By: Aishath Mihna Nasih
އާ އަހަރުގެ ކިޔެވުން ފެށުނީ އެވެ. ތިންވަނަ ދުވަހާ ހިސާބަށް އައިއިރު ވެސް، އަލަށް ސްކޫލަށް ދާން ފެށި ކުޑަ ދަރިފުޅުގެ ރުއިމެއް ނުހުއްޓެ އެވެ. ކިތަންމެ ދާހިތުން ރީތިވެ، ޔުނިފޯމު ލައި ބޫޓަސް އެރިއަސް، ސްކޫލްގެ ހަތަރުފާރުން އެތެރެވެ، ކްލާސް ދޮރުމައްޗާ ހިސާބުން ރޮވެން ފެށެ އެވެ. މިވަނީ ކީއްހެއްޔެވެ؟ ކުރާނީ ކީއްހެއްޔެވެ؟
އެއްގޮތަކަށް ވެސް ހާސްވާނެކަމެއް ނެތެވެ. ދެއަހަރާއި ހަތަރު އަހަރާ ދެމެދުގެ ކުދިން އަލަށް ސްކޫލަށް ދާން ފަށާ ދުވަސްތަކަކީ މިފަދަ ތަޖުރިބާތަކެއް ކުރަންޖެހޭ އާންމުކަމެކެވެ. މިއީ ގިނަ ބެލެނިވެރިންނަށް ވަރަށް ހިތްދަތި އަދި އުނދަގޫ ވަގުތުކޮޅެކެވެ. ރޮއެރޮއެ ހުންނަ ދަރިފުޅު، މުޅިން އަލަށް ދިމާވި ޓީޗަރެއްގެ އަތްމައްޗަށް ދޫކޮށްފައި ދިއުމަކީ ފަސޭހަކަމެއް ނޫނެވެ.
މިހެން މި ދިމާވަނީ ކީއްވެ؟
ގިނަ ކުދިންނަށް "'ސެޕަރޭޝަން އެންޒައިޓީ" އެންމެ ފުރަތަމަ ދިމާވަނީ އުމުރުން 8 މަހުން ފެށިގެންނެވެ. މިހެން ދިމާވާ ވަގުތުތަކުގައި ދަރިފުޅު ބެލުމުގައި އެންމެ ގިނަވަގުތު ހޭދަކުރާ މީހާ (ގިނަ ހާލަތްތަކުގައި މަންމަ) ފެންނަން ނެތުމުން ރޮއެ ހަޅޭއްލަވައި ވަރަށް ބޮޑަށް ދެރަވެ އެވެ. ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އެލަން ގްރީން ބުނާ ގޮތުގައި މިއީ އޮބްޖެކްޓް ޕާމެނެންސް ކިޔާ ހާލަތެކެވެ. މިފަދަ ވަގުތެއްގައި ކުދިން އަބަދުވެސް ހަނދާންކުރާނީ ނެތް މީހެއް ނުވަތަ ނެތް އެއްޗެކެވެ.
އެހެން ގޮތަކަށް ބުނާ ނަމަ، އެފަދަ ވަގުތެއްގައި ދަރިފުޅު ރޮއެރޮއެފައި ހަނދާން އެ ކުރަނީ ތިމާގެ މަތިންނެވެ. އަދި ތިމާގެ ފަރާތުން ލިބޭ އޯގާތެރިކަމާއި ލޯތްބާއި ގާތްކަން އެ ކުދިން ހަނދާންކުރެ އެވެ. އުމުރުގެ ހަގުކަމުން، އެެއީ ކިހާ ވަގުތުކޮޅެއްގެ ކަމެއް ކަންވެސް ވަކިކުރާކަށް ނޭނގެ އެވެ.
މިކަން ހައްލުކުރާނީ ކިހިނެއް؟
ޑރ.ގްރީންގެ ހިޔާލުގައި މި ރޯ ރުއިން ހުއްޓުވުމަށްޓަކައި ކުދިން ތައްޔާރުކުރުމަކީ މުހިންމުކަމެކެވެ. މިގޮތުން "ސެޕަރޭޝަން ގޭމްސް" ކުޅެވިދާނެ އެވެ. ފީކޮއެ، ކުޅުމަކީ މި ބޭނުމަށް ކުރެވިދާނެ ކަމެކެވެ. މި ގޭމްގައި ފިލާހުރެފައި އަބަދުވެސް ދަރިފުޅު ފެންނަ ހިސާބަށް އަންނާތީ، ކުރިމަތިން ނުފެނުނަސް މިސާލަކަށް، މަންމަ އަބަދުވެސް އަނބުރާ އަންނާނެކަން ދަރިފުޅަށް ވިސްނައިދެވެ އެވެ.
ދެން އޮތްކަމަކީ ދަރިފުޅު ޓީޗަރާ ހަވާލުކުރާއިރު އެބުނާ "ގުޑް ބާއި" އެވެ. މާ ގިނަ ވާހަކަދެއްކުމުގެ ބަދަލުގައި ކުރުކޮށް ފޮނިކޮށް "ބާއި" ބުނެލާށެވެ. އަދި އެނބުރި ބަލައި އަންނަ ވާހަކަ ދަރިފުޅަށް ހަނދާންކޮށްދޭށެވެ. އެއްގޮތަކަށް ވެސް ދަރިފުޅަށް ފިލައިގެން ދާން ނުވިސްނާށެވެ. ނޭނގިހުރެ ކުއްލިއަކަށް ގެއްލުުމުން ދަރިފުޅަށް މާ ބޮޑަށް އަސަރުކުރާނެ އެވެ. އަދި ދަރިފުޅު ތިމާއަށް ކުރާ އިތުބާރުވެސް ގެއްލިދާނެ އެވެ.
ހަމައެޔާ އެކު، ދަރިފުޅު ގޮވައިގެން ދާ މީހާ ބަދަލުކޮށްލުމަކީ ވެސް ކުރެވިދާނެކަމެކެވެ. ބައެއް ފަހަރު މަންމަ ދަރިފުޅު ގޮވައިގެން ދިއުމުން މާ ބޮޑަށް ރޮވޭ ގޮތްވެ އެވެ. ނަމަވެސް ބައްޕަ، މާމާ ނުވަތަ ބޮޑުދައިތަ ދިއުމުން މާ ހަމަޖެހިލައިގެން ކްލާހަށް ދެ އެވެ.
ކުދިންގެ އިހުސާސްތަކާއި ޝުއޫރުތައް އެ ކުދިންނަށް އެންމެ ރަނގަޅަށް ބުނެނުދެވިދާނެ އެވެ. އެހެންވެ ވީހާވެސް ގިނައިން އެކުދިންނާ ވާހަކަދައްކައި، އެ ޔަގީންކަން ހޯދުމަކީ ވެސް ކުރެވިދާނެކަމެކެވެ.
އެކި ކުދިން މިކަމަށް ހޭނެން ނަގާނީ މުއްދަތެވެ. އެއްގޮތަކަށް ވެސް ދަރިފުޅު އެހެންކުދިންނާ އަޅާކިޔައި ނުހަދާށެވެ؛ ވަގުތު ދޭށެވެ. އަދި މި ދުވަސްތަކުގައި ވީވަރަކުން ދަރިފުޅާ އެކީ ވަގުތު ހޭދަކޮށް ހިތްވަރުދޭށެވެ.