވެ.

ކުނީގެ ހާއްޔަކަށް ވެފައި އޮތް އިންޑަސްޓްރިއަލް ޒޯނުގެ ވާހަކަ ރަނގަޅީ ނުދެއްކުމެވެ.

ބޭނުން ތާކު ޕާކުކުރެވޭނެ ކަމަށް ހީނުކުރާތި

ވެހިކަލްގައި އަންނަ ގޮތަށް އައިސް ޕާކުކުރަން ޖެހެނީ އެ އައި ތަނަކާ އެންމެ ކައިރީގައެވެ. ނުވަތަ ދިމާ ކުރިމަތީގަ އެވެ. މިގޮތަށް ގަބޫލުކުރާތީ ޕާކު ކުރަން ވަކި ތަނެއް ނޯވެ އެވެ. ގަރާޖެއް ވިޔަސް، ގެއަކަށް ވަންނަ ދޮރާއްޓަކަސް، ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހަދާފައިހުންނަ ރޭމްޕު މަތީގައި ވެސް ޕާކުކޮށްފައި ވަންނަން ވަރިހަމަ އެވެ.

އެކަމަކު ވިސްނަންވީ ހަމައެކަނި ތިމާއަށް ފަސޭހަވާނެ ގޮތެއް ނޫނެވެ.

ބަރުގޮނު ނާޅަންޏާ ދެން ނުދެވޭނީތަ؟

މާލެއަކީ އަޑުގަދަ ސިޓީ އެކެވެ. ތޮއްޖެހިފައި މި އޮތް ހައެއްކަ ކިލޯމީޓަރުގެ ބިންކޮޅުން މެދުނުކެނޑި އިވޭ ކޮންސްޓަރަކްޝަން މަސައްކަތްތަކުގެ އަޑުފަށްގަނޑަށް އިތުރުވަނީ މާލޭގެ ޓްރެފިކްގެ އަޑެވެ. މަގެއްގައި މިނިޓެއް މަޑުކުރަންޖެހުނަސް، ކެތް މަދުވެފައި ތިބޭ ކާރުތަކާއި ސައިކަލުތަކުން ކަންފަތަށް ނުކުޅަދާނަ ވަރަށް ބަރުގޮނު އަޅަ އެވެ.

ބައެއް ގައުމުތަކުގައި ބަރުގޮނު އެޅުމަކީ މީހުން ރުޅި އަންނަ، ހުތުރު އާދައެކެވެ. ޔޫރަޕްގެ ބައެއް ގައުމުތަކާއި ޖަޕާނު ފަދަ ގައުމުތަކުގަ އެވެ. ތޮއްޖެހިފައިވާ ތައިލެންޑްގެ ބެންކޮކުން ވެސް ފެންނަ އެންމެ ހައިރާންކުރުވަނިވި އާދައަކީ ޓްރެފިކްގައި މީހުން ދައްކާ ކެތްތެރިކަމެވެ.

ހުތުރު ބަހުން ވާހަކަ ދައްކާއިރު ކުދިން ތިބެނީ އަޑު އަހަން

މަގުމައްޗަކީ އެންމެން އުޅޭ ތަނެވެ. އެންމެ ކުޑަކުދިންނާއި ހަރުމީހުންނެވެ. ހަނދާން ނެތެނީ މިކަމެވެ. ސައިކަލުގައި ނުވަތަ ހިނގާފައި ދެމީހަކު ދާއިރު ދައްކާ ވާހަކަ ކިތަންމެ ބަޔަކަށް އަޑު އިވޭނެ އެވެ. ކުޑަކުދިން ވެސް ހިމެނިގެންނެވެ.

ކުދިންނަށް ރައްކާތެރި، ރަނގަޅު މާހައުލެއް ގެއާއި ގެއިން ބޭރުގައި ހޯދައިދޭން ބޭނުންވާ ނަމަ މިކަހަލަ ކަންކަމާމެދު ވިސްނަންވާނެ އެވެ.

ބެލްކަނިން ވެއްޓޭ ކޮންމެ އެއްޗަކީ މަގަށް ވެއްޓޭ އެއްޗެއްކަމެއް ނޭނގޭ

ބެލްކަނީގައި ހުންނަ ގަހަކަށް ފެން ދިނަސް، ރޯނެއްގައި ހެދުން ހިއްކަން އެޅުވިޔަސް، ނުވަތަ ބެލްކަނީގައި ހުރެފައި ކުޅެއް ޖެހިޔަސް، މަގާ ދިމާލަށް ހުރިއްޔާ އެއީ މަގަށް ވެއްޓޭ އެއްޗެކެވެ. އެގޮތުން ވިސްނާނަމަ، އެކަހަލަ ކޮންމެ ވަގުތެއްގައި ކޮންމެވެސް މީހަކަށް އެ ދެވެނީ އުނދަގުލެކެވެ.

ބައެއް ފަހަރަށް ކުދި ކުދި ކަންކަމޭ ހީވިޔަސް، އެތައް ބައިވަރު މީހުން އެއްކޮށް ޖެހި ފިތިގެން އުޅޭއިރު، މިފަދަ އާދަތައް އާންމުވާން ފަށައިފިނަމަ އަބަދުވެސް ކޮންމެވެސް ބަޔަކު އުޅޭނީ ކޮންމެވެސް ކަހަލަ އުނދަގުލެއްގަ އެވެ.

އެހެންވީމަ، މި ހިމަނާލީ މާލޭގައި އުޅޭ އިރު ތަޖުރިބާކުރެވޭ ޓޮކްސިކް ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަމެވެ. މިކަހަލަ އެތައް ކަމެއް ތަޖުރިބާކުރެވިފައިވާނެ އެވެ. މި ލިސްޓަށް އިރުކޮށްލާނެ ކަމެއް އެބައޮތް ހެއްޔެވެ؟

Popular