6 Jul 2023

ޗުއްޓީއަށް މިސް ޔޫލީގެ އިނގިރޭސި ފިލާވަޅެއް

By: Aishath Mihna Nasih

ކުދިންގެ ކިޔެވުން މިހާރު ފެށެނީ ކީ ސްޓޭޖްތަކާ ހިސާބުންނެވެ. ތަފާތު ބަސްތައް ދަސްކުރަން އަދި އެކި ބަސްތަކަށް މޮޅުވާން އެންމެ ބޮޑަށް މަސައްކަތްކުރަންޖެހޭ އުމުރަކީ ވެސް ހަމަ މި އެވެ. މިހާ ބޮޑު ޗުއްޓީއެއް ހަމައެކަނި ކުޅުމާއި ސަކަރާތުގައި ދޫނުކޮށް، ކޮންމެވެސް ވަރަކަށް ކިޔެވުމުގެ ކަންކަން ވެސް ހިމަނާލުމަކީ ގޯހެއް ނޫނެވެ.

އެހެންވެ، މި ޗުއްޓީގައި ގޭގައި ތިބެގެން ކުދިންގެ އިނގިރޭސި ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ފަސް ކަމެއް، މަގުބޫލު އިނގިރޭސި ޓީޗަރު އާއިޝަތު ޔޫލިއާ ހަލީމް (މިސް ޔޫލި) ގާތު އަހައިލީމެވެ.

ގިނަ ބަޔަކަށް މިސް ޔޫލިި އެނގޭނީ ސްޕެލިން ބީ މުބާރާތުންނެވެ. އޭނާއަކީ މިހާރު ވެސް ސްޕެލިންގް ބީ މުބާރާތުގެ ޖަޖް އަދި ޕްރަނައުންސާ އެވެ. އެކަމަކު މި ވަގުތުވެސް ވިލާ ކޮލެޖްގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަންގެ ކޯޕަރޭޓް ޓްރެއިނިންގެ ޕާޓް ޓައިމް ލެކްޗަރާކަން ކުރަމުންގެންދާ ޔޫލީ އަކީ މެދުނުކެނޑި، 15 އަހަރު ކުރިން ފެށިގެން ކިޔަަވައިދެމުން އަންނަ ތަޖުރިބާކާރު މޮޅު ޓީޗަރެކެވެ. ދަރިވަރުންގެ ފޭވަރިޓެކެވެ.

ކިޔެވުމުގައި ބޭނުންކުރާ އެކި އުކުޅުތަކަކީ ކޮންމެ އުމުރުފުރައަކާ ވެސް އެކަށޭނަހެން ތަފާތުވާ ކަމަކަށްވާއިރު، މިފަހަރު އަހަރެމެން މި ހާއްސަކޮށްލަނީ ކީ ސްޓޭޖް އެކެއްގެ ދަރިވަރުންނަށެވެ.

ވާހަކަ ކިޔުން

ޔޫލި މިސް ބުނާ ގޮތުން މި އުމުރަކީ ގިނަ ކުދިން އަމިއްލަ އަށް ކިޔަވަން ދަސްކުރާ އުމުރެވެ. އެހެންވެ މި ޗުއްޓީގައި މި ކުދިން ކުރަން އެންމެ ރަނގަޅު ކަމަކީ ވަގުތު ހޯދައިގެން ވާހަކަ ކިޔުމެވެ. ވާހަކަ ކިޔުމުގައި އެ ކުދިންގެ ލެވެލްގެ ވާހަކަ ފޮތްތަކެއް އިހްތިޔާރުކުރުން ވަރަށް މުހިންމެވެ.

"ގްރޭޑް 1 ނިމުމާ އެކު، ބަސް ބޭނުންކުރާ މިންވަރު އެބަ އިތުރުވޭ. ޖުމްލަ ހަދާވަރާއި، ބޭނުންކުރާ ލަފްޒުތައް ވެސް އެބަ އިތުރުވޭ. އެހެންވީމާ ޗެޕްޓާސް ހުންނަ ފޮތްތަކެއް ނޫނީ ސީރިޒް ހުންނަ ފޮތެއް ޚިޔާރުކުރުން މުހިންމު. ހާއްސަކޮށް ގްރޭޑް 3 ނަމަ، ސްޓޯރީ ލައިނެއް ކުރިއަށްދާ ގޮތް ކުދިންނަށް އެނގިފައިހުރުން މުހިންމު،" ޔޫލީ ބުންޏެވެ.

