By: Asima Nizar
އެތައް ބޭހެއް ކައިގެން އުޅެން ދިމާކުރުމަށް ވުރެ އެ ހިސާބަށް ނުދަނީސް ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އަހަރެމެންގެ ދިރިއުމަށް އައިސްފައިވާ ބަދަލުން މިހާރު އެންމެ ގެއްލުން ބޮޑު އެއް ކަމަކަށް ވެގެން އުޅެނީ ހަރަކާތްތެރިވެ އުޅުން މަދުވުމެވެ. އެކަން ބަދަލުކޮށްލައިގެން ވެސް ކިތަންމެ ސިއްހީ ނުރައްކަލެއްގެ ބިރު ކުޑަކުރެވެން އެބަ އޮތެވެ.
ހިނގަންވީ އެވެ. އެތައް ދިރާސާއަކުން ދައްކާގޮތުގައި ދުވާލަކު މަދުވެގެން 10،000 ފިޔަވަޅު އެޅުމަކީ ސިއްހީގޮތުން އެތައް ފައިދާއެއް ލިބޭ ކަމެކެވެ.
ފުއްޕާމޭގެ ކެޕޭސިޓީ އިތުރުކޮށްދިނުން
އާދަކޮށް ހިނގުމަކީ ފުއްޕާމޭގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެ، ބޭރަށް ލާ ކޮންމެ ނޭވާއަކާއެކު އިތުރު އޮކްސިޖަން ހަށިގަނޑަށް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ޖާނަލް އޮފް ކާޑިއޯޕަލްމޮނަރީ ރިހެބިލިޓޭޝަން އެންޑް ޕްރިވެންޝަންގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ހިނގުމުން، ނޭވާލާ ނިޒާމުގެ މަސްތައް ވަރުގަދަވުމާއި ވެންޓިލޭޝަން ރަނގަޅުވެ، ފުއްޕާމޭގެ ޖުމްލަ މަސައްކަތްތައް އިތުރުކޮށްދެ އެވެ. ފުއްޕާމޭގެ ކެޕޭސިޓީ އިތުރުވުމުގެ ސަބަބުން ޖިސްމާނީ ހަރަކާތްތަކުގައި ހޭދަވާ ވަގުތު އިތުރުވެ އެވެ.
ހިތުގެ ދުޅަހެޔޮކަން ރަނގަޅުކޮށްދޭ
ހިނގުމުގެ އެންމެ ބޮޑު އެއް ފައިދާއެއް ކުރަނީ ހިތުގެ ދުޅަހެޔޮ ކަމަށެވެ. އެމެރިކަން ހާޓް އެސޯސިއޭޝަނުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު މަދުވެގެން 10،000 ފިޔަވަޅު އެޅުމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 50 ޕަސެންޓަށް ކުޑަކޮށްދެ އެވެ. އާދަކޮށް ހިނގުމަކީ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ލެވެލް ދަށްކޮށް، ލޭ ދައުރުވުން އިތުރުކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
އަންހެނުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަވޭ
ސްޓްރޯކް ޖާނަލްގައި އާއްމުކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުގައި، މަދުން ހިނގާ އަންހެނުންނަށް ވުރެ 10،000 ފިޔަވަޅު ނުވަތަ އެއަށް ވުރެ ގިނައިން ހިނގާ އަންހެނުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެ އެވެ. ދިރާސާ ޓީމަކުން، 10 އަހަރު ވަންދެން 13،000 އަށް ވުރެ ގިނަ އަންހެނުންގެ މައުލޫމާތު އެއްކޮށްގެން ބެލިއިރު އެނގުނީ ގިނައިން ހިނގާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު 21 ޕަސެންޓް ދަށްކަމަށެވެ. ސަބަބެއް ކަމަށް ވަނީ، ހިނގުމަކީ ލޭގެ ޕްރެޝަރު ރަނގަޅު މިންވަރެއްގައި ހިފެހެއްޓުމާއި ލޭ ދައުރުވުން ރަނގަޅުކޮށް، ނާރުތަކުގައި ޕްލާކް އުފެދުން މަދުކޮށްދޭ ކަމަކަށް ވުމެވެ.
