By: Aishath Mihna Nasih
ހެނދުނެއް، މެންދުރެއް ރޭގަނޑެއް ނޯވެ އެވެ. ރެސްޓޯރެންޓަކަށް ކާން ދިޔަޔަސް, ކިތަންމެ ބައިވަރު މީހުންނެއް އެކުގައި ތިއްބަސް، ކާއެއްޗެއް އަރުތެރެއިން ދިރޭ ކަމަށް ވަނީ ޓޯކިން ޓޮމް, ޕެޕާ ޕިގް, ޑަޔާނާ އެންޑް ރޯމާ, ޕޯ ޕެޓްރޯލް ނުވަތަ އެ ނޫން ވެސް ކޮންމެވެސް އެއްޗެއް ޔޫޓިއުބުން އަޅުވައިގެންނެވެ. ފަސޭހަތަކެއް ހުރި ނަމަވެސް, މިއީ ކުދިންގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުކުރާ އަދި ނުބައި އާދައެކެވެ. މި ކިޔައިދެނީ ތިއަރީ އަށްވުރެ ބޮޑަށް ޕްރެކްޓިކަލީ މިކަން ހުއްޓާލަންވީ ސަބަބުތަކާއި އެކަން ކުރާނެ ގޮތެވެ.
ކާ ގަޑީގައި ސްކްރީން ދެއްކުން ހުއްޓާލަންވީ ކީއްވެ؟
ތަންކޮޅެއް ޕްރެކްޓިކަލް ސަބަބުތަކަކުން ފަށާނަމެވެ. ކުއްޖާ ކާންފަށާ ފުރަތަމަ ދުވަސްކޮޅު ލަވައިދިނަސް, އެންމެ އެދެވޭ ގޮތަކީ ބޮޑުވަމުންދާ ވަރަކަށް، އެކަނި ކާން ދަސްކޮށްދިނުމެވެ. މިއީ މަންމައަށް ވެސް ލުއިވާނެ, އަދި ކުއްޖާ އާއި ކާނާއާ ދެމެދު ދުޅަހެޔޮ ގުޅުމެއް އުފެއްދުމަށް ވެސް މަގުފަހިވާނެކަމެކެވެ. އެކަމަކު އަވަސްކުރަންވެގެން ކޮންމެ ފަހަރަކު ބޮޑު ސްކްރީނު އަޅުވައި ބަތް ތަށި ހުސްކުރަން އަމާޒު ހިފުމަށްވުރެ ދަރިފުޅުގެ ސްޕީޑުގައި އޭނާ އަމިއްލައަށް ކާން ދިނުން މާ ރަނގަޅެވެ.
ދެވަނަ ކަމަކަށް، ކެއުމަކީ އާއިލާ އެންމެން އެކުގައި ވަގުތު ހޭދަކުރަން ލިބޭނެ އެންމެ "ކޮލިޓީ" ވަގުތުކޮޅެވެ. އެހެންވެ މިވަގުތުގައި ކުދިންނާ އެކީ އިންޓަރެކްޓިވް ވަގުތުކޮޅެއް ހޭދަކުރުމަށް ވުރެ, ސްކްރީނުން ފެންނަ ކޮންމެވެސް ކެރެކްޓާއެއް ކުއްޖާއަށް މުހިންމުވުމުން އާއިލީ ވަގުތުކޮޅުގެ ބޭނުމެއް ނެތެއް ނޫން ހެއްޔެވެ. އެންމެން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްޓަކައިވެސް ކުދިން ސްކްރީނުން ދުރުކުރަން އެހެންވެ އެބަ ޖެހެ އެވެ.
ދެން އޮތީ ކާއެއްޗިއްސަށް ސަމާލުކަން ދިނުމެވެ. އެކަނި ކާ ވަގުތުތަކުގައި އެކި ކުލަތަކުގެ ތަރުކާރީ ތަށިން ފެނުމުން ކުޑަކޮށް މޭ ބޮޑުވެ, ބޮޑާހާކައި ރުޅިގަދަވެ އެވެ. ނަމަވެސް އެހެން މީހުންގެ ބަތްތަށްޓައް އެކި ބާވަތްތައް އަޅައި, މޮޑެ ކާ ގޮތުން ބައެއް ފަހަރު ޝައުގުވެރިކަން އުފެދި އަމިއްލައަށް ވެސް ތަޖުރިބާކުރާ ހިތްވެ އެވެ. އެހެންވެ، ކާއެއްޗިއްސަށް ބަލައި އޭގެ ކުލަ އާއި ރަހަ އާއި އެހެން މީހުން އެ ކައި އުޅޭގޮތް ފެނި ދެނިވެ ކާހިތްޖެއްސުމަށް ވެސް ސްކްރީނާ ކުދިން ދުރުކުރަންޖެހެ އެވެ.
