23 May 2023

ދަރިފުޅު ދާނެ ޕްރީސްކޫލެއް ނިންމާއިރު ބަލަންވީ މި ކަންކަމަށް

ދަރިފުޅު ދާނެ ޕްރީސްކޫލެއް ނިންމާއިރު ބަލަންވީ މި ކަންކަމަށް

By: Aishath Mihna Nasih

މިއޮތީ އަނެއްކާވެސް އަހަރުގެ މި ދުވަސްވަރާ ޖެހިފަ އެވެ. ތައުލީމީ އާ އަހަރަށް ތައްޔާރުވާން ފަށަންޖެހިފައެވެ. އަހަރެމެންގެ ތައުލީމީ ނިޒާމުގައި އެންމެ ފުރަތަމަ ކުއްޖާ ސްކޫލަށްދަނީ އުމުރުން ދެ އަހަރު ފުރުމުންނެވެ. މިހެން ބުނެލަން އަދި ކިތަންމެ ފަސޭހައަސް، ދަރިފުޅު ވައްދާނެ ސްކޫލެއް އިހްތިޔާރުކުރުމަކީ ހީކުރާވަރަށްބޮޑަށް ބޯގާނަންޖެހޭ ކަމެކެވެ.

މި ހިމަނާލަނީ ތި މަޝްވަރާއަށް ފަސޭހަވެދާނެ ދެތިން ކަމެކެވެ.

ބަޖެޓް

ސަރުކާރުން ހިލޭ ތައުލީމުދޭން ފަށަނީ ޖޭކޭޖީއިންނެވެ. އެހެންވެ ޕްރީކޭ، ނުވަތަ ބޭބީ ނާސަރީ އާއި ނާސަރީގެ ކްލާސްތަކަށް ފީ ދައްކަން މިޖެހެނީ އަމިއްލައަށެވެ. އެހެންކަމުން ދަރިފުޅު ދާނެ ސްކޫލެއް ނިންމުމުގައި އެ މީހެއްގެ ބަޖެޓަށް ފެތޭ ސްކޫލްތަކެއް ފުރަތަމަ ލިސްޓުކޮށްލުން ބުއްދިވެރިއެވެ. ބައެއް ސްކޫލްތަކުގެ އަގުތަށް 600ރ. ގައި ހުންނައިރު، މި އަދަދު 1،000 އާއި 2،000ރ. އާ ދެމެދަށް ވެސް އަރައެވެ. އަދި އެއްކުއްޖަކަށްވުރެ ގިނަ ކުދިން ތިބޭ ނަމަ ސިބްލިން ޑިސްކައުންޓް ލިބޭތޯ ޔަގީންކޮށްލަންވާނެ އެވެ.

ސްކޫލްގެ ކިޔަވައިދިނުން

އެކި ސްކޫލްތަކުގައި ހާއްސަކޮށް ހަގުއުމުރުފުރާތަކުގެ ކުދިންނަށް ކިޔަވައިދިނުމުގައި ތަފާތު ވައްޓަފާޅި ބޭނުންކުރެ އެވެ. މިގޮތުން ބައެއް ސްކޫލްތަކަކީ ވަރަށް ގިނަ ކުޅިވަރާއި އިތުރު ހަރަކާތްތަކުގެ ތެރެއިން ތައުލީމު ދޭ ސްކޫލްތަކެވެ. އަނެއްބައި ސްކޫލްތަކަކީ ވަރަށްބޮޑަށް އިސްލާމީ ސިފަތަކާއި އާދަތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުން ބައްޓަންކުރާ ސްކޫލްތަކެވެ. ދެން ހުންނަ ސްކޫލްތަކަކީ އިތުރު ހަރަކާތްތަކާއިއެކު ކިޔަވައިދިނުމާއި، ތައުލީމީ ހަރަކާތްތަކަށް ތަންކޮޅެއް ބޮޑަށް އަމާޒުކުރާ ސްކޫލްތަކެވެ. އެހެންކަމުން ތިމާގެ ދަރިފުޅު ބޮޑަށް ގަޔާވާނީ، ކޮންކަހަލަ ކަންކަމަކަށްތޯ އަދި ތިމާ ދަރިފުޅުގެ ކިޔެވުން ބައްޓަންކުރަން ބޭނުންވަނީ ކޮންގޮތަކަށްތޯ މިކަމުގައި ވިސްނާލުން މުހިންމެވެ.

ސްކޫލް މާހައުލު

ދަރިފުޅު އަލަށް ސްކޫލަކަށްދާއިރު، އެތަނަކީ ކުއްޖާ ގަޔާވާނެ އަދި ހެދިބޮޑުވުމަށް ހެޔޮ އަސަރުތަކެއް ކުރާނެ ތަނެއްތޯ ޔަގީންކުރުން ވަރަށް މުހިންމެވެ. ހާއްސަކޮށް މި އުމުރުފުރާގައި ކިޔެވުމަށްވުރެ ބޮޑަށް ސަމާލުކަންދެވޭނީ ކުއްޖާގެ އިޖްތިމާއީ، ޖިސްމާނީ، ނަފްސާނީ އަދި ވިސްނުންތަނަވަސްކޮށްދޭ އެކިއެކި ހުނަރާއި އުކުޅުތައް ދަސްކޮށްދިނުމަށެވެ. އެހެންކަމުން މިކަންކަމަށް ފަހި އަދި ދަރިފުޅު ގަޔާވާނެކަހަލަ މާހައުލެއް ގާއިމްކޮށްދެވޭނެފަދަ ސްކޫލެއް އިހްތިޔާރުކުރެވޭތޯ ބަލަންވާނެއެވެ.

ގެ އާ ކައިރިވުން މުހިންމުތަ؟

ގިނަފަހަރަށް އަހަރެމެންނަށް އަބަދުވެސް އިހްތިޔާރުކުރެވެނީ ގެޔާ ކައިރި ސްކޫލެކެވެ. ފަހަރެއްގައި އެމީހެއްގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން މިއީ ވަރަށް މުހިންމުކަމަކަށްވެދާނެއެވެ. އެކަމުގައި އިތުރު މައްސަލައެއް ނެތެވެ. ނަމަވެސް، ދުވަހެއްގެ އެންމެ ދެ ގަޑިއިރަށް ނޫނީ ތިންގަޑިއިރަށް ދަރިފުޅު ގެއިން ބޭރުގައި މި ހޭދަކުރަންދާ ވަގުތުކޮޅުގައި މުހިންމީ ކޮލިޓީ ވަގުތުކޮޅެއް ހޯދާ ދެވުންތޯ ނޫނީ ފަސޭހަ ގޮތްތޯ ނިންމާނީ އެމީހެކެވެ. މި ނޫނަސް، ސްކޫލްގައި ބާއްވާ އިތުރު ހަރަކާތްތަކާއި، ސްކޫލްގެ މުދައްރިސުންގެ ތަޖުރިބާއަކީވެސް ބަލާލުން މުހިންމުކަންކަމެވެ. މިކަމުގައި އެންމެ މުހިންމީ ކުދިންގެ ބެލެނިވެރިން އެކުގައި މަޝްވަރާކޮށް ދެމީހުންނަށާއި ދަރިފުޅަށް އެންމެ ރަނގަޅުތަނެއް އިހްތިޔާރުކުރުމެވެ.

ދަރިން ތަރުބިއްޔަތުކުރުން ޕްރީސްކޫލް

Popular