ހަކުރު ބަލީގެ ނުރައްކާ ކުޑަކޮށްދިނުން
ހިނގުމަކީ ޓައިޕް 2 ހަކުރު ބަލީގެ ފުރުސަތު ކުޑަކުރުމަށް ލުއި އަދި ނަތީޖާ އެންމެ ރަނގަޅު އެއް ގޮތެވެ. ޑައިބެޓޮލޮޖިއާގައި ޝާއިއުކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް 10،000 ފިޔަވަޅު އެޅުމަކީ ހަކުރު ބަލީގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެކެވެ. ދިހަ ވަރަކަށް އަހަރު ވަންދެން 2،000 އަށްވުރެ ގިނަ މީހުން ޓްރެކްކުރި މި ދިރާސާއިން އެނގުނީ ގިނައިން ހިނގާ މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު، ހަރަކާތްތެރިވެ އުޅުން މަދު މީހުންނާ އަޅާ ބަލާއިރު 50 ޕަސެންޓް ދަށް ކަމެވެ. ހިނގުމަކީ އިންސިއުލިން ސެންސިޓިވިޓީ އިތުރުކޮށްދިނުމާއި ލޭގައި ހަކުރު ދަށްކޮށްދީ އަދި ހަކުރު ބަލިން ރައްކާތެރިވުމަށް މުހިންމު ހުރިހާ މާއްދާއެއް ކަމުގައިވާ ދުޅަހެޔޮ ބަރުދަން ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.
ހާސްކަން ފިލުވައިދީ މޫޑު ރަނގަޅުކޮށްދޭ
މީހާގެ ސްޓްރެސް ލެވެލް ދަށްކޮށްދީ، މޫޑު ރަނގަޅުކޮށްދިނުމަކީ ކަސްރަތުން ވާނެ ކަމެކެވެ. ބްރިޓިޝް ޖާނަލް އޮފް ސްޕޯޓްސް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު އެންމެ 10 މިނެޓު ހިނގުމަކީ ޑިޕްރެޝަނާއި އެންޒައިޓީގެ އަލާމާތްތަކަށް ލުއެއް ހޯދައިދޭނެ ކަމެކެވެ. އޭގެ އިތުރަށް ހިނގުމަކީ ގުދުރަތީ ގޮތުން މޫޑު ރަނގަޅުކޮށްދީ، އެންޑޯފިންސް ބޭރުވެ ހަށިގަނޑުގައި ސްޓްރެސް ހޯމޯންތައް ހުންނަ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
ހިނގުން ފަދަ، ޖިސްމާނީ ހަރަކާތްތަކުގައި އުޅުމަކީ ނިދުމުގެ ކޮލިޓީ އާއި ހަމަ ނިދި ލިބުމަށް އިތުރުކޮށްދޭ ކަމެކެވެ. ޖާނަލް އޮފް ކްލިނިކަލް ސްލީޕް މެޑިސިންގެ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ހަފުތާއަކު މަދުވެގެން 150 މިނެޓު ނުވަތަ ދުވާލަކު ގާތްގަނޑަކަށް 10،000 ފިޔަވަޅު އެޅުމަކީ ބޮޑެތި މީހުންގެ ނިދުމުގެ ކޮލިޓީ، އެހެން މީހުންނަށް ވުރެ ރަނގަޅުވެ، މީހާގެ ތާޒާކަން އިތުރުވާ ކަމެކެވެ. އެއީ ނިދުމާއި ހޭލުމުގެ ސައިކަލް އެއް ގޮތެއްގައި ހިފެހެއްޓުމަށް ހިތްވަރު ދީ، ސްޓްރެސް އާއި އެންޒައިޓީ ފިލުވައިދީ ލުއެއް ގެނެސްދޭތީ އެވެ.
މައުލޫމާތު: ޓައިމްސް އޮފް އިންޑިއާ