އެއްވެސް ކަމެއްގެ ކޮންޓްރޯލް ގެއްލުމަކީ އެހާ ބުއްދިވެރިކަމެއް ނޫނެވެ. ކާ ގަޑީގައި ސްކްރީން ދެމުން ދެމުން ގޮސް އެކަމަށް އާދަވެ, އެ ނެތިއްޔާ އެންމެ ބަތް ސުވާއެއް ނުދިރުވޭ ނަމަ އެއީ ބޮޑު ގޯހެކެވެ.
އެމެރިކަން އެކެޑަމީ އޮފް ޕީޑައިޓްރިކްސް އިން އިރުޝާދުދޭ ގޮތުގައި އުމުރުން 18 މަސް ނުފުރޭ ކުދިންނަށް ސްކްރީން ދެއްކުމަކީ އެއްވެސް ގޮތަކަށް އެދެވިގެންވާ ކަމެއް ނޫނެވެ. އަދި އުމުރުން ދެ އަހަރުފުރުމާ ހަމައަށް ސްކްރީން ދެއްކުން އެދެވިގެންވަނީ ދުވާލަކަށް އެއް ގަޑިއިރަށެވެ.
ކާން ތައްޔާރުކުރުމާއި ކެއުމުގައި ވެސް އާއިލާ އެއްކޮށް ބައިވެރިވުން މުހިންމު.
ސްކްރީން ދެއްކުން ހުއްޓާލާނީ ކިހިނެއް؟
ގަދަބާރާއި ހަތިޔާރު ދޫކޮށްލާށެވެ. މިކަން ކުރުމަށް ބޭނުންވާނީ ލޯތްބާއި އޯގާތެރިކަމާއި ކެތްތެރިކަމާއި އަދި އެއްބާރުލުމެވެ. އެއްފަހަރުން މުޅި މައްސަލަ ހައްލުކުރަން އުޅުމަށް ވުރެ ފަހަރަކު ކަމެއް ކުރުމަށް ސަމާލުކަންދޭށެވެ. ފުރަތަމަ ފަށާނީ ކުއްޖާ އެންމެ ކާހިތްވާ ކެއުމަކުންނެވެ. ސްކްރީން ނުދައްކައި، ކުއްޖާ ބޭނުން ނަމަ ލަވާދިނުން ވެސް މިކަން ކުރަން ފަށާއިރު އޯކޭ ކަމަށް ދެކޭށެވެ.
އެއަށްފަހު ކާންދޭ ވަގުތަށް ދުރާލާ ތައްޔާރުވާށެވެ. ސްކްރީންތައް ދުރަށްލައި, ކާ މޭޒުދޮށުގައި ކާންދިނުމަށް އާދަކުރަންފަށާށެވެ. ކާގަޑިއަށް މޭޒުމަތީގައި ތަށިތައް އެތުރުން ފަދަ ކަންކަމުގައި ވެސް ކުއްޖާ ބައިވެރިކުރާށެވެ. އާއިލާ އެއްކޮށް ކާ ނަމަ އެހެން މީހުން ވެސް ފޯނާ ދުރުވެ, ވީހާ ވެސް ގިނައިން އެކަކު އަނެކަކާ ވާހަކަދައްކައި, އުފާވެރި ޝައުގުވެރި ވަގުތުކޮޅަކަށް އެ ވަގުތު ކޮޅު ހަދާށެވެ.
އެންމެ މުހިންމީ "ކޮންސިސްޓަންޓް" ވުމެވެ. ބައެއް ދުވަސްދުވަހު ބޮޑާހާކާލާނެ އެވެ. ރޯލާނެ އެވެ. އެކަމަކު ކެތްތެރިކަމާއި އޯގާތެރިކަމާއި ނަމޫނާއިން މިސާލު ދައްކާށެވެ.