އެހެންވެ އެ ކުއްޖަކު ޝައުގުވެރިވާ ކަހަލަ ޖޯންރާއެއްގެ ފޮތްތަކެއް އޮންލައިންކޮށް ނަމަވެސް ހޯދައިގެން ޗުއްޓީގައި ކިޔާލުމަކީ ކުރިއަށްއޮތް ގްރޭޑަށް ތައްޔާރުވުމަށް އަދި ހާއްސަކޮށް އިނގިރޭސި ފެންވަރު ރަނގަޅުކުރުމަށް ކުރަންވީ އެންމެ މުހިންމު ކަންތައް ކަމަށް ޔޫލީ މިސް ބުންޏެވެ.

ކިޔަންވީ ވާހަކަ އެކަންޏެއް ނޫން

ބައެއް ކުދިންނަކީ އެއްވެސް ވަރަކަށް ވާހަކަ ކިޔާ ހިތްވާ ކުދިންނެއް ނޫނެވެ. އަދި ބައެއް ފަހަރު ކުދިންނަށް ކިޔަންދެވެނީ މުޅިން ވެސް ވާހަކަ އެވެ. މީގެ ބަދަލުގައި މައުލޫމާތު ލިބޭ ތަފާތު އެކި އާޓިކަލްތަކާއި އުމުރާ ގުޅޭހެން އެކިކަހަލަ ނޫސް ނުވަތަ މެގަޒިން އާޓިކަލްތަކެއް ވެސް ކުދިންނަށް ދައްކައި ކިޔުއްވުން މުހިންމުކަމަށް މިސް ޔޫލި ބުންޏެވެ. އަދި ހާއްސަކޮށް ގިނަ ވަގުތު އޮންލައިންކޮށް ކުދިން ހޭދަކުރާއިރު، މިފަދަ ތަކެއްޗަކީ ފަސޭހައިން ލިބެން ހުންނަ ތަކެތިކަން ވެސް އޭނާ ފާހަގަކުރި އެވެ. އެހެންކަމުން، ލިޔުންތެރިކަމުގެ ތަފާތު ބާވަތްތައް ކަމަށްވާ ޅެން ފަދަ ތަކެތި ވެސް ކުދިންނަށް ދައްކައި ކިޔުއްވައި އަހުލުވެރިކުރެވިދާނެކަމަށް އޭނާ ބުންޏެވެ.

ލިޔުން

މި ލިސްޓުގައި ދެން ހިމާނަލަންވީ ކަމަކީ ލިޔުމެވެ. އެކި ކަންކަމާއި ބެހޭގޮތުން ޖުމްލަ ހަދައި، ޕެރެގްރާފް ލިޔުން ނުވަތަ ޖޯނަލް ލިޔުމަކީ ވެސް ކުރެވިދާނެކަމެކެވެ. އަދި މިކަން އިތުރަށް ޝައުގުވެރިކުރުމުގެ ގޮތުން، ފޮޓޯ ނަގައި، އެ ފޮޓޯއާ އެކު އެ ދުވަހަކު ކުރިކަންކަމާ ބެހޭ ގޮތުންވެސް ލިޔެވިދާނެ އެވެ. އަދި ކޮންމެފަހަރަކު އަތުން ލިޔުމުގެ ބަދަލުގައި، ޑިޖިޓަލްކޮށް މިކަން ކުރުމަކީ ވެސް ކުދިންނަށް ޝައުގުވެރި އަދި މަޖާގޮތަކަށް މިކަން ކުރަން އެހީވެދޭނެކަމެކެވެ. ސަމާލުކަންދޭންވީ ތަފާތު ލެންގުއޭޖް ބޭނުންކުރުމެވެ. އާ ބަސްތަކާއި، ތަފާތު ބަސްތައް ބޭނުންކޮށްގެން ޖުމްލަތައް ހެދުމެވެ.

"އަބަދުވެސް ބުނަން ކުދިން ކައިރި އަބަދު އެއް ލަފްުޒުތަކެއް ބޭނުން ނުކުރަން. އަބަދު 'ގުޑް' މި ބަސް ބޭނުންކުރެވޭ ނަމަ ތަފާތު ކޮށްލަން ވަންޑަފުލް، ގްރޭޓް، ފެންޓާސްޓިކް ފަދަ ސިނޮނިމްތައް ހޯދައިގެން ބޭނުންކުރެވިދާނެ،" މިސް ޔޫލި ބުންޏެވެ.

ބަސްކޮށާރު މުއްސަނދިކުރުން

މިކަން ކުރެވޭނެ ފުރަތަމަ ގޮތަކީ ވާހަކަ ކިޔުމެވެ. ދެން އަނެއްގޮތަކީ ޑިކްޝަނަރީ ނުވަތަ ތެސޯރަސްއެއް ނަގައިގެން ހޯދުމެވެ. މިއީ ޔޫލީ މިސް ބުނާ ގޮތުން އަދިވެސް އޭނާ އަމިއްލައަށް ވެސް ކުރާ ކަމެކެވެ.

"މިސާލަކަށް ގާބޭޖް، މި ލަފްޒުގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ބަސްތަކެއް ހޯދަނީ، ޓްރޭޝް، ލިޓާ... މިކަހަލަ ކޮމްޕެލްކްސް އަދި ޓޫ ސިލަބަލް ލަފްޒުތަކާއި ޕްރެފިކްސްސަސް، ސަފިކްސަސް އާއި އިރެގިއުލާ ސްޕެލިންގްތައް ހޯދައިގެން ގޭގައި ކުދި ކުއިޒްތައް ވެސް ކުޅެވިދާނެ އެއްފުރައެއްގެ ކުދިންނާ އެކު."

ހަމައެޔާ އެކު މިއީ ޗުއްޓީ ދުވަސްވަރު ކަމަށް ވާތީ ގޭގައި ކުދިވެރިން އެއްކޮށްގެން އެންމެން އެއްކޮށް، ސްކްރެބްލް، ޕިކްޝަނަރީ ފަދަ ގޭމްތައް ކުޅުމަކީ ވެސް ކުދިންގެ ބަސްކޮށާރު އިތުރަށް މުއްސަނދުކޮށްދީ އާ ލަފްޒުތަކެއް ދަސްކުރުމަށްޓަކައި ކުރެވިދާނެކަމެއްކަމަށް ޔޫލީ ބުންޏެވެ.

ރިވައިސްކުރުން

މި އުމުރަކީ ކުދިން އަމިއްލައަށް، އެހެން މީހެއްގެ އެހީއާ ނުލައި އުނގެނެން ދަސްކުރާ އުމުރަށްވުމުން، އެ ފުރުސަތު ކުދިންނަށްދިނުމަކީ ވަރަށް މުހިންމުކަމެކެވެ. ޑިޖިޓަލް ޓޫލްތައް ބޭނުންކޮށްގެން ނަމަވެސް އަމިއްލައަށް ކުދިކުދި ބުކްލެޓް ހަދައި އާއިލާއާ ހިއްސާކުރުން ފަދަ ކަންކަން ކުރުމަކީ ކުދިން ފޫހިފިލައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަ ކުރުމަށް ކުރެވިދާނެ މުހިންމުކަމެކެވެ. އަދި އިތުރު އެހީ ބޭނުންވާ ކުއްޖެއް ނަމަ، ކުރިއަށް އޮތް ގްރޭޑަށް ތައްޔާރުވުމުގެ ގޮތުން، އެ ގްރޭޑްގެ ފޮތްތައް ހޯދައި، ފިލާވަޅުތައް ބަލައި، ދަސްކުރާނެ އެއްޗެހި ދުރާލައި ބަލައި ތައްޔާރުވުމަކީ ވެސް ބެލެނިވެރިންނަށް ކުރެވިދާނެ ކަމެކެވެ.

ސްކޫލް ދިރާސީ އާ އަހަރު

